ނޫހުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

"އަހްމަދިއްޔާ 1982″ އޮންލައިން ނޫސް ރަޖިސްޓްރީ ކުރިތާ މިއަދަށް 1 އަހަރު ފުރުނީއެވެ.  ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ނޫހުގެ އާއިލާގެ އެންމެހާ މެމްބަރުންނަށާއި ނޫސް ވިދާޅުވާ އެންމެހާ ބޭފުޅުންނަށް އަރިސްކުރަމެވެ.

"އަހްމަދިއްޔާ 1982″ މަސައްކަތް ފަށައިގެން ހިންދެމި ނުލެވި އުޅެނިކޮށް ކޮވިޑްގެ ނުރައްކާތެރި ވަބާ އަޅުގަނޑުމެންނާ ކުރިމަތިވެ މާޗްމަހުގެ ފަހުކޮޅު ސްކޫލްތައް ބަންދު ކުރެވި މުޅި ޤައުމު ފުރަބަންދަކާ ދިމާއަށް ދިޔައެވެ.  2020 ވަނަ އަހަރު ނިމިގެން ދިޔައީ އެގޮތުގައެވެ. ސްކޫލުން އެއްވެސް މުބާރާތެއް އަދި އެއްވެސް ހަރަކާތެއްވެސް ނުބޭއްވިއެވެ. 2021 ވަނަ އަހަރު ފެށުނުތަނާހެން ނޫހުގެ ވެބްސައިޓަށްވެސް ހެޔޮ ބަދަލުތަކެއް ގެނެވި ނޫސް އާއްމުކޮށް ހުޅުވާލެވޭވަރުވީ މީގެ 3 ހަފްތާކުރިން 1 ފެބްރުއަރީގައެވެ.

"އަހްމަދިއްޔާ 1982″ ނެރުމުގެ އެންމެ ބޮޑު ބޭނުމަކީ، އަހްމަދިއްޔާ އާ ގުޅޭ ޚަބަރުތައް ވީހާވެސް ފުޅާގޮތެއްގައި އާއްމުންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. ޚާއްޞަކޮށް ދަރިވަރުންނަށެވެ. ބެލެނިވެރިންނަށެވެ. މުދައްރިސުންނަށެވެ. އަދި އާއްކޮށް އަހްމަދިއްޔާ އަށް ހެޔޮއެދޭ އަޙްމަދިއްޔާދެކެ ލޯބިވާ އެންމެހައި ފަރާތް ތަކަށެވެ. މިކަން ޙާޞިލް ވަމުންދާ ކަމުގެ ފެހި ސިގްނަލް އަޅުގަނޑުމެންނަށް މިހާރު ދަނީ ލިބެމުންނެވެ. މި ވޭތިވެ ދިޔަ 3 ހަފްތާ ތެރޭގައި ނޫހުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ. ވަގުތާއި ހާލަތުގެ ގޮތުން ސްކޫލްގައި އިތުރު ހަރަކާތްތައް މެދުކެނޑިފައި އޮތް ނަމަވެސް ތަފާތު ލިޔުންތަކުން ނޫސް ދަނީފުރެމުންނެވެ. ކޮލަމް ލިޔުއްވާ ބޭފުޅުންގެ ލިޔުއްވުންތަކުންނެވެ. ތަފާތު ޚަބަރުތަކާއި ރިޕޯޓް ތަކުންނެވެ. ދަރިވަރުންގެ ލިޔުންތަކުންނެވެ. އޭގެސަބަބުން ކޮންމެ ދުވަހަކު ނޫސްބަލާ އަދި ނޫހަށް ވަންނަ މީހުންގެ އަދަދު އެތައް ހާހަކަށް މިހާރުވަނީ އިތުރުވެފައެވެ.

"އަހްމަދިއްޔާ 1982″ މިއަހަރު ފެށިގެންދިޔައީ ކޮމެޓީއެއް އެކުލަވާލުމަށްފަހުއެވެ. ނޫހުގެ މަސްއޫލުވެރި ފަރާތަކީ، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ކަމަށްވާތީ، ނޫހުގެ އެޑިޓަރ އިން ޗީފަކީ، ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ނޫސް ރަޖިސްޓްރީ ކުރެވިފައިވަނީ އަޅުގަނޑުގެ އެޑިޓަރު ކަމުގައެވެ. ނޫހުގެ ޑެޕިއުޓީ އެޑިޓަރަކީ އަހްމަދު އަރީފެވެ. މެނޭޖިންގ އެޑިޓަރަކީ އަހްމަދު ޝަފީގެވެ. ނޫހަށް މުދައްރިސުންނާއި ދަރިވަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވަނީ މުޙައްމަދު ސަލީމެވެ. މީގެ އިތުރަށް ރިޕޯޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ފާތިމަތު ޝަފުރާއާއި އިބްރާހީމް ރާމިޒާއި ފާޠިމަތު ޝިފާޒާއެވެ. ކޮލަމް ލިޔުއްވަނީ އަހްމަދު ޝަފީޤާއި މޫސާ ޞަލާޙާއި އަހްމަދު ޢަރީފާއި މުހައްމަދު ސަލީމާއި އަހްމަދު ތައުފީޤެވެ. މީގެ އިތުރުން ފޮޓޯގްރާފަރަކީ ހަރުޝާ އެވެ. ޑިޒައިނަރަކީ ޢަބްދުﷲ އަމްޒަލް އެވެ.

"އަހްމަދިއްޔާ 1982″ ން ކުރިއަށް އޮތްތާގައި ގިނަ ލިޔުންތެރިން ފެނިގެންދާނެއެވެ. ނޫހުގެ ބައިތައް އިތުރު ކުރަމުން ގެންދާނަމެވެ. ވަރަށް އަވަހަށް ޅެންވެރިކަމުގެ ބައެއްވެސް ގެނައުމަށްވަނީ ހަމަޖެހިފައެވެ. އުންމީދަކީ މިނޫހަކީ ދިވެހި ނޫސްވެރި ކަމުގައްޔާއި ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ނަމޫނާ ނޫހަކަށް ވެގެން ދިއުމެވެ. ދަރިވަރުންނާއި، މުދައްރިސުންގެ އިސް ދައުރެއް އޮންނަ މި ނޫހަކީ ސްކޫލެއްގައި އުފަންވި ފުރަތަމަ އޮންލައިން ނޫހަށްވީހިނދު ދިވެހި އެންމެހާ ކިޔަވާކުދިންނަށް މި ނޫހުގެ ސަބަބުން މަންފާ ލިބިގެން ދިއުމެވެ.

8 Responses

  1. އަޙްމަދިއްޔާ އިން ތިޔަ ފެށީ ވަރަށް މުހިއްމު މަސައްކަތެއް. އަބަދުވެސް އަޙްމަދިއްޔާއަކީ ބެލެނިވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ސްކޫލެއް.

  2. ނޫހުގައި މިއޮތީ ވަރުގަދަ ޓީމެއް. ތިޔަ ނޫސް ކުރިއަރައިދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް.

  3. އަހްމަދިއްޔާގެ ނޫހަކީ 1 ވަނަ ނޫހަށް ވެގެންދާނެ. ވަރަށް ބޭނުންތެރި ޚަބަރުތައްވެސް މިހާރު ހުރޭ. ރިޕޯޓްތަކާ އެއްޗެހި.

  4. ނޫހުގައި ތިބީ ވަރުގަދަ ޓީމެއް. މޮޅު ލިޔުންތެރިންނާއި މޮޅު ނޫސްވެރިން. ނޫހުން ވަރަށް ބޭނުންތެރި މަޢުލޫމާތު ލިބޭ. އަހަރެމެން ކިޔަވާކުދިންނަށް އެތައް ފިލާވަޅެއްލިބޭ.

  5. އަޙްމަދިއްޔާގެ ލޮބުވެތި ޕްރިންސިޕަލާއި މުދައްރިސުންނަށާއި މި ނޫސް އުފައްދަވައި ހިންގެވުމުގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
    އުންމީދަކީ އަޙްމަދިއްޔާގެ މި ނޫހަކީ ދިވެހި ދަރިވަރުންނަށް ފައިދާކުރަނިވި ވިއުގަ އަކަށް ވެގެން ދިޔުން.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *