ވަރަށް ކުޑައިރުން ފެށިގެންވެސް އަޅުގަނޑު އަޑުއަހާ ވާހަކައެއް އޮވެއެވެ. މީހަކު ލައްވައި ކަމެއް ކުރުވާނަމަ ފުރަތަމަ ތިމާ އެކަމެއް ކުރަން ދަސްކުރާށެވެ. މީހަކަށް ނަސޭހަތެއް ދޭނަމަ، ފުރަތަމަ ތިމާއަކީ އެނަސޭހަތް އަމަލާއި ބަހުން ދައްކާ މީހަކަށް ވާށެވެ. ހަމަ އެހެންމެ ނަފްސާނީ ޢިލްމުވެރިންނާއި މާހިރުން ވިދާޅުވާގޮތުގައި މީހެއްގެ ކިބައިގައި ސިފައެއް އަށަގެންނުވޭނެ އެންމެ ފުރިހަމަގޮތަކީ އެކަމެއްގެ ފުރިހަމަ ނަމޫނާ އެބަޔަކަށް ދައްކައިގެންނެވެ. އަދި އެމީހަކު ލައްވައި ޢަމަލީގޮތުން އެކަމެއް ކުރުވައިގެންނެވެ. އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް ނަމޫނާ ދައްކާބަޔަކަށް އަޅުގަނޑުމެން އެންމެން ވެއްޖެނަމަ އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މުސްތަގުބަލު އުޖާލާވާނެކަމާމެދަކު ޝައްކެއް ނެތެވެ.
މިއަދު އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލުމުން ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން ހަގީގަތުގައިވެސް ވަރަށް ދެރަވާފަހަރު އާދެއެވެ. ހިތުގައި ޖެހެއެވެ. އަދި ބައެއްފަހަރު އެކަންކަމާމެދު އަމިއްލަ ނަފްސާ ސުވާލު ކުރެވެއެވެ. ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެންގެ ތެރޭގައި ހުރި ރަނގަޅުނޫން ކަންތައްތަކުގެ ސަބަބުންނެވެ. އެކަންތައްތައް އެގޮތަށް މެދުވެރިވާންވީ ސަބަބު ނުވިސްނޭތީއެވެ. ނުވަތަ އެކަންތައްތައް އެގޮތަށް ވެގެން ނުވާނެކަމަށް އަމިއްލަ ޟަމީރު ޤަބޫލުކުރާތީއެވެ. ވަކީން ބޮޑަށް ދެރަވަނީ މުޖުތަމައުގެ ގިނަ ބަޔަކު މިފަދަ އެއްވެސް ކަމަކަށް ސަމާލުކަން ނުދޭތީއެވެ. ގިނަ ބަޔަކު ދެކެނީ އެއީ ތިމާމެންނާ ނުބެހޭ ކަމެއްގެ ގޮތުގައެވެ. ތިމާއާ ނުބެހޭ ކަންކަމާ ކާޅުކެޔަސް ސޮއް ނުގޮވާށޭ ބުނެ އުޅޭ ބީދައިން އެކަންކަމާ އަޅާލަން ބޭނުން ނުވަނީއެވެ. ނަމަވެސް ސުވާލަކީ މިފަދަ ކަންކަމާމެދު މިގޮތަށް ދެކި، ކަހާތަން ހިރުވައިވެސްނުލައި މިހެން ތިބެވެން އެބަ އޮތްބާވައެވެ؟
އާދޭހެވެ! އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ކޮންމެ އިންސާނަކީވެސް ތަފާތު މީހެކެވެ. އެކިއެކި ކަންކަމާމެދު އެކި މީހުން ވިސްނާގޮތްވެސް ތަފާތުވާނެއެވެ. ނަމަވެސް ޤަބޫލުކުރަންވީ ޙަޤީޤަތަކީ އަޅުގަނޑުމެންނަކީ ދިވެހިންކަމެވެ. ޚާއްޞަކޮށް މުސްލިމުންކަމެވެ. އަޅުގަނޑުމެންގެ ޘަޤާފަތާއި އާދަކާދައިގެ އެއްވެސްކަމެއް ދީނުގެ އުސޫލަކާ ފުށުއަރައިގެން ނުވާނެއެވެ. ނަމަވެސް ހިތާމައަކީ ފެންނަ މަންޒަރުތައް ތަފާތުކަމެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީއިރުވެސް، އަދި އެއް މިސްކިތަކަށް ގޮސް އެއް ޖަމާޢަތެއްގައި ނަމާދުކުރާއިރުވެސް، އެކަކު އަނެކަކާމެދު ދެކޭގޮތް ތަފާތެވެ. މިހެން މިދެންނެވީ އެއް ޖަމާއަތަކުން ނިމިގެން ދާއިރުވެސް ބައެއް ބޭފުޅުންނަށް ސަލާމްކޮށްލުމަށް އަތް ދިއްކޮށްލެވެނީ ވެސް ވަކި ވައްތަރެއްގެ ބަޔަކާ ދިމާއަށްކަމަށްވާތީއެވެ. ވަކި ސިފަތަކެއް ހުންނަ މީހުންނާ ދިމާއަށްކަމަށް ފާހަގަވާތީވެސް މެއެވެ. އެހެންނަމަވެސް ސަލާމްކުރުމުގައި " އައްސަލާމް ޢަލައިކުން ވަރަޙްމަތުﷲ " މިނޫން ކަލިމައެއް ބޭނުންކުރެވޭތޯއެވެ؟ ވީއިރު، މިދެބައިމީހުންގެ މެދުގައި މިވަނީ ކޮންފަދަ ދުރުކަމެއްތޯއެވެ؟
މިސްކިތްތަކުގެ ވާހަކައާއި ހަމައިން އަޅުގަނޑަށް ފެންނަ، ވަރަށް ހިތާމަވެރި އަދި އެހާމެ ދެރަވާ މަންޒަރެއްގެ ވާހަކަވެސް ދަންނަވާލާ ހިތްވެއެވެ. މިސްކިތްތަކަށް ނަމާދަށް ބައެއް ކުދިންގެ އަމަލުތައް ހުންނަ ގޮތުން ބައެއްފަހަރު ވަރަށް ދެރަވެއެވެ. މާދަން ގައުމުގެ ހުރިހައި ދިމާއަކުން، އިސް މަގާމުތަކުން ފެންނަންތިބި ކުދިންގެ ފަރާތުން ފެންނަ މަންޒަރުން "ހިރުވާތަން ހިރުވާން ދޫކޮށްލައިގެން ހުންނަން" އުނދަގޫވެއެވެ. ކޮއްކޮމެންނޭ ތިހެން ނުތިބެ އަވަހަށް ޖަމާޢަތުގައި ބައިވެރިވާށޭ ބުނެވެއެވެ. މިސްކިތްތަކަށް ނަމާދަށް ދާ ބައެއް ކުދިން، ވުޟޫކުރާ ސަރަހައްދުގައި ފެންކުޅި ކުޅެލަން ތިބޭ މަންޒަރަކީ ގިނައިން ފެންނަ މަންޒަރެކެވެ. އެއްކުއްޖެއް ފޯނު ނަގައިގެން ދެންތިބި ކުދިންނަށް ކޮންމެވެސް އެއްޗެއް ދައްކައި ހީ ސަކަރާތުގައި ތިބޭ މަންޒަރަކީ އަދި މާގިނައިން ފެންނަ މަންޒަރެކެވެ. އެކަމަކު އެއަށްވުރެވެސް އަޅުގަނޑުގެ ހިތަށް އަސަރުކުރުވާ އެހެންކަމެއް ފެނެއެވެ. އާދޭހެވެ. ނޫކަށި ފުރައިގެ ޒުވާނުންގެ ބޯހަރުކަމުން އެފަދަ ގޮތަކަށް އުޅެވެސް ފާނެއެވެ. އެހެންނަމަވެސް ދެވަން ފުރައިގެ ޒުވާނުންވެސް އެފަދަ ގޮތަކަށް އުޅެނީކީ މަދަކުންނޫނެވެ. ވަކީން ޚާއްޞަކޮށް ހުކުރު ނަމާދަށް މިސްކިތްތަކަށް ދާ ބޭފުޅުން މިސްކިތްތަކަށް ނާރާ، ހިޔާކޮޅުކޮޅު ހޯދައިގެން މިސްކިތުގެ އަޑު އިވޭ ހިސާބު ދުރުގައި ތިބޭ މަންޒަރަކީ ވަރަށް އާންމު މަންޒަރެކެވެ. ސިނގިރޭޓެއް ނުވަތަ 'ޕޮޑެއް' ތުނބުގައި ޖަހައިގެން ގުރޫޕު ވާހަކައެއްގައި ނުވަތަ އެކަނި ނަމަ ފޯނާ ކުޅެލަން ތިބޭއިރު، އިމާމް މީހާ ހުކުރު ޚުތުބާގައި ކިޔަނީ ކޮންއެއްޗެއްތޯ އަޑު އަހާލުމުގެ މާބޮޑު ޝައުގެއް ހުންނަ ތަނެއް ނުފެނެއެވެ. މިފަދަ ކަންކަން މިއަދުގެ ކިޔަވާކުދިންގެ ކިބައިންވެސް ފެންނަމުން ދެއެވެ. އެފަދަ ކުދިންނަކީ މިޤައުމު ފަޚުރުވެރިވާފަދަ ކުދިންނޭ ކިޔޭނެތޯއެވެ؟
އަދިވެސް ހަމަ އަޅުގަނޑަށް ފެންނަ ވަރަށް ހިތާމަވެރި މަންޒަރެއްގެ ވާހަކަ ދަންނަވާލާ ހިތްވެއެވެ. މި ކާރުބާރޫ ބޮޑު މާލޭގެ މަގުތަކުގައި އަޅުގަނޑުމެން ހިނގާބިނގާވެ އުޅޭއިރު، އަމުދުން މަގުމަތީ ފުރިބާރުވަންދެން ދުއްވާއެއްޗިހި އުޅޭއިރު، ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ޓުރެފިކު ޤަވާޢިދުތަކަށް ސަމާލު ވެވެނީ ކިހައިވަރަކަށްތޯއެވެ؟ ބޮއި ހުސްކޮށްލާ ދަޅު ފުޅިއާއި ކަނޑާފައި އެއްލައިލެވޭ ސުޕާރީ ޕެކެޓުތައް މަގުމައްޗަށް އެއްލާލާއިރު އެމަންޒަރު ބަލަން ގާތުގައި ތިމާގެ ދަރިފުޅު ނުވަތަ ކޮއްކޮ ހުރިއިރު އެކުދިން ބޮޑުވެގެން އަންނައިރު އެކުދިންނަށް ދަސްވާނީ ކޮންއެއްޗެއްތޯ އަޅުގަނޑުމެންނަށް ވިސްނާލެވޭތޯއެވެ؟ އަޅުގަނޑުމެންގެ ކިޔަވާކުދިންނަށްވެސް މަގުހިނގާއިރު ދުވާރު ބޭނުންކުރެވެނީ ވަރަށް މަދު ފަހަރަކު އެވެ. އަދި މަގު ހުރަސްކުރުމަށް ކަފިހި ހުރަސް ބޭނުންކުރެވެނީ އަމުން މާމަދުންނެވެ. މިފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން ހިތާމަވެރި ކަންކަންވެސް ހިނގާފައި އެބަހުއްޓެވެ.
އަޅުގަނޑުމެން އަޑުއަހަމުއެވެ. ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް އޮންނާނީ ކައްޗަށެވެ. މިއީ މުސްކުޅި ހަރުބަހަކަސް މިއީ މުސްކުޅިވުމެއް ނެތް ޢިބުރަތް ހާޞިލުކުރަން ޖެހޭވަރުގެ މާނަފުން ބަހެކެވެ. ދަރިންނަށް ހެވާއި ނުބައި ދަސްކޮށްދޭން ފެށުމުގެ ކުރިން ތިމާއަށް ހެވާއި ނުބައި ވަކިވާންޖެހެއެވެ. ނޫންނަމަ ފެންފުރޭނީ ފޫނެއްފަޔަކަށެވެ. އެއިރު ވަގުތު އޮންނާނީ ފާއިތުވެފައެވެ. ވީއިރު، ތިމާއަކީ ހުރިހައި ގޮތަކުންވެސް ރަނގަޅު ނަމޫނާއަކަށްވުން ބުއްދިވެރިއެވެ. ނަމޫނާ ދައްކައިގެން މެނުވީ ނަމޫނާ ކުދިބަޔަކުވެސް އުފެއްދުމަކީ ނާދިރުކަމެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ނަމޫނާ ދައްކާ ބަޔަކަށްވަމާތޯ.