ލަފުޒާ ބެހޭ މި މައުލޫމާތު އެނގޭތަ؟

ބަހަކީ އިންސާނާ އޭނާގެ ހިތުގެ ޝުޢޫރުތައް ހާމަކުރުމަށްޓަކައި ބޭނުންކުރާ ބާރުގަދަ ހަތިޔާރެކެވެ. އިންސާނާ ބޭނުންވާ ޖަޒުބާތާއި، ބޭނުންތަކާއި، ޚިޔާލާއި ޝުޢޫރުތައް ހާމަކޮށްދެނީ މިހަތިޔާރުގެ ވާސިތާއިންނެވެ. މިގޮތުން އިންސާނާ ލައްވާ އަޑުތަކުން ލަފުޒުއުފެދެއެވެ. އެއާއެކު ލަފުޒު އެކުވެގެން އެއިން މައިގަނޑު (ފްރޭޒް) އާއި ބަސްކޯޅި (ކްލޯޒް) އުފެދެއެވެ. ލަފުޒެއް ނެތި ޖުމުލައެއް ނުވާނެއެވެ. އެހެންކަމުން ލަފުޒަކީ ޖުމުލައިގެ މައި ތަބެވެ. ޖުމުލައިގައި ލަފުޒުގެ މުހިންމުކަން އެނގިގެންދާ އެއްކަމަކީ ޖުމުލައިގައިވާ ލަފުޒުގެ ސަބަބުން މުޅި ޖުމުލައަށް އޭގެ އަސަރު ފޯރާފޯރުމުންނާއި، ޖުމުލައިގައި ހިމަނަންޖެހޭ ލަފުޒެއް ޖުމުލައިގައި ނެތުމުގެ ސަބަބުން ޖުމުލައަށް ލިބިގެންދާ ހީނަރުކަމުގެ ސަބަބުންނެވެ. ހަމައެހެންމެ ޖުމުލައިގައި ހިމަނާ ލަފުޒުގެ ތަރުތީބުންނާއި ލަފުޒަކުން ޖުމުލައިގެ މާނައަށް ގެނުވާ ބަދަލުގެ ސަބަބުންނެވެ.

ލަފުޒަކީ ކޮބާ؟

ލަފުޒަކީ މާނައެއް ދޭހަވިޔަސް ނުވިޔަސް ޖުމުލައިގައި ހިމެނޭ ވަކި ޔުނިޓެއްގެ ބައެކެވެ. އެއީ  ބަހުގެ ޢިލްމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ހަމައެހެންމެ ސިކުނޑީގައިވާ ބަހުގެ ޤަވާޢިދު އެކުލަވާލުމުގައި ވެސް ނުހަނު މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ބަހަކުން ވާހަކަދައްކާ ކޮންމެ މީހަކަށްމެ  އެތައް ހާސް ލަފުޒުތަކެއް އެނގުނު ނަމަވެސް އަދި މީހަކު ބަހެއްގެ ހާހެއްހާ ލަފުޒު ހިތުން ދަސްކުރި ނަމަވެސް އަދި އޭނާއަކަށް ބަހެއް އެނގުނީކަމަކަށް ނުބެލެވޭނެއެވެ. މިކަން އެންމެ ރަނގަޅަށް އެނގޭނީ ތިމާއަށް ނޭނގޭ ބޭރުބަހެއްގެ ރަދީފެއް (ޑިކްޝަނަރީއެއް) ބޭނުންކޮށްގެން އެ ބަހަކުން މުޢާމަލާތުކުރަން އުޅުމުންނެވެ.

 ލަފުޒު އެނގުމަކީ ކޮބާ؟

ބަހަވީ (ލިންގުއިސްޓިކް) ޢިލްމުގައި ލަފުޒެއް އެނގުމަކީ ހަމައެކަނި އެ ލަފުޒެއް ކިޔަން އެނގުމާއި އެ ލަފުޒެއްގެ މާނަ އެނގުމެއް ނޫނެވެ. އެ ލަފުޒެއް ފެށެނީ ކޮން އަޑަކުން ކަމާއި،  ނިމެނީ ކޮން އަޑަކުން ކަމާއި، އަދި މިބުނެވުނު އަޑުތައް ގުޅިގެން ރަމުޒުކުރާ މާނަތަކަކީ ކޮބައިކަން  ވެސް އެނގެންޖެހެއެވެ.

މިސާލަކަށް؛

Awordisasoundorcombinationofsoundsthathasameaningandisspokenorwritten

އިނގިރޭސި ނޭނގޭ މީހަކަށް މި ޖުމުލައިގައި ހިމެނޭ ލަފުޒުތައް ވަކިކުރާކަށް ވެސް، އަދި މީގެ މާނައެއް ވެސް ނޭނގޭނެއެވެ.

ނަމަވެސް އިނގިރޭސި ބަސް ދަންނަ މީހަކަށް އެ ޖުމުލައިގެ ލަފުޒުތައް،

A word is a sound or combination of sounds that has a meaning and is spoken   or written

މި ގޮތަށް ވަކިކުރާކަށް ވެސް، އަދި މި ޖުމުލައިގެ ލަފުޒީ މާނަ ދެނެގަންނާކަށް ވެސް އުނދަގުލެއް ނުވާނެއެވެ.

އެޑްވަރޑް ފިނެގެން (1999) ހާމަކުރައްވަނީ ލަފުޒުގެ ދެ ބާވަތެއް ވާކަމަށާއި އެއީ އޮއްޓަރުގެ (ކޮންޓެންޓް) ލަފުޒާއި މަސައްކަތުގެ (ފަންކްޝަނަލް) ލަފުޒު ކަމަށެވެ.

އޮއްޓަރުގެ ލަފުޒަކީ ކޮބާ؟

އޮއްޓަރުގެ (ކޮންޓެންޓް) ލަފުޒުތަކުގެ ގޮތުގައި ހިމެނެނީ ނަން، ކަން، ކަންއިތުރު، ނަންއިތުރު، މަސްދަރުފަދަ ބާވަތްތަކެވެ. ޖުމުލައިގައި މިބާވަތުގެ ލަފުޒު އެކުލެވިގެން ނުވާ ނަމަ ޖުމުލައިން ދޭހަކޮށްދޭން ބޭނުންވާ މާނަ ފުރިހަމައެއް ނުކުރެވޭނެއެވެ. އޮއްޓަރުގެ ލަފުޒުތަކަކީ އެލަފުޒެއްގެ ބޭރުފުށުން މާނައެއް ފެންނަން އޮންނަ ލަފުޒުތައް ކަމަށް، އެޑްވަޑް ފިނެގަން (1999) ބަޔާންކުރައްވައިފައިވެއެވެ. މިފަދަ ލަފުޒުތަކަކީ އަބަދުވެސް އާލަފުޒު އިތުރުކުރެވޭ ބަޔަކަށް ވާތީ މިކަހަލަ ލަފުޒުތަކަށް ހުޅުވިފައިވާ ލަފުޒުތަކުގެ ބައި (open class words) އޭ ވެސް ކިޔައެވެ. މީގެ އިތުރުން ކުރިން ބޭނުންކުރަމުން އައި މާނަ ނޫން އެހެން މާނަތައް ހިމަނައިގެން ވެސް ބައެއް ލަފުޒުތައް ބޭނުންކުރަމުންދެއެވެ.

އޮއްޓަރުގެ ލަފުޒަކީ ޖުމުލައިގައި މާނަ ދޭހަކޮށްދިނުމަށްޓަކައި ބޭނުންކުރެވޭ ލަފުޒުގެ ބާވަތެކެވެ. ޖޯޖު ޔޫލް (1996) ހާމަކުރައްވާ ގޮތުގައި ބައެއް ލަފުޒުގެ މާނަ މުޅި ޖުމުލައިގެ މާނައަށް އަސަރުފޯރުވައެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެފަދަ ލަފުޒުތަކުގައި މުޅިޖުމުލައަށް ބާރުފޯރުވާފަދަ މާނަ އެކުލެވިގެންވާތީއެވެ.

މިސާލު:

  1. އަވިގަދަ ނޫންނަމަ މެންދުރު ބާޒާރުކުރަން ދެވިދާނެއެވެ.
  2. އަވިގަދަ ނޫން ނަމަ މެންދުރު ބާޒާރުކުރަން ދާނަމެވެ.

މިސާލު 1 ގައިވާ ލަފުޒުތަކަކީ މުޅި ޖުމުލައަށް ވެސް ނުފޫޒުހިންގާ ލަފުޒުތަކެކެވެ. މިގޮތުން މިސާލުގައިވާ ލަފުޒު "ނަމަ" އިން ޙާލަތު، ލަފުޒު "މެންދުރު" އިން ކަން ހިނގާނޭ ވަގުތު އަންގައިދިނުމާއިއެކު "ދެވިދާނެ" މި ލަފުޒުން އަންގައިދެނީ ހުއްދަދޭކަމެވެ. އެ ގޮތުން ޖުމުލައިގައި ފާހަގަކޮށްލެވިފައިވާ ލަފުޒުތަކުން ދޭހަކޮށްދެނީ ވަކިވަކި ތިން މާނައެކެވެ. އެހެންނަމަވެސް ތިން ލަފުޒުންވެސް މުޅި ޖުމުލައަށް ބާރުފޯރުވައެވެ.

މަސައްކަތުގެ ލަފުޒުތަކުގެ މައިގަނޑު މަސައްކަތަކީ ޖުމުލައިގައި ބޭނުންކުރެވޭ އޮއްޓަރުގެ  ލަފުޒުތަކާ ގުޅިގެން ޖުމުލައިގެ ސިންޓެކްސް (ޖުމުލަ އެތުރި ތަރުތީބުވާ ގޮތުގެ ޢިލްމު)ގެ މަސައްކަތް ހިންގުމެވެ. އެގޮތުން މަސައްކަތު ލަފުޒަކީ ވަކިން އޮންނައިރު މާނައެއް ދޭހަނުވާ ގުޅުވާ އަކުރު "އިން"، "އަށް" ފަދަ ލަފުޒުތަކެވެ.

މަސައްކަތުގެ ލަފުޒަކީ ކޮބާ؟

މި ބާވަތުގެ ލަފުޒުތަކަކީ އެ ލަފުޒެއް އެކަނި އޮންނައިރު މާނައެއް ދޭހަނުވާ އެކަމަކު އޮއްޓަރުގެ ލަފުޒުތަކާގުޅިގެން ޖުމުލައެއްގައި އައުމުން (އެ ޖުމުލައަކުން) ފުރިހަމަ މާނަ ދޭހަވާ ލަފުޒުތަކެވެ. މިސާލަކަށް: އާއި، އެވެ. ވުރެ، އަށް މިފަދަ ލަފުޒުތަކެވެ. ދިވެހިބަހުގެ ގަވާއިދުގައި މިބާވަތުގެ ލަފުޒުތަކަށް ކިޔަނީ އަކުރެވެ. މިފަދަ ލަފުޒުތަކަކީ ޖުމުލައެއް އެކުލަވާލުމުގެ، ނުވަތަ ޖުމުލައެއްގެ މާނަ ފުރިހަމައަށް ދޭހަކޮށްދިނުމުގެ ދައުރު އަދާކުރާ ލަފުޒުތަކެވެ. ކުރިން ވެސް ދެންނެވި ފަދައިން މަސައްކަތުގެ ލަފުޒުގެ ތެރޭގައި ހިމެނެނީ ގުޅުވައިދޭ އަކުރާއި، ޕްރޮޕޮޒިޝަން އަދި ބަދަލުނަން ފަދަ ބައިތަކެވެ. ތިރީގައިވާ މިސާލުތަކުގައި ދަށުރޮނގު ދަމާފައި، ފަވާފައި އެ ވަނީ މަސައްކަތުގެ ލަފުޒުތަކެވެ.

މިސާލު 3: އަހަންމަދު މަހަށްދެއެވެ.

މިސާލު 4: އަހަންމަދާއި މުހަންމަދު ވެސް މަހަށްދެއެވެ.

މިސާލު 5: އަހަންމަދަކީ މަސްވެރިއެކެވެ. ނަމަވެސް އޭނާ މިހާރު ބަލިކަމުން މަހަކަށްނުދެއެވެ.

 

މަސައްކަތުގެ ލަފުޒުތަކަކީ އެއްވެސް ބަހެއްގައި ބަދަލުކުރަން ފަސޭހަ ލަފުޒުތަކަށް ނުވާތީ މިބަޔަށް ބަންދުކުރެވިފައިވާ ލަފުޒުގެ ބައި (closed class words) ވެސް ކިޔައެވެ.

ޖުމުލައިގެ ބުނުން ފުރިހަމަ ކުރުމަށްޓަކައި މަސައްކަތުގެ ލަފުޒާއި އޮއްޓަރުގެ ލަފުޒު ވެސް އިސްރޯލެއް އަދާކުރެއެވެ. އެހެންކަމުން ޖުމުލައިގެ މާނަ ބަރޯސާވާނީ ޖުމުލައިގައި އަތުރާލެވޭ ހުރިހާ ލަފުޒުތަކެއް ގުޅިގެން އުފެދޭ މާނައަށް ކަމުގައި ޖީންއެއިޗްސަން (1999) ހާމަކުރައްވައެވެ.

 

ލަފުޒު އެނގި ބޭނުންކުރުމަށް ކޮންމެހެން އެނގެން ބޭނުންވާ ކަންތައްތައް

ލަފުޒެއް އެނގުމުގެ މާނައަކީ ހަމައެކަނި އެ ލަފުޒެއް ކިޔާލަން އެނގުމެއްނޫނެވެ. ލަފުޒެއް އެނގުމޭ ބުނާ ބަހުގެ ތަފުސީލީ މާނައަކީ އެ ލަފުޒަކާ ބެހޭ ފޮނޮލޮޖިކަލް (ލަފުޒެއްގައިވާ އަޑުތައް އަދި އަޑުތައް އެތުރިފައިވާ ގޮތް)، މޯފޮލޮޖިކަލް (އެކުގައިވާ ތިމާގެ ލަފުޒުތައް)، ސިންޓެކްޓިކް (ލަފުޒުތަކުގެ ތަރުތީބު) އަދި ސެމެންޓިކް (ލަފުޒީ މާނައިގެ) މަޢުލޫމާތު ކަމަށްވާ ބަހުގެ ބައިތައް (ނަން، ކަން، ނަންއިތުރު، ކަންއިތުރު) އަދި  ޖުމުލައެއްގައި ލަފުޒު ބޭނުންކުރާނެ ގޮތް ސިކުނޑީގައިވާ ރަދީފު (lexicon) ގައި ރައްކާކުރެވުމެވެ. މި ހަތަރު ވައްތަރުގެ މަޢުލޫމާތު އެނގުމުން މެނުވީ ލަފުޒު އެނގުނުކަމަކަށް ނުބެލެވެއެވެ.

ނިންމުން

ލަފުޒަކީ ޖުމުލައިގައި ނުހަނު މުހިއްމު ދައުރެއް އަދާކޮށްދޭ ބައެކެވެ. މި ގޮތުން ލަފުޒުގެ ދެ ބާވަތްކަމުގައިވާ އޮއްޓަރުގެ ލަފުޒާއި މަސައްކަތުގެ ލަފުޒަކީ ޖުމުލަ، ޖުމުލައެއްގެ ގޮތުގައި އޮތުމަށް ބޭނުންވާ މައިގަނޑު ބަހާތަކެވެ. އެހެނީ ލަފުޒުގެ ސަބަބުން ޖުމުލައިގައި ބުނަން ބޭނުންވާ ވާހަކަތައް ހާމަކުރެވެއެވެ. ޖުމުލައިން ދޭހަވާމާނަ ދެނެގަންނަން ފަސޭހަވެއެވެ. ނުގަވާޢިދުން ހެދިފައިވާ ޖުމުލަތައް ވަކި ހަމަތަކެއްގެ މައްޗަށް ބިނާކޮށް ޖުމުލަ، ޖުމުލައެއްގެ ގޮތުގައި އުފަންކުރުވައެވެ. މިކަންކަމުން ދޭހަވަނީ ޖުމުލައިގައި ލަފުޒު އަދާކޮށްދޭ މުހިއްމު ދައުރެވެ.

2 Responses

  1. ވަރަށް މުހިއްމު މަޢުލޫމާތުތަކެއް އެގިގެން ހިގައްޖެ. ވަރަށް ބޭނުންތެރި ލިޔުމެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *