ހޭލާ ހުއްޓަކަސް އެެ ހުވަފެންތަކާއި ވަތްކެއް ނުވެއެވެ. ނިދިފައި އޮތަކަސް އެ ބިލާހަކަށް ޙަޤީޤީގަތުގެކުލައެއް ނުޖެހެއެވެ. ފެންނަނީ އެކައްޗެކެވެ. ޚިޔާލު ކުރެވެނީ އެއް ޚިޔާލެކެވެ. ހައްތަހާވެސް ޤައުމު އެދޭފަދަ ލަޔާޤާތްތެރި ދަރިއަކަށް ވުމުގެ ވާހަކައެވެ. ދިރިއުޅުމުގައި އަރުތައާއި ކާމިޔާބީ ހޯދުމުގެ ފޮނި ހުވަފެންތަކެވެ. އަހަރެންގެ ލޭފަވެތި މަންމަ އެދޭފަދަ އާރުލާ ދަރިއަކަށް ވުމުގެ ޚިޔާލުތަކެވެ.
އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދެމީހުންގެ ލޯބީގެ ނިޝާނެވެ. އެހެންކަމުން އެ ދެމަފިރިން އަހަރެންދެކެ ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. އެދެމީހުން އަހަރެން ބަލަނީ ލޮލުގެ ކޮއި ފަދައިންނެވެ. ހިރުގެ ފަނާރު ފަދައިންނެވެ. އަހަރެންގެ ހާޖަތްތައް ފުއްދައިދިނުމަށް އެދެމަފިރިން ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. ތެއޮނާޅާ އެންމެ ބައްތިއެއްވެސް ނުބަހައްޓައެެވެ. އަހަރެންގެ ދުލުން ބުނިއްޔާ ބުނިހައި އެއްޗެއް ހޯދައިދެނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އަދި ހަމަ އެހެންމެ އަހަރެމެން އުޅެން އަންގަވައިފައިވާ ގިއުގަނޑުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އެޅިއަނުދީ މަންމައާއި ބައްޕަ އަހަރެން ބަލައި ބޮޑުކުރަމުން އައީ ފިނިފެންމަލުގެ ދާނެއްގައެވެ.
އެހެންކަމުން އަހަރެންވެސް މައިންބަފައިން އަހަރެންނަށްޓަކައި ދެކެމުންއަންނަ ފޮނި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް އެތައް މިންނެތް މަސަތްކަތްތަކެއް ކުރަމެވެ. އަޚުލާޤީ ގޮތުން ރަށުގައި ހުނިޖަހައިލެވޭފަދަ ކުއްޖަކަށްވުމަށް އަތުކުރި އޮޅާލައި މަސައްކަތް ކުރަމުން ގެންދަނީ ދީނީ ކަންތައްތަކަށް ރަނގަޅަށް ފަރުވާ ބަހައްޓަމުންނެވެ. ހަމަ މިބީދައިން މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ކިޔެވުމަކީ މުހިންމު ކަމެއްކަން މަންމަ ވިސްނައިދީފައިވާތީ ކިޔެވުމަށްވެސް ނުހަނު ބުރަ މަސައްކަތް ކުރަމެވެ.
އަހަރެންގެ މަސައްކަތްތަކުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. ޖީ.ސީ.އީ އޯލެވެލް ހަދައި އިމްތިޙާނުގެ ނަތީޖާ އައިއިރު މުޅިދުނިޔޭން ހޮވާލެވޭ ދަރިވަރުންތަގުގެ ތެރޭގައި އަހަރެން ހިމެނިގެން ދިޔައެވެ. މަންމަގެ އުފަލުގެ ކޮޅެއްވެސް ނެތެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މަޔަކަށް މިއަށްވުރެ ވަކިން އުފާވެރި ދުވަހެއް އަންނާނެ ހެއްޔެވެ؟ މަންމައާއި ބައްޕައަށް ހީވަނީ ދެޢީދު އެއްފަހަރައި ލައިގަނެގެން އުޅެނީ ހެންނެވެ. މައިންބަފައިންގެ އުފާވެރި މޫނު ފެނިފައި އަހަރެންގެ ހިތައް ތަސައްލީ ލިބިގެން ދިޔައެވެ.
މަންމަ ބޭނުންވަނީ އަދިވެސް އިތުރަށް އަހަރެން ކިޔެވުމަށެވެ. އެހެންކަމުން އަހަރެންގެ ގާތުން މަންމަ އެދުނީ ރާއްޖެއިން ބޭރަށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް ދިޔުމަށެވެ. މުޅި ދުނިޔެ ސިއްސުވާލާ ފަދަ ހަރުދަނާ ޝަޚުޞިއްޔަތަކަށް ވާށޭ ބުނަމުންނެވެ. އަހަރެން އެއްބަސް ވީމެވެ. އަހަރެންގެ ހަންހާރަވެތި މައިންބަފައިންގެ ޝަޢުޤަށް ފެންދިނުމަށް އަހަރެން ރާއްޖެއިން ބޭރަށް ގޮސް ތަޢުލީމު ޙާޞިލްކުރުމަށެވެ.
ބޭރަށްގޮސް ކިޔަވަން ފެށުމަކުން އަހަރެންގެ އުޅުމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. މަންމަގެ ނަޞޭޙަތުގެ ބަސްތައް ކެނޑިނޭޅި އިވޭތީއެވެ. އެ ބަސްތައް އިވޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތްވަރު އާލާވެގެންދެއެވެ. ޢަޒުމް ވަރުގަދަ ވެެގެން ދެއެވެ.
އަހަރެން ހޭބޯނާރައި ކިޔެވުމަށް މަސައްކަތް ކުރަމުން ގެންދިޔައީމެވެ. ނަތީޖާއެއްގެ ގޮތުން ހީވެސްނުކުރާހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ ނަން މުޅި ކޮލެޖްގައި ވަކިހިއްޕާލިއެވެ. ކިޔެވުމަށް ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. ހިތްހެޔޮކަމާއި އޯގާތެރި ކަމުންނެވެ. ނަތީޖާއަކަށްވީ މީހުންގެ ތަޢުރީފާއި ލޯބީގެ ގުލްދަސްތާތައް އަހަރެންނަށް އޮހެން ފެށުމެވެ. އޭރު، އަހަރެން ބިނާކުރަމުންދިޔަ ޚިޔާލުގެ ގަނޑުވަރު ބިމާ ހަމަވާނެއޭ ބުނާނެ އެކަކުވެސް ނުހުންނާނެކަން ގައިމެވެ. އެންމެންވެސް ހީކުރީ އަހަރެން ވާނީ ޤައުމު އެދޭފަދަ ހަރުދަނާ ދަރިއަކަށް ކަމަށެވެ.
ނަމަވެސް އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުމަށް މެދުވެރިވީ ކޯސް ނިމެން އަހަރެއްހާ ދުވަހަށްވެފައި ވަނިކޮށް ލިބުނު ރައްޓަހިން ތަކެއްގެ ސަބަބުންނެވެ. އަހަރެންނަށް އާ މިތުރުން ލިބުމުން ކިޔެވުމަށް ސަމާލުކަންދޭ މިންވަރު ކުޑަ ކުރެވެން ފެށިއެވެ. މަންމަގެ ނަޞޭޙަތްތައް ފަނުފުލުން ދާން ފެށިއެވެ.
އަހަރެންގެ މިތުރުންގެ ފަލްސަފާ ފުރިހަމަވިއެވެ. މަސްތުވާތަކެތީގެ ލީޑަރުންނާއި ޑީލަރުންގެ ލިސްޓުގައި އަހަރެންގެ ނަން ހިމެނުނެވެ. މަސްތުވާތަކެތީގެ ދަލުގައި ހަމަ ރަނގަޅަށްވެސް އަހަރެން ހައްޔަރުވީއެވެ. އާމްދަނީ ހޯދުމަށް ވައްކަން ކުރަން ފެށީމެވެ. އަދި ދިމާވި ގިނަ ފިރިހެނުންނާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ވިސްނާލުމެއްނެތި އެ ނުބައި ފާފައަށްވެސް އަރައި ގަނެވުނީއެވެ.
އަަހަރެންގެ ފޮށާގަނޑު ބޭލުނީއެވެ. ރަށްމެދަށް ވިހެއުމުގެ ސަބަބުންނެވެ. މިކަމާއި ހިތާމަ ކޮށްކޮށް އިލިވަރުވެފައިވާ އަހަރެންގެ އަހުރަވެތި މައިންބަފައިން މިދުނިޔެއާއި ޢަލްވަދާއު ކީއެވެ. އިރަކު އަހަރެންނަކީ މީހުންގެ ލޯތްބާއި އިޙްތިރާމު ލިބިފައިވާ މީހަކު ނަމަވެސް މިއަދު އަހަރެންނަކީ މި ހަސްތީއަށް ބާކީވެފައިވާ އެކަނި ވެރިއެކެވެ. ނަމަވެސް މިހާރު އަހަރެންނަށް ފައިގެ ބޮޑުވާ އިނގިލިން ފަސްކޮނުން ފިޔަވައި ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ. އަދި އަހަރެންގެ ދިރިއުޅުންވެސް އިންދިރާސް ވެއްޖެއެވެ.