ދިރިއުޅުމުގައި އަމާޒެއް ކަނޑައެޅުމަކީ ބޭނުންތެރި ކަމެއް ހެއްޔެވެ؟

ހަނދާނަށް އަންނަނީ ސުކޫލުގައި ކިޔަވަން އުޅުނުއިރު ވަރަށް ގިނައިން ތަކުރާރުކޮށް އެސެމްބްލީގައި ލީޑިންގ ޓީޗަރަކު ބުނެދެއްވާ ވާހަކައެއްގެ މަތިންނެވެ. އެއީ " ދޫނި ލޮލަށް ދުނި ޖަހާ ވާހަކަ " އެވެ. އޭރު އެ ވާހަކައަކީ ޖޯކު ވާހަކައެކެވެ. އަބަދު އެއް ވާހަކައެއް ތަކުރާރުކޮށް އެހެން ބުނެދެއްވުމުގައި ހިކުމަތެއް ވާކަން އިހުސާސު ކުރެވެނީ މިއަދެވެ. އެއީ އެ ވާހަކައިން ބުނެދޭ ފިލާވަޅަކީ ކޮންމެ މީހެއްގެ މުޅި ދިރިއުޅުމުގައިވެސް ބޭނުންތެރި ފިލާވަޅަކަށްވަތީއެވެ.

އެ ވާހަކައަށް ކުރުކޮށް ބަލާލަމާ ހިނގާށެވެ. އަމާޒަށް ދުނި ޖަހަން ދަސްކުރުމަށްޓަކައި 3 ކުއްޖަކު އެކަމުގެ މާހިރެއްގެ ގާތަށް ދިޔައެވެ. އެކަމުގެ އެންމެހާ ހުނަރުތައް އެމާހިރު ގާތުން އުނގެނި ދަސްކުރުމަށްފަހު އެމާހިރާއެކު އަމަލީ މައިދާނަށް ދުނި ޖެހުމަށް އެތިން ކުދިން ނުކުތެވެ. ފުރަތަމަ ކުއްޖާ ދުނި ޖަހަން ތައްޔާރުވުމުން އެކުއްޖާއަށް ފެންނަނީ ކޮން ތަނެއްތޯ އެމާހިރު ސުވާލުކުރިއެވެ. ޖަވާބުގައި ގަސްތަކާއި ދޫނި ފެންނަ ކަމަށް ބުންޏެވެ. ދެވަނަ ކުއްޖާއަށް އެސުވާލު ކުރުމުން ފެންނަނީ ދޫންޏާއި އެދޫނި އިން އޮފިގަނޑުކަމަށް ބުނެއެވެ. ތިންވަނަ ކުއްޖާއަށްވެސް ހަމަ އެސުވާލު ކުރެވުނެވެ. އެކުއްޖާއަށް ފެންނަނީ ހަމައެކަނި ދޫނީގެ ލޯ ކަމަށް ބުނެ ޖަވާބު ދިނެވެ. ތިންވަނަ ކުއްޖާގެ ޖަވާބު އަޑުއަހާފައި ހިނިތުންވުމާއިއެކު "އާއެކޭ" ބުނާފަދަ ގޮތަކަށް ބޯ ޖަހާލިއެވެ.

2018 ވަނަ އަހަރު ގްރޭޑް 10ގެ ދަރިވަރުންނަށް ހިންގި ދިވެހި ކޭންޕު ގައި އަނިލް ސަރ ދިވެހި ފިލާވަޅެއް ނަންގަވައިދެއްވަނީ… ފޮޓޯ: ހަރުޝާ

އެއަށްފަހު އެތިން ކުދިންނަށް ވަރަށް އަގުހުރި ނަސޭހަތެއް ދެއްވިއެވެ. ކަމެއް ހާސިލުކުރަން އެދޭނަމަ އެހެން ބޭކާރު ކަންކަން ބަލައިގެން ކުރިއަށް ދިޔުން ދަތިވާނެ ކަމަށެވެ. އަމާޒު ހާސިލު ކުރެވޭނީ ހަމައެކަނި އަމާޒު ފެނިގެން ކަމަށެވެ. ތިޔަ 3 ކުދިންނަށްވެސް އޮތީ އެއް އަމާޒެއް ކަމުގައިވީއިރު ތަފާތު ތަންތަން ފެންނަނަމަ އެކަމަށް ހުރި ހުރަސްތައް ގިނަވާނެކަން ހަނދާންކޮށްދެއްވިއެވެ. ތިޔަ 3 ކުދިންނަށްވެސް ދޫނީގެ ލޯ ނޫން އެއްޗެއް މިހާރު ފެނި، އަމާޒުން ކައްސާލައިގެން ކަމަކު ނުދާނެ ކަމަށެވެ. ތިމާގެ މަންޒިލަށް ވާސިލުވުމަށްޓަކައި ތިމާ ހިތްއެދޭ އެތައް ކަމެއް ކުރުމުން މަހުރޫމްވާން ޖެހިދާނެއެވެ. ފަހަރުގައި އެވަގުތު މާ އުފާވެރި ނުވެވެސް ހިނގައިދާނެއެވެ.

ކާމިޔާބު ދިރިއުޅުމެއް ހޯދާފައިވާ މީހުންގެ ދިރިއުޅުމަށް ބަލާއިރު އަމާޒެއް ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ހާމަވެއެވެ. އެގޮތުން މިކުޑަ ދިވެހިރާއްޖެއިންވެސް އެފަދަ ލާމަސީލު މިސާލުތަކެއް ފެންނަން އެބަހުއްޓެވެ. އެއްދުވަސްވަރެއްގައި "ހެލްޕް މުސްތާގު"ގެ ނަމުން މަޝްހޫރުވި ގދ. ތިނަދުއަށް އުފަން އަބްދުﷲ މުސްތާގަކީ އެފަދަ ކާމިޔާބު ފަރާތެއްގެ ގޮތުގައި ފާހަގަކުރަން ޖެހެއެވެ. އެބޭފުޅާ އަބަދުވެސް ދިރިއުޅުމުގައި އަމާޒެއް އޮވެގެން ހިތްވަރާއެކު ކަންކަމާއި ކުރިމަތި ލެއްވިއެވެ. ދިރިއުޅުމުގައި އިންސާނަކަށް ކުރިމަތިވާނެ ވަރަށް ގިނަ ދަތި ހުރަސްތަކާއި އެބޭފުޅާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ހާސިލުކުރައްވަން ބޭނުންފުޅުވި ލަނޑުދަނޑިއަށް ވާސިލުނުވެ އެތައް ފަހަރަކު ސުމަކުން ފައްޓަވަން ޖެހިވަޑައިގަތެވެ. އެހެންނަމަވެސް އެކަންކަމުން ސަލާމަތްވެ ވަޑައިގަތުމަށް މުސްތާގު ހިތްވަރު ކުރެއްވިއެވެ. އެގޮތުން އެބޭފުޅާގެ މަސައްކަތް ވައިގައި ހިފިތާ މާ ގިނަ ދުވަހެއް ނުވަނީސް ވަގުން އެބޭފުޅާގެ މުޅި ދިރިއުޅުން ބިމާ ހަމަކޮށްލިއެވެ. އެފަހަރުވެސް ފަސްބެލުމެއްނެތި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އެމަސައްކަތުގައި ބުރަކޮށް އުޅުއްވަނިކޮށް ބޮޑު ބައްޔެއްގެ ޝިކާރައަކަށްވެ ވަޑައިގަތެވެ. ދެ ކިޑްނީ ފެއިލްވެ ދިރިއުޅުމުގެ އުއްމީދުގެ ހުޅުކޮޅު ކަނިވިއެވެ. އެބޭފުޅާއަށް އެބައްޔަކީ މަރުބަލިކަމުގެ އިހްސާސްވެ، އެންމެ ފަހުގެ ވަސިއްޔަތް ކުރާ މިންވަރަށް ނަފްސު ބަލިކަށިވެ ވަޑައިގަތެވެ. އެހެންނަމަވެސް އެބޭފުޅާ އެއުނދަގޫ ހާލަތާއި ކުރިމަތިލެއްވި ގޮތް އެއީ މި ދިވެހި ފަސްގަނޑުން ފެންނާން އޮތް ދިރިހުރި ފުރިހަމަ މިސާލެކެވެ. އެބޭފުޅާ ބަލިއެނދުން ތެދުވެ ހިތްވަރާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. މިއަދު މުސްތާގުވެވަޑައިގެންފައިވަނީ އެންމެންގެ ތެރޭގައި ވަރަށް މަގުބޫލު ބޭފުޅަކަށެވެ. އެއީ މިއަދު މިދެކޭ އެވިޑް ކޮލެޖްގެ ބާނީއެވެ.

ހަޔަރ ސެކަންޑްރީ ދަރިވަރުން އެސެމްބްލީގައި 2020 ފޮޓޯ: ހަރުޝާ

އާއެކެވެ. "ދޫނި ލޮލަށް ދުނި ޖެހުމުގެ" އެވާހަކައިން ބުނެދޭ ފިލާވަޅު ބަލައިލި ކޮންމެ ދިމާއަކުން ފެންނަމުން އެބަދެއެވެ. އެގޮތުން މަޝްހޫރު ހެރީޕޮޓާގެ ވާހަކަ ލިޔުއްވި ޖޭކޭ ރޯލިންގެ ހަޔާތުން މިކަން ފެނިގެންދެއެވެ. އެގޮތުން އެކަމަނާގެ ހަޔާތުގެ ކުރީކޮޅު ތަފާތު ހިތްދަތި ހާދިސާ ތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެހެންނަމަވެސް ކުޑައިރުން ފެއްޓިގެން ވާހަކަ ލިޔުންތެރިއަކަށްވުމަށް އަޒުމު ކަނޑައަޅައިގެން ކުރެއްވި މަސައްކަތުން އެކަމަނާވަނީ އެފަންނުގައި ދުނިޔެ ހައިރާންކޮށްލާފައެވެ. މީގެ 20 އަހަރު ކުރިން ނެރެފައިވާ ދުނިޔެ ބަދަލުކޮށްލި އިންޤިލާބީ ވާހަކަ "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" ގެ ސަބަބުން ޖޭކޭ ރޯލިން ވަނީ މިލިއަނަރަކަށް ވެފައެވެ. ދޫނި ލޮލަށް ދުނި ޖެހުމުގެ އެވާހަކައިން ބުނެދެނީ އިންސާނާ ކުރާ ކޮންމެ ކަމެއްގައިވެސް އަމާޒެއް އޮތުން ކޮންމެހެން ބޭނުންތެރި ކަމެވެ. އަމާޒެއް ކަނޑައަޅައިގެން މެނުވީ ދިރިއުޅުމުގެ އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމެވެ. ދުނި ޖަހަން ދަސްކޮށްދެއްވާ ފަރާތުން ދޫނީގެ ލޯ ނޫން ތަނެއް ފެނިގެން ނުވާނެކަން ބުނެދެއްވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެހެން ތަނެއް ފެންނަނަމަ ތިމާ ފެއިލްވުން އޮންނާނީ ވަރަށް ކައިރީގައި ކަމަށްވާތީއެވެ. ވަށައިގެންވާ މާހައުލުން ހިތް ނުތަނަވަސް ކުރާ އެތައް ކަމެއް ފެންނާނެއެވެ. އެހެންކަމުން ތިމާ އަމާޒަށް ދިޔުމަށް ހުރަސްއަޅާ ކަންކަމުން ދުރުވާން ޖެހެއެވެ. އަބަދުވެސް ބުއްދީގެ އަހުލުވެރިންގެ ގޮތަކީ ކަމުގެ ހަޤީޤަތާއި ހަމައަށް ވިސްނުން އިސްކޮށް މަސައްކަތް ކުރުމެވެ.

ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު މީހަކަށް ވާން އެދޭނަމަ ކުރަން ޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. އެންމެ މުހިއްމު އެއްކަމަކީ އަމާޒެއް އޮވެގެން މަސައްކަތް ކުރުމެވެ. އަމާޒެއްނެތި މަސައްކަތް ކުރާނަމަ ކުރިމަތިވާ ދަތިތައް އިންތިހާއަށް ގިނަވާނެއެވެ. ކުރިމަތިވާ ގެއްލުންތައް ހާސްތަނުން އިތުރުވާނެއެވެ. އެގޮތުން ތިމާގެ އަގުހުރި ވަގުތުތައް ބޭކާރުވެ، ފަހުން އެކަމާ ހިތާމަ ކުރަން ޖެހުމަކީ ވަރަށް ގާތުގައިވާނެ ކަމެކެވެ. މަންޒިލެއް ނެތި ކުރިއަށްދާ މީހާގެ މިސާލަކީ ހުންގާނެއް ނެތް ދޯންޏެއްގެ މިސާލެވެ. އެހެނީ ހުންގާނެއް ނެތްނަމަ އެ ދޯންޏެއް ކުރިއަކަށް ނުދާނެއެވެ. ޖަހާ ކޮންމެ ރާޅަކާއެކު ކޮންމެވެސް ދިމާލަކަށް ދޯނި އެނބުރިލާނެއެވެ. އަމާޒެއްނެތްނަމަ ހަމަ އެބީދައިން އިންސާނުންނަށްވެސް ކަންތައްތައް ވެގެންދާނެއެވެ. އެހެންކަމުން ތިމާ ކުރިއަށްދާން އެދޭނަމަ ނުވަތަ ތިމާގެ ދިރިއުޅުން އުފާވެރިވާން އެދޭނަމަ އަމާޒެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

 

އެޑިޓަރުގެ ނޯޓު:

މުޙައްމަދު އަނީލް އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2017 އަދި 2018 ވަނަ އަހަރު ގްރޭޑް 10،9އަދި 11އަށް ދިވެހިބަސް ކިޔަވައިދެއްވި މުދައްރިސެކެވެ. އަޙްމަދިއްޔާގައި ކިޔަވައިދެއްވި ދުވަސްވަރުވެސް ތަފާތު ލިޔުންތައް ލިޔުއްވި މޮޅު ލިޔުންތެރިއެކެވެ. އަދި އެ ލިޔުންތައް ދަރިވަރުންނަށް ދޭހައިގެ މަސައްކަތްތަކެއްގެ ގޮތުގައި ދެއްވާފައިވެއެވެ.

4 Responses

  1. ދިރިއުޅުމުގައި އަމާޒެއް ކަނޑައެޅުމަކީ ވަރަށްމުހިއްމު ކަމެއް. ވަރަށް މުހިއްމު ލިޔުމެއް. ވަރަށް ހިތްގައިމު ލިޔުމެއް.

  2. އަނިލް ސަރ އަކީ ވަރަށް މޮޅު ލިޔުންތެރިއެއް. އަދި ވަރަށްމޮޅު ޓީޗަރެއް.

  3. ލިޔުން ވަރަށް ފުރިހަމަ. ގިނަ މައުލޫމާތު ތަކެއް ލިބިއްޖެ. ޝުކުރިއްޔާ ސަރ

  4. އިންސާނާ ދިރިއުޅުމުގައި ކުރާ ކޮންމެކަމެއްގައިވެސް ކާމިޔާބު ވުމަށް އަމާޒެއް އޮެތުމުގެ މުހިއްމުކަން މިލިޔުމުން ހާމަވޭ. ޝުކުރިއްޔާ ސަތ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *