އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 9 އޭ ގައި ތައުލީމް ހާސިލްކުރަމުންދާ އީމާ ޝަރީފަކީ ހުނަރުވެރި، މޮޅު ކުރެހުންތެރިއެއްކަން އޭނާ އެ ވަނީ ސާބިތުކޮށްދީފައެވެ. މިދިޔަ އަހަރު ބޭއްވި އަންވެއިލިންގ ވިޝަންގެ ކުރެހުމުގެ ބައިން އެންމެ މޮޅު ކުރެހުމަކަށް ހޮވުނީ ޗާކޯލް ފަންސޫރުން ނިކަން ޗާލުކޮށް އޭނާ ކުރަހާލި ރިފްލެކްޓެވެ. މި ކުރެހުމުގެ ވާހަކަ އިހަށް ފަހަށް ބާއްވާފައި އީމާއަށް ކުރެހުމުގެ ތެރެއަށް ވަދެވުނު ގޮތް ބަލައިލަމާ ހިނގާށެވެ.

އީމާ ބުނާ ގޮތުން އޭނާ ކުރެހުމުގެ ފަންނަށް ޝައުގުވެރިކަން އުފެދި އެއަށް ހިތްޖެހުނީ އުމުރުން އެންމެ 4 އަހަރުގައި އޭރުގެ އަޙްމަދިއްޔާ ސްކޫލްގެ ނާސަރީގައި އުޅުނު އިރު، އޭނާގެ ދޮންބެ އާއި ދޮންތަމެން ކުރަހާތަން ފެނިގެންނެވެ. އެހެން ނަމަވެސް ކުރެހުމުގެ ތެރެއަށް މުޅިން ވަދެވުނީ ގްރޭޑް 6 ގައި އުޅެނިކޮށެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މެދުކެނޑުމެއްނެތި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުން އީމާގެ ހުނަރު ކުރިއެރުވުމަށް އެހީތެރިވަމުންދާކަން އީމާ ޝުކުރުވެރިކަމާ އެކު ފާހަގަކުރިއެވެ.
"މި ސްކޫލުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް އަބަދުވެސް އަޅުގަނޑަށް ލިބޭ. އަޅުގަނޑުގެ މި ހުނަރު ކުރިއަރުވަން ސްކޫލުން ވަރަށް ވަރަށް މަސައްކަތްކޮށްދޭ. އަސްލު ހުރިހާ ފުރުސަތެއް ލިބުމަށް މަގުފަހިވީ އާރޓް ޓީޗަރ ސިދާތު ސަރގެ ފަރާތުން. އަލިބެ ސަރ ވެސް ވަރަށް އެހީތެރިކަން ފޯރުކޮށްދޭ"، ބޮޑު ހިނިތުންވުމަކާ އެކު އީމާ ކިޔައިދިނެވެ. "އީމާ ވަރަށް ފާހަގަކުރާ ކަމެއް ޔޫއެންޑީޕީން 2019 ވަނަ އަހަރު ބޭއްވި އެމީހުންގެ މީޓިންގ އަކަށް ސޭންޑްއާރޓް ތައްޔާރުކުރަން ލިބުނު ފުރުސަތުގަ އީމާއަށް ހުރިހާ ކަމެއް، ސޭންޑް ބޮކްސްދީ، ސޭންޑް ފޯރުކޮށްދީ، އަދި ސޭންޑް ފައިންކޮށްދީ މި ހުރިހާ ކަމެއް ކޮށްދިނީ ހަމަ ސްކޫލުން. އީމާ ވަރަށް އުފާވި ސްކޫލުން އެހާ ބޮޑު އެއްބާރުލުމެއްދިނީމަ. ވަރަށް ބޮޑަށް ޝުކުރުވެރިވަން."
އިމާ ބުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ކިޔަވައިދިނުމުގައި ނަމޫނާ ދެއްކުމުގެ އިތުރުން، ދަރިވަރުންގެ ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ފައްކާކޮށްދިނުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ސްކޫލެއް ކަމަށެވެ.

އީމާ ވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 2019 ވަނަ އަހަރުގެ ސެކަންޑްރީ ދަރިވަރުންގެ ގްރެޖުއޭޝަން އަށް ވެސް ނިކަން ޗާލު ސޭންޑް އާރޓެއް ތައްޔާރުކޮށްދީ ސްކޫލް ހިނިތުންކުރުވާފައެވެ. ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ތީމްއަކަށް ހެދި، މި ސޭންޑްއާރޓަކީ ވެސް އެ ޙަފްލާއަށް ހާޒިރުވި، އަދި ދުރާއި ގާތުން އެ ހަފްލާ ބެލި ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ، ގިނަ ބައެއްގެ ތަޢުރީފް ލިބުނު ކުރެހުމެކެވެ. މިވަރަކުން އީމާ އަދި ނިންމާލީކީ ނޫނެވެ. 2009 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ސްކޫލް ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ ރީތި ތަސްވީރެއް، ކޮފީ ބޭނުންކޮށްގެން ތައްޔާރުކޮށް، އީމާ ވަނީ ގިނަ ބަޔަކު ހައިރާންކުރުވާފައެވެ. އަދި އެތަސްވީރުވަނީ އެޖަލްސާގައި ރައީސް ނަޝީދަށް އަރުވާފައެވެ.

އީމާ ބުނީ ގްރޭޑް 6 އިން ފެށިގެން ކާޓޫނު ކުރަހަމުން ގޮސް އެންމެ ފުރަތަމަ ޕޯޓްރެއިޓެއް ކުރެހީ ރައްޓެއްސަކު ބުނެގެން ކަމަށާއި، އެ ފަހަރު ކުރެހީ "ވަންޑައިރެކްޝަން"ގެ ލަވަކިޔުންތެރިއެއް ކަމަށެވެ.

"2 ގަޑިއިރުގެ މަސައްކަތް އެއީ. ކުޑަކުޑަ ޕެންސިލް ސްކެޗެއް. ޕެންސިލް ސްކެޗް ރަނގަޅުވި ފަހުން ޗާކޯލްއަށް ބަދަލުކުރީ. އީމާ ބޭނުން ވަނީ ހުރިހާ މީޑިއަމެއް ބޭނުންކުރަން. އޮއިލް ޕެއިންޓް އަދި ޓްރައިއެއް ނުކުރަން."، އެންމެ ފުރަތަމަ ކުރެހި ޕެންސިލް ސްކެޗްގެ ވާހަކަދައްކަމުން ގޮސް އީމާ ބުންޏެވެ.

މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ ވެބް ޕޭޖުން ހޮވާ އާރޓިސްޓް އޮފް ދަ މަންތުގެ ލަގަބު ވެސް ހޯދާފައިވާ އީމާއަށް، މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ 2020 ވަނަ އަހަރު ބޭއްވި "އަންވެއިލިންގ ވިޝަންސް"ގެ ކުރެހުމުގެ ބައިން "މޮސްޓް ވައިބްރަންޓް އާރޓިސްޓް"ގެ ޝަރަފްވެރި މަގާމް ޙާޞިލްކުރެވުމެވެ. އެއީ ރ. އަލިފުށީ ދޮށީ އުމުރުގެ އަންހެނެއްގެ ފޮޓޯއެއް އަސްލަކަށް ބަލައިގެން، އެ ފޮޓޯގައިވާ ކޮންމެ ބަނޑިއަކަށް ބަނޑިއެއް، އަދި އެ ދައްތަގެ މޫނުގައިވާ ކޮންމެ ރުލަކަށް ރުލެއް ގެނެސްދީ ނިކަން ނަލަކޮށް ޗާކޯލް ފަންސޫރުން، އުމުރުން އެންމެ 17 އަހަރުގެ އީމާ ކުރަހާފައިވާ، ގިނަ ބަޔަކު އާޝޯޚްކޮށްލި ހިތްގައިމު ރީތި ތަސްވީރެކެވެ.

އީމާ ބުނީ ސޭންޑް އާރޓް ދަސްކޮށްދިނީ ކުރެހުންތެރިޔާ އިއްފަ ކަމަށާއި، "އަންވެއިލިންގ ވިޝަންސް" ބާއްވާކަން ވެސް އެނގުނީ އިއްފަގެ ފަރާތުން ކަމަށެވެ. އަމިއްލައަށް އެ މައުރަޒުގައި ބައިވެރިވީ ވަނައަކަށް އުއްމީދުކޮށްގެން ނޫން ކަމަށް އީމާ ބުންޏެވެ.

މިހުނަރުވެރި ދަރިވަރުގެ ހުވަފެންތައް ވެސް ނިކަން ބޮޑެވެ. "އެންމެ ދެކެން ބޭނުން ވަނީ ފައިބަރ ރިއަލިޒަމް މުޅިން ދަސްކޮށް، އެހެން ކުދިންނަށް އާރޓް ދަސްކޮށްދީ، އަމިއްލަ އެގްޒިބިޝަން ބޭއްވޭނެ ދުވަހެއް. ޒުވާނުންގެ ގައުމީ އިނާމާއި އެފަދަ ޝަރަފުވެރި އެހެން އިނާމްތައް ލިބުމަކީ ވެސް ވަރަށް އުއްމީދުކުރާ ކަމެއް." އީމާ ބުންޏެވެ.

އީމާގެ ހުނަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެކަޑަމިކް ސްޕަވައިޒަރު އަލީ އާދަމް (އަލިބެ ސަރ) ވިދާޅުވީ އީމާގެ ހުނަރު ފުރަތަމަ ފާހަގަވީ އޭނާ ކުރަހާފައިވާ ކޮފީ ޕެއިންޓެއް ފެނިގެން ކަމަށާއި، އީމާގެ އެ އާދަޔާ ޚިލާފު މޮޅު ހުނަރު ކުރިއަރުވަން މަސައްކަތް ފެށީ އެހާ ހިސާބުން ފެށިގެން ކަމަށެވެ.

" ކޮފީ ޕެއިންޓެއް ފެނިގެން ފުރަތަމަ އީމާގެ ހުނަރުވެރިކަން ފާހަގަވީ. އެއީ އަދި ރައީސް ނަޝީދާ، ޕްރިންސިޕަލްގެ ފޮޓޯއެއް ނޫން. އޭގެ ފަހުން އީމާ ގެނެސް އީމާ ބައިންދައިގެން ކުރެހީ ރައީސް ނަޝީދާ ޕްރިންސިޕަލްގެ ކޮފީ ޕެއިންޓް. ގްރެޖުއޭޝަންގެ ސޭންޑް އާރޓް އަކީ ވެސް އީމާގެ ވަރަށް ފުރިހަމަ މަސައްކަތެއް. މީހުންނަށް ވަރަށް ކަމުދިޔަ މަސައްކަތެއް އެއީ." އަލިބެ ސަރ ވިދާޅުވިއެވެ.
" އީމާ ފާހަގަކުރެވެނީ ބަސްއަހާ، ކިޔަމަންތެރި އަދި ވަރަށް ގަޑިއަށް ފަރުވާތެރި ކަމަށް ކަމޭހިތާ ދަރިވަރެއްގެ ގޮތުގަ. އީމާއާ ހަވާލުކުރާ ކޮންމެ ކަމެއް ވެސް ހީވެސް ނުކުރާހާ ފުރިހަމައަށް އޭނާ ނިންމާކަން ވަރަށް ފާހަގަކުރެވުނު. އިރާދަކުރެއްވިއްޔާ ސްކޫލުން މިތިބީ އީމާގެ ވެސް އަދި އެހެން ދަރިވަރުންގެ ވެސް ހުނަރު ކުރިއެރުވުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް." އަލިބެ ސަރ
އަޙްމަދިއްޔާއެކޭ އެއްފަދައިން އީމާގެ އާއިލާއިން ވެސް ތިބީ އީމާއާ މެދު އިމެއްނެތްހާ ފަޚުރުވެރިވެފައެވެ. "އީމާ އަކީ މަޑުމައިތިރި ބަސްމަދު ކުއްޖެއް. އެހެނަސް ކުރެހުމުގެ ހުނަރުން މުޅި އާއިލާ އަށް ފަޚުރުވެރިކަން ގެނުވައިފި." އީމާއާ ބެހޭ ގޮތުން އޭނާގެ ދޮންތަ، ފާތުމަތު ޝަރީފް ބުންޏެވެ.

އަޅުގަނޑުމެން އެދެނީ އީމާގެ މި ހުވަފެންތަކުގައި ކުލަޖެހުމުގެ ހެޔޮ ތައުފީޤް މާތް ﷲ މިންވަރުކުރެއްވުމެވެ. އަލިބެ ސަރ ވިދާޅުވި ފަދައިން އީމާގެ ހުނަރުކުރިއަރުވައި އިތުރަށް ފައްކާކުރުމަށް ސްކޫލުން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް، ކުރިޔަށް އޮތްތާނގައި ވެސް ލިބޭނޭ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
4 Responses
އަލިބެ ފެނުނީމާ ބޮޑު ހިނިތުން ވުމަކާއެކު……….?
ވަރަށްމޮޅު ވަރަށް ފުރިހަމަ ލިޔުމެއް. ރާމިޒުސަރގެ ލިޔުންތައް ވަރަށް ކިޔާހިތްވޭ. ރިޕޯޓް ގެނެސްދީފައިވާގޮތް އެހާހިތްގައިމު.
އީމާ ޝަރީފުގެ ހުނަރު މިޔަށްވުރެ ކުރިއަށް އޮތްތަނުގާ ފުރިހަމަވެ އުޖާލާ ވާނޭ ކަމަށް އުންމީދު ކުރަން…
ވަރަށް ޝައުގުވެރި އާޓިކަލެއް👏
(ކުޑަކުޑަ އީމާޝަރީފަށް ފަށްފަށުން ތަހުނިޔާ އާއި ޝުކުރު ރައްދު ކުރަން (ބައްޕަޝަރީފު އަދި މަންމަ ޝަރީފާ)