އަހަރެން ހަނދާން ހުންނަން ފެށިއްސުރެވެސް އަހަރެންގެ މަންމަ އަހަރެން ގެންގުޅެނީ އެކަނިމާ އެކަންޏެވެ. ގޭތެރޭގެ މަސައްކަތްތަކާއި އޮފީހުގެ މަސައްކަތްތައް ބަރާބަރަށް ކުރަމުން، އަހަރެންގެ ކަންތައްތައްވެސް އެއްވެސް ފަރުވާ ކުޑަކުރުމެއް ނެތި އަބަދުވެސް ކުރަމުން ގެންދިޔައެވެ. އަހަރެންގެ ކިޔެވުމުގެ ކަންތައްތަކާއި އަހަރެންނާއި އެކު ކުޅިވަރު ކުޅި މަޖާކުރުމަށް ދުވަހަކުވެސް ވަގުތު ނުވެގެނެއް ނޫޅެއެވެ. އަހަރެންނަށް މީރުހާ ވައްތަރެއްގެ ކާތަކެތި ތައްޔާރު ކޮށްދެއެވެ. ނިދާ ގަޑީގައި އަބަދުވެސް ވާހަކަ ކިޔައިދީ ލަވަ ކިޔައިދީ ހަދައެވެ. ބަންދު ދުވަސް ދުވަހު މަންމަ އަބަދުވެސް އަހަރެން ގޮވައިގެން ކޮންމެވެސް ތާކަށް ދެއެވެ. ޕާކަށް ކުޅެން، ނޫނީ ދާރުލްއާސާރުތަކަށާއި ސިނަމާތަކަށް އަބަދުވެސް ދާނެއެވެ.
އެހެންނަމަވެސް އަހަރެން އަބަދުވެސް ކުރާ ޝަކުވާއަކީ އަހަރެން ގޮވައިގެން މާމަމެން ކައިރިޔަށް ނުދާވާހަކައެވެ. ބައްޕަ ނުފެންނަ ވާހަކައެވެ. މަންމަ ވަރަށް ކެތްތެރިކަމާއިއެކު ހުރިހާ ކަމެއް ހަމަޖައްސައެވެ. މާމަމެން އުޅެނީ އެހެން ރަށެއްގައި ކަމަށް ބުނެ އަހަރެންގެ ހިތްހަމަ ޖައްސާދެއެވެ.
ދުވަސްތައް ވެއަތުވަމުން ދިޔައެވެ. އަހަރެންވެސް ޕްރައިމަރީ ކިޔެވުން ނިންމުމަށްފަހު ކޮލެޖަށް ވަނީމެވެ. މުޅިން އާދުނިޔެއެކެވެ. އާ ގޮންޖެހުން ތަކެކެވެ. ފުރާވަރުގެ ހަލަބޮލިކަމެވެ. ފިރިހެން ކުދިންގެ ކަޅިއެޅުންތަކެވެ. ހަމަ އެއާއެކު އެކަމާ ހަސަދަވެރިވާ އަންހެން ކުދިންގެ އުނދަގުލާއި ތުރާތަކެވެ.
ކޮލެޖުގެ ކިޔެވުން ފެށުނީއްސުރެ ވެސް ނަވީން އައީ އަހަރެންނާއި ދޭތެރޭ ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. އަހަރެންވެސް ނަވީން އާއި ދޭތެރޭ ވަރަށް ހިތްހަމަޖެހުނެވެ. ހަމަ އެއާއި އެކު ޝިފާޒާގެ ހަސަދަވެރިކަން ވެސް އައީ ގަދަވަމުންނެވެ.
އެގޮތުން އެއްދުވަހެކެވެ. އެއީ އާރޓްޝޯވް އޮތްދުވަހެވެ. ޝިފާޒާ، އާރޓްޝޯ އިންތިޒާމުކުރި ކްލަބްގެ ރައީސާގެ ހައިސިއްޔަތުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި މިވާހަކައިގެ ތެރޭގައި ސްޓޭޖް މައްޗަށް އައުމަށް އަހަރެންނަށް އެދުނެވެ. ހައިރާންވެ ހުރެ އަހަރެން ސްޓޭޖް މައްޗަށް އެރުމުން، ޝިފާޒާ އޭނާގެ ހަސަދަވެރިކަން ފިލުވާލިއެވެ.
އެއީ އަހަރެންނަށް ނޭނގިއޮތް އަހަރެންގެ ހަޔާތުގެ ފަތިފުށެވެ. އަހަރެންގެ ހިތުގައި ފުނިޖެހިފައި މިހުރިހާ ދުވަހު ހުރި ސުވާލުތަކުގެ ހިތި ޖަވާބެވެ. ހަގީގަތަކީ އަހަރެންނަކީ ރަށުމެދަށް ފޫޅު ކަނޑާފައިވާ ރަޑަބަންގުޅިއެއް ކަމެވެ. އެއްވެސް އަސްލެއް ނެތް މަސްގަނޑެއް ކަމެވެ. ޒާނިއާއެއްގެ މުޑުދާރު އަމަލެއްގެ ސިއްކަކަމެވެ.
އެދުވަސްވީ އަހަރެންގެ ހަޔާތް ބަދަލުކުރުވި ދުވަހަށެވެ. ލިބުނު ކުއްލި ޝޮކާއި ހިތަށް ވީތަދާއި އުފެދުނު އުދާސް ބުނެދޭންވެސް ނޭނގުނެވެ. އޭގެ ފަހުން އަހަރެންގެ ހަޔާތް ބަނަވިއެވެ. އެކަނިވެރިވިއެވެ. ސްކޫލުގެ ހުރިހާ ކުދިންގެ މަލާމާތުގެ ޝިކާރައަކަށް ވިއެވެ. އެއްވެސް ޔާރެއް އިޔާރެއް ނެތް މުޅިން ބޭކާރު މީހަކަށް ވިއެވެ. އެންމެންވެސް ދެކެނީ އަހަރެންނަކީ ނަޖިހެއް ހެންނެވެ. އެންމެ ފަހުން ނަވީން ވެސް އަހަންނާއި ގުޅުން ކަނޑާލިއެވެ.
އަހަރެންގެ ހިތްދަތިކަން އިހުސާސް ކުރެވުނީ ހަމައެކަނި މަންމައަށެވެ. މަންމަ އަހަރެންނަށް އެހީތެރިވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަހަރެން މަންމައަށް އެއްވެސް ފުރުސަތެއް ނުދެމެވެ. އަހަރެންގެ ހިތް އޭނާއަށް ބަންދުވި ކަހަލައެވެ. އޭނާ ދެކެވީ ލޯބި ނަފުރަތަށް ބަދަލުވިއެވެ. އޭނާގެ ހަޔާތްކުޑަކަމާއި މެދު އޭނާދެކެ އިންތިހާއަށް ރުޅިއައެވެ. އަހަރެންނަށް އެހާލުޖެއްސީތީވެ ބަދު ދުޢާ ކުރެވެން ފެށުނެވެ. އޭނާ ކޮންމެ ރެއަކު ރޯއަޑު އަހަރެން އެހީމެވެ. އަދި އެކަމާ އަހަރެން އިންތިހާއަށް އުފާކުރީމެވެ. ހައި ސްކޫލް ނިމުމާއި އެކު އެ ގޮތްކުޑަ އަންހެނާގެ ގެއިން އަހަރެން ނުކުތީމެވެ. އޭނާ އެތަކެއް ފަހަރު އޭނާގެ ވާހަކަތައް އަޑުއެހުމަށް އެދުނެވެ. ނަމަވެސް އޭނާގެ އާދޭސްތަކަށާއި ރުއިމަށް އަހަރެން ދިނީ ބީރުކަންފަތެކެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައެވެ. އަހަރެންގެ ބޮލަށް ވެއްޓިފައިއޮތް ހިލަގަނޑެއް ނެގި ފަދައެވެ. އަހަރެންގެ ދިރިއުޅުން ބާއްޖަވެރި ވިއެވެ. އަހަރެން ކިޔެވީ އަހަރެންގެ އަމިއްލަ މަސައްކަތުންނެވެ. ފޮނި ނަތީޖާ އަކާއި އެކު ކިޔެވުން ނިންމާލުމަށްފަހު މަތީ ވަޒީފާއެއް އަތްމަތި ކުރީމެވެ. އަދި ހިތްހެޔޮ ފިރިއެއްވެސް މެއެވެ.
އަހަރެންގެ ދެވަނަ ދަރިފުޅު ލިބުނު ދުވަހެވެ. ވަގުތަކީ ފިރިމީހާ ނެތްވަގުތެކެވެ. ކުއްލިއަކަށް ކޮޓަރީގެ ހުޅުވާލާފައިވަނީ މުސްކުޅި އަންހެނެކެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހަށިގަނޑު އަނަރޫފަވެފައެވެ. އޭނާ ފެނުމާއި އެކު އަހަރެންގެ އަތްފައި ހޫނުވެގެން ދިޔައެވެ. އަދި ހިތުގައިވާ ނަފުރަތުގެ އަލިފާންގަނޑު އަނދައިގަތެވެ. އަޑުގެ ނެތްތަނަށް އޭނާއާއި ދިމާއަށް ހަޅޭލަވައިގަތީމެވެ. އަދި ކައިރީގައި ހުރި ރަނގަބީލަށް ފިތާލީމެވެ. ހަމަ އެއާއެކު ނަރުސް ކުދިންތައް ވަގުތުން އައެވެ. ކުރިމަތީގައި ހުރި މޮޔަ މީހާ ނެރުމަށް އަހަރެން އެންގީމެވެ. އޭނާ ރުޔެވެ. ދަރިފުޅާއޭ ކިޔާ އާދޭސްކުރިއެވެ. ނަމަވެސް އަހަރެން އޭނާގެ ރުއިމަށް ކުޑަވެސް ސަމާލުކަމެއް ނުދެމެވެ. އެއީ އަހަރެންގެ މަންމަ ކަމަށް ގަބޫލުކުރާހިތް ނެތީމައެވެ. އޭނާ އަހަރެންނަށް ޖެއްސި ބިކަހާލުގެ ރަހަ އޭނާއަށްވެސް ދައްކާލަން ބޭނުންވާތީއެވެ.
އޭގެ ހަފްތާއެއް ފަހެވެ. ކޯޓުން އަހަރެންނަށް ލިޔުމެއް އައެވެ. ކޮންމެވެސް މީހެއްގެ ވަސިއްޔަތަކުން ލިބުނު މުދާތަކަކާއި ހަވާލުވުމަށް އެންގުނު އެންގުމެކެވެ. މަރުވީ އަހަރެންގެ މަންމަ ކަން އެނގުނެވެ. އަދި މަރުވީ ހާރޓް އެޓޭކެއްގެ ސަބަބުން ވަރަށް ކުއްލި ގޮތަކަށް ކަންވެސް އެނގުނެވެ. ތުންފަތް މައްޗަށް ވެރިވީ ރަކި ހިންޏެކެވެ. އޭނާގެ ހަޔާތުގައި ރަނގަޅު އެއްކަމެއް ކޮށްފިތާއޭ ހިތަށް އެރިއެވެ. އެދުވަހު އެއްވެސް ކަމެއް ނެތިމާއިއެކު ވަކީލާއެކު އެގެޔަށް ދިޔައީމެވެ. ވަރަށް ހަމަޖެހިލާފަ ހުރިކަމަށް ހިތަށް އެރުވިނަމަވެސް އެގެ ފެނުމާއި އެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަރެން އުޅެ ބޮޑުވި ގެއެވެ. އަހަރެންގެ ކުޑައިރުގެ ހަނދާންތައް ވަޅުލެވިފައިވާތަނެވެ. ޒަމާންތަކެއް ކުރިން އެގެޔަކަށް އަލްވަދާއުކީ ގެއެވެ. އެއްވެސް ޚިޔާލެއް ނެތި ގޭތެރެއަށް ވަދެގެން ދިޔައިމެވެ. ހުރިހާ އެއްޗެއްވެސް ހުރީ ކުރިއާއި އެއްވެސް ތަފާތެއް ނެތިއެވެ. ހީވީ މާޒީގެ ތެރެއަށް ފީނައިގަނެވުނު ހެންނެވެ. ގޭތެރެ ބަލަމުން ގޮސް އަހަރެންގެ ކޮޓަރިއަށް ވަދެވުނެވެ. ހުރިހާ އެއްޗެއްވެސް ހުރީ އަހަރެން ބަހައްޓާފައި ދިޔަ ގޮތަށެވެ. އަހަރެން އެނދުމަތީގައި ޕާރުސަލްތަކެއް ހުރިކަން އެކަންޏެވެ. މަޑުމަޑުންގޮސް ޕާރުސަލްތައް ބަލާލީމެވެ. ހުރިހާ އެއްޗެއްވެސް އެޑްރެސް ކުރެވިފައި ވަނީ އަހަރެންގެ އުފަންދުވަހަކާއި ގުޅުވައިގެން އަހަރެންނަށެވެ. ކޮންމެ ޕާރުސަލެއްގެވެސް އެއްކަނުގައި ‘ލޯބިވާ މަންމަގެ ފަރާތުން’ މިހެން ލިޔެލާފައި ވެއެވެ.
ކުއްލިއަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އެނދު ކައިރީގައި އަޅާފައި އޮންނަ ކުނަލުގެ މައްޗަށް ވެއްޓިފައި އޮތް ފޮތަކާއި ގަލަމެކެވެ. ކުނަލުގެ މަތީގައި އިށީނުމަށްފަހު އެފޮތް ނެގީމެވެ. އެއީ މަންމަގެ ޑައިރީކަން އެވަގުތު އެނގުނެވެ. ބޭއިޚްތިޔާރުގައި ފޮތުގެ އެންމެ ފަހުގެ ލިޔުމަށް ގަނޑުތައް އުކާލެވުނެވެ. އަދި ކިޔަން ފެށީމެވެ.
“…އެތައް ދުވަހަކު ކެތްކުރުމަށް ފަހު ދަރިފުޅު ދެކިލުމަށް މިއަދު ދިޔައީމެވެ. އެންމެ ބޭނުމަކުއެވެ. ދަރިފުޅުގެ ހިތް ހަލާލު ބަސް ހޯދުމަށެވެ. އޭނާއަށް ހަގީގަތް ކިޔައިދިނުމަށެވެ. މާފަށް އެދުމަށެވެ. މިއަޅާ ވޭނަށް ޝިފާއެއް ހޯދުމަށެވެ. އެހެން ނަމަވެސް ކަންތައްވީ……. އޭނާ އަހަރެންގެ ވާހަކަ އަޑުނާހަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ދަރިން ދެކެ އަހަރެން ލޯބި ނުވަނީ ހެއްޔެވެ؟ އަހަރެންގެ ދޮށީ ދަރިފުޅު ފިއުރީން ‘އެމީހުންގެ’ ކިބައިން ސަލާމަތް ކުރުމަށް އަހަރެންގެ އިއްފަތްތެރިކަން ހޭދަވެގެން ދިޔުމަކީ އެއީ އަހަރެންގެ ކުށްހެއްޔެވެ؟ އެރޭ އަހަރެން ޖެހޭނީ ‘އެމީހުން’ ހަދާނެގޮތެއް ހެދުމަށް ފިއުރީން ދޫކޮށްލުމަށް ފަހު ފިލަން ހެއްޔެވެ؟ ސަހަރޯއެވެ. އަހަރެންގެ މައިންބަފައިން ވަކިވީއެވެ. ފިރިމީހާ ދިޔައީއެވެ. ދެދަރިންވެސް ވަކިވެ ދިޔައީއެވެ. ދަރިފުޅާއެވެ. މަންމަ ދަރިފުޅުގެ ދައްތަ ސަލާމަތް ކުރެވޭތޯ ހާދަ މަސައްކަތެއް ކުރީމެވެ. އެކަމަކު ‘އެމީހުން’ ފިއުރީން މަރާލީ މަންމަގެ ކުރިމަތީގައެވެ. މަންމަ ދެކެ ތި ރުޅިއަންނަނީ ކީއްވެހެއްޔެވެ؟ މަންމަ އަށް ތިހެން ނުހަދާށެވެ. ދަރިފުޅު ގާތުން މަންމަ މާފަށް އެދެން ބޭނުންނަމަ، އެކަންވެސް އިޚްލާސްތެރިކަމާއެކު މަންމަ ކުރަމެވެ. މަންމަ ގާތަށް އަންނާށެވެ. މަންމަ ދަރިފުޅަށް ލޯބިދޭނަމެވެ. ދަރިފުޅުގެ ހުރިހާ މުހުތާދެއް ފިލުވައިދޭނަމެވެ….”
ޑައިރީގެ އެސަފުހާ ކިޔާ ނިމުނު އިރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެރެނީއެވެ. ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. “މަންމާއެވެ! އަޅުގަނޑަށް މާފު ކުރާށޭ! އަދި އަންނާށެވެ! ތިޔަ އުނގުގައި އޮންނަން ބޭނުމޭ! ކިޔާ އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ދުވެފައިގޮސް މަންމަގެ އެނދުމައްޗަށް ވެއްޓިގަނެވުނެވެ. މުޅި އެނދުގައި ބައްދައިގަނެވުނެވެ. އެނދުގެ ހުރިހާ ތަނެއްގައި ވަކިވަކިން ވަސްގަނެ ބޮސްދެވުނެވެ. މުޅި ހަށިގަނޑުގައި ތަޅާ ހަޅޭލަވަން ފެށުނެވެ. ނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. މަންމަ އަހަރެންނަށް ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ބަދަލުގައި އަހަރެންނަށް ކޮށްދެވުނީ ކީއްހެއްޔެވެ؟ މަންމާއެވެ. އަދި އަންނާށެވެ. އަހަރެން މަންމަގެ ހިތް އުފާކޮށްދޭނަމެވެ. ފޫހި ފިލުވައިދޭނަމެވެ. އެކުގައި މަޖާކުރާނަމެވެ. އަދި އަންނާށެވެ. އަޅުގަނޑަށް އޮޅުނީއެވެ. ނުވިސްނުނީއެވެ. ނަފުރަތު ކުރެވުނީއެވެ. އަޅުގަނޑާއި މެދު ހިތްހެޔޮ ކުރާށެވެ. އަޅުގަނޑަށް މާފުކުރާށެވެ.
ނޯޓް: މިއީ އިނގިރޭސި ކުރުވާހަކައެއްގެ ތަރުޖަމާއެކެވެ. އެހެން ނަމަވެސް މިހާރުގެ ކުދިން ކިޔާލަން ވަރަށް ރަނގަޅު ވާހަކައެއްކަމަށް ފެންނާތީ ދަރިވަރުންނާ ހިއްސާކޮށްލުމަށް މި ނޫހުގައި ހިމަނާލެވުނީއެވެ.