އާރޓިކަލް 5 : މަކަރު ހެދުމާއި އޮޅުވާލުންތަކުން ދުރުހެލިވުން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނުންނަކީ އޭނާގެ ނަފްސުގައި ވަރަށްގިނަ ތަފާތު ސިފަތައް ހަރުލާފައި ހުންނަ މީހެކެވެ. ބުއްދި އަކީ އޭނާގެ މިސިފަތައް ޕްރޮމޯޓުކުރާ ނުވަތަ ބަލިކަށިކުރުވާ މަރުކަޒެވެ. އަދި އޭނާގެ ހިތަކީ އެކަންކަމަށް ފެހި ސިގްނަލް ނުވަތަ ރަތް ސިގްނަލް ފޮނުވާލާ ފަނާރުތަކެވެ. ހިތުގައި ހިނގާ ޝުޢޫރުތަކާއި ހިތުގެ ޢަމަލުތައް އެމީހަކަށް ކުރިއަށް ދާންވީ ގޮތެއް ކަނޑައަޅާދެއެވެ. އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަމުން ފުރިގެންވާ ހިތުގެ ވެރިޔާ އޭނާގެ ގުނަވަންތަކުން އެރިވެތި ސިފަތައް ޝަރަޙަކޮށްދެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެގުނަވަންތަކުން ހެޔޮޢަމަލުތައް ފާޅުވެގެން ދެއެވެ. ނިފާޤުކަމާއި ޚިޔާނާތާއި ދޮގުވެރިކަން ހިމެނޭ ހިތުގެ ވެރިޔާ، އެހިތުގެ ޢަމަލުތަކުގެ އެހީގައި އޭނާގެ ގުނަވަންތަކުން ނުބައިޢަމަލުތައް ފާޅުކުރެއެވެ. އެގޮތުން މަކަރާއި ޚިޔާނާތުގެ ހިތެއްގެ ވެރިއެއް ނަމަ، ދުނިޔޭގައި އޭނާ ކުރަންޖެހޭ ކަންކަމުގައި މަކަރު ހެދުމާއި އޮޅުވާލުމަށް އަވަސްވެ ގަނެއެވެ.

ފަހެ، މިއީ ހިތުގެ ބަލިމަޑު ކަމެކެވެ. މިބަލިމަޑުކަމުގެ ނުރައްކާތެރިކަމަކީ އަމިއްލަ ނަފްސަށް އެކަން އިޙްސާސްވެސް ނުވުމެވެ. ނަމަވެސް އޭނާއަށް އެކަން އިހްސާސް ނުވިއެއްކަމަކު، ވަށައިގެންވާ މީސްތަކުންނަށް އޭނާގެ ހިތުގައިވާ ނިފާޤު ކަމުގެ ސިފަ އެހެރަދަނީ ފާޅުވަމުންނެވެ. މިފަދަ މަކަރުތައް ހިތާއި ދުލާއި ޢަމަލުން ކުރުމަކީ މުނާފިޤުންގެ ސިފައެއް ކަމުގައި ޤުރުއާނުގައިވަނީ ބަޔާންކުރައްވާފައެވެ. ﷲ  ވަޙީ ކުރެއްވިއެވެ: ﴿ يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ﴾ މާނައީ: [އެބައިމީހުން (އެބަހީ މުނާފިޤުން) ﷲ އަށާއި އީމާންވީ މީސްތަކުންނަށް އޮޅުވާލައެވެ. އެހެންނަމަވެސް އެމީހުން އެއޮޅުވާލަނީ އަމިއްލަ ނަފްސަށް ކަމުގައި ނޫނީ ނުވެއެވެ. އެހެނަސް އެމީހުންނަކަށް އެކަން އިހްސާސެއް ނުކުރެވެއެވެ.] ވީމާ މަކަރާއި އޮޅުވައިލުމަކީ އެބައިމީހުންގެ ސިފައެކެވެ. ނިފާޤުކަމުގެ ކޮންމެ ސިފައަކީ އެސިފައަކުން އަހަރުމެން ދުރުހެލިވުން ވާޖިބުވެގެންވާ ސިފަތަކެކެވެ.

މިފަދަ މަކަރުވެރި މީހުން ވިޔަފާރި ކުރުމުގައި މީހުންނަށް އޮޅުވާލައެވެ. ވަޒީފާއެއް އަދާކުރުމުގައި ފަރުވާކުޑަކޮށް ވަގުތަށާއި މަސައްކަތަށް މަކަރު ހަދައެވެ. މީހަކާ ވާހަކަ ދައްކާލުމަށް މަޑުކޮށްލައިފި ހިނދަކު ތިމާގެ މޮޅުކަން ފާޅުކުރުމަށް ނުވަތަ އެހެންމީހުންގެ ލޯބި ދަމައިގަތުމުގެ ނިޔަތުގައި އަމިއްލަ ނަފްސަށް މަކަރުހަދާ ދޮގާއި އޮޅުވާލުމުގައި ވަގުތު ހޭދަކޮށްލައެވެ. ނަމަވެސް މީހުންގެ ލޯބި ހޯދަން ﷲ ޙަރާމްކުރެއްވި ޢަމަލެއް ކަމުގައިވާ އޮޅުވާލުމާއި މަކަރު ހެދުމުގެ ފަހަތުގައި ﷲ ގެ ކޯފާ އޭނާއަށް ވާކަމުގެ އިޙްސާސް އޭނާއަށް ނުކުރެވެއެވެ. އިބްނު ޙިއްބާން ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ: ((مَنْ اِلْتَمَسَ رِضَا النَّاسِ بِسَخَطِ اللهِ سَخَطَ اللهُ عَلَيْهِ وَأَسْخَطَ عَلَيْهِ النَّاسَ)) މާނައީ: [ﷲ ގެ ކޯފާވާ ކަމެއްގެ ތެރެއިން މީސްތަކުންގެ ރުހުން ހޯދަން މަސައްކަތް ކުރާމީހާގެ މައްޗަށް ﷲ ގެ ކޯފާ ވެއެވެ. އަދި މީސްތަކުންގެ ރުޅި އެމީހެއްގެ މައްޗަށް އަންނާނެގޮތް އެކަލާނގެ މެދުވެރި ކުރައްވަތެވެ.]

މީގެ އިތުރުން އެންމެފުޅާ ދާއިރާއެއްގައި މަކަރާއި އޮޅުވާލުން ހިނގަނީ ފައިސާގެ މުޢާމަލާތުގެ ތެރެއިންނެވެ. ފައިސާއެއް އަތުގައި ޖެހިއްޖެނަމަ މަކަރާއި ޙީލަތުން ބާޠިލުގޮތުގައި އެހެންމީހުންގެ މުދަލަށް އަރައިގަނެއެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿وَلا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ﴾  މާނައީ: [އަދި ތިޔަބައިމީހުންގެ މެދުގައި ތިޔަބައިމީހުންގެ މުދާތައް ބާޠިލުގޮތުގައި ނުކާށެވެ!]

އަދި އުނގެނުމުގެ ދާއިރާގައި ބައެއްފަހަރަށް ދަރިވަރުންގެ ފަރާތުންވެސް މަކަރު ހެދުމުގެ ސިފަތައް ފާޅުވެއެވެ. އެގޮތުން ކޮޕީކުރުމާއި މަކަރުހެދުމުގެ އާދަ ބައެއްކުދިންގެ ގައިގައި ހުންނަނީ ހަރުލާފައެވެ. މުސްތަޤްބަލުގައި އޭނާގެ މުޅިޙަޔާތް އެފަދަ މަކަރަކާއި ޙީލަތުން ހޯދި ސެޓްފިކެޓެއްގެ އެހީގައި ފައިސާތައް ހޯދަމުން ދާނެކަން އިޙްސާސް ނުވިތާގައި، އޭނާގެ އެމާކްސްތަކުގެ އެހީގައި ހޯދާނެ ފައިސާގެ ޙަލާލުކަމާމެދު އަމިއްލަ ނަފްސާ ސުވާލުވެސް ކޮށް ނުލައެވެ. އެއީ އޭނާގެ މުސްތަޤްބަލުގެ މުޅި ޙަޔާތަށް ހިންގި ޖަރީމާއަކަށް ވެދެއެވެ.

ވީމާ މަކަރާއި އޮޅުވާލުމަކީ އަހަރެމެން މުސްލިމުންގެ ސިފައެއް ނޫނެވެ. އަހަރެމެން މުސްލިމުން ވަނީ އެފަދަ ނޭއްގާނީ ހުރިހައި ސިފަތަކުން ބަރީއަވެގެންނެވެ. އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم ވެސް ވަނީ މަކަރު ހެދުމުގެ ނުބައި ސިފައިން ބަރީވެވަޑައިގެންނެވެ. އައްޠަބަރާނީ ރިވާކުރެއްވި ޙަދީޘެއްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ غَشَّنَا فَلَيْسَ مِنَّا وَالْمَكْرُ وَالـخِدَاعُ فِي النَّارِ)) މާނައީ: [އަހަރެމެންނަށް މަކަރުހަދާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. އަދި މަކަރު ހެދުމާއި އޮޅުވާލުން ވަނީ ނަރަކައިގައެވެ.] ރަސޫލާ صلى الله عليه وسلم އެސިފައަކުން ބަރީއަވެވަޑައިގެންނެވި ސިފައެއް ހުރުން ވާނީ ބޮޑުފާފައަކަށް އަރައިގަތުމަކަށެވެ. އެކަންވާނީ ނުހަނު ނުބައިވެގެންވާ ހަޑިމުޑުދާރު ޢަމަލަކަށެވެ. ވީމާ އީމާންކަމުގެ އަހުލުވެރިއެއް ނަމަ މިސިފައަށް ހިތުން ނަފްރަތުކޮށް ޢަމަލުން ދުރުހެލިވާން ޖެހޭނެއެވެ.

އަހަރެމެންނަކީ އަހަރެމެން ކުރާ ހުރިހާ ޢަމަލުތަކުގައި އިޚްލާޞްތެރިކަން އިސްކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

2 Responses

  1. ވަރަށް ގިނަ މައުލޫމާތު ލިބިއްޖެ. ޝުކުރިއްޔާ ތައުފީގު ސަރ

  2. Makaru hedhumun herihaa kudhinves dhuruvaanvee. Eyrun meehun gadharu kuraa meehakah veveynee.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *