މާލޭގެ އަވަށު މަދަރުސާތައް، ފެށިގެން އައި ދުވަސްވަރަކީ، ހަތަރު އަވަށުގައިހެން، ތަޢުލީމުގައި ކުރިއަރައިދާން އާދަޔާ ޚިލާފު ރޫޙަކާއި ފޯރިއެއްނެގި ދުވަސް ވަރެކެވެ. ވާދަވެރި މި ރޭހަށް ނިކުތް ކޮންމެ އަވަށަކުންހެން، ހިތްވަރުލީ، އެ އަވަށެއްގެ ސްކޫލަކީ، އެންމެ އަވަހަށް ކާމިޔާބުގެ ކުރިބޯއްޓަށް ވާސިލުވެވޭ ސްކޫލަށް ހެދުމަށެވެ. މި ދެންނެވި ރޫޙުގައި، އޭރުގެ މަދަރުސަތުލް އަހްމަދިއްޔާ، މިހާރުގެ ނަމުން ނަމަ، އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު، އަލް މަރުޙޫމް ޑރ. އަޙުމަދު ދީދީ، އިސްވެ ހުންނަވައިގެން، މައްޗަންގޮޅީ އަވަށު މަދަރުސާގެ ރޭހަށް ވަނެވެ. ޢިމާރާތް ކުރުމާއި، ސްކޫލް ހިންގުމުގެ ޚަރަދު ކުރެއްވުމުގައި، މަރުޙޫމް ޑީ. އަޙުމަދު ދީދީ ހޭދަ ކުރައްވަމުން ގެންދެވީ، އަވަށުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ދީލަތި މަދަދާއި އެހީތެރިކަމާއި، އެއްބާރުލުންވެސް ލިބިގެންނެވެ. އެ މަރުޙޫމަކީ އަޙުމަދިއްޔާގެ ބާނީއަށް ވެފައިވަނީ، މި ސްކޫލު ބިނާކުރުމާއި ތަރައްޤީ ކުރުމުގައި، އެމަނިކުފާނު ކުރެއްވި ހޭދައާއި، ދެއްވި ސަމާލުކަމާއި، މަސައްކަތުގައި އަވަދިނެތި ވެވަޑައިގަތް ޤުރުބާނީގެ ނަތީޖާއަކުންނެވެ. މިސާލަކަށް ސްކޫލު ފުރަތަމަ ފެށިގެން ދިޔަ ދުވަސްވަރު، ފީ ދެއްކެން ނެތް ކުދިންނަށް، ފީ ދައްކަވައި ދެއްވުމުގެ އިތުރަށް، ފޮތް ފަންސުރާއި ޔުނިފޯމު ފަދަ، ކަންކަމުގައިވެސް، އަމިއްލަފުޅު ޖީބުން، އެމަނިކުފާނު ހޭދަކުރެއްވިއެވެ.
ކޮންމެއަކަސް، އެދުވަހު ފެށުނު އަޙުމަދިއްޔާ، މިއަދު މިދަނީ 39 ވަނަ ފަޚުރުވެރި އަހަރާ ކުރިމަތިލާށެވެ. ސުވާލަކީ، މިދެންނެވި ދުވަހު ފަށައިގަތް އެހެން މަދަރުސާތައް، މި ރޭހުގައި މިއަދު އޮތީ ކޮން ހިސާބެއްގައި ތޯއެވެ؟ އަދި އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު، މިއަދު ފެންނާން އޮތީ، މި ގައުމުގެ ތަޢުލީމުދޭ ހިޔާވަހިތަކުގެ ސަފުން، ކިހާ ހިސާބަކަށް ދަތުރު ކޮށްފައިތޯއެވެ؟ އަދި މި ދެންނެވި މަޤާމުގައި އަޙުމަދިއްޔާ އޮތް އިރު، ރޭހުގެ އެހެން ބައިވެރިންނަށް، މި މަޤާމަށް ނާދެވުނީ ކީއްވެގެން ހެއްޔެވެ؟ މިއީ، މިއަދު ވިސްނާލަން ރަނގަޅު ސުވާލެކެވެ.
އަޙުމަދިއްޔާއަކީ، މިއަދު ނާސަރީއާ، ޕްރީ ސްކޫލާ، ސެކަންޑަރީގެ އިތުރުން، މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެކެވެ. އޭގެ މާނައަކީ، އެއް ފުރާޅެއްގެ ދަށުގައި ހިނގަމުން އެދަނީ 4 ސްކޫލެވެ. މިދެންނެވި 4 ސްކޫލަކީވެސް، އެހާމެ ކާމިޔާބު ކަމާއެކު، ހިންގަމުން ގެންދާ 4 ސްކޫލެވެ. ޚާއްސަ ގޮތެއްގައި އޯލެވަލް އިމްތިޙާނުންނާއި އޭލެވަލް އިމްތިޙާނުގައި ބައިވެރިވެ، ގިނަ މާއްދާތަކުން ފާސްވާ ކުދިންގެ ނިސްބަތް، ޤައުމީ ފެންވަރަށް ބަލާއިރު، އެންމެ ބޮޑު އެއް ސްކޫލަކީ، އަޙުމަދިއްޔާއެވެ. އެހެން ކަމުން އެ ސްކޫލަކަށް ކުދިން ވައްދަން އެންމެ ޑިމާންޑުބޮޑު އެއް ސްކޫލަކަށް އަޙުމަދިއްޔާވެއެވެ. ހުރިހާވެސް ސިއްރަކީ، ކޮންމެ ބެލެނިވެރިއެއްގެ މަޤްސަދު ޙާސިލުކޮށްދޭ، އެއް ސްކޫލަށް އަޙުމަދިއްޔާ ވުމެވެ.
ބެލެނިވެރިން ބޭނުންވަނީ، އެމީހުންގެ ދަރިން އޯލެވަލް އަދި އޭލެވަލް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދުމެވެ. ގިނަ މާއްދާތަކުން އެކުދިން ފާސްވުމެވެ. ބޭނުމަކީ، އެކުދިން ބޭނުންވާ ދާއިރާތަކުން، ޑިޕްލޮމާ، ޑިގްރީއަށް ވަނުމަށްޓަކާ، ކިޔެވި މާއްދާތަކުގެ "ރިޒަލްޓު" ރަނގަޅުވާން ޖެހޭތީއެވެ. ވަޒީފާއަކަށް ކުރިމަތިލާން ބަލާއިރުވެސް، އެންމެ މުހިންމު ކަމަކީ މިއީކަމަށް ވާތީއެވެ. އެހެންކަމުން، ކޮންމެ ބެލެނިވެރިއަކުހެން، އަޙުމަދިއްޔާއަށް ދަރިފުޅު ވައްދަނީ، މިދެންނެވި ބޭނުމުގައެވެ. އަނެއްކޮޅުން އަޙުމަދިއްޔާގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮންނަނީ، އަހަރު ނިމޭއިރު، އެންމެ ރަނގަޅަށް ސިލަބަސް ކަވަރުކޮށްދީ، މުޤައްރަރާ އެއްގޮތަށް، ކުދިން އިމްތިޙާނުން ފާސްވާނޭ ފެންވަރަށް، ކޮންމެ ކުއްޖަކަށްވެސް ކިޔަވައި ދިނުމެވެ. ބައެއް މާއްދާތަކުން ބައެއްކުދިން ދަށްވާނަމަ، އެ މާއްދާއެއް ކިޔަވައިދޭ މުދައްރިސްގެ ސަމާލުކަމަށް އެކަމެއް ގެނެސް، ކުއްޖާއަށް އިތުރު އެހީތެރިކަމާއި ސަމާލުކަން ދީގެން، އެ ދަރިވަރު ފާސްވާނެ މިންވަރަށް އުނގަންނައިދޭން މަސައްކަތް ކުރުމެވެ. އެއަށްފަހު، ދެން އޮންނަނީ އިމްތިޙާނެވެ. އިސްވެ ދެންނެވި އިމްތިޙާނުތަކުން، ދަރިވަރުންނަށް ރަނގަޅު ނަތީޖާ ޙާސިލު ކުރެވެނީ، ބެލެނިވެރިންނާއި ދަރިވަރުންނާއި އަޙުމަދިއްޔާއިން، މިކަމުގައި ހުއްޓުމެއްނެތި ކުރާ، ބުރަ މަސައްކަތުންނެވެ.
މިޒަމާނުގައި ތަޢުލީމު ދިނުމުގައި އެކަށީގެންވާ ވަސީލަތްތައް ސްކޫލެއްގައިނަމަ، ޤާއިމްކުރާން ޖެހެއެވެ. ސްކޫލު ލެބަކީ ފެންވަރު ރަނގަޅު ލެބަކަށް ހަދަންޖެހެއެވެ. ކޮމްޕިއުޓަރ ކުލާހަކީ، ޒަމާނާ ފައިހަމަކުރާ، އެކަށޭނަ ތަނަކަށް ހަދަން ޖެހެއެވެ. ހަމަ އެހެންމެ ކިޔަވައިދޭ މުދައްރިސުންނަކީ، ތަޢުލީމާ ތަޖުރިބާގެ ގޮތުން، މޮޅު ބަޔަކަށް، މޯޓިވޭޝަން ހުރި ބަޔަކަށް ވާންވެސް ޖެހެއެވެ. ކުލާސްރޫމަކީ، މިއަދުގެ ޑިޖިޓަލް ޒަމާނާ ފައިހަމަކޮށްގެން، ކިޔަވައިދެވޭނެ ވަސީލަތްތައް ހުރި ކްލާސް ރޫމަކަށް ވާންޖެހެއެވެ. މިދެންނެވި ކަންކަމަކީ، ސްކޫލު ހިންގާ މެނޭޖުމަންޓުގައި، އެވަރުގެ ހަކަތަ ހުރެގެން އެއްވާނެއްގައި އޮންނާނެ ކަންކަމެވެ. އެވަރުގެ ކޮމިޓުމަންޓު އޮތް މެނޭޖުމަންޓަކަށް ބޭނުންވަނީ، މި ލަނޑުދަނޑިއަށް ވާސިލު ވުމަށެވެ. މިދެންނެވި ކަންކަމަށް ބަލާއިރު، ހަމަ ޔަޤީނުންވެސް އަޙުމަދިއްޔާ އޮތީ، މި ހުރިހާ ކަމެއްގައި ދޮންވެ ފައްކާވެފައެވެ. އެއީ ކާމިޔާބު ނަތީޖާތަކެއް ދަރިވަރުންނަށް ހޯދޭ ސިއްރެވެ.
އިންޓަރނޭޝަނަލް ސްކޫލަކަށް އަޙުމަދިއްޔާ ވެފައިއެވަނީ، ދުނިޔޭގެ އެހެން ސްކޫލްތަކާއެކު، އަޙުމަދިއްޔާ ވެފައިވާ އެއްބަސްވުން ތަކެއްގެ ތެރެއިން، ކޮލިޓީ ތަޢުލީމާ، ތަމްރީނު ދަރިވަރުންނަށް ހޯދައިދޭން، ރާއްޖެއިން ބޭރުގެ މިފަދަ މުއައްސަސާ ތަކުންވެސް އެހީތެރިކަން ހޯދައިގެން، ދެވޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މައްޗަށް ޖެއްސުމުގެ މަގްސަދުގައިކަން އެނގެއެވެ. މިކަން ހާމަވަނީ، ކޮންމެ އަހަރަކުހެން ތަފާތު ގައުމުތަކަށް ދަރިވަރުންކުރާ ފީލްޑު ޓްރިޕް ތަކުންނެވެ. އަދި ރާއްޖޭގެ އެކި ސަރަޙަށްދު ތަކަށްކުރާ، މިފަދަ ދަތުރު ތަކުންވެސް މެއެވެ.
ރާއްޖޭގެ ތަޢުލީމީ ރޭހުގައި، މާލޭގައި ފެށުނު 4 އަވަށު މަދަރުސާގެ ތެރެއިން، އަޙުމަދިއްޔާއަކީ، އެންމެ ކާމިޔާބު ސްކޫލެވެ. މިއީ މިއަދު އަޙުމަދިއްޔާ އޮތް މަޤާމަށް ބަލާއިރު، ދެބަސްވެވެން ނެތް ޙަގީގަތެކެވެ. ވޭތުވެދިޔަ އަހަރު ތަކުގެ ނަތީޖާ ތަކަށް ބަލާއިރުވެސް، މިއީ ފެންނާން އޮތް ފެކްޓެކެވެ. އެހެންކަމުން، އަޙުމަދިއްޔާގެ އުމުރުން 39 އަހަރު ފުރި، 40 ވަނަ އަހަރަށް ކުރިމަތިލާއިރު، އޭ.އައި.އެސް އޮތީ، 40 އަހަރު ފުރޭއިރު، އިންސާނެއްގެ ބުއްދިއާ ފިކުރަށްވެސް، ފިޠުރަތީ ގޮތުން އެ އަންނަފަދަ، ފުރިހަމަ ކަމެއް ހޯދައިފައެވެ. ތޫނުފިލިކަމެއް ލިބިފައެވެ. ބުއްދި ޖެހިފައެވެ. މާނައަކީ، ކާމިޔާބު ތަޢުލީމެއް، ދަރިވަރުންނަށް ޙާސިލު ކޮށްދިނުމުގައި، އަޙުމަދިއްޔާ އޮތީ، ބުއްދި ފުރިހަމަވެފައިވާ ސްކޫލެއްގެ މަޤާމުގައެވެ. އަޙުމަދިއްޔާ ކާމިޔާބު ސާޅީހަކާ ދިމާއަށް މިސްރާބު ޖަހައިފައި މިވަނީ، އަވަށާއި ބެލެނިވެރިންނާއި، ސްކޫލް މެނޭޖުމަންޓުގެ ގަދަ ހިތްވަރާއި ވަރުބަލިކަމެއްނެތް، މަސައްކަތުގެ ދަތުރެއްގެ ތެރެއިންނެވެ. ފެންނާން އޮތް ސާފު މަންޒަރަކީ މިއީއެވެ.
3 Responses
އަޙްމަދިއްޔާ އަކީ 1 ވަނަ
އަޙްމަދިއްޔާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ސްކޫލެއް.
ކާމިޔާބީ ކާމިޔާބީ ކަމަށްތަަ, އެހާވެސް ކާމިޔާބު