ތަފާތު ޤަބީލާތަކަށް މީސްތަކުން ބައްސަވައި އެ ޤަބީލާތަކުގައިތަފާތު ބަސްމޮށުންތެރިކަން ލެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަން. ބަސްމޮށުންތެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާކަމުގައި ވި މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމުން ވެދުން ކުރަން. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލު ކުރަން.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދު، ސްކޫލުގެ ސީނިޔާ މެނޭޖުމަންޓްގެ އެންމެހައި ބޭފުޅުން، ސްކޫލުގެ ލޮބުވެތި ދަރިވަރުން.
އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތުހޫ.
- ހުރިހައި ކުދިންގެ ޙަޔާތުގައި ވެސް ފުރަތަމަ ކަމެއް ކުރެވޭ ދުވަސް، ފުރަތަމަ ލަފުޒެއް ކިޔުނު ދުވަސް، އެ ލަފުޒާ ތިޔައިން ކޮންމެ ކުއްޖަކާ ގުޅިފައިވާ ގުޅުން އެއީ ފުން އިޙުސާސެއް، އެއީ ފުން ޖަޒުބާތެއް، އެއީ ލޯބީގެ އިންތިހާ. މިސާލަކަށް މަންމަ.
- ތިޔަ ދަރިވަރުންނަށް އިވިފައި ވާނޭ ފަދައިން މިއަހަރުގެ މާދަރީ ބަހުގެ ދުވަހު ޝިޢާރަކީ "ތަޢުލީމުގައްޔާއި މުޖުތަމަޢުގައި ޝާމިލުވުން އިތުރުވުމަށް ޓަކައި ގިނަބައްސަކަން ކުރިއެރުވުން" ތަޢުލީމުގައި ޝާމިލުވުން އިތުރުކުރެވޭނީ ތަފާތު ބަސްބަސް އުނގެނި އެ ބަސްބަހުން ހުންނަ ޢިލްމީ ފޮތްތައް ކިޔައިގެންނާއި އެބަހެއްގެ އަހުލުވެރީންނާ ޢިލްމީ ވާހަކަ ދެކެވިގެން. މުޖުތަމަޢުގައި ޝާމިލުވުން އިތުރުކުރުމުގެ މާނައަކީ ޤައުމީ އަދި ބައިނަލްއަގުވާމީ އެކިއެކި ބައްދަލުވުންތަކުގައި ތިމާގެ އިހުސާސާއި ޝުޢޫރާއި ކަމަކާ ބެހޭ ޢިލްމީ ޙަޤީޤަތްތައް ބަޔާންކޮށްދިނުން. މިކަންކަން ކުރެވޭނީ ގިނަބައްސަކަން ކުރިއަރުވައިގެން. ގިނަ ބަސް އުނގެނި ދަސްކޮށްގެން. ވީމާ އިނގިރޭސިބަސް އެކަނި ކިޔަވައިގެން ފަރުޖެއްސޭކަށް ނެތް. އެހެނީ އިނގިރޭސި ބަސް ކިޔަވާ މީހާ އެހުންނަނީ އެންމެ ބައެއްގެ ފަލްސަފާތަކުގައި ތާށިވެފައި. ޢިލްމުގައި ތާށިވެފައި. ވީމާ އަދު އަޅުގަނޑުމެން ޢަޒުމުކަނޑައަޅާންވީ އޭޝިޔާގެ ބަސްތަކުގެތެރެއިން ހިންދީ ބަހާއި އުރުދޫބަހާއި ޢަރަބިބަހާއި ޖަޕާނުބަހާއި ޗައިނާބަސްވެސް ދަސްކުރާން. އަދި ހުޅަނގުން ފަރަންސޭސިބަހާއި ރަޝިޔާބަހާއި އިޓާލީބަހާއި ސްޕޭންބަސްވެސް ދަސްކުރާން. ނަމަވެސް އެއީ އަޅުގަނޑުމެންގެ މާދަރީ ބަހަށް ދޭންވާ އިސްކަން ދިނުމަށްފަހު.
- ދެ ބައްސަ ނުވަތަ ގިނަ ބައްސަ މާޙައުލުތަކުގައި އެ މީހުންގެ މާދަރީ ބަހާ އެ މީހުންނާ އޮންނަ ގުޅުމާ ގުޅޭ ގޮތުން ކުރެވުނު ދިރާސާތަކުގައި ދިރާސާވެރީންނަށް ފާހަގަކުރެވުނު އެންމެ އަޅައިގަންނަ ކަމަކަށް ވީ އެ މުޖުތަމައުގެ މީހުން ފާހަގަ ކުރި އެއް ކަމެއް. އެއީ ކިތަންމެ ގިނަ ބަހަކުން ވާހަކަ ދައްކާން އެނގުނަސް "އަހަރެން ކަލޭ ދެކެ ލޯބިވަމެވެ." ނުވަތަ "އައި ލަވް ޔޫ" އޭ އެ ބައެއްގެ މާދަރީ ބަހުން ބުނާ އަޑުއެހުން ކަމަށް އެ މީހުން ބުނި ބުނުން.
އަޅުގަނޑުމެނަށް އެކަން އިހުސާސް ވަނީ އެހެންބާ؟ ނުވާނަމަ ކީއްވެބާ؟ ބޮޑު ސުވާލެއް!
- މާދަރީ ބަހުގެ މުހިއްމުކަން ވިސްނޭ ވަރަށް ތަހުޒީބު ވެފައިވާ މުޖުތަމަޢުތަކުގައި ގަބޫލު ކުރަނީ މާދަރީ ބަހަކީ "ލޭންގްވިޖް އޮފް ދި ހާޓް" ކަމަށް. "ހިތުގެ ބަސްމޮށުންތެރިކަން" ކަމަށް.
- މާދަރީ ބަހަށް ލޯބިކުރާ ތަހުޒީބު އެތައް ބޭފުޅުންނެއްގެ ތެރެއިން އުޖުވަލް ގޯޔަލް ވިދާޅުވަނީ:
ތިމަންނާއަށް މަންމަގެ ބަސް ނުވަތަ މާދަރީ ބަހަކީ އެއްވެސް ޝަރުތެއް ނެތި ވެވޭ ލޯބީގެ ރަމްޒެވެ. ތިމަންނާ މި އަމިއްލަ އެދުން ބޮޑު ދުނިޔެއަށް ނޭވާލުމުގެ މާކުރިން މަންމަގެ ބަނޑުގައި އަހަރެން ވީ ހިނދު އެ މަންމަގެ ވާހަކަތަކުން އަހަރެން އުފާ ހާސިލު ކުރި ބަހެވެ. އެހެންވެ އަހަރެން ކެނޑިނޭޅި މި މަސައްކަތް ކުރަނީ ދެން އޮތް ދަރިފަސްކޮޅަށް މި އިޙުސާސް ފޯރުކޮށްދެވޭތޯއެވެ. މި އުއްމީދުތައް ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބަޔަކަށް ވިސްނޭނެއެވެ. އެ ދުވަހަކުން މާދަރީބަހަށް އޮންނާންޖެހޭ މަތިވެރި ލޯބީގެ ބާރުގަދަ އިހުސާސަކީ ކިހައިވަރެއްގެ އިހުސާސެއްކަން އެނގޭނެއެވެ.
- ތިޔަ ކުދީން ޑީ އަޙުމަދުދީދީ ދަންނަ ވަރަށް ވުރެ މާ ރަނގަޅަށް ނެލްސަން މަންޑޭލާ ދަންނާނެ ކަމަށް ލަފާ ކުރެވޭ. މަންޑޭލާ ވިދާޅުވަނީ:
މާދަރީބަހަކުން ވާހަކަދެއްކުމަކީ އަދި އެ ބަހަށް ފަރިތަވުމަކީ އަދި އެ ބަހަށް ލޯބި ކުރުމަކީ އެއީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމުގައި. އެއީ ކިތަންމެ ގިނަ އަންހެނުންނެއް ދުނިޔޭގައި ތިއްބަސް އެންމެ ލޯބިވާ އަންހެނަކީ ލޯބިވާން ޖެހޭ އަންހެނަކީ މަންމަ ކަމުގައި ވީ ފަދައިން ކިތަންމެ ގިނަ ބަހަކުން ކިތަންމެ ފަރިތަކޮށް ވާހަކަދައްކާން އެނގުނަސް މާދަރީބަހަށް ކޮށި ވުމަކީ ހަނދާންނައްތާލައި އަޅައި ނުލައި ދޫކޮށްލެވޭ ވަރަށް ވުރެ މާ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނޭ ކަމެއްކަމުގައި.
- މާދަރީބަހަކީ ސަގާފަތެއް ބިނާކޮށްދޭ އެންމެ މަތީ ބަހާ.
މާދަރީބަހަކީ ތިމާގެ ތިމާ ވަންތަ ޒާތު ދެމެހެއްޓުމުގެ އެންމެ ބޮޑު އާރުކާޓީ.
އަދި ކޮބައިތޯ، މާދަރީބަހަކީ ޙަޔާތުގެ ކާމިޔާބާއި ނާކާމިޔާބު އޭގެ މައްޗަށް ބިނާވާ ބިންގާ ވެސް މެ.

- މާދަރީބަހަކީ އަޅުގަނޑު ވެސް ތިޔަ ކުދީންވެސް ތިޔަ ކުދީންގެ މައިންބަފައިން ވެސް އަދި ގައުމުތަކުގެ ރައީސުންނާ ހިސާބުން ފެށިގެން އެ ރައީސުންގެ އަރިހުގައި ގެންގުޅުއްވާ ޚާދިމުން ކަމަށް ވިޔަސް އަދި ދުވާރުތަކުގައި ސަލާމް ޖަހަން ތިބޭ ނިކަމެތި ފަޤީރުން ކަމުގައި ވިޔަސް މި އެންމެން، ތުއްތު ކުއްޖެއް ކަމުގައި ވީ ހިނދު އޭނާއާ އޭނާގެ ޢާއިލާއާ އަދި އޭނާ އުފަންވި މުޖުތަމަޢާ ގުޅުވާލަދިން އެންމެ ފުރަތަމަ ސަވާރީ، ފާލަން، ފުޓުނި، ނުވަތަ ތެރަސް.
- އެއް މާދަރީ ބަހެއް ހިއްސާ ކުރާ ދެމީހެއްގެ ދެމެދުގައި ޚާއްޞަ ގުޅުމެއްވޭ. މިކަން ވަރަށް ބޮޑަށް އިޙުސާސްވާނެ ބޭރު ބަހަކުން ވާހަކަދައްކާ ޤައުމެއްގައި ތިބޭ ވަގުތެއްގައި ދިވެއްސަކަށް ދިވެއްސަކާ ބައްދަލު ވީމަ. މި ޤައުމުގައި ތިބޭ އިރު އިންޑިޔާ މީހަކު އިންޑިޔާ މީހަކާ ސިލޯނު މީހަކު ސިލޯނު މީހަކާ ނުވަތަ ބަންގާޅު މީހަކު ބަންގާޅީ އަކާ ދިމާވުމުން. މޫނާއި ލޮލުން އުފާވެރި ކަމުގެ ޖަޒުބާތު ފެންނާނެ. މިހެން ނުވާނަމަ އެ މީހަކު އެ ވަނީ އޭނާގެ މާދަރީ ބަހާ ބީރައްޓެހިކަމެއް އުފެދިފައި. ޝައްކެއްވެސް ނެތް.
- ދިވެއްސަކަށް ދިވެއްސަކު ފެނުނީމާ އުފާ ނުވާނަމަ،… ޝައްކެއް ނެތް މާދަރީބަހުގެ ލޯބި އެ ހިތްތަކުގައި ވިންދެއް ނުޖަހާ.
- އިނގިރޭސި ބަހާއި އެހެނިހެން ބަސްބަހުގެ އެހީއާ ނުލައި ކުރިއެރުން ހޯދުން ދަތިވާނެ. އިނގިރޭސި ބަސް ވިޔަސް އަދި އެހެން ބަހެއް ވިޔަސް އުނގެނޭން ވީ. އޭގެ ކޮޅެއް މެދެއް ނެތް. ނިމުމެއް ނެތް. ގިނަ ބައްސަ ތަޢުލީމަކީ މުހިއްމު ތަޢުލީމެއް. އެހެނަސް އެ ބަސް ބަހަށްޓަކައި އަމިއްލަ މާދަރީ ބަސް ޤުރުބާން ނުކުރަމާތޯ. އަދި އަޅުގަނޑުމެންގެ އަމިއްލަ ބަސް އާދެ! ލޮބުވެތި ދިވެހިބަހާ އެ ބަހާ ގުޅިފައިވާ ފަޚުރުވެރި ބަހުރުވަތައް އަޅުގަނޑުމެންގެ އަމިއްލަ އަތުން ކަތިނުލަމާތޯ. ކަފުން ނުކުރަމާތޯ. މިހެން ހެދުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް މުޅިން މޮޔަކަމެއް. މިހެން ކަން ކުރެވޭ ނަމަ މިއަދުގެ މި ސިކުންތުން ފެށިގެން ތަހުޒީބު މީހުންގެ ޢަމަލުތައް ދިރާސާ ކުރާންވީ. ތަހުޒީބީ ޤައުމުތަކުގައި މާދަރީ ބަހަށް ޤަދަރާއި އިހުތިރާމު ދެނީ ކީއްވެގެންކަން ދެނެގަންނާންވީ.
- ކޮންމެ ބަހެއްގައި ވެސް އެ ބަހަކުން ވާހަކަދައްކާ އެ ބަހުގެ އަހުލުވެރީނަށް ޚާއްޞަ ހުވަނދެއް ނުވަތަ ސެންޓެއް އެ ބަހެއްގައި ހުންނާނެ. އެހެންވެ ނެލްސަން މަންޑޭލާ ވިދާޅުވަނީ ހިތަށް އަސަރު ކުރާ ސިފަތައް މާ މަތިވެރި ދަރަޖައަކަށް މާދަރީ ބަހުގައި ހުންނަ ކަމަށް އަދި އެއީ ހިތުގެ ބަސް ކަމަށް. އެހެން ބަސް ބަހަކީ މުވާސަލާތު ކުރުމުގެ ވަސީލަތެއްކަމަށް.

- އޭގެ މިސާލަކީ އަޅުގަނޑުގެ އަމިއްލަ އަތުން އަޅުގަނޑު ހައްދާ ރީތި މާ އަޅާ ގަހެއް ވާނުވާއެއް ނޭނގި ގަސް މަރުވާތަން ފެނުމުން މާ ދެރަވޭ ނޫންތޯ އެހެން ގެއެއްގެ ގަސް މަރުވަމުން ދާތަން ފެނުމަށް ވުރެ. އެއީ ކީއްވެތޯ؟ އެ ލޯތްބާއި ކުލުނު މާދަރީ ބަހަށް ދެވޭ ދުވަހަކުން އެ ބަހުގެ ހިތުގައި ހިތާމައިގެ ވިންދު ޖަހާކަށް އަޅުގަނޑުމެން އެކަކު ވެސް ފުރުޞަތެއް ނުދޭނެ.
- ލޯބިވާ މީހަކު ބަލިވެ ހާލެއް ނެތިގެން ހޮސްޕިޓަލުގައި ބޭއްވުމުން ލޮލުން ކަރުނަތައް އޮހޮރޭ ފަދައިން ތިމާގެ މާދަރީބަހަށް ވަމުންދާ ގޮތް ފެނުމުން ހިތުގައި ހިތާމައިގެ ރާގުތައް ކުޅޭނެ.
- މި ދެންނެވި ވިސްނުމުގައި ތިއްބަވައިގެން، އަޅުގަނޑުމެންގެ ވިސްނުން މާދަރީބަހާ މެދު ހުރި ގޮތެއް އެނގުމުން އަޅުގަނޑުމެންނަކީ ކިހައި ތަހުޒީބު ބައެއްކަން ދެނެގަންނާކަށް ދައްޗެއް ނުވާނެ.
- ބައެއް ސުވާލުތައް އަމިއްލަ ނަފުސާކޮށްލަމާތޯ؟
- މުޖުތަމަޢުގައި ހިނގަނީ އަޅުގަނޑުމެން ރުހޭ ކަންކަންތޯ؟
- މުޖުތަމައުން ފެންނަނީ އެއްބަނޑު އެއްބަފާވަންތަކަމުގެ ސިފަތައްތޯ؟
- އަޅުގަނޑުމެންގެ މުޖުތަމަޢަކީ ހަމަހިމޭން މުޖުތަމައެކޭ ބުނަން ޖެހިލުން ވޭތޯ؟
- މުޖުތަމަޢުގައި އަނެކާ ދެރަކޮށް ނިކަމެތިކޮށްލުމަށް ބަހުން ވިޔަސް ޢަމަލުން ވިޔަސް ޖެހިލުން ވޭތޯ؟
- ޢާއިލީ ގުޅުންތަކަށް ބުރޫ އަރާނެ ކަންކަމާ މުޖުތަމަޢު ވަނީ ދުރުގައިތޯ؟
- ކިތަންމެ ގާތުގައި އުޅޭ އެކުވެރިއަކާ ވެސް މައްސަލައެއް ޖެހިލާއިރަށް ހިތަށް އެރި އެއްޗެއް ބުނާން ޖެހިލުން ވޭތޯ؟
- މި ސުވާލުތަކުގެ ގިނަ ޖަވާބުގައި ވަނީ ނޫނެކޭ ކަމަށް ވާނަމަ ދެން އެންމެ ބޮޑަށް އުފެދޭ ސުވާލަކީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ މާދަރީ ބަހަށް ޤަދަރު ދޭންވާ ވަރާ ގާތަށް ޤަދަރު ދެވޭތޯ؟
ކުށެއް ނެތް މާދަރީބަހުން ވާހަކަ ދެއްކޭތޯ؟
މާދަރީ ބަހުން ވާހަކަދައްކާން ފަޚުރުވެރި ވެވޭތޯ؟
މާދަރީ ބަހުން ވާހަކަދެއްކޭން އޮތް ކޮންމެ ހާލަތެއްގައި ވާހަކަދައްކަނީ މާދަރީ ބަހުންތޯ؟ މި ސުވާލުތަކުގެ ގިނަ ޖަވާބަކީ ވެސް ނޫނެކޭ ކަމަށް ވާނަމަ މާދަރީބަހަށް ލޯބި ނުކުރާ ނަމަ ހެޔޮ މުޖުތަމަޢެއް، ތަހުޒީބު ސަގާފަތެއް ބިނާ ނުވާނެ ކަމަށް ދިރާސާ ވެރީން އެ ދައްކަވާ ވާހަކައާ ދިމައެއް ނުވޭތޯ؟
- ދިވެހިބަސް. އަޅުގަނޑުމެންގެ މާދަރީ ބަސް މިއީ މީސްގިނަ ބައި ހެޔޮ ބޮޑެތި ޤައުމުތަކުގެ ބަސްބަހުގައި ހުރިފަދަ ނުވަތަ އޭގެ ތެރެއިން ބައެއް ޤައުމުގައުގައި ނެތްފަދަ މުއްސަނިކަން ހުރި ބަހެއް. ތިން ހަތަރު ލައްކައެއްހައި މީހުން ވާހަކަދައްކާ އަމިއްލަ މުސްތަޤިއްލު ބަހެއް. ދިވެހިބަހަކީ ލިޔެ ކިޔާން، ތާރީޚު ރައްކާކުރާން ލިޔާނެ އަމިއްލަ އަކުރެއް އޮތް ބަހެއް. ލިންގުއިސްޓިކްސް ނުވަތަ ބަހަވީޢިލްމުގައި ބަހެއްގެ އެންމެ އަސާސީ އެއް ބަހާ ދިރާސާ ކުރާ ޢިލްމަށް ކިޔަނީ ފޮނެޓިކްސް ނުވަތަ އަޑުތައް އުފައްދާ ގޮތް ދިރާސާ ކުރާ ޢިލްމް. ވިލްހެލްމް ގައިގަރ ވިދާޅުވާ ގޮތުގައި މި ބޮޑު އޭޝިޔާ ބައްރުގައި ވެސް މަދުން ނޫނީ ނެތްފަދަ ފޮނެޓިކް އަކުރެއްގެ މިލްކުވެރިންނަކީ އަޅުގަނޑުމެން ދިވެހީން. މީ މަތިވެރި ފަޚުރެއް.
- ދުނިޔޭގެ ގިނަ ބަސްބަހުގައި ނެތް ފަދަ ފުރިހަމަ ޅެންވެރިކަމެއް އެބައޮތް. ޅެންވެރިކަމުގައި ތަފާތު އެތައް ގޮފިތަކެއް ފުރިހަމަ އުސޫލަކާ އެކު އެބައޮތް. އެއިން ކޮންމެ ވައްތަރަކުން އުފައްދާ މިޔުޒިކުން ހިތުގައި ޖަޒުބާތުތައް ހޭލައްވާލާ. ތަފާތު އަސަރުތައް ކުރުވާ. ޤައުމީ ޖޯޝުން ލޭކައްކުވާލާއިރު އުފާވެރި ޝުއޫރުތަކުން އުފާވެރިކަމުގެ ކަރުނަ ނިރާލާ. ހިތާމައާއި ހިތްދަތި އިހުސާސްތަކުން ބަޔާންކުރާ ޅެންޅެމާއި ލަވަތައް އަޑުއަހައިލުމުން ގިސްލެވޭ.
- ކުޅަދާނަ ޝާޢިރުން ޝާއިރާއިންގެ ޝާޢިރާނާ ޚިޔާލުފުޅުތައް އަތުރާލައްވަނީ ސާފު ދިވެހިބަހުން. ވަޒަނަށް ފެތިގެން ބަނޑުވައް އަކުރު ހަމަވެ ފިލިކޯޅީން ގެތި ބުގިސްވެގެން. ކާފިޔާތައް ވަޒަނުގައި ބަހައްޓަވައިގެން.
- މިކަން އިހުސާސް ކުރެވޭނީ އަޅުގަނޑުމެންގެ މާދަރީ ބަހަށް ލޯބި ކޮށްގެން ޙައްޤު ޤަދަރާއި އިހުތިރާމް ދީގެން. ބަސް ދެނެގަނެގެން. ތަކެތި ކިޔައި ބަލައިގެން. ގިނަގިނައިން ލިޔެގެން. މާދަރީބަހުން މޮޅަށް ވާހަކަދެއްކުމުގެ ޢަޒުމުގައި ހަރުދަނާކަމާއެކު ސާބިތުވެ ތިބެގެން. އަޅުގަނޑުގެ ވާހަކަ ނިންމާލާނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސުގެ ޅެންބައިތަކުން.
"ދިވެހި މަސްކަނޑުތަކުން މަސް ފުމެންޏާ ވިލާ
ދިވެހި ފަސްގަނޑުދަށަށް ބިސް އަޅަންޏާ ވެލާ
ދިވެހި ރުއްލަކުޑި ނިރޮޅުން ކެނޑެންޏާ ފިލާ
ދިވެހިބަސް ދިވެހި ޤައުމުން ނުދާނޭ ފިލާ"
-އަޝްރަފް ޢަލީ-
ވައްސަލާމް ޢަލައިކުމް
ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ފުރިހަމަ މަޢުލޫމާތުން ފުރިގެންވާ ތަގުރީރެއް. ވަރަށް އޮއްޓަރު ހުރިބަސްތަކެއް ވަނީ ބޭނުން ކޮށްފައި. ޝުކުރިއްޔާ. ސައްޕެސަރ