ސްކޫލެކޭ މި ބުނަނީ، ހަމައެކަނި އެ ނަމުގައި އަޅައިފައިހުރި، ޢިމާރާތަކަށް ނޫނެވެ. ސްކޫލެކޭބުނެ، ނަންބޯޑެއް ހަރުކޮށްފައި ހުންނަ ހުރުމަކަށް ނޫނެވެ. ބައެއް މީހުން ސްކޫލާ މުޚާތަބުކޮށް، " އެއީ، ނަތީޖާނެރެދޭ ރަނގަޅު ސްކޫލެއް" މިހެން، އެބުނާ ބަސް ރަށްދުވަނީވެސް ޢިމާރާތަކަށް ނޫނެވެ. އެ ބަހުން ދަލީލު ކޮށްދެނީ، އެ ސްކޫލެއްގެ މުދައްރިސުންނަށާއި މެނޭޖުމަންޓަށެވެ. ސުވާލަކީ، އެބަޔަކަށް މި ބަސް ރަށްދުވަނީ ކީއްވެގެން ހެއްޔެވެ؟
ރަނގަޅު ނަތީޖާއެއް ނެރެދޭ ބަޔަކީ، ކޮންމެ ސްކޫލެއްގައިވެސް ކިޔަވައިދޭ، ތަޖުރިބާކާރު މުދައްރިސުންނެވެ. ޓީޗަރުންނެވެ. އެމީހުންނަކީ، ތަޖުރިބާކާރު ބައެކޭ ބުނެވެނީ، ކިޔަވައިދިނުމުގައި ވޭތުކުރި ގިނަ ދުވަސްތަކަކަށް ނޫނެވެ. ކިޔަވައިދިނުމުގެ ތެރެއިން އެބަޔަކުވެސް އުނގެނިފައިވާ އުނގެނުމަށެވެ. މި އުނގެނުމުގެ ތެރެއިން ހޯދާފައިވާ ތަޖުރިބާއަށެވެ.
މިސާލަކަށް، ވަކިމާއްދާއެއް، ކިޔަވައިދޭ މުދައްރިސަކު، އެ މާއްދާއެއް ކިޔަވައި ދިނުމުގައި، ވޭތުކުރާ ކޮންމެ އަހަރަކީ، އައު ދަރިވަރުންތަކަކާއި މުދައްރިސާއި ބައްދަލުވާ އަހަރެކެވެ. އެއީ ވިސްނުމާއި، ދޭހަވުމާއި، ކަންކަން އޮޅުންފިލުވުމުގެ ޝައުޤާއި، މުދައްރިސަށް ސުވާލުކުރުމުގައި އެކުދިންގެ ކިބައިގައި ހުންނަ ވައްޓަފާޅިއަށް ބަލާއިރު، މުޅިން އައު ޖީލެއްގެ ކުދީންނެވެ. އެހެންކަމުން، މުދައްރިސަކު، އެއް ގްރޭޑެއްގައި، އެއް މާއްދާއެއް ކިޔަވައިދިނުމުގައި ވިއްސަކަށް އަހަރު ހޭދަކުރާއިރު، އޭނާއާއި ވިއްސަކަށް ޖީލުގެ ކުދިންނާއި ބައްދަލުވެފައި އޮވެއެވެ.
އަދި މިދެންނެވި ވިއްސަކަށް އަހަރުގެ ތެރޭގައި، އެތަކެއްހާސް ދަރިވަރުން، ކޮންމެ ފިލާވަޅަކާމެދު، ކޮށްފައިވާ އެތަކެއްހާސް ސުވާލު ތަކާމެދު، ޖަވާބު ދިނުމުގައި އެކި ގޮތްގޮތުން އޭނާ ވިސްނާފައި ހުރެއެވެ. އަދި އެއް ފިލާވަޅަކާމެދު، އެތަކެއްހާސް ދަރިވަރުން ކޮށްފައިވި އެތަކެއްހާސް ސުވާލުތަކެއް، ބަލައިގަތް އަދި އެއަށް ޖަވާބުދިން ފަރާތަކީ އޭނާއަށްވީތީ، އެ މާއްދާއެއް ކިޔަވައި ދިނުމުގައި، އޭނާ އެ ހޯދި ތަޖުރިބާއާއި އޭނާއަށް ދަސްވެފައިވާ ދަރިވަރުންގެ ފިކުރަކީ، މިތާނގައި ވަރަށް އަގުބޮޑު " ނޮލެޖު" އެއް، ކަމުގައި ނޫނީ ނުވެއެވެ. އެހެންކަމުން، އެ ފިލާވަޅެއްގެ ހަވާސާގައިވާ އެންމެހާ ކަންކަމާމެދުވެސް، އެންމެ ފުޅާދާއިރާއެއްގައި ސުވާލުތައް އަމާޒުވީ އޭނާއަށެވެ. އެ ސުވާލުތަކަށް ޖަވާބުދޭނޭ ޢިލްމީ ޤާބިލްކަމާއި، ޙިކުމަތާއި ބުއްދީގެ އަހުލުވެރިއަކަށް ވެފައިވަނީވެސް ހަމަ އޭނާއެވެ. ވީމާ، އޭނާ ދަރިވަރުންނަށް އެ ފިލާވަޅެއްގައި އެވާ އެއްޗެއް ދޭހަކޮށްދިނުމުގައި ހޯދި ތަޖުރިބާ އަކީ ވަރަށް އަގުބޮޑު ޖަވާހިރެއްގެ ގޮތުގައި ނޫނީ ގުނޭނެ އެއްޗެއް ނޫނެވެ.
ތަޖުރިބާކާރު މުދައްރިސަކަށް އެމީހަކު ވެފައި އެވަނީ، ލައްކަ ގިނަ މަރުޙަލާތަކެއްގެ ތެރެއިންނެވެ. ލައްކަ ގިނަ ޖީލުތަކަކާއި ބައްދަލުވެ، އެކުދިން އެ ފިލާވަޅަކާމެދު ކުޅަ ސުވާލުތަކެއްގެ ތެރެއިންނެވެ. އެކުދިން އެ މާއްދާއަކާމެދު ވިސްނުން ގެންގުޅެފައިވި ވަށްބުރު އެއީ، އޭނާ، އެފަދަ މުދައްރިސަކަށް ހަދައިދިން ބުރެވެ. ސުވާލަކީ، މިފަދަ ބުރެއްގެ ތެރޭން އެތައް ތަޖުރިބާއެއް ހޯދި ޓީޗަރަކާ، އެނޫން ޓީޗަރަކާއި އެއްފަދަ ކުރެވިދާނެ ތޯއެވެ؟
ކޮންމެއަކަސް، ދެން އޮތީ، މެނޭޖުމަންޓުގެ ބައެވެ. އެއީ މިދެންނެވި ދަރިވަރުން، ކިޔެވުމުގައި ކުރިއަރާދާ ގޮތާއި، ބައެއްފަހަރަށް އެކުދީންނަށް، އުނގެނުމުގައި ދިމާވާ ނާކާމިޔާބީތަކާމެދު، މުދައްރިސާއި ސުވާލުކޮށް، އެހެން އެވަނީ ކީއްވެކަން ދެނެގަތް މެނޭޖުމަންޓެވެ. ހަމައެކަނި ދެނެގަތީއެއް ނޫނެވެ. އެހެން އެކަންކަން ނުވާނެގޮތް ބުނެދިނީވެސް މެނޭޖުމަންޓެވެ.
އެހެންކަމުން ކޮންމެ ޓީޗަރެއްގެ ގާބިލުކަން ވަޒަންކުރަމުން، ކޮންމެ ޓީޗަރަކަށް ބޭނުންވާ އިރުޝާދު ދެމުން، ކިޔަވައިދިނުމަށް ފަހިވާނެހާ ފަސޭހަތައް ފޯރުކޮށްދެމުންގެންދިޔަ، މިދެންނެވި މެނޭޖުމަންޓުވެސް ވެގެންދަނީ، ކާމިޔާބު ސްކޫލެއް ހިންގަން ދޮންވެ ފައްކާވެފައިވާ މެނޭޖުމަންޓަކަށެވެ.
މިތާނގައި "ދޮންވެ ފައްކާވުން" މި މާނަކުރަނީ، ވަކިވަކި މުދައްރިސުންގެ ގާބިލުކަން ދެނެގެންފައިވި ހުޝިޔާރުކަމަށާއި، އެމީހުންނަށް ދީފައިވި އިރުޝާދުތަކުން ހާސިލުކުރި ނަތީޖާގެ ފޮނިމީރުކަމަށާއި، ކިޔަވައިދޭން ފަސޭހަ ކުރުމަށް ފޯރުކޮށްދިން ވަސީލަތްތަކުގެ ނަތީޖާ، އަޖުމަބެލިފައި އޮތް އޮތުމަށާއި، ބަދަލުވަމުންދާ ޒަމާންތަކުގައި ދަރިވަރުންގެ ކިޔެވުމުގެ ޝައުގަށް އަންނަ އަޑިގުޑަންތަކާއި އުސްމިންތައް ދެނެގަނެގެން، ސްކޫލު ހިންގުމުގައި ހޯދި ތަޖުރިބާއަށާއި، ކުރިމަގާމެދު ކުރަހަމުންދާ އަދި ކުރެވި ތަސައްވުރުވެސް ހިމަނައިގެންނެވެ.
އެހެންކަމުން، މިފަދަ ތަޖުރިބާކާރު މުދައްރިސުންނަށްވެސް، އިތުރަށް ދޭންޖެހޭ އިރުޝާދުތައްދީ، ކާމިޔާބީގެ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން، އެމަގަށް ވާސިލުވެވެން އޮތް ވަސީލަތްތައް ފަހިކޮށްދީގެން، އެ މަގަށް ކިޔަވައި ދިނުމުގައި، އަބަދުވެސް ފާރަވެރިވެ، އަވަދިނެތި، އެހާމެ ބުރަކޮށް މަސައްކަތްކުރާ ސްކޫލަކުން، ދަރިވަރަކު ކިޔަވަމުންދާ ކިޔެވުމާއި، އަމިއްލަ ގޮތުން ވަކިމާއްދާއެއް ނުވަތަ މާއްދާތަކެއް، ކިޔަވާ ކިއެވުމާއި އުޑާއިބިމާހާ ތަފާތެވެ. އެ ތަފާތު ސްކޫލުން ފެންނާން އޮތް ސައިންސްލެބާއި، ގޭގައި ފެންނާންނެތް މި މަންޒަރު، ސިކުނޑީގެ ތަރާދުން ކިރާލުމުންވެސް އެނގޭނެއެވެ.
ސްކޫލުގައި ތިބި މިދެންނެވި ތަޖުރިބާކާރު މުދައްރިސުންނާއި، ގެއަށް ގެންނަ މުދައްރިސްގެ ތަޖުރިބާ ވަޒަންކޮށްލުމުންވެސް މިކަން ދެނެގަނެވޭނެއެވެ. ކިތަންމެ މޮޅު ވަޑިއަކަސް ސާމާނުނެތި ވަޑާން ކުރަންދަތިވާ ބީދައިން، ކިތަންމެ މޮޅު ސައެންސް ޓީޗަރަކަސް ލެބެއްނެތި ދަރިވަރަށް ތަޖުރިބާ ދޯދައިދޭންވެސް ދަތިވާނެއެވެ. ސްކޫލަކުން ކިއެވުމާއި، އަމިއްލައަށް ކިއެވުން،އުޑާއި ބިމާހާ، ތަފާތުބޮޑޭ މި ބުނެވެނީ މިހެންވެއެވެ. ކުލާސްރޫމުގައި ތިބޭ ކުދިންނާއެކު ދަރިވަރު ހޭދަކުރާއިރު، އެކިކުދިން ކުރާ ސުވާލުތަކަށް މުދައްރިސް ދެމުންގެންދާ ޖަވާބުތައް، އަޑުއަހާލުމުގެ ފުރުސަތަށް އެކަނިބެލިނަމަވެސް، އެއީ މިބަހުގެ އަނެއް ދަލީލެވެ.