"އެއީ 2010ވަނަ އަހަރު ރަށު ސްކޫލުގައި ބޭއްވި ސިފަކުރުމުގެ މުބާރާތުގެ ތެރެއިން ވީ ކަމެއް. ގުރުއަތުން އަޅުގަނޑަށް ލައްވައިލީ ސެންޓުފުޅިއަކާ. އެ ސިފަކޮށްދޭން ފަށާފަ ވާހަކައިގެ މެދަކާ ހަމަޔަށް ނުދަނީސް އަޅުގަނޑަށް ދެންނެވުނު އެއްޗަކުން މުޅި މާޙައުލުގައި ހުނުމުގެ އަޑު ގަދަވެގަތީ. އެ ހިސާބުން އަޅުގަނޑަށް ހުއްޓުން އެރިގޮތަށް ވަގުތު ހަމަވެ ބެލް ޖަހަންދެން ލަދުގަނެ ބަސްހުއްޓިފައި ހުންނަންޖެހުނީ. ވަރަށް ދެރަވެ ހުރެ ޝުކުރިއްޔާއޭ ބުނެލާފަ ސްޓޭޖުން ފޭބީ އަދި ދަންނަވަންތޯ ސްޓޭޖުން ފޭބި ގަޑީވެސް މުދައްރިސެއްގެ ފަރާތުން މަލާމާތާއި ބަދުބަސްތަކެއް އަޅުގަނޑަށް ރައްދުވި". މީ އަދަބީ އެކި ފަންނުތަކުގައި، ވަކިން ޚާއްސަކޮށް ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި އަރަމުން އަންނަ ތަރި ރަޒީން، ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ކުރި ފުރަތަމަ ތަޖުރިބާ ހިއްސާކުރަމުން ކިޔައިދިން ވާހަކައެވެ.

ރަޒީން ބުނިގޮތުގައި އެދުވަހަށްފަހު، ބަޔަކާ ކުރިމަތިލައިގެން ވާހަކަ ދައްކަން އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ 2014 ވަނަ އަހަރު ލަންކާގައި ގްރޭޑު 6 ކިޔަވަމުން ދިޔައިރު، ލަންކާގެ މޯލްޑިވިއަން އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރުގައި ބޭއްވި ނަސްރުގެ ދުވަހުގެ ޖަލްސާގައެވެ. އެއަށްފަހު އެއަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވެސް ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ރަޒީން ފާހަގަ ކުރި ގޮތުގައި އޭނާއަށް މިފުރުސަތު ދިނީ އޭރު ސްރީލަންކާގެ ހައި ކޮމިޝަންގެ ތާރޑް ސެކެޓްރީ އަބްދުއްރަޝީދު (އަދުރޭ ސަރ) އެވެ.
އަޙްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލުގައި ހިންގާ އަދަބީ ޙަރަކާތްތަކުގައި އަބަދުވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ރަޒީންގެ ވާހަކަދެއްކުންތެރިކަމުގެ މައި ދަތުރު ފެށުނީ ލަންކާއިން މާލެ އައިސް އަޙްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލުގައި ކިޔަވަން ފެށި ހިސާބުންނެވެ. އޭނާ އެންމެ ފުރަތަމަ ބައިވެރިވީ 2016 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީއިން ބޭއްވި ޤައުމީ ވާހަކަ ދެއްކުންތެރިކަމުގެ 31ވަނަ މުބާރާތުގައެވެ. އޭގެ ފަހުން ވިދިވިދިގެން ތިން އަހަރު ޤައުމީ ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެގޮތުން 2017ވަނަ އަހަރު ވާހަކަ ދެއްކުމުގެ 32ވަނަ ޤައުމީ މުބާރާތުގެ ގަދަ ދިހައެއްގައި ވާދަކޮށްފައިވެއެވެ. 2018 ވަނަ އަހަރު ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ ގަދަ ދިހައެއްގައި ވާދަކުރަން ލިބުނު ފުރުސަތުން ހިތްވަރު ލިބިގަނެ އާ އަޒުމެއްގައި ޖޯޝާއި ފޯރީގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ 2018 ވަނަ އަހަރު ވާހަކަދެއްކުމުގެ 33 ވަނަ ޤައުމީ މުބާރާތުން 16 އަހަރުން ދަށުގެ އުމުރު ފުރާއިން ފަޚުރުވެރި އެއްވަނަ ހާސިލުކޮށް ތަށި އުފުލައިލުމެވެ. އަދި 2019 ވަނަ އަހަރު މަތީ ސާނަވި ގިންތީން 3 ވަނަ ހާސިލުކުރުމެވެ.

"ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި އައި ވަރަށް ބޮޑު ބަދަލެއް އެއީ. އެންމެ ފުރަތަމަ ބައެއްގެ ކުރިމައްޗަށް ވާހަކަ ދައްކަން އެރި ދުވަހު ސެންޓުފުޅިއެއް އަތަށް ލައިގެން ދެރަވެ ހުރެ ރޮމުން ފޭބި މީހާ އޭގެ އަށެއްކަ އަހަރު ފަހުން އެއްވަނައިގެ ތަށި ހިފައިގެން އުފަލުން ހުރެ ފޭބި ރެއެއް އެރޭ އެއީ. އެއީ ވާހަކަ ދެއްކުމުގެ ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީ" އެ އުފާވެރި ދުވަސްތައް ހަނދާން އާކުރަމުން ހިނިތުވެ ހުރެ ރަޒީން ބުންޏެވެ.
ރަޒީން ދެކޭ ގޮތުގައި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި އޭނާ "މީހަކަށް" ހަދައިދިނުމުގައި ސަލީމް ސަރ ގެ ހިއްސާ ވަރަށް ބޮޑެވެ. އެ ދާއިރާއިން ސަލީމް ސަރ ދެއްވި މުހިއްމު އިރުޝާދުތަކާއި ފިލާވަޅުތައް އަބަދުވެސް ހަނދާނުގައި ހުންނާނެކަމުގައި ޤަބޫލުކުރެއެވެ.
އަޙްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލްގެ އަދަބީ ކަންކަމާއި ހަވާލުވެ ވަޑައިގެން ހުންނަވާ މުދައްރިސް މުހައްމަދު އާދަމް ސަލީމް (ސަލީމް ސަރ) ވިދާޅުވީ ރަޒީންއަކީ ކޯޗުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ، ކިޔަމަންތެރިކަމާއި، ހިތްވަރުގަދަ ކަމާއެކު ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތްކުރާ ދަރިވަރެއްކަމަށެވެ.
" ރަޒީންއަކީ ވަރަށް ހުނަރުވެރި ކުއްޖެއް. މަޢުލޫމާތު ހޯދާ ލިބިގަންނަން މަސައްކަތްކުރާ، ޤަވާއިދުން ޕްރެކްޓިސްތަކަށް ހާޒިރުވާ، ކުރާ ކޮންމެ ކަމެއްވެސް ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކުއްޖެއް. ކުދިންނާއި ގުޅިގެން މަސައްކަތް ކުރުމުގައި ނަމޫނާ ދަރިވަރެއް. އަހުމަދިއްޔާއިން ތަރުބިއްޔަތުވެގެން އައި ދަރިވަރުންގެ ތެރެއިން އެންމެ ކާމިޔާބު އެއް ދަރިވަރު." ސަލީމް ސަރ ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތްތަކުގެ އިތުރުން މަދްރަސާގައި ބާއްވާ އެކިއެކި ހަފްލާތަކުން ރަޒީންގެ ވާހަކަ ދެއްކުމުގެ ހުނަރު ވަނީ ފެނިގެން ގޮއްސްފައެވެ. އޭގެތެރޭގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރާއިރު ދަރިވަރުންގެ ފަރާތުން މުދައްރިސުންނާ މުޚާތަބުކޮށް ވާހަކަ ދެއްކުމާއި "ގްރެޖުއޭޝަން ނައިޓް"،"ސަކްސެސް ނައިޓް" ފަދަ ހަފްލާތަކުގައި މުޅި ބެޗްގެ ފަރާތުން ވާހަކަދެއްކުން ހިމެނެއެވެ.

ފަށުއިކަމާއެކު ރީތިކޮށް ވާހަކަދައްކާ، ރަޒީނަކީ މޮޅު ވާހަކަދެއްކުންތެރިއެއްގެ އިތުރުން ކުޅަދާނަ ބަހުސްކުރުންތެރިއެކެވެ. އެގޮތުން އެންމެ ފުރަތަމަ ބަހުސެއް ކުރީ 2016 ވަނަ އަހަރު ސްކޫލުގެ ދަރިވަރުންގެ ހިޔާގެ ފަރާތުން އިންތިޒާމް ކުރެވިގެން ބޭއްވުނު ހިޔާ ޢީދުގައެވެ. ފުރަތަމަ ފަހަރު ނަމަވެސް ފަންނުވެރިކަމާއިއެކު ހުށަހެޅި މުއްސަނދި ޚިޔާލުތަކުގެ ސަބަބުން 3 ވަނައަށް އެންމެމޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ރަޒީން އަންނަނީ ހިޔާ ބަހުސްތަކުގައި ބައިވެރިވަމުންނެވެ. 2018 ވަނަ އަހަރު 2 ވަނައަށް އެންމެ މޮޅު ބަހުސްކުރުންތެރިޔާކަން އަދި 2019 ވަނަ އަހަރު އެންމެ މޮޅު ބަހުސްކުރުންތެރިޔާކަން ލިބިގެންދިޔައެވެ. އެންމެ ތުއްތުއިރުއްސުރެ ދިވެހި އަދަބަށް ލޯބިކުރާ ރަޒީން ވަނީ 2019ވަނަ އަހަރު މުޅި ހިޔާ ޢީދުގެ 3 ވަނަ ވެސް ހާސިލުކޮށްފައެވެ.
އަބަދުވެސް އުފާވެރި ހިނިތުންވުމަކާއި އެކު ކޮންމެ މީހަކާވެސް ބައްދަލުކުރާ ރަޒީންއަކީ އެކުގައި އުޅޭ ކުދިންގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ކުއްޖެއްކަމާއި މެދަކު ޝައްކެއްނެތެވެ.
ރަޒީންގެ ގާތް އެކުވެރިއެއް ކަމަށްވާ އަޙްމަދިއްޔާ އިންޓަރ ނޭޝަނަލް ސްކޫލުގެ ހަޔާ ސެކަންޑަރީ ކެޕްޓަން ޢަޔާޝް ޢަލީ ބުނީ ކުދިންނާއި ގުޅިގެން މަސައްކަތް ކުރުމާއި ކަންކަމުގައި އިސްނަގައި އިސްވެ އުޅުމުގައި ރަޒީންއަކީ ނަމޫނާ ދަރިވަރެއް ކަމަށެވެ.
"ރަޒީންއަކީ ކުދިން ގޮވައިގެން ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރަން ކެރޭ ކުޅަދާނަ ލީޑަރެއް. ކޮންމެ ކަމެއްގައިވެސް ރަޒީންގެ ތަޖުރިބާގެ އަލީގައި ކުދިންނަށް އެހީތެރިވެދީ ހަދާ ސަކަ މިޒާޖެއްގެ ކުއްޖެއް. އިތުބާރުކުރެވޭ އެކުވެރިއެއް. ރަޒީންގެ އެންމެ ފާހަގަވާ ސިފައަކީ ދިވެހި ބަހާއި ޤައުމިއްޔަތަށް ރަޒީންގެ ހިތުގައި އޮންނަ ލޯބި. މިއީ މިޒަމާނަށް ބަލާއިރު ބޮޑެތިވަމުން އަންނަ ކުދިންގެ ކިބައިން ވަރަށް މަދުން ނޫނީ ނުފެންނަ، ވަރަށް ރަނގަޅު ސިފައެއް. ރަޒީންއަކީ ޤައުމު ފަޚުރުވެރިވާނެ ފަދަ ޚިދުމަތްތެރިއަކަށް ވާނެކަމާއި މެދަކު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން" ޢަޔާޝް ބުންޏެވެ.
ކާމިނީ ހައުސްގެ ވައިސް ކެޕްޓަންކަންކޮށް، ހައުސްގެ ކެޕްޓަންކަމުގެ ދެވަނަ ދައުރެއް މިހާރުވެސް ފުރިހަމަކުރަމުންދާ ރަޒީންގެ މި ކާމިޔާބީތައް ވެގެން ދިޔައީ ވިދިވިދިގެން ތިންއަހަރު ހިޔާ އީދުގެ އެއްވަނަ ކާމިނީ ހައުސްއަށް ހޯދައި 1 ވަނައިގެ ތަށި މިލްކުކުރުމަށް އެ ހައުސްއަށް ލިބުނު ވަރަށް ބޮޑު އެހީއަކަށެވެ.

2020 ވަނަ އަހަރު ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދައުލަތުގެ މީޑިޔާ (ޕީއެސްއެމް)އިން ބޭއްވި ފޯރިގަދަ ބަހުސްގައި ބައިވެރިވެ ރަޒީން ވަނީ އޭނާގެ ހުނަރު ދައްކާލާފައެވެ. އެއީ އަދި މިހާތަނަށް ބަހުސްކުރުމުގެ ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އޭނާ ދެކެއެވެ.
"ބަހުސް ކުރުމުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އުމުރުން އެންމެ އަށާރަ އަހަރުގައި ޤައުމީ ފެންވަރުގައި ބޭއްވި ބޮޑު ބަހުސެއްގައި ޤައުމީ ލެވެލްގައި ފާހަގަކޮށްލެވޭ ބަހުސްކުރުންތެރިން ތަކަކާއި އެއްކޮށް، ޚާއްސަކޮށް އަޅުގަނޑުގެ ވަރަށް ގާތް 3 އެދުރަކާ އިދިކޮޅު ޓީމުގައި ހުރެ ބަހުސްކޮށްލަން ފުރުސަތު ލިބިގެން ދިއުން." ރަޒީން ބުންޏެވެ.

ބަހުސްކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ، މިއަދު ހުރި ހަރުފަތް ގިރާކޮށް އުސް ހަރުފަތަކަށް އެރުމުގެ ފޮނި އުންމީދުގައި ހުރި ރަޒީން ދެކޭ ގޮތުގައި އެ ދާއިރާއިން މިއަދު ހުރި ހިސާބަށް އާދެވުނީ ރަމީޒް ދިން ހިތްވަރާއި ކޮށްދެއްވި އަގުހުރި މަސައްކަތުންނެވެ.
"މިއީ ހަމަ ރަމީޒްގެ މަސައްކަތް. ހުއްޓުމެއްނެތި ކޮންމެ އަހަރަކު ރަމީޒް އަޅުގަނޑާ ވަރަށް ގާތުން މަސައްކަތްކުރޭ. ބަހުސް ކުރުމުގެ ދާއިރާގައި އަޅުގަނޑަކީ ސީދާ ރަމީޒްގެ "ޕްރޮޑަކްޓެކޭ" ދެންނެވިދާނެ".
ކުޅަދާނަ ބަހުސް ކުރުންތެރިޔާ އަދި ކާމިނީ ހައުސްގެ ބަހުސް ކޯޗް ހުސައިން ރަމީޒް ދެކޭ ގޮތުގައި ރަޒީންއަކީ ކިޔަމަންތެރި، ނޭނގޭ އެއްޗެހި އޮޅުން ފިލުވުމަށާއި، އެނގޭ ކަންތައްތައް އިތުރަށް ފުރިހަމަ ކުރުމަށް ހިތްވަރާއިއެކު ބުރަކޮށް މަސައްކަތް ކުރާ ކުއްޖެކެވެ.

"އަޅުގަނޑަށް ރަޒީން ފާހަގަކުރެވެނީ، ކަންކަމުގައި އިސްނަގާ، ކެރޭ، އަދި އައު ކަންތައްތައް ދަސްކުރުމަށް ވަރަށް ބޮޑު ޝައުޤެއް ހުންނަ، ވަޠަނީ ކުއްޖެއްގެ ގޮތުގައި. ރާއްޖެއާއި، އަޙްމަދިއްޔާއާއި، އަދި ކާމިނީ ހައުސްއާ މެދު އުއްމީދީ ތަޞައްވަރެއް އޮތް ކުއްޖެއްގެ ގޮތުގައި. އެ ހިސާބުން އަޅުގަނޑަށް އެނގުނު އަހަރުތަކެއް ވަންދެން ކާމިޔާބުކަމާއެކު ކާމިނީ ހައުސް އިން ދަމަހައްޓަމުން އައި ޤިޔާދަތާ ހަވާލުވުމުގެ ޤާބިލްކަން ރަޒީންގެ ކިބައިގައި ހުންނާނެކަން. އެ ހިސާބުން އަޅުގަނޑު މަސައްކަތްކުރީ އަޅުގަނޑަށް ލިބިފައި ހުރި ޢިލްމާއި ހުނަރުން ރަޒީންގެ އެ މަޤާމަށް ގެނައުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަން. ހަމަ ހަޤީޤަތުގައިވެސް، މޮޅުވުމަކީ އިސްނެގުމާއެކު ހަރުދަނާވުން ކަން ރަޒީން ވަނީ ސާބިތުކޮށްދީފަ. އަޅުގަނޑު އަބަދުވެސް އެދެނީ ރަޒީނަށް އިތުރު ކާމިޔާބީއާއި، ކުރިއެރުން." ރަޒީންގެ ހުނަރުވެރިކަމަށް ތަޢުރީފު ކުރައްވަމުން ރަމީޒް ވިދާޅުވިއެވެ.
ވާހަކަދެއްކުމާއި ބަހުސްކުރުމުގެ އިތުރުން ރަޒީންއަކީ ޅެންވެރިކަމަށް ލޯބިކުރާ ހުނަރުވެރި، ޒުވާން ޅެންވެރިއެކެވެ. އެންމެ ތުއްތުއިރުއްސުރެވެސް ޅެންވެރިކަމަށް ޝައުގުވެރިކަން ހުންނަ ރަޒީން އެންމެ ފުރަތަމަ ޅެމެއް ހެދީ 2015 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައެވެ.
"އޭރު ކޮރު ފިއްޔަކީ ކޯއްޗެއްކަމެއް ނޭނގެ. ބަނޑުވައް އަކުރަކީ، ކާފިޔާއަކީ އަދި ފިލިކޯޅިއަކީ ކޯއްޗެއް ކަމެއްވެސް ނޭނގެ"
ރަޒީން ބުނިގޮތުގައި ޅެން ހެދުމުގައި ބަލަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް ދަސްވީ 2017 ވަނަ އަހަރު ދަރިވަރުންނަށް އަމާޒުކޮށްގެން އަޙްމަދިއްޔާގައި ހިންގި ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހުންނެވެ. އެކޯހުން އޭނާ ވަނީ ދެވަނަ ހާސިލުކޮށްފައެވެ.

މިއަދު ރަޒީންއަކީ ފުންނާބުއުސް އެތައް ޅެންވެރިންތަކަކާއިއެކު މަސައްކަތްކުރާ، އޭނާގެ އަސަރުގަދަ ޅެންބައިތުތަކުން ކިޔުންތެރިންގެ ހިތްތަކުގައި ޅެންވެރި ޖަޒުބާތުތައް އުފައްދަމުންގެންދާ ކުޅަދާނަ ޅެންވެރިއެކެވެ. ޤައުމީ، އިޝްޤީ ރީތި ޅެންތަކެއް ހަދާފައިވާ ރަޒީން ވަނީ އޭނާގެ ފުރަތަމަ ވީޑިއޯ މަދަހަ މިދިޔަ އަހަރުގެ ރަމަޟާން މަހު އާންމު ކޮށްފައެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ (އަޝްރަފް ސަރ) ވިދާޅުވީ ރަޒީންއަކީ އަޑުއަހާ ހިތްވާ ގޮތަށް ވަރަށް މޮޅަށް ވާހަކަ ދައްކާ ދޫފަރިތަ ޒުވާނެއް ކަމަށެވެ. އަދި ޅެންވެރިކަމުގައި ސަރގެ ޚިޔާލުވެސް ހޯދާ އެ ފަންނަށް ލޯބިކުރާ ހުނަރުވެރި ދަރިވަރެއްކަން ފާހަގަ ކުރެވޭކަމަށެވެ.
"ރަޒީންއަކީ މި ފަހުގެ ޒަމާނެއްގައި ފެނުނު ދިވެހިބަހާ އަދަބަށް ލޯބިކުރާ، ޤާބިލިއްޔަތު ހުރި އަދި އަމަލާއި ބަހުން އެކަން ދައްކަމުންދާ އަދަބުގެ އެކި ހުނަރުތައް ހުރި ކުޅަދާނަ ޒުވާނެއް. މުސްތަޤުބަލުގައި ރަޒީނަކީ ޤައުމުދެކެ ލޯބިވާ ކުޅަދާނަ އިސްވާރަކަށް ވާނޭކަމާއި މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން."އަޝްރަފް ސަރ ވިދާޅުވިއެވެ.
ރަޒީންގެ ބައްޕަ ވިދާޅުވި ގޮތުގައި ރަޒީންއަކީ ވަރަށް ބަސް އަހާ، ކުރިމަތިލާ ކޮންމެ ކަމެއްވެސް ކާމިޔާބުވޭތޯ ވަރަށް ޖޯޝުގައި މަސައްކަތް ކުރާ ހިތްވަރު ގަދަ ކުއްޖެކެވެ.
"އަބަދުވެސް ބައްޕަގެ ބަސް ޤަބޫލުކުރާނެ. ބައްޕަ ނޫނެކޭ ބުނިއްޔާ އެކަމެއް ނުކުރާނެ. ރަޒީންގެ މުސްތަޤުބަލަށް ބައްޕަ ވަރަށް ފޮނި އުންމީދުތަކެއް ކުރަން. ބައްޕަ ދެކެމުން މިދާ ހުވަފެންތަކުގައި މިހާރުވެސް ރަޒީން އަންނަނީ ކުލަ ޖައްސައިދެމުން. ރަޒީންއަކީ މައިންބަފައިންނާއި އާއިލާއާއި ރަށާއި އަދި މުޅި ޤައުމުވެސް ފަޚުރުވެރިކޮށްދޭނެ ދަރިޔަކަށް ވާނޭ ކަމާއި މެދަކު ބައްޕަ ޝައްކެއް ނުކުރަން." ދަރިފުޅާއިމެދު ފަޚުރުވެރި ވާކަމުގައި ރަޒީންގެ ބައްޕަ ވިދާޅުވިއެވެ.

ރަޒީން ޤަބޫލުކުރާ ގޮތުގައި އޭނާއަށް ލިބިފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އެތައް ބައެއްގެ މިންނެތް މަސައްކަތް ވެއެވެ. އޭގެތެރެއިން ވެސް އޭނާގެ ލޯބިވާ ބައްޕަ ފާހަގަކުރެވެއެވެ.
"ޚާއްސަ ޝުކުރެއް ދަންނަވަން ބޭނުންވަނީ އެންމެ ފުރަތަމަވެސް ބައްޕައަށް. ދެން ލޯބިވާ މަންމަ އަދި މާމައަށް. އަބަދުވެސް އެންމެ ކައިރީގައި ހުރިހާ ވަގުތެއްގައިވެސް އިނާސްއާ އަބާން ތިބޭނެ. އަޅުގަނޑު އެކަނިވިޔަ ދޭން ދުވަހަކުވެސް ދޫކޮށްލާފައެއް ނެތް. އެހެންމެ އެންމެ ގާތް އެ 2 ރަހުމަތްތެރިންނަށް ޝުކުރު ދަންނަވަން. ދެން ކައިރީގަ އުޅޭ ހަމަ ހުރިހާ ރައްޓެހިންނަކީ އަބަދުވެސް ވަރަށް ހިތްވަރުދޭ ބައެއް. ކޮންމެ އަހަރަކުވެސް ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ވާހަކަ ދައްކާ ކޮންމެ ދުވަހަކުވެސް އެތަނުގައި ބަލަން ގޮސް ތިބޭނެ. އަދި ހަމަ ފާހަގަ ކޮށްލަން ބޭނުން ސައްޕެ ސަރ ކޮށްދެއްވި މަސައްކަތް ވެސް. އަދި އެހެނިހެން ޓީޗަރުންވެސް ވަރަށް ގާތުން މަސައްކަތް ކޮށްދެއްވި" އުފަލާއެކު ރަޒީން ބުންޏެވެ.
ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ގާތުން އެހީތެރިވާ ބައްޕަ އަކީ އޭނާގެ "ރޯލް މޮޑެލް" ކަމުގައި ރަޒީން ދެކެއެވެ.

" ބައްޕަގެ ނަން ހަމަ ވަކިން ޚާއްސަކޮށް ފާހަގަ ކޮށްލަން ބޭނުން. ވާހަކަދެއްކުމުގެ ފަންނުގައި މި ހުރި ހިސާބަށް އާދެވުމުގެ އެންމެ ބޮޑު އެހީތެރިކަމެއް ޙަގީގަތުގައި ވެދިނީ ބައްޕަ. 2014ވަނަ އަހަރު ސޯސަންވިލާގައި ވާހަކަ ދެއްކިއިރު އެ ހުރިހާ ފަރިތަކުރުމެއް ކޮށްދިނީވެސް ބައްޕަ. އެހެންވީމާ ވާހަކަދެއްކުންތެރި ކަމުގައި ކުރިއަށް ދާން އަޅުގަނޑަށް ބިންގާ އަޅައިދިން މޭސްތިރިއަކީ ބައްޕަ ނޫން ދެން އެހެން ކާކުތޯ. އަދި ހަމަ ފާހަގަކޮށްލަން ބޭނުން، އަޅުގަނޑު ބައިވެރިވާ މުބާރާތްތަކުގައި ހަމަ އެންމެ އަހަރެއްވެސް ވައްޓައެއް ނުލާނެ، އަޅުގަނޑުގެ ވާހަކަ ދެއްކުން އޮންނަ ގަޑިއަށް ވިޔަސްވެސް ރަށުގައި ހުރެފައި މާލެ އަންނާނެ. ވާހަކަދެއްކުމުގެ ޓީމުގެ ބައްދަލުވުމެއް އޮތިއްޔާ ސީދާ އެބައްދަލުވުމުގައި ބައިވެރިވެލަން އެކަނިވެސް މާލެ އަންނާނެ. ބަރާބަރަށް ގުޅާ، އެންމެ ފުރިހަމަ އަށް ކަންކަން ކުރާނެ ގޮތުގެ އިރުޝާދު ދީ ހަދާނެ. މިވަރުން ދެން އިތުރަށް އަޅުގަނޑު ކީކޭތޯ ދަންނަވަން އޮންނާނީ. އަޅުގަނޑުގެ ހުރިހާވެސް މީހަކީ އަޅުގަނޑުގެ ބައްޕަ. ބައްޕަ ނެތްނަމަ އިމްރާން އިސްމާޢީލުގެ މި ރަޒީނެއް ނުހުންނާނެ." ރަޒީން ބުންޏެވެ.

ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމުގެ އިތުރުން ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ރަޒީން ދެކޭ ގޮތުގައި ކަމެއް ކުރަން ހިތުލައި، ނުގުޑާ ފަދަ ޢަޒުމެއްގައި އެކަމާއި ކުރިމަތިލައިފި ނަމަ ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކާމިޔާބީ އާ ހަމައަށް ވާސިލުވެވޭނެއެވެ.
"ކަމަކަށް ލޯބިކުރާކަމަށް ވަންޏާ އެކަމަކާ ގުޅިގެން މީހަކު އެބުނީ ހެޔޮބަހެއް ކަމުގައި ވާނަމަ އެއިން ލިބިގަންނަން ވީ ހިތްވަރު. މީހަކު ފާޑެއް ކިއްޔާ އެއިން ވެސް ލިބިގަންނަންވީ ހިތްވަރު. މީހަކު ކުރީ މަލާމާތެއް ކަމަށް ވަންޏާ އެއިންވެސް ލިބިގަންނަންވީ ހިތްވަރު" ރަޒީން ބުންޏެވެ.
3 Responses
ރަޒީންއަކީ މޮޅު ވާހަކަދެއްކުންތެރިއެއް. އަޙްމަދިއްޔާއިން އުފެއްދި ގަދަ ލީޑަރެއް
ރަޒިނަކީ ވަރަށް މޮޅު ކުއްޖެއް. ވަރަށް ބަސް އަހާ ކުއްޖެއް. ދޫހެލޭ މޮޅު ވާހަކަދެއްކުންތެރިއެއް
ރަޒީނަށް ކުރިއެރުން އެދެން.