ބުރާސްފަތި, 17 އޭޕްރިލް 2025

ބަސްމަސްހުނިކުރުމާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށްތަ؟

ދިވެހިރާއްޖެއަކީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން އެއް ބަހަކުން ވާހަކަދައްކަމުން އައި ބަޔަކު ދިރިއުޅެމުން އައި ގައުމެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބައެއް ގައުމުތަކަށް ވެސް ނުލިބިވާ މި ނިޢުމަތުގެ ސަބަބުން މިއީ ދިވެހިން ނުހަނު ފަޚުރުވެރިވި ކަމެއް ވެސްމެއެވެ. ހަމަ އެކަނި އެއްބަހަކުން ވާހަކަދައްކަނީކީ އެއް ވެސް ނޫނެވެ. އެ ބަހުގައި ތަފާތު ބަހުރުވަތައް ވެސް އެބަހުއްޓެވެ. އެއީ ބަހަކަށް ލިބޭނޭ އެންމެ ބޮޑު އެއް މުއްސަނދިކަން ވެސް މެއެވެ. އެހެން ނަމަވެސް މިއަދުގެ ޒުވާން ޖީލަށް ދިވެހި ބަހަކީ ފަކުރު ބަހަކަށްވެއްޖެއެވެ. ބަސް މަސްހުނިކުރުން އާންމުކޮށް، އެއީ ޒަމާނީ ކަމަކަށް ވެސް ހަދައިފިއެވެ. އެހެންކަމުން ބަސްކިޔަވައިދޭ މީހުންނާއި ބަހަށް ލޯބިކުރާ މީހުންނަށް ބަސްމަސްހުނިކުރުމާ ބެހޭ ގޮތުން އެނގިފައިވުމަކީ ނުހަނު މުހިއްމުކަމެކެވެ.

ޝައްކެއް ވެސް ނެތެވެ. ދިވެހީން ވާހަކަދައްކާ ދިވެހި ބަހަށް ވެސް އެކި ޒަމާންތަކުގައި އެކި ކަރަތަކުގެ ނުފޫޒު އެކި މިންވަރަށް ފޯރާފައިވެއެވެ. އޭގެ ތެރޭގައި އަރަބި ބަހާއި، އުރުދޫ ބަހާއި، ޕޯޗުގީޒް ބަހާއި، ފާރިސީ ބަހާއި ހިންދީ ބަހުގެ އިތުރުން އަވައްޓެރި އެހެން ބަސްބަހުގެ ނުފޫޒު ވެސް ވަނީ ދިވެހިބަހަށް ކޮށްފައެވެ. އަދިހަމައެހެންމެ، ސިޔާސީ، އިޤްތިޞާދީ އަދި ތަޢުލީމީ ބޭނުންތަކަށްޓަކައި ދުނިޔޭގެ ގިނަ ބަޔަކު އެ ބަހަކުން މިއަދު ހަމަކޮންމެހެން ވެސް މުޥާޞަލާތުކުރަންޖެހިފައިވާ  އިނގިރޭސި ބަހުގެ ނުފޫޒު ވެސް މި ވަނީ ހައްދެއްނެތް މިންވަރަށް ދިވެހި ބަހަށް ފޯރާފައެވެ. ގިނަ ގައުމުތަކެކޭ އެއްފަދައިން މިހާރު ރާއްޖޭގެ ވެސް ދެވަނަ ބަހަކީ މިދެންނެވި އިނގިރޭސި ބަހެވެ. އަދި އިނގިރޭސި ބަހުގެ ނުފޫޒު ރާއްޖޭގައި މި ވަނީ އިންތިހާއަށް ގަދަވެފައެވެ. ޒުވާނުންނާއި ކިޔަވާ ކުދިން ދިވެހިބަހަށް ވުރެ ބޮޑަށް އިނގިރޭސި ބަހަށް ސަމާލުކަންދޭ ކަމީ ދިވެހި ބަސް ވެއްޓެން މިދާ ފުންވަޅުގަނޑުގެ ނުރައްކާތެރިކަމުގެ އިންޒާރުދޭ ރަނގަބީލެކެވެ.

ބަސް މަސްހުނިކުރުމާއި ބެހޭ ގޮތުން ވާހަކަދައްކާއިރު، ބަސް މަސްހުނިކުރުމަކީ ކޮބައިތޯ އާއި، ބަސް މަސްހުނިކުރުމުގައި ހިމެނޭ ބައިތަކަށް ފުންކޮށް ބަލައިލާން އެބަޖެހެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ދެ ބައްސަ ކަމަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ދެބައްސަކަމަކީ ކޮބާ؟ 

ދެ ބައްސަކަމަކީ ދެ ބަހަކުން ވާހަކަދެއްކުމެވެ. އަދި ދެ ބަހަކުން ވާހަކަދައްކަމުންދާ އިރު، އެއް ޖުމުލައެއްގައި ނުވަތަ ބަސްކޯޅިއެއްގައި އެއް ބަހަށްވުރެ ގިނަ ބަހުގެ އުންސުރުތައް (އެލެމެންޓްސް) ބޭނުންކޮށްގެން ވާހަކަދެއްކުމަކީ ވެސް ދެބައްސަކަން ކަމުގައި ތައިސް އިން ޑަރ ސްމިޓަން (2002) ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ބަސް މަސްހުނިކުރާއިރު، ދެ ގޮތަކަށް ބަސް މަސްހުނިކުރެއެވެ. އެއީ ބަސްމަސްހުނިކުރުން (ކޯޑް މިކްސިންގ) އަދި  ބަސްބަދަލުކުރުން )ކޯޑް ސްވިޗިންގ) އެވެ.

ކޯޑް ސްވިޗިންގއަކީ ދެބައްސަ މަސްހުނިކުރުމެއްގައި އެއް ބަހަކުން ޖުމުލައެއް ބުނުމަށްފަހު، އެއާ ވިއްދައިގެން ދެން ބޭނުންކުރާ ޖުމުލަ މުޅިން އެހެން ބަހަކުން ބުނުމެވެ. މިސާލަކަށް ދިވެހި ބަހުން އެއް ޖުމުލަ ބުނުމަށްފަހު ހިންދީ ބަހުން ނުވަތަ އިނގިރޭސި ބަހުން ނުވަތަ އަރަބި ބަހުން އަނެއް ޖުމުލަ ބުނުމެވެ. ކޯޑް މިކްސިންއާ ޚިލާފަށް ކޯޑް ސްވިޗިންގގައި އެއް ބުނުމެއްގައި މުޅިން ބޭނުންކޮށްފައި ހުންނާނީ ކޮންމެވެސް އެއް ބަހެއްގެ އުންސުރުތަކެވެ.

ބަސްމަސްހުނިކުރުން

ކޯޑު ސުވިޗިންގ އަކީ ދެ ބަހެއް ނުވަތަ ދެ ބަހުރުވައެއް، ބޭނުންކުރުމުގެ ކުޅަދާނަކަން ހުރިމީހާ، މީގެތެރެއިން އެއްގޮތަކަށް ވާހަކަދައްކަމުންގޮސް، އަނެއް ގޮތަކަށް ބަދަލުކޮށްލާ ކޮށްލުމަށް ކިޔާ ނަމެކެވެ. މި ގޮތަށް، ކުރިއަށާއި ފަހަތަށް ވެސް ބަދަލު ކުރަމުން ގެންދެވިދާނެއެވެ. މިކަމަށް ކޯޑް މިކްސިންގ ނުވަތަ ސްޓައިލް ޝިފްޓިންގ އޭވެސް ކިޔައެވެ.

މައިގަނޑު ގޮތެއްގައި ތިން ގޮތަކަށް ކޯޑު ސުވިޗު ކުރެވިދާނެއެވެ. އެއީ އިންޓަރ-ސެންޓެންޝަލް ސުވިޗިން (ދެ ޖުމުލަ ދޭތެރޭގެ ބަދަލު) ،އިންޓްރާ-ސެންޓެންޝަލް ސުވިޗިންގ (އެއް ޖުމުލައިގެ ތެރޭ ގެންނަ ބަދަލު) އަދި ޓެގް ސުވިޗިންގ އެވެ. މިއީ މުއާމަލާތަށް އެއްވެސް އަސަރެއް ނުފޯރާ ފަދަ ލަފުޒުތައް ބޭނުންކުރުމެވެ.

2020 ވަނަ އަހަރުގެ އެސެމްބްލީއެއްގައި ދަރިވަރަކު ވާހަކަދައްކަނީ. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ދެ ޖުމުލަ ދޭތެރޭގެ ބަދަލު (އިންޓަރ-ސެންޓެންޝަލް ސުވިޗިން)

މިއީ ޖުމުލައިގެ ނުވަތަ ޖުމުލައިގެ މައިގަނޑުގެ ހުދޫދުން ބޭރުން ގެންނަ ބަދަލެވެ. މި ބަދަލަށް އެކްސްޓްރާ ސެންޓެންޝަލް ސުވިޗިންގ އޭ ވެސް ކިޔައެވެ. ދެމީހަކު ވާހަކަ ދައްކާ އިރު އަނެއް އެކަކު އަނެކަކަށް ލިބޭ ފުރުސަތުގައި ވެސް ބަދަލު ކޮށްފާނެއެވެ. މިގޮތަށް އެއްބަހުން އަނެއް ބަހަށް ބަދަލު ކުރެވޭނީ ދެބަހުގެ ވެސް ބަހުގެ ހަމަ އެނގި ދެބަހަށް ފަރިތަވެގެންނެވެ. ދެބަހުގެ ގަވައިދު ވެސް ރަނގަޅަށް ނޭނގި ސުވިޗެއް ނުކުރެވޭނެއެވެ. ޝާލޮޓް ހޮފްމަން (1991) ހާމަކުރައްވާފައިވާ ގޮތުގައި ދެ ޖުމުލައިގެ ތެރޭގައި ކޯޑް ސްވިޗް ކުރާނަމަ އެއީ އިންޓްރާ ސެންޓެންޝަލް ސްވިޗިންއެވެ.

މިސާލު: މަ މިއަދު ދިޔައިން ތި ގެއަށް. ބަޓް ޔޫ ވަރ ނޮޓް ދެ އަރ. ފޯނަކަށް ވެސް ނުގުޅޭ.

މި މިސާލުގައި ވާހަކަދެއްކި މީހާ ދިވެހިބަހުން ޖުމުލައެއް ބުނުމަށް ފަހު ދެން އައި ޖުމުލަ ބުނެފައި އެވަނީ އިނގިރޭސި ބަހުންނެވެ. އެއަށްފަހު ތިން ވަނަ ޖުމުލަ ބުނެފައި އެ ވަނީ އަނެއްކާ ވެސް ދިވެހި ބަހުންނެވެ. އެހެންކަމުން މިއީ އިންޓަރ ސެންޓެންޝަލް ސްވިޗިންގ އެވެ.

ޖުމުލައިގެ އެތެރޭގެ ބަދަލު (އިންޓްރާ ސެންޓެންޝަލް ކޯޑު މިކްސިންގ)

އިންޓަރ ސެންޓެންޝަލް ކޯޑް މިކްސިންގ އާ ޚިލާފަށް މިގޮތަށް ބަސް މަސްހުނި ކުރާނީ މައިގަނޑެއް، ބަސް ކޯޅިއެއް ނުވަތަ ޖުމުލައިގެ ހުދޫދުގެ ތެރޭގައެވެ. މިއީ ކޯޑު މިކްސިންގެ އެންމެ އާންމު ގޮތެވެ. އަދި ހަމައެހެންމެ އިންޓްރާ ސެންޓެންޝަލް ސުވިޗިން އަކީ ފްރޭޒަކުން ނުވަތަ ޖުމުލައިގެ ބައުންޑްރީ ތެރޭގައި ގެނެވޭ ބަދަލެއް ކަމުގައި ޓޮމް އެމްސީ އާތޫރު)1998) ހާމަކުރައްވާފައިވެއެވެ. އިންޓްރާ ސެންޓެންޝަލް ސުވިޗިންގައި ޖުމުލައިގެ ތެރޭގައި ބޭނުންކުރެވޭ ބަސްކޯޅިއެއް، ބުނުމެއް ނުވަތަ ޖުމުލައެއް އެހެން ބަހަކުން ބޭނުންކުރުންކަމުގައި ޓޮމް އެމްސީ އާތުރު (1998) ހާމަކުރައްވާފައިވެއެވެ. ޝާލޮޓް ހޮފްމަން (1991) ވިދާޅުވާގޮތުގައި ވާހަކަދައްކަމުން ގެންދާއިރު ޖުމުލައިގެ މައިގަނޑު ބައިތައް ދެ ބަހަކުން ގެނެވޭނަމަ އެއީ އިންޓްރާ ސެންޓެންޝަލް ކޯޑް ސުވިޗިންގއެވެ.

މިސާލު: މިއަދު ހަމަ ވަރަށް ބޯރިންގ ވާތީ މިއުޅެނީ.

އިންޓްރާ ލެކްސިކަލް ކޯޑް މިކްސިންގ

އިންޓްރާ ލެކްސިކަލް ކޯޑް މިކްސިންގައި މަސްހުނި ކުރަނީ ލަފުޒު ގެ މަޚްރަޖް ނުވަތަ ލަފުޒު ކިޔާ ގޮތެވެ. މިސާލަކަށް ދިވެހިބަހުން ވާހަކަދައްކަމުން ވެސް އިނގިރޭސި އެކްސެންޓް ބޭނުންކުރުމެވެ. މިއީ މިހާރަކަށް އައިސް ދިވެހި ކިޔަވާކުދިންނާއި ޒުވާނުންގެ ކިބައިން ފެންނަ ކެމެކެވެ.

ޓެގް ސްވިޗްކުރުން

މިވައްތަރުގެ ސުވިޗިންގައި ލަފުޒެއް ނުވަތަ ބަސް ކޯޅިއެއް ލަފުޒަކާއި ޓެގު ފްރޭސް ތައް މުއާމަލާތުގެ ތެރޭގައި ބޭނުންކުރުން. އިންޓްރާ ސެންޓެންޝަލް ސުވިޗު ކުރުމުގައި ޓެގް ސުވިޗިން ވަރަށް ގިނައިން ފެނެއެވެ. ޓޮމް އެމްސީ އަތޫރު (1998) ހާމަކުރައްވާފައިވާ ގޮތުގައި ޓެގް ސުވިޗިންއަކީ ވާހަކަދައްކަމުންދާއިރު އެހެންބަހެއްގެ ޓެގެއް ނުވަތަ ވަކި ފްރޭޒެއް ވާހަކަދައްކަމުންދާ ބަހުގެ ތެރެއަށް ގެނައުމެވެ.

މިސާލު: ޓު ޓެލް ޔޫ ފްރޭންކްލީ. ތީ ކުރިން މަ އެހާ ޓްރަސްޓްކުރި މީހެއް ނޫން.

ބަސްމަސްހުނިކުރާ ސަބަބުތައް

ކޯޑު މިކްސްކޮށް، ކޯޑު ސްވިޗްކުރަނީ ވަކި މައުޟޫއަކާ ގުޅޭގޮތުން ވާހަކަދެއްކުމަށާއި، ކޮންމެވެސް މީހަކަށް ޙަވާލާދިނުމަށް ނުވަތަ ކޯޓްކުރުމަށާއި، އެއްބައިވަންތަކަން ފާޅުކުރުމަށާއި، ނުވަތަ ވަކިކަމަކަށް ބާރުއެޅުމަށެވެ. މީގެ އިތުރުން ވާހަކައިގެ ތެރެއަށް ޖުމުލަ ފުރިހަމަކުރާ ބަސްތަކާއި ޖުމުލަ ގުޅުވުންތައް ބޭނުންކުރުމަށާއި، އޮޅުންފިލުވުމަށް ތަކުރާރުކުރުމަށާއި، ވާހަކަދައްކާ މީހުން ދައްކާ ވާހަކައިގެ އެސެންސް ނުވަތަ އޮއްޓަރު ދަނެގަތުމުގެ ޝައުޤަށާއި، ގުރޫޕުގެ އަމިއްލަވަންތަކަން ފާޅުކުރުމުގެ އިތުރުން ފާޅުކުރާ އެދުމެއް ނުވަތަ ކޮމާންޑެއް ދެރަވަރުކުރުމަށް ނުވަތަ ވަރުގަދަކުރުމަށް ހަޤީޤީ ބޭނުމެއް ލަފުޒުގެ ގޮތުން ކުރަން ޖެހުމާއި އަދި އޯޑިއަންސެއްގައި ވަކިބަޔަކު އިސްތިސްނާކޮށް ބުނުމެއް ބުނުމަށް ވެސް ކޯޑު ސްވިޗްކުރެއެވެ.

މި ޖީލުގެ ޒުވާނުން ހުށަހަޅައިދޭ ޓީވީ ޕްރޮގްރާމެއް އެންމެ ފަހަރަކު ނަމަވެސް ބަލައިލަބަލާށެވެ. މި ޕްރޮގްރާމްތަކުން ބަސްމަސްހުނިކުރާ ހުރިހާ ގޮތަކަށް ބަސްމަސްހުނިކޮށްފައިވާކަން ފާހަގަކުރެވޭނެއެވެ. ބަސްމަސްހުނިކުރުން އޮތްގޮތުގެ އެންމެ ފުނަށް ފީނަން ބޭނުންނަމަ މީގެ ދެތިން ހަތަރު ޕްރޮގްރާމެއް ބަލައިލާށެވެ. ޚާއްޞަކޮށް ލައިވް ޕޮރުގްރާމްތަކުން "ޑޭޓާ" ނަގައިފިނަމަ ބަސްމަސްހުނިކުރުން އޮތްގޮތް މާ ރަނަގަޅަށް އެނގި ފަހުމްވެގެންދާނެއެވެ.

ޓީވީ ޕޮރުގްރާމްތަކަކީ ކުޑަކުދިން ވެސް ހިމެނޭހެން ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ބަލައި، ޕޮރުގްރާމްތަކަކަށް ވާތީ އެ ޕޮރުގްރާމްތަކުގައި ވާހަކަދައްކާ މީހުންނަކީ މައް ދިވެހިބަހުން ވާހަކަދައްކަން އެނގިފައިވާ ބަހުގެ ގަވާއިދާއި ހަމަތަކާއި އުޞޫލުތަކަށް އިޙްތިރާމްކުރާ ބަޔަކަށް ވާން ޖެހެއެވެ. އެހެން ކަމުން ރޭޑިއޯ ޓީވީ ފަދަ މާސްމީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި އެފަދަ ޕޮރުގްރާމްތަކުގައި އާންމުކޮށް ބައިވެރިކުރުވާ މީހުންނަށް ސާފުދިވެހި ބަހުން ވާހަކަދައްކަން ދަސްކޮށްދޭ ތަމްރީން ޕޮރުގްރާމް ހިންގުމުގެ މުހިންމުކަން ނުހަނު ބޮޑެވެ. ހިތާމައަކީ ބޭނުންކުރާނޭ ރީތި ދިވެހި ލަފުޒު ހުންނައިރު ވެސް އެ ލަފުޒުތަކުގެ ބަދަލުގައި އިނގިރޭސި ލަފުޒު ބޭނުންކުރުން އާންމުވެފައިވުމެވެ. ބަސްކުރިއަރުވަން މަސައްކަތްކުރާ، ބަސްދެކެ ނިހާޔަތަށް ލޯބިވާ، ބަސް ކިޔަވައިދޭ މުދައްރިސެއްގެ ހައިސިއްޔަތުން ދިވެހިންގެ ކިބައިން އާދޭހާއެކު މި އެދެނީ ކޮންމެހެން ބަސް މަސްހުނިކުރަން ނުޖެހޭ ހާލަތުގައި މައްދިވެހިބަހުން ވާހަކަދެއްކުމަށެވެ. ކާބަފައިން ނުހަނު ފަޚުރުވެރިކަމާއެކު އަހަރެމެންނާ ހަވާލުކޮށްފައިވާ މި އަމާނާތަށް ޚިޔާނާތްތެރި ނުވުމަށެވެ. ދިވެހީން ދިވެހި ބަސް ނޭނގޭ ކަމަށް ހެދުމަކީ މޮޅުކަމެއް ނޫނެވެ. ލަދު ކަމެކެވެ. ހުތުރުކަމެކެވެ. ބަސް މަސްހުނިކުރުމަކީ ސަޅިކަމެއް ވެސް ނޫނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ގިނަ މައުލޫމާތު ތަކެއް ލިބިގެން ހިގައްޖެ. ވަރަށް ފުރިހަމަ ލިޔުމެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *