- މަޢުލޫމާތު ހޯދައި، ޕޮއިންޓު ނޯޓު ކުރުން :
( ކުރީގެ އަދަދާ ގުޅޭ ) – ބަޔަކާ މުޚާޠަބުކޮށް، ވާހަކަ ދައްކަނީ ކޮންމެވެސް މައުޟޫޢަކަށެވެ. މުހިންމު ކަންކަމާމެދުގައެވެ. އެހެން ކަމަށް ވާނަމަ، އެ މައުޟޫޢަކީ ކޮބައިހެއްޔެވެ؟ ނޫނީ އެ މުހިންމުވީ ކަމަކީ ކޮބައި ހެއްޔެވެ؟
ކަމެކޭ މި ބުނެވެނީ، މިސާލަކަށް ސްކޫލެއްގެ ޕްރިންސިޕަލް ދަރިވަރުންނާ ބައްދަލުކޮށް ދައްކާވާހަކަ، ނުވަތަ ރަށެއްގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިޔާ މާބަނޑު އަންހެނުންނާ ބައްދަލުކޮށް ދައްކާވާހަކަ، ނުވަތަ ރައްޔިތުން އެއްކޮށްގެން ކައުންސިލްގެ ރައީސް ކޮންމެވެސް ކަމަކާބެހޭ ގޮތުން ދައްކާ ވާހަކަފަދަ، ވާހަކަ ތަކަށެވެ.
ކައުންސިލްގެ ރައީސްގެ ވާހަކައަށް ބަލައިލާނަމަ، ފަހަރުގައި އެއީ، ރަށް ސާފުކޮށް، ރީތިކޮށް ބޭއްވުމަށްޓަކައި، އަވަށް އަވަށުގެ އަންހެނުންގެ އެހީތެރިކަން ހޯދުމަށް ކަމަށް ވެދާނެއެވެ. ނޫނީ ރަށުގައި ނަރުދަމާގެ މަޝްރޫޢެއް ނުވަތަ ބަނދަރުގެ މަޝްރޫޢެއް ފެށޭތީ، ރައްޔިތުންނަށް އެކަން އަންގައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދުން ކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް، މިއިން ކޮންމެ ކަމަކަށް ވީނަމަވެސް، އެ ވާހަކަ ދައްކަނީ ކޮންމެވެސް މައުޟޫޢަކަށެވެ. އަދި އެ މައުޟޫގައި ވާހަކަ ދައްކަމުން ގެންދާއިރު، ރައްޔިތުންނަށް އެކަމެއްގެ މަޢުލޫމާތުވެސް ދެމުން ގެންދާނެއެވެ.

މިސާލަކަށް ކައުންސިލްގެ ރައީސް، ރައްޔިތުންނާއި ވާހަކަ ދައްކަނީ ބަނދަރު ހެދުމުގެ މަޝްރޫޢު ފެށޭތީ ، އެކަމާ ބެހޭ ގޮތުންނެވެ. އެހެން ކަމަށް ވާނަމަ، މަޝްރޫޢު ފެށެނީ ކޮން ދުވަހެއްގައި ކަމާއި، ރަސްމިއްޔާތެއް ބޭއްވޭނަމަ، އެއި ކިހާ ކުލަގަދަ ގޮތެއްގައި ބާއްވަން ބޭނުންވާ ރަސްމިއްޔާތެއް ކަމާއި، ޝަރަފުވެރި މެހުމާނަކީ ކޮބައިކަމާއި، ރަސްމިއްޔާތުގައި ބައިވެރިވާ މެހުމާނުންނަކީ، ކޮބައިކަން ކިޔައިދޭނެއެވެ.
އަދި މި މަޝްރޫޢު ނިމޭނީ ކިހާތާކު ކަމާއި، މިއީ، ރަށުގެ ކޮން ދިމާއެއްގައި ހެދޭ ބަނދަރެއްކަމާއި، ބަނދަރުގެ ބޮޑު މިނަކީ ކިހާ ވަރެއް ކަމާއި، ބޭރުތޮށި ލާނެކަމާއި، އެއީ ބޮޑު ހިލަ ޖަހައިގެންލާ ތޮއްޓެއްނަމަ، އެވާހަކައާއި، ވާޓަރު ހެދުމުގައި ރައްޔިތުންގެ ޙިއްސާއެއް އޮތް ނަމަ، އެވާހަކަ އެއްވެސް ބުނާނެއެވެ.
އަދި މިނޫން ޚާއްސަ ކަމެއް އޮޅުން ފިލުވައި ދިނުމުގެ ގޮތުން، ނުވަތަ ރައްޔިތުންގެ އެހީތެރިކަމަށް އެދުމުގެ ގޮތުން އޮތްނަމަ، އެވާހަކައެއްވެސް ބުނާނެއެވެ.
މިދެންނެވި ވާހަކަތަކުން ވެސް، އެނގި ހާމަވަނީ، ކައުންސިލްގެ ރައީސް އެ ކަމާބެހޭ ގޮތުން މަޢުލޫމާތު ހޯދައިފައި އޮތް ކަމެވެ. މަޢުލޫމާތަކީ، ވާހަކަ ދައްކާ މީހާއަށް މުހިންމު އެއްޗެއްކަމެވެ. މަޢުލޫމާތު ނެތި ވާހަކަ ނުދެއްކޭނެ ކަމެވެ. މިތާނގައި، ކައުންސިލްގެ ރައީސް، ރައްޔިތުންނާ ބައްދަލުކުރާއިރު، މިތާނގައި ކިޔައިދެމުން މި ގެންދާ މަޢުލޫމާތަކީ، ކައުންސިލްގެ ރައީސް، ހޯދައި ލިބިގަންނަން މުހިންމު މަޢުލޫމާތެއް ކަން އެބަ އެނގެއެވެ. ހަމަ އެހެންމެ އެ ވާހަކަތައް ދައްކަމުން އެ ގެންދިޔައީވެސް ތަރުތީބުންނެވެ. އެންމެ ފުރަތަމަ އެ ދިނީ، މައުޟޫގެ ޚަބަރެވެ. "ބަނދަރުގެ މަޝްރޫޢު ފެށެނީ" އެވެ. ދެން އެއަށްފަހު، ކަމާ ގުޅުންހުރި މުހިންމު ޕޮއިންޓު ތަކެވެ. އެ ވާހަކަތައް އެ ކިޔައިދެނީ ޕޮއިންޓުތައް ތަރުތީބު ކޮށްގެންނެވެ. އެހެން ނޫންނަމަ، ބޭރު ތޮށީގެ ވާހަކަތަކާއި، ވާޓަރުގެ ވާހަކަ އެންމެ ފަހަތަކަށް ނުގެނައީހެވެ. ތަރުތީބެއް ނެތްނަމަ، އެ ވާހަކަތައް އޮތީހީ ވާހަކައިގެ އެންމެ ކުރީގައެވެ. ( ނުނިމޭ )