އައު ކަރިކިއުލަމް ނުވަތަ ޤައުމީ މަންޙަޖު ބިނާވެފައިވަނީ މައިގަނޑު އަށް ދާއިރާއަކަށް ބަލައިލެވިފައިވާ އަށް ޤާބިލިއްޔަތެއްގެ މައްޗަށެވެ. މިދެންނެވި ޤާބިލިއްޔަތުތަކުގެ ތެރޭގައި ޓެކްނޮލޮޖީ އާއި މީޑިޔާ ބޭނުންކުރުން ވެސް ހިމެނެއެވެ. މުދައްރިސުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް، ޚާއްޞަކޮށް އިންފޮރމޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުމަށް ފައްކާވެފައިވާ ބަޔަކަށްވާންޖެހޭ ސަބަބަކީ މިއީއެވެ. މުދައްރިސުންނަށް އައިސީޓީގެ ޤާބިލިއްޔަތުކަން ލިބިފައި ނެތް ނަމަ ޤައުމީ މަންހަޖުގެ މައިގަނޑު ހުރިހާ ޤާބިލިއްޔަތެއް ފުރިހަމައަށް އުނގަންނައި ނުދެވޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ރިޕޯޓުގައި މި ބަލައިލަނީ ގައުމީ މަންހަޖުގައި އައިސީޓީގެ ދައުރަށެވެ.
އައިސީޓީ ޤާބިލިއްޔަތުކަން
އައިސީޓީގެ ޤާބިލިއްޔަތު ކަމަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ފަރިތަކަމާއެކު ބޭނުންކޮށްގެން ދަރިވަރުންނަށް އުނގަންނައިދިނުމާއި މުދައްރިސުންގެ އުނގެނުމުގެ ފެންވަރު މަތިކުރުމުގެ ޤާބިލްކަން ހުރުމެވެ. ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވުމާ އެކު، އައިސީޓީ ޓޫލްތައް ފަރިތަކަމާ އެކު ބޭނުންކުރަން އެނގުމެވެ. އެ ޓޫލްތައް ބޭނުންކޮށްގެން މަޢުލޫމާތު އުފެއްދުމާއި، ލިބިގަތުމާއި ފޯރުކޮށްދިނުމުގެ ޤާބިލްކަން ހުރުމެވެ. މަޢުލޫމާތު ބޭނުންކުރާން އެނގުމާއި މަޢުލޫމާތު ބޭނުންކޮށްގެން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ޤާބިލްކަން ލިބިފައިވުން ވެސް މެއެވެ. މި ދެންނެވި ޤާބިލްކަން ފުރިހަމައަށް ލިބިގެން މެނުވީ ޤައުމީ މަންޙަޖުގައި ހިމެނޭ އަށް ދާއިރާއިން ޓެކްނޮލޮޖީ ބޭނުންކުރުމުގެ ޤާބިލްކަން މުދައްރިސުންގެ ކިބައިގައި ހުރުމަކީ މުޞްތަޙީލް ކަމެކެވެ.
ޤައުމީ މަންޙަޖުގެ އަށް ދާއިރާގައި ޓެކްނޮލޮޖީގެ ދައުރު
ޤައުމީ މަންހަޖުގައި ހިމެނޭ އުނގެނުމުގެ އަށް ދާއިރާ ކަމަށްވާ އިސްލާމްދީނާއި ރޫޙާނިއްޔަތާ، ބަހާއި މުއާޞަލާތާ، ހިސާބު ޢިލްމާ، ތިމާވެށްޓާ ސައިންސާއި ޓެކްނޮލޮޖީއާ، ސިއްޙަތާއި ދުޅަހެޔޮކަން، އިޖުތިމާޢީ ޢިލްމު، އުފެއްދުންތެރި ފަންނު އަދި އެންޓްރޮޕްރޮނަރޝިޕް، މި އިން ކޮންމެ ބަޔަކުން ވެސް ޓެކްނޮލޮޖީ އާއި މީޑިޔާގެ ޤާބިލިއްޔަތުކަން ކުދިންނަށް ލިއްބައިދޭންޖެހެއެވެ.
އިސްލާމްދީނާއި ރޫޙާނިއްޔަތު: މި ބައިން މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ފޯރުވައިދިނުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރާއިރު، މިއަދުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެފަދަ ޙާދިސާތަކާއި އިސްލާމީ ޙަޟާރަތުގައި ހުންނަ ރަނގަޅު ކަންތައްތަކާއި އިސްލާމު ދީން ބާރުއަޅައި ސަމާލުކަންދީފައިވާ ވާހަކަތައް ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުނަށް ފޯރުވައިދެވޭނެއެވެ.
ބަހާއި މުއާޞަލާތު: މި ދާއިރާއިން ޓެކްނޮލޮޖީއާއި މީޑީއާގެ ތަފާތު ވަސީލަތްތަކުން އެކިކަހަލަ ޓެކްސްޓްތައް ދަރިވަރުންގެ އަތްފޯރާފަށަށް ގެނެސްދީ އިތުބާރު ކުރެވޭ، ތެދު މަޢުލޫމާތު ލިބޭ މަސްދަރުތައް ފާހަގަކޮށް ޚިޔާރު ކުރާނެގޮތްތަކާއި، އެ މަޢުލޫމާތުތައް ޙިއްޞާކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާގޮތަކަށް ހުށަހެޅޭނެގޮތްތަކާއި ހުނަރުތައް އަންގައިދެއެވެ. މިހެންވުމުން، ދަރިވަރުން އުނގެނުމަށް ޒިންމާދާރުވާ މިންވަރު އިތުރުވެ، މަޢުލޫމާތު ހޯދުމާއި ބޭނުން ކުރުމަށް ކުރީގެ ވަސީލަތްތަކުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުން ހިފާންޖެހޭނެއެވެ. ޚަބަރު ފަތުރާ ވަސީލަތްތައް ބޭނުންކުރާ ގޮތްތަކާއި އެ ގޮތްތައް ބޭނުންކުރުމުން ނުކުންނަ ނަތީޖާ ވެސް ދަރިވަރުންނަށް އަންގައިދޭނެއެވެ
ހިސާބު ޢިލްމް: ހިސާބު ޢިލްމުގެ ތަފާތު މަފުހޫމުތައް ދަރިވަރުންނަށް އުނގަންނައިދިނުމުގެ ވަސީލަތެއްގެ ގޮތުގައި ޓެކްނޮލޮޖީއާއި މީޑިއާ ބޭނުން ކުރެވޭނެއެވެ. ހިސާބު ޢިލްމުގެ އެކި މަރުޙަލާތަކުގައި ޓެކްނޮލޮޖީގެ ބޭނުންކުރެވޭނީ އެކި މިންވަރަށެވެ. މިސާލަކަށް ފަށާ ތަޢްލީމުގެ މަރުޙަލާގައި ކޮންޕިއުޓަރު ނުވަތަ ކޮންޕިއުޓަރ ގޭމުފަދަ ތަކެތީގެ އެހީގައި "ޕެޓަރން" އަދި "ނަންބަރ ސީކުއެންސް" ދެނެގަތުމަށް ޓެކްނޮލޮޖީ ބޭނުންކުރެވެއެވެ. ސާނަވީ މަރުޙަލާގައި ދަރިވަރުން ޓެކްނޮލޮޖީގެ އެހީގައި "ނިއުމަރިކަލް ސިމިއުލޭޝަން" ކޮންޕިއުޓަރު ޕްރޮގުރާމު ކޮންޕިއުޓަރ ގުރެފިކްސް އަދި ގޭމުފަދަ ތަކެތި އުފައްދައެވެ.
ތިމާވެށްޓާއި ސައިންސާއި ޓެކްނޮލޮޖީ: ޓެކްނޮލޮޖީގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް މި މާއްދާގެ އެހީގައި ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ. އަދި އައި.ސީ.ޓީގެ ބޭނުން މި މާއްދާގެ ތެރެއިން ދަރިވަރުން ހިފާނެއެވެ. މަޢުލޫމާތު ހޯދައި އެއްކުރުމަށާއި މަޢުލޫމާތުގެ ތެދުކަން ބެލުމަށާއި އަދި މީގެއިތުރުން، މަޢުލޫމާތު ދިރާސާކޮށް އަޅާބެލުމަށް ޓެކްނޮލޮޖީއާއި މީޑިއާ ބޭނުން ކުރާން ދަސްކޮށްދޭނެއެވެ.
ޞިއްޙަތާއި ދުޅަހެޔޮކަން: ދަރިވަރުންގެ ޞިއްޙަތާއި ދުޅަހެޔޮކަމާގުޅޭ ތަފާތު ކަންކަމުގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވެދޭނެއެވެ. މި ގޮތުން ޓެކްނޮލޮޖީގެ ތަފާތު ވަޞީލަތްތައް ބޭނުންކުރާނެ ފުރުޞަތުތައް ހޯދައިދެވޭނެއެވެ. އަދި ލިބިފައިވާ މަޢުލޫމާތަށް ބިނާކޮށްގެން ޞިއްޙަތާ ގުޅުންހުރި ތަފާތު ނިންމުންތައް ނިންމާނެއެވެ. އަދި މި ދާއިރާ އުނގެނުމުގައި އައި.ސި.ޓީ ބޭނުންކުރުމުގެ ހުނަރުވެރިކަން ތަރައްޤީ ކުރެވޭނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ޞިއްޙަތާއި ދިރިއުޅުމުގެ އާދަތަކާއި ޘަޤާފަތަށް ޚަބަރު ފަތުރާ ވަޞީލަތްތަކާއި ޓެކްނޮލޮޖީން ކުރާ އަސަރު ވަޒަންކޮށް ދެނެގަންނާނެއެވެ.
އިޖުތިމާޢީ ޢިލްމު: އިޖުތިމާޢީ ޢިލްމާއި އެ ޢިލްމާގުޅޭ މަޢުލޫމާތު ޓެކްނޮލޮޖީއާއި މީޑިޔާގެ އެހީގައި ހޯދަން އެނގި، މަޢުލޫމާތު އެއްކޮށް، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތަފާތު މީޑިޔާތަކުގައި، އެ މަޢުލޫމާތު ބޭނުން ކުރުމުގައި ޓެކްނޮލޮޖީ ބޭނުން ކުރާނެއެވެ. އަދި ޓެކްނޮލޮޖީއާއި ތަފާތު މީޑިޔާތަކުން ހޯދާ މަޢުލޫމާތުތަކާމެދު ފުންކޮށް ވިސްނައި، ޓެކްނޮލޮޖީއާއި މީޑިޔާ ބޭނުންކޮށްގެން އިޖުތިމާޢީ މައްސަލަތައް ޙައްލު ކުރުމަށް އެމަޢުލޫމާތުގެ ބޭނުން ހިފަން އެނގޭނެއެވެ. އަދި އިޖުތިމާޢީ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގައި އައި.ސީ.ޓީގެ ބޭނުން ކުރެވޭނެއެވެ.
އުފެއްދުންތެރި ފަންނު: ކުރިއާއި މިހާރުގެ އާލާތްތައް ބޭނުންކޮށްގެން އުފެއްދުންތެރި ފަންނުތަކުގެ އުފެއްދުންތައް އުފެއްދުމާއި ހުށަހެޅުމުގެ ހުނަރު ދަރިވަރުންނަށް ލިބެމުންދާނެއެވެ. މިގޮތަށް މިޔުޒިކް ކުޅުމާއި ސްޓޭޖް ޑްރާމާއާއި އާރޓްގެ އުފެއްދުންތައް އެފެއްދުމުގައި ޙާލަތާގުޅޭގޮތަށް ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކް ސާމާނާއި ކޮންޕިއުޓަރާއި އިންޓަރނެޓް ބޭނުންކުރުމުގައި މަސައްކަތުގެ އަޚްލާޤު ހިފެހެއްޓުމަށް ދަރިވަރުން އަހުލުވެރި ކުރެވޭނެއެވެ. އަދި އުފެއްދުންތެރިކަމުގެ ފަންނު އުނގެނުމާއި އުނގަންނައިދިނުމުގައި އައި.ސީ.ޓީ ބޭނުން ކުރެވޭނެއެވެ
އޮންޓޮޕްރޮނިއަރޝިޕް: އުނގެނުމުގެ މިދާއިރާގެތެރެއިން ދަރިވަރުން ޙާޞިލު ކުރަން ބޭނުންވާ ލަނޑު ދަނޑިތައް ފަސޭހަކަމާއެކު އަވަހަށް ޙާޞިލުކުރުމަށްޓަކައި ޓެކްނޮލޮޖީއާއި މީޑިއާ ބޭނުން ކުރެވޭނެއެވެ. އަދި އައު ފުރުޞަތުތައް ހޯދުމާއި، އައުފެއްދުންތައް ފަރުމާކޮށް، ބާޒާރަށް ނެރުމުގައިވެސް، ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބޭނެއެވެ. މީގެއިތުރުން އުނގެނުމާއި އުނގަންނައިދިނުމުގައި އައި.ސީ.ޓީ ބޭނުން ކުރާނެއެވެ.
ކިޔަވައިދިނުމުގައި މުދައްރިސުންނަށް އައިސީޓީ ބޭނުން ކުރުން އިތުރަށް ފުޅާކުރުމަށް ކުރެވޭނީ ކޮންކަމެއް؟
އުނގަންނައިދިނުމުގައި އައިސީޓީ ބޭނުންކުރުން ފުޅާކުރުމަށް މިހާރަށްވުރެ ރޭވުންތެރިކަމާ އެކު ގެންދެވިދާނޭ ޙަރަކާތްތަކަކާއި، އެ ޙަރަކާތްތައް ގެންދެވިދާނޭ ގޮތަކާ މެދު ފުންކޮށް ވިސްނަންޖެހޭނެއެވެ. ސަބަބަކީ އައިސީޓީ އަކީ އަބަދުވެސް އާވެއާވެ ހުންނަ "ދިރޭ" އެއްޗަކަށްވާތީ އެވެ. އެހެންކަމުން އައިސީޓީ ބޭނުންކުރުން އިތުރަށް ފުޅާކުރުމަށް އައިސީޓީ ބޭނުންކޮށްގެން ދަރިވަރުން ވަކި މާއްދާތައް އުނގެނުމުގައި މިހާރަށް ވުރެ ބޮޑަށް ޒަމާނީ ކުރިއެރުންތަކުގެ ބޭނުންކޮށްގެން އެހީތެރިވާން ޖެހެއެވެ. ދަރިވަރުންގެ ވިސްނުމުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް އައިސީޓީގެ ބޭނުންކުރާންޖެހެއެވެ. އެކިއެކި މާއްދާތައް ކިޔަވައިދިނުމުގައި ތަފާތު އެކި ޙާލަތްތަކުގައި ދަރިވަރުންގެ އައިސީޓީ ޤާބިލްކަން ހުރި މިންވަރު އެކުދިން ލައްވައި ދައްކުވައިދީ ހިތްވަރުދީގެން ވެސް އައިސީޓީ ޤާބިލްކަން މަތިކުރެވޭނެއެވެ. މި ގޮތަށް ހިތްވަރުދިނުމުގެ ސަބަބުން ދަރިވަރުންގެ އަޒުމް އައުވެ، އެ ދަރިވަރަކު ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް އިތުރު ހިތްވަރެއް ލިބޭނެއެވެ.
ޤައުމީ އައު މަންޙަޖުގައި ހިމެނޭ މައިގަނޑު އަށް ދާއިރާއިން ޙާޞިލްވާންޖެހޭ މައިގަނޑު އަށް ޤާބިލިއްޔަތުގެ ތެރޭގައި ޓެކްނޮލޮޖީ އާއި މީޑިއާ ހިމެނިފައިވުން ރަމްޒުކޮށްދެނީ އައިސީޓީގެ ރޮނގުން ފައްކާވެފައިވާ ބަޔަކަށް އަދުގެ މުދައްރިސުން ކޮންމެހެން ވެސް ވާން ޖެހޭ ކަމެވެ. އެހެންކަމުން އަދާހަމަ ޒަމާނީ ޓެކްނޮލޮޖީއާ ފައިހަމަކުރުމަށް މަސައްކަތްކުރުމަކީ މި ޓެކްނޮލޮޖީގެ ޒަމާނުގައި ހަމަ ކޮންމެ ޓީޗަރަކުމެ ކުރާންޖެހޭ ކަމެކެވެ. ނުކޮށްދޫކޮށްލައިފި ނަމަ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހުން، ނުހަނު ގާތުގައިވާ ކަމެއް ވެސް މެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ފުރިހަމަ ހަގީގަތެއްގެ މައްޗަށް ބިނާ ކޮށްފައިވާ ލިޔުމެއް. ލިޔުންތެރިކަންވެސް ހަމަ އެހާމެ ފުރިހަމަ.