ބުރާސްފަތި, 17 އޭޕްރިލް 2025

ގްރޭޑް 7-8 ގެ ދަރިވަރުންނަށް ކިޔަވައިދިނުންވެސް އޮންލައިންކޮށް

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް މިއަދުން ފެށިގެން ހަމައެކަނި އޮންލައިން ކޮށް ކިޔަވައިދޭ ގޮތަށް ނިންމައިފިއެވެ.  އޮންލައިން ކޮށް ގަޑިތައް ނެގުމަށް ނިންމީ އެޑިޔުކޭޝަން މިނިސްޓްރީއިން ރޭގައި ކޮށްފައިވާ އިއުލާނަކާ ގުޅިގެންނެވެ. އެ އިއުލާން ގައި ބުނެފައިވަނީ، މިދުވަސްވަރު ކޯވިޑް 19 ގެ ކޭސްތައް މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއެކު މިހާރު އެޅިފައިވާ ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ މިވަގުތު ބަލި ފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގެ އެދުމުގެ މަތިން ކުރިއަށްއޮތް 2 ހަފްތާއަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭޖީ އިން ފެށިގެން ގްރޭޑް 8 އެއްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމުގައެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ އާސިމް ވިދާޅުވީ ހަމަ މިއަދުން ފެށިގެން ގްރޭޑް 7-8 އަށް އޮންލައިންކޮށް ކިޔަވައިދިނުމަށް ޕްރިންސިޕަލް ނިންމަވައިފި ކަމުގައެވެ. އެހެން ނަމަވެސް ގްރޭޑް 9-10 ގެ ގަޑިތައް ގަވައިދުން ކުރިއަށް ގެންދާނެ ކަމުގައެވެ.

ގްރޭޑް 7-8 އަށް ކިޔަވައިދޭ ގަޑިތައް ރޭގެ ވަގުތެއްގައިވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް އެންގިފައެވެ. ތާވަލުގައިވާ ގޮތުން ހެނދުނު 8:00 އިން ފެށިގެން 12:45 ވަންދެން އޮންލައިން ކުލާސްތައް ކުރިއަށް ދާނެއެވެ. ކޮންމެ ކުލާހަކަށްވެސް 45 މިނިޓްގެ 5 ޕީރިއަޑް ކިޔަވައިދޭނެއެވެ.

މީގެ 2 ހަފްތާކުރިންފެށިގެން ގްރޭޑް 1 އިން 6 ގެ ދަރިވަރުންނަށް އޮންލައިންކޮށް އަޙްމަދިއްޔާގައިދަނީ ކިޔަވައިދެމުންނެވެ. ހެނދުނު ދަންފަޅީގައި ހުރިހާ އަންހެން ދަރިވަރުން ކިޔަވަމުންދާއިރު މެންދުރުފަހުގެ ދަންފަޅީގައި ކިޔަވައިދެމުން ދަނީ ފިރިހެން ދަރިވަރުންނަށެވެ. ހަމަ މިގޮތަށް ކުރިއަށް އޮތް 2 ހަފްތާގައިވެސް ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *