މުދައްރިސުން އުނގެނުމާއި އުނގަންނައިދިނުމުގެ ދުނިޔެ ބައްޓަންކުރާ ގޮތް އެނގޭތަ؟

އުނގަންނައިދޭ ވައްޓަފާޅިއާ މެދު މީހުން ދެކޭ ގޮތާއި، މަންހަޖަށާއި ފެންވަރު ވަޒަންކުރެވޭ ގޮތަށް ގެނެވޭ ބަދަލާއި ވަނީ ގުޅިލާމެހިފައެވެ. އެހެނީ ދުނިޔެއަށް އަންނަ ބަދަލުތަކަކީ ވަކި އެއް ކަމަކަށް އަންނަ ބަދަލުތަކެއް ނޫނެވެ. އެ ބަދަލުތައް ހަމަ ހުރިހައި ކަމަކަށް ވެސް އަންނާނެއެވެ. މުދައްރިސުން އެމީހުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ “ދުނިޔެ” ބައްޓަންކުރާނީ އެމީހުން އަގުކުރާ ގޮތްތަކާއި އާދަތަކުގެ މައްޗަށޭ ބުނެވެނީ މި ސަބަބަށްޓަކައެވެ. އިހުގައި ބޭނުންކުރި އުނގަންނައިދިނުމުގެ މެތަޑްތަކާއި އުކުޅުތަކާއި، މިހާރުގެ މެތަޑްތަކާ ފުށުއަރާ މައިގަނޑު ސަބަބަކީ މިއީއެވެ. މި ބަހުސްގެ ފުނަށް ދިއުމަށް ބަހުސްގެ ވެށީގައި ހިމެނޭ ކަންކަމަށް ބަލައިލަމާ ހިނގާށެވެ.

އުނގަންނައިދިނުމުގެ ތިއަރީތައް ކަނޑައެޅުމުގައި ބަލަންޖެހޭ މުހިންމު ކަންތައްތަކެއްވެއެވެ. ފުރަތަމަ ބިހޭވިޔަރިޒަމް ތިއަރީއިން ފަށަމާ ހިނގާށެވެ. މިއީ 1940އާއި 1950ގެ ތެރޭގައި އެންމެ މަގުބޫލު އެއް ތިއަރީއަށް ވާއިރު، މި ތިއަރީ އަމާޒުވަނީ އުޅުމަށް އަންނަ ބަދަލަށެވެ. ވިސްނުމަކަށް ނޫނެވެ. މި ތިއަރީ ބުނާ ގޮތުން، ކިތަންމެ ކުޑަ ތިއަރީއެއް ވެސް އުނގެނި ދަސްކުރަމުންދާނީ ވަކި ތަރުތީބަކުން ތަކުރާރުކުރެވޭ ކަންކަމުގެ ތެރެއިންނެވެ. މިތިއަރީ ބުނާ ގޮތުން، އުނގެނުމަކީ ކުދިކުދި ބައިތަކެއްގެ ގޮތުގައި ވަކި ހައިރާކިކަލް ތަރުތީބަކުން މަޑުމަޑުން އަމިއްލައަށް ކުރާ ކަމެކެވެ. ދަރިވަރުން އުނގެނުމަށް ޝައުގުވެރިވާނީ ކުދިކުދި ކަންތައްތަކަށް ވެސް ތަކުރާރުކޮށް ދެވޭ، އެދެވޭ ތަރުހީބުގެ ސަބަބުން އުޅުމަށް ބަދަލު އައިސްގެންނެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރާ ގޮތަށެވެ. މި ތިއަރީއަށް ހުރި މައިގަނޑު ގޮންޖެހުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް މިއެވެ. ކުދިކުދި ބައިތަކަށް ބެހުމުގެ ސަބަބުން ގުޅިލާމެހިގެން އެކައްޗެއްގެ ގޮތުގައި އުނގެނުމަށް ދަތިވުމެވެ. ސަބަބަކީ އުނގެނުމަކީ ސްޓެމިއުލަސް ރެސްޕޮންސް އަށް ވުރެ މާ ފުޅާ، ފުން އެއްޗަކަށް ވުމާއި އުނގެނުމަކީ ޓާސްކާއި ހާލަތަށް ބަރޯސާވާ އެއްޗަކަށް ވުމެވެ.

ޓީޗަރަކު ސާނަވީ ކުލާހެއްގެ ދަރިވަރުންނަށް ކިޔަވައިދެނީ…. ފޮޓޯ: ހަރުޝާ

ކޮގްނެޓިވް ތިއަރީތަކަށް ބަލައިލާއިރު، މި ތިއަރީތަކަކީ ބިހޭވިއަރިޒަމަށް ގޮންޖަހާ ތިއަރީތަކެކެވެ.  މީގައިވާ ގޮތުން އުނގެނުމަކީ ވަކި މައުލޫމާތެއް، ސިކުނޑީގައި ވަކި ގޮތަކަށް ތަރުތީބުކޮށް ބައްޓަންކޮށްގެން އުނގެނުމެވެ. މި ތިއަރީ ގަބޫލުކުރާ ގޮތުގައި އަލަށް ލިބޭ އައު މައުލޫމާތު، ކުރިން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކުރެއެވެ. އެހެންކަމުން މިއީ ވިސްނުމަށް ބަރޯސާވާ ތިއަރީއެކެވެ.

އިޖުތިމާޢީ ސަގާފީ ތިއަރީތައް ނުވަތަ ސޯޝިއޯ ކަލްޗަރަލް ތިއަރީސް ބިނާވެފައި ވަނީ އިންސާނުންގެ ވިސްނުމާއި އިޖުތިމާޢީ، ސަގާފީ، ތާރީޚީ އަދި އިންސްޓިޓިއުޝަނަލް ހާލަތްތަކަށެވެ. ވައިގޮޓްސްކީ (1978) ކުރައްވާފައިވާ ދިރާސާތައް އިތުރަށް ދިރާސާކުރެއްވުމަށް ފަހު ލެންޓޯފް ހާމަކުރައްވާފައި ވަނީ އުނގެނުމާއި ތަރައްގީވުމަކީ ސަގާފީ ގޮތުން ގުޅިފައިވާ އަދި އިޖުތިމާޢީ ގޮތުން އެހީތެރިކަން ލިބިގެން ހިނގާ ހަރަކާތެއް ކަމުގައެވެ. މި ތިއަރީގައި ބުނާ ގޮތުން އުނގެނުން ތަރައްގީވެގެންދަނީ މުޖުތަމައުގައި އުޅޭ މައުލޫމާތު މުއްސަނދި، އަދި ބަހަށް ފަރިތަ މީހުންނާ ކުރެވޭ މުއާމަލާތުގެ ސަބަބުންނެވެ. އަދި ހަމައެހެންމެ، މުޖުތަމަޢުގައި މިލިއުޅުމުގެ ތެރެއިން މުޢާމަލާތުކުރެވޭ ގޮތްތަކުގެ ތެރޭގައި ބަހުންނާއި ތަފާތު އެކި ވަޞީލަތްތަކާއި ހަށިގަނޑުގެ ހަރަކާތްތަކާއި ޓެކްނޮލޮޖީގައި ބޭނުންކުރުން ހިމެނޭއިރު، މި ވަޞީލަތްތަކުގެ އެހީގައި ފަންނީ ގޮތުން މަތީ މީހުންނާއި މުއާމަލާތުކުރުމުގެ ސަބަބުން މީހާގެ މައުލޫމާތު މުއްސަނދިވެ، ބަހަށް އަހުލުވެރިވެ، އެ ސަގާފަތް ދެނެގަނެވޭ ކަމަށް މި ތިއަރީ ބުނެއެވެ. މީގެ އެހީގައި މުޖުތަމައުގެ އެކިއެކި ސަގާފަތްތަކަށް އަހުލުވެރިވެ، މީހުންނާ ގުޅުން ބަދަހިކޮށް، އަމިއްލަ ސޯޝިއޯ ކަލްޗަރަލް އައިޑެންޓިޓީއެއް ގާއިމްކުރެއެވެ. ދެ ފަހަރު ތަރައްގީގެ މަރުހަލާ އަންނަ މި ތިއަރީގައި، ތަރައްގީގެ މަރުހަލާ އަންނަ ފުރަތަމަ ގޮތަކީ ދޭދޭ މީހުންގެ މެދުގައި ހިންގާ މުއާމަލާތުގެ ތެރެއިންނެވެ. ދެވަނަ ގޮތަކީ ތިމާގެ އަމިއްލަ ވިސްނުން ތަރައްގީވުމެވެ. މި ދެންނެވި ދެ މަރުހަލާ ގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެ މީހަކު ވާހަކަދައްކާ ބަހެވެ. އެ މީހެއްގެ ވެށީގައި ހިނގާ ކަންކަމާއި، ތަކެއްޗާއި ޚިޔާލުތައް ދެނެގަންނަނީ ބަހުގެ އެހީގައެވެ. އެހެނީ ބަހަކީ މާނަ ދޭހަކުރުމުގައްޔާއި، އުނގެނުން ފަހިކުރުމަށް ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވާތީ ވެސްމެއެވެ.

ޓީޗަރަކު ސާނަވީ ކުލާހެއްގެ ދަރިވަރުންނަށް ކިޔަވައިދެނީ…. ފޮޓޯ: ހަރުޝާ

މި ހުރިހާ ތިއަރީތަކެއް އެއްކޮށްލައިގެން ސެޕަރޑްވަނީ މާރޖްޑް ތިއަރީސް އުފައްދާފައެވެ. މި ތިއަރީ ބުނާ ގޮތުން އުނގެނުން ފަހިވެގެން އަންނަނީ އިންސާނާ އޭނާގެ ބަސް ބޭނުންކޮށްގެން މުޖުތަމައާ ދެމެދު ހިނގާ މުއާމަލާތްތަކުގެ ތެރެއިންނެވެ. ތަރައްގީވެ ކުރިއަރަމުންދަނީ ދިގު މުއްދަތެއްގައެވެ. އުނގެނުން ބިނާވެގެން ކުރިއަރަމުން އަންނަ އައުމުގައި ކަންކަމާ މެދު ދެކޭގޮތާއި ގަބޫލުކުރާގޮތް ވަރަށް ބޮޑަށް ވިސްނުމުގެ ފެންވަރާ އިންޓެލެކްޗުއަލް ކެޕޭސިޓީއާ ވަނީ ގުޅިލާމެހިފައެވެ.

އިސްވެދެންނެވި ހުރިހާ ތިއަރީތަކެއް އުފެދިފައިވާ ގޮތަށް ބަލާއިރު ވެސް މި ތިއަރީތައް ބިނާވެފައި މިވަނީ މީހާ ދުނިޔެއާ މެދު ދެކޭ ގޮތުގެ މައްޗަށެވެ. ދުނިޔެ ދަސްވަމުން ދިޔަ ވަރަކަށް ވިސްނުމާއި ސިކުނޑި މަސައްކަތްކުރާ ގޮތް އެނގި، އިންސާނުން ރޯފިލަމުން، ތަރައްގީވަމުން ދިޔަ ވަރަކަށް ސިކުނޑީގައި ކޮންސެޕްޓްތައް މަސައްކަތްކުރާ ގޮތް އެނގި ފަހުގެ ތިއަރީތަކަކީ ވިސްނުމާއި އަމަލީ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ތިއަރީތަކަށް ވަމުންދިޔައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް މަޢުލޫމާތު މުއްސަދި ކޮށްދޭ، ތިލަ އިބާރާތުން އޮތް ފުރިހަމަ ލިޔުމެއް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *