ރީތިކޮށް، ޔުނިފޯމު އެޅުމުގެ އާދަ، ފަހުން ބަދަލުވަނީ، ޙަޔާތަށް އޭގެ އަސަރުފޯރާ "ވެލިއުސް" ތަކަކަށެވެ.

މަދަރުސީ ދައުރަކީ، ތަޢުލީމާ ތަރުބިއްޔަތުގެ ވެސް، ދައުރެވެ. ކުޅިވަރާ ދުޅަހެޔޮ ކަމުގެވެސް ދައުރެވެ. ހަމަ އެހެންމެ އަޚުލާޤާއި ތަރުބަވެތިކަމުން ކުއްޖާ ޒީނަތްތެރި ވަމުން އަންނަ ދައުރެވެ. އެހެން ކަމުން ކޮންމެ ކުއްޖެއްގެވެސް މަދަރުސީ ދައުރުގައި އަޅާ ބިންގައު ތަކަކީ، އޭގެ ހެޔޮ އަސަރު، ކުއްޖާގެ މުޅި ޙަޔާތަށް ކުރާނެ، މުހިންމު ބިންގަލެކެވެ. މިފަދަ ބިންގަލެއްގެ މަތީގައި، ޒުވާން ޙަޔާތް ބިނާ ކުރެވިއްޖެނަމަ، އެ ބިނާއެއް ވެގެންދަނީ، ހަރުދަނާ ބިންގަލެއްގެ މަތީގައި އާރާސްތު ކުރެވޭ މާނަވީ ބިނާއަކަށެވެ.

މިފަދަ ދާދި ކުޑަކަމަކަށް ބަލައިލަމާ ހެއްޔެވެ؟ މިސާލަކަށް ޔުނިފޯމު އެޅުމުގެ ހަރުދަނާ ސިފަޔަށް ފުންކޮށް ވިސްނާލަމާ ހެއްޔެވެ؟

ރީތިކޮށް ޔުނިފޯމު ބެހެއްޓުމޭ މި ބުނެވެނީ، ހަމައެކަނި ޔުނިފޯމުގައި ރުލެއް ނުޖެހޭ ގޮތަށް ރީތިކޮށް، ބެހެއްޓުމުގެ ވާހަކައެއް ނޫނެވެ. ޔުނިފޯމު ކިލާނުކޮށް ރީތިކޮށް ބެހެއްޓުމުގެ ވާހަކަ އެކަންޏެއްވެސް ނޫނެވެ. ރީތިކޮށް ޔުނިފޯމު އެޅުމަކީ، ގުޅުންހުރި ވަރަށް ގިނަ ކަންކަންވެސް އެ ތަރުތީބުން ތަރުތީބުވެފައި ހުރުމުގެ ވާހަކައެވެ. މިއީ، މަދަރުސާ ދައުރުގައި ސްކޫލުންވެސް ކުދިންނަށް އިރުޝާދު ދެވޭ ކަމެކެވެ. ހަމައެކަނި ދެވެނީ އިރުޝާދު އެކަންޏެއް ނޫނެވެ. ދަރިވަރުންގެ ޔުނިފޯމު އެގޮތަށް ހުރޭތޯވެސް ބަލައެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް، ދަރިވަރަށް އެކަންކަން ރަނގަޅު ކުރަން އަންގައެވެ. އެގޮތަށް ޢަމަލު ކުރަމުން ނުދާނަމަ، އިންޒާރުވެސްދީ، ފިޔަވަޅުވެސް އަޅައެވެ.

އަޙްމަދިއްޔާގެ ދަރިވަރުން….. ފޮޓޯ: ހަރުޝާ

ޔުނިފޯމު އެޅުމުގެ މި ސާދާ ގަވާޢިދަށް ބަލާއިރު، ރީއްޗަށް ޔުނިފޯމު އަޅާފައިވާ ކުއްޖެއްގެ، ބޮލުގެ އިސްތަށިގަނޑުވެސް ހުންނާނީ، ސްކޫލުން ކަނޑައަޅާ މިންގަނޑެއްގައެވެ. ބޫޓާއި އިސްޓާކީނުވެސް ހުންނަންޖެހެނީ މި މިންގަނޑުގައެވެ. އަތްފައިގެ ނިޔަފަތިތައް ހުންނަންވަނީ ރީތިކޮށް ކަނޑާފައެވެ. ކުއްޖާ ސްކޫލަށް އަންނަން ޖެހެނީ، ފެންވަރައިގެން، ރީތިކޮށް ދަތް އުނގުޅައިގެން، ބޯ އޮމާން ކޮށްގެންނެވެ. ބޮލުގެ އިސްތަށިގަނޑު ހުންނަންޖެހެނީ ކުލަޖައްސާ އަދި ބޭނުންހާ ސްޓައިލަކަށް ނޫނެވެ.

މިދެންނެވި ކަންކަމަކީ، ހަމަ ކޮންމެ ދުވަހަކު، ކުއްޖާ ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. މާނައަކީ ކޮންމެ ދުވަހަކު ރީއްޗަށް ފެންވަރަން ޖެހެއެވެ. ރީތިކޮށް ދަތް އުނގުޅަން ޖެހެއެވެ. ނިޔަފަތި ހުރީ ދިގުވެފައިތޯ ބަލައި، ނިޔަފަތި ކަނޑަން ސަމާލުކަން ދޭންޖެހެއެވެ. ރީތިކޮށް ބޯ އޮމާ ކުރަންވެސް ސަމާލުކަންދޭން ޖެހެއެވެ. އެއަށްފަހު، ޔުނިފޯމު އަޅާއިރު، އެއީ ރީތިކޮށް އިސްތިރިކޮށްފައިވާ އަދި ސާފުތާހިރުކަން ހުރި ޔުނިފޯމަކަށް ވާންޖެހެއެވެ. އިސްޓާކީނުލައި ބޫޓަށް އެރުމުގައިވެސް، މިދެންނެވި ސްކޫލް މިންގަނޑު ހިފަހައްޓާން ޖެހެއެވެ.

މިދެންނެވި ކަންކަމަކީ، ހަމަ ކޮންމެ ދުވަހަކު، ކުއްޖާ ސަމާލުކަން ދީގެން އެގޮތަށް އަމަލްކުރާ ކަންކަމަށް ވެގެންދާއިރު، ކުއްޖާ އެ ތަރުބިއްޔަތުވަނީ، ހަރުދަނާ އުސޫލު ތަކެއްގެ ތަރަހައިގައެވެ. މިގޮތަށް މި އުސޫލުތައް ދަމަހައްޓަމުން ގޮސް، ގްރޭޑު ދިހައެއް ނުވަތަ 12 ނިންމާއިރު، ޒުވާން ޙަޔާތުގެ އެންމެ މުހިންމު އަހަރުތައް އެވަނީ ކަޑައްތު ކުރެވިފައެވެ. މާޒީވެގެން އެދިޔަ 16 ނުވަތަ 18 އަހަރަކީ، ހަމަ ކޮންމެ ދުވަހަކުވެސް، އެއް ތަރުތީބެއްގެ މަތީގައި، ކުއްޖާ ހޭދަކުރަމުން ގެންދިޔަ އަހަރު ތަކަކަށްވީތީ، ކުއްޖާ އެހުރީ އާދަވެފައިވާ ހަރުދަނާ އުސޫލު ތަކެއްގެ ބިންގަލެއްގެ މަތީގައެވެ. ދެން އެ ބިންގައު ގުޑުވާލުމަކީ، ވަރަށް ނާދިރު ކަމެކެވެ. ސަބަބަކީ ކަމަކަށް މީހަކު އާދަވެއްޖެނަމަ، ދެވި ހިފައިފިނަމަ، އެ އާދަ ފިލުވާލުމަކީ، ފަސޭހަ ކަމަކަށް ނުވާތީއެވެ.

އަޙްމަދިއްޔާ އަހަރީދުވަހެއްގެ ރަސްމިއްޔާތެއްގެ ތެރެއިން… ފޮޓޯ: ހަރުޝާ

މަދަރުސީ ޙަޔާތުގައި ކުއްޖާއަށް މި ދަސްވާ ހެދުން އެޅުމާ، ސާފުތާހިރު ކަމުގެ އާދައިގެ ސަބަބުން، ކުއްޖާ ވަޒީފާގެ ޙަޔާތަކާއި ކުރިމަތިލާއިރު، އޭނާ އަކީ ހެދުން އެޅުމުގައި ރީތި ހަރުދަނާ އުސޫލު ތަކެއްގެ ބިންގަލެއްގެ މަތީގައި ތަރުބިއްޔަތު ވެފައިވާ، ކުއްޖަކަށް ވެއެވެ. އެހެންކަމުން، އޭނާ އެ ވަޒީފާއަށް ނިކުންނަ އޮފީހެއްގެ ވެރިންނާއި މުއައްޒަފުންގެ ކުރިމަތީގައި ، ފާހަގަ ވެގެންދަނީ ހަރުދަނާ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. "ޑީސަންޓު" ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. ހެދުން އެޅުމުގައި "ސްމާޓު" ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. ސާފު ތާހިރުކަމުގައި، އެހެން މީހުން ނަމޫނާއަކަށް ބަލާ، އަދި ޤަދަރުކުރާ ޝަޚްސިއްޔަތެއްގެ ގޮތުގައެވެ.

މި ދެންނެވި ތަރުބިއްޔަތުގެ އާދަތައް، އަދި މިހާ ހަމައަކުންނެއް ނުނިމެއެވެ. އެ ތަރުބިއްޔަތަކީ، އޭގެ އަގު އޭނާއަށް ވަޒަންކުރެވޭ "ވެލިއުސް" ތަކަކަށް ވެފައިވާތީ، އޭނާ ދެން ވެގެންދަނީ، އެ ވެލިއުސްތައް ނަގަހައްޓާ، ދަމަހައްޓަން ބާރުއަޅާ މީހަކަށެވެ. އެހެންކަމުން މިކަމުގެ ހެޔޮ އަސަރު އޭނާ ދެން ފަށާ، ޒަވާޖީ ޙަޔާތަކުން ލިބޭ ކުދިންނާއި ހަމައަށް ފޯރުކޮށްދެއެވެ. އެކުދިންނީވެސް ހަމަ އެފަދަ ވެލިއުސްތައް ދަމަހައްޓާ ބަޔަކު ކަމުގައި ހަދައެވެ.

މިކަމުން އެނގެނީ މަދަރުސީ ދައުރުގާ ދަސްވާ ރަނގަޅު އާދަތަކާ، ތަރުބިއްޔަތުގެ  އަސަރު، މުޅި ޙަޔާތަށް ދެމިގެންދާ ކަމެވެ. އެހެންކަމުން މަދަރުސީ ދައުރަކީ، މިދެންނެވި އާދަތަކަށް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭ ދައުރެކެވެ.

3 Responses

  1. ޔުނީފޯމު ގަވާއިދުތަކަށް ހުރިހާ ކުދިންވެސް އިހުތިރާމް ކުރަން ޖެހޭނެއެވެ. އެނަމޫނާ ދައްކައިގެންނޫނީ މީހާ މީހަކަށް ނުވާނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *