ތިޔައީ ޝުކުރާއި ސަނާގެ ޙައްޤުވެރިޔާއެވެ.

އަޙްމަދިއްޔާގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު އެންމެ ބޮޑު ޝުކުރެއް ޙައްޤުވާ ފަރާތަކީ، އެފަދަ ދެވަނަ ޚިދްމަތްތެރިއެއް ނެތް ފަރާތެކެވެ. މައްޗަންގޮޅީގައި ސްކޫލެއް ހެދުމަށް ސަރުކާރުން އެދިވަޑައިގަތުމާއެކު އެކަމަށް އެންމެ ފުރަތަމަ އިސްނެންގެވި ފަރާތެވެ. އަމިއްލަ ޚަރަދުގައި ސްކޫލް ޢިމާރާތްކޮށް އެންމެ ފުރަތަމަ ސްކޫލުން ޖާގަ ދެވުނު ދަރިވަރުންގެ ހުރިހާ ޚަރަދެއް އަމިއްލަފުޅު ދެކަނބަލުންގެ ޚަރަދުގައި ކުރެއްވިފަރާތެކެވެ. އާދެ، މިދަންނަވާލެވުނު ބޭފުޅަކީ މަރުޙޫމް ޑީ. އަޙްމަދު ދީދީ އެވެ.

މަރުޙޫމް ޑީ. އަޙްމަދު ދީދީއަކީ މައްޗަން ގޮޅީ އަވަށަށް ވަރަށްގިނަ ޚިދްމަތްތަކެއް ކޮށްދެއްވި އަގުހުރި ޚިދްމަތްތެރިއެކެވެ. އަވަށު ފެންވަރުގައި އެދުވަސްވަރު މާލޭގައި ހިންގި ހުރިހާ ކަމެއްގައިވެސް މައްޗަންގޮޅި ތަމްސީލު ކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާ ކުރެއްވިއެވެ.

އަވަށުކޮމެޓީތައް އުފެދިގެން އައިސް ކޮމެޓީތައް އަވަށުގެ ކަންކަމުގައި ހަރަކާތްތެރިވަމުންދިޔަ އިރާއި ފަހުން އަވަށު އޮފީސްތައް އުފެދިގެން އައިއިރުވެސް މަރުޙޫމް ޑީ.އަޙްމަދު ދީދީ ދިޔައީ މައްޗަންގޮޅިއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޚިދްމަތް ކުރައްވަމުންނެވެ. މިއަދު އޭގެ އެންމެ އަލިގަދަ އެއް ހެއްކަކީ ކުރީގެ މަދްރަސަތުލް އަޙްމަދިއްޔާ މިހާރުގެ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

އަހްމަދިއްޔާގެ ނަން މިގޮތަށް ކިޔެމުން މިއަންނަނީ މަރުޙޫމް ޑީ. އަޙްމަދު ދީދީ މިސްކޫލް އުފެއްދުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނުގެ ނަންފުޅު ރަމްޒުވާގޮތަށް ސްކޫލްގެ ނަންދެވިފައިވާތީއެވެ. އެހެންކަމުން، މިއަދު އަޙްމަދިއްޔާގެ ދިދަ ފަޚުރުވެރިކަމާއި އާރޯ ކަމާއެކު، ވިހުރި ވިހުރިލާ އެހުރީ މަރުޙޫމް ޑީ. އަޙްމަދު ދީދީ ކުރެއްވި ބުރަ މަސައްކަތްޕުޅުންކަން ކަށަވަރެވެ.

އެހެންކަމުން، އަޙްމަދިއްޔާއަށް 39 އަހަރުފުރި 40 ވަނަ އަހަރާ ކުރިމަތިލީ މަރުޙޫމް ޑީ. އަޙްމަދު ދީދީގެ ޒިކުރާ އާކުރަމުންނެވެ. އަޙްމަދިއްޔާ ދިރިހުރިހާ ހިނދަކު އެމަނިކުފާނުގެ ނަންފުޅު އަބަދުމެ ހަނދާނުގައި ދެމި ހުންނާނެއެވެ. ވުމާއެކު މުޅި އަޙްމަދިއްޔާގެ އާއިލާގެ ނަމުގައި އެމަނިކުފާނުގެ ޚިދްމަތް ނުހަނު އިޚްލާޞްތެރިކަމާއެކު ފާހަގަ ކުރަމެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުންއެދި ދުޢާ ކުރަމެވެ.

2 Responses

  1. އަޙްމަދިއްޔާގެ ބާނީއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

  2. ހަނދާނަށް ކުއްލިޔަކަށް އައީ އެންމެ ނޫކަށިފުރާވަރު! ތިޔަ ސްކޫލު ވުޖޫދުވެގެން އައިގޮތާއި މަގު ގެއްލިފައިވާ ކުދި ބަޔަކު މަގަށް އެޅުވުމަށް ޑރ. އަހަންމައި ދީދީ ކުރެއްވި ބުރަ މަަސައްކަތް. އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެން އެކުދިންގެ ތަޢުލީމް ފުރިހަމަ ކޮށްދެއްވުމަށް ކުރެއްވި މިންނެތް މަސައްކަތް. ޑރ. އަހައްމައި ދީދީ އަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި ޢާމީން

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *