ބުރާސްފަތި, 17 އޭޕްރިލް 2025

މެދުކެނޑުމަކަށްފަހު ދިވެހިބަހުގެ ހުނަރުތައް ދަސްކޮށްދޭ ކުލާސްތައް އަނެއްކާވެސް ފެށިއްޖެ

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލުގައި ކުރިއަށްގެންދާ ދިވެހި ބަހުގެ ހުނަރުތައް ދަސްކޮށްދޭ ކުލާސްތައް އަނެއްކާވެސް ފެށިއްޖެއެވެ. ދިވެހިބަހުގެ ހުނަރުތައް ދަސްކޮށްދޭ ކުލާސްތައް ނަންގަވައިދެއްވަނީ ބަހުގެ އުސްްތާޒެއްކަމަށްވާ އަލްފާޟިލް މުހައްމަދު ސަލީމް (ސަލީމް ސާރ) އެވެ. މީގެ ކރުިން މިކުލާސްތަކަކީ ސެސަންގެ ބޭރުން ދަރިވަރުންނަށް ބޭއްވޭ އިތުރު ގަޑިތަކެއް ނަމަވެސް މިހާރު މިގަޑިތައްވެސް ރާވައިލެވިފައިވަނީ ދަރިވަރުންގެ ސެޝަންގެ ތެރޭގައި ނަގާދެވޭ ގޮތަށެވެ.

ދަރިވަރުންގެ ބަހުގެ ހުނަރުތައް ތަރައްގީކުރުމާއި ބަހުގެ ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުުރުވުމަށް ކުރިއަށް ގެންދެވޭ މިކުލާސްތައް މެދުކަނޑާލާފައިވަނީ ކޮވިޑް 19އާ ގުޅިގެން ސްކޫލުތައް ބަންދުކުރަން 2020ވަނަ އަހަރުގެ މާޗްމަހުގައި ނިންމި ނިންމުމާ އެކުގައެވެ.

2018ވަނަ އަހަރުން ފެށިގެން އަހްމަދިއްޔާގެ ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށް ކުރިއަށް ގެންދާ މިކުލާސްތަކުން ވަރަށް ގިނަ މައުލޫމާތާއި ބަހުގެ ވަރަށްގިނަ ކަންކަން އޮޅުންފިލާކަމށް ދަރިވަރުން ފާހަގަކުރެއެވެ. އަދި މިއީ މަޖާ މާހައުލެއްގައި ބަހުގެ ތަފާތު ހުނަރުތައް ދަސްކޮށްލަން ލިބޭ ފުރުޞަތެއްކަމަށް ދަރިވަރުން ފާހަގަކުރެއެވެ. މީގެއިތުރުން މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށާއި މެދުނުކެނޑި މި ކުލާސްތައް ކުރިއަށްގެންދިޔުމަށް މިކުލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންވެސް އެދިވަޑައިގަންނަވައެވެ.

ބަހުގެ ހުނަރުތައް ދަސްކޮށްދޭ ކުލާސްތައް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން ސްކޫލުގެ ދިވެހި ޑިޕާޓްމަންޓުގެ އެޗް.އޯ.ޑީ މުހައްމަދު ވަޖީހު (ވަޖީހު ސާރ) ވިދާޅުވީ މިއީ ވަރަށް މުހިއްމު ކުލާސްތަކެއް ކަމަށާއި، ބަހުގެ ތެރެއަށް ކުދިން ވައްދާލުމުގައި ވަރަށް ބޮޑަށް އެހީވެދޭ ކުލާސްތަކެއް ކަމަށެެވެ. އަދި ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމަށް މިކުލާސްތަކުން ވަރަށް ބޮޑަށް އެހީވެދޭކަމަށް ވަޖީހު ވިދާޅުވިއެވެ.

"ބަހުގެ ހުނަރުތައް ދަސްކޮށްދޭ ކުލާހުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވެ ސްކޫލް ތަމްސީލުކޮށްދީފައިވޭ. އަދި ދަރިވަރުންގެ ލިޔުންތެރިކަމާއި ބަހުގެ ހުނަރުތައް ތަރައްޤީކުރުމަށްވެސް މިކުލާހުން ވަރަށް ބޮޑަށް އެހީތެރިވެދޭ" ވަޖީހު ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *