އާރޓިކަލް 7 : ފުރިހަމަ ޞިއްޙަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާއެވެ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނާއަށް ދެވިގެންވާ އަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކުގެ ތެރޭގައި އިންސާނާ ފުރިހަމަ ޞިއްޙަތަކާއި ޢާފިޔަތެއްގައި ވުން ހިމެނެއެވެ. އެއީ އަބަދާއި އަބަދު އެފަދަ މީހަކު ޝުކުރު އަދާކުރުން ޙައްޤު ނިޢުމަތެކެވެ. އެނިޢުމަތުގެ ބޮޑުކަން އެންމެބޮޑަށް އިޙްސާސްކުރެވޭނީ ބަލިވެ އެނދުމަތިވެފައިވާ އޮންނަ މީހަކަށެވެ. ނުވަތަ ބޮޑު ބައްޔެއް ތަޙައްމަލް ކުރަމުންދާ މީހަކަށެވެ. ނުވަތަ ބޮޑު ވޭނެއް އުފުލަމުންދާ މީހަކަށެވެ. ވީމާ ރަނގަޅު ޞިއްޙަތެއްގައި އުޅޭމީހާގެ ފުރިހަމަ ޞިއްޙަތަކީ އެމީހުންގެ ބޮލުގައި އަޅާފައިވާ ތާޖެއްފަދަ އެއްޗެކެވެ. އެމީހުންނަށް އެތާޖު ނުފެނުނަސް ބަލިމީހާއަށް އޭގެ ވިދުވަރާއި، އެމީހަކު ހުރި މަތިވެރި މަޤާމް ފެނިގެން ދެއެވެ. އެހެންނަމަވެސް ގިނައިރުތަކެއް ވަންދެން އެތާޖު އަޅައިގެން އުޅުމުގެ ސަބަބުން ބޮލުގައި އެއްޗެއް އިންކަމުގެ ކުޑަވެސް އިޙްސާސެއް އޭނާއަށް ނުވާ ފަދައިން ފުރިހަމަ ޞިއްޙަތެއްގައި ގިނަދުވަހު އުޅުމުގެ ސަބަބުން އެމަތިވެރި ނިޢުމަތާއި އޭގެ ދަރަޖައިގެ މަތިވެރިކަމުގެ ކުޑަވެސް ޝުޢޫރެއް އޭނާގެ ހިތުގައި ނުހިނގައެވެ. އަދި އެޞިއްޙަތަށް ދޭންވާ ޤަދަރެއްވެސް ނުމެދޭމެއެވެ. ނަމަވެސް ކަމެއް ތިމާއާ ކައިރިވާކަމުގެ ހިލަމެއްވެސް ނެތި އޭނާއަށް ޖެހިގެންދާ ބޮޑުބަލިމަޑުކަމެއްގެ މުޞީބާތުން، ހިތްނުތަނަވަސްވެ އޭނާ ފަދައިން އެއުނދަގޫ ތަޙައްމަލްކުރަމުން ނުދާމީހުންގެ ބޮލުގައިވާ ތާޖުތައް އޭނާއަށް އެއަށްފަހުގައި ފެނިގެންދެއެވެ. އަދި ލިބި މާޒީވެ ދިޔަ އޭނާގެ ފުރިހަމަ ޞިއްޙަތާމެދު ވިސްނާ އެދުވަސްތައް އަނބުރާ ނުލިބުމުގެ ހިތާމަކުރާ މީހަކަށްވެސް އޭނާފަހަރުގައި ވެގެން ހިނގައިދެއެވެ. ވީމާ ފުރިހަމަ ޞިއްޙަތެއް ނެތްމީހަކީ އޭނާގެ ޙަޔާތުގައި ޙަޤީޤީ ދިރުމެއް ނެތް އަދި އޭނާގެ ދިރިހުރި ވަގުތެއް ކަމުގައިވިޔަސް އޭގައި ޙަޔާތުގެ އެއްވެސް ލައްޒަތެއް ފޮނިމީރުކަމެއް ނެތް ދިރުމެކެވެ. އޭގެ ބަދަލުގައި އެއްވެސް ދުވަހެއް އެމީހަކަށް ފުރިހަމަ ޞިއްޙަތެއްގައި ހުންނަން ލިބިއްޖެ ނަމަ އެމީހެއްގެ މުޅި ދުނިޔޭގެ އުފަލާއި އަރާމު ލިބުނުފަދައެވެ. ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ފަދައިންނެވެ: »مَنْ أَصْبَحَ مِنْكُمْ آمِنًا فِي سِرْبِهِ، مُعَافًى فِي جَسَدِهِ، عِنْدَهُ قُوتُ يَوْمِهِ، فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا» رواه الترمذي  މާނައީ: [ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ހެނދުނު ވީއިރު އޭނާގެ ނަފްސަށް އަމާންކަން ލިބޭ ޙާލުގައި ހުރިނަމަ، އޭނާގެ ހަށިގަނޑުގައި (އެއްވެސް ބަލިކަމެއްނެތި) ޢާފިޔަތުގައި ހުރިނަމަ، އެދުވަހުގެ ކާނާ އޭނާގެ އަތުގައި ހުރިނަމަ، އޭނާ އެވަނީ އޭނާއަށް މުޅިދުނިޔެ ލިބުނު ފަދަ ޙާލަތެއްގައެވެ.]

އެނިޢުމަތުގެ އަގު ފުރިހަމަގޮތުގައި ވަޒަންކޮށްލުމަށްޓަކައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންގެ ކައިރިއަށް ޒިޔާރަތް ކޮށްލުމަކީ މުހިންމުކަމެކެވެ. އެއްމުސްލިމަކު އަނެއް މުސްލިމަކު އަދާކޮށްދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ބަލިމީހުންނަށް ގޮވާލަން ދިއުން، ހިމެނިގެން ދިއުމުގެ އެއް ޙިކްމަތަކީ ވެސް ތިމާއަށް ލިބިފައިވާ ފުރިހަމަ ޞިއްޙަތެއްގެ އަގުބޮޑު ނިޢުމަތުގެ އަގުވަޒަންކޮށްލުމެވެ. އަދި އެކަމުން ޢިބްރަތް ޙާޞިލުކޮށް ލިބިފައިވާ ޞިއްޙަތާއި ޢާފިޔަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ފިކުރު އާލާކުރުމެވެ. އެފަދަ ޙާލަތަކަށް ތިމާ ނުދަނީސް މިވަގުތު ﷲ ދެއްވި ދުޅަހެޔޮ ޞިއްޙަތުގެ ބޭނުން ހިފާ، ހެޔޮޢަމަލުތައް ގިނަކުރުމެވެ. އާޚިރަތުގައި ތިމާއަށް މަންފާ ކުރާނެ ނުވަތަ ދުނިޔޭގައި ތިމާއަށް މަންފާ ކުރާނެ ކަންކަމުގައި އަވަހަށް ތިމާގެ ނަފްސާއި ގަދަބަދަވިކަން ލިބިފައިވާ ހަށިގަނޑު މަޝްޣޫލުކޮށް، އެޣަނީމާގަނޑު ލިބިގަންނަން ޖެހެއެވެ. ރަނގަޅު އުފެއްދުންތެރި ކަމެއް ތިމާގެ ފަރާތުންވެސް މުޖްތަމަޢަށް ނެރެންޖެހެއެވެ. މިޢާފިޔަތުގެ ދުވަސް ބީވެގެން ދިއުމުން އެކަމެއް އަނބުރާ ނުގެނެވޭނެކަން ހަނދާން ކުރާންޖެހެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ: »اغْتَنِمْ خَمْساً قبْلَ خَمْسٍ: حَياتَكَ قَبْلَ مَوْتِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وفَراغَكَ قَبْلَ شُغْلِكَ، وشَبابَكَ قَبْلَ هَرَمِكَ، وغِنَاكَ قَبْلَ فَقْرِكَ» رواه الحاكم މާނައީ: [ފަސް ކަމެއް (ލައިގަތުމުގެ) ކުރިން ފަސްކަމެއްގެ ފައިދާ ލިބިގަނެ ޣަނީމާކުރާށެވެ. ތިބާ މަރުވުމުގެ ކުރިން ތިބާގެ ޙަޔާތުގެއެވެ. ތިބާ ބަލިވުމުގެ ކުރިން ތިބާގެ ޞިއްޙަތުގެއެވެ. އަދި ތިބާގެ ވަގުތުތައް (އެކިއެކި ކަންކަމުގައި) ފުރިގެން ދިއުމުގެ ކުރިން ހުސްވަގުތުގެއެވެ. ތިބާ މުސްކުޅިވުމުގެ ކުރިން ތިބާގެ ޒުވާން ކަމުގެއެވެ. ތިބާ ފަޤީރުވުމުގެ ކުރިން ތިބާގެ މުއްސަނދި ކަމުގެއެވެ.] ވީމާ ބަލިވުމުގެ ކުރިން ލިބިފައިވާ ހެޔޮ ޞިއްޙަތުގެ ބޭނުން ހިފުމުގެ މުހިންމުކަން މިޙަދީޘުން ވިސްނިގެން ދެއެވެ. އެނދުމަތި ނުވަނީސް ގަދައަޅާ ޢިލްމު ލިބިގަންނަންޖެހެއެވެ. ގަދައަޅާ ދުނިޔެވީ މަންފާ ހޯދުމަށް ޙަލާލު ގޮތުގައި މަސައްކަތް ކުރާންޖެހެއެވެ. އެހެންމީސްތަކުންނާ ގުޅުންހުރި އިޖްތިމާޢީ ފައިދާހުރި ކަންކަމުގައި މަޝްޣޫލުވެ އުޅެންޖެހެއެވެ.

ހިތާމައަކީ މިއީ ކިތަންމެ ބޮޑު ނިޢުމަތެއް ކަމުގައި ވިޔަސް މިކަން ދަންނަނީ ވަރަށް މަދުބައެކެވެ. ގިނަމީހުންނަކީ މިކަމަށް ނިކަން ޣާފިލު ބައެކެވެ. މިކަންކަން ވަރަށް ނުދެނެހުރި ބައެކެވެ. ފުރިހަމަ ޞިއްޙަތަކާއި ޢާފިޔަތެއް ލިބިފައިވީނަމަވެސް ބަލިމީހެއްހެން ކަންނެއް ކަމާއެކު އެދުމައްޗަށް އެއްލިފައި އޮންނަ މީހެކެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ގިނަބަޔަކު އެވަނީ މިނިޢުމަތަށް ހާދަހާ ބޮޑަށް ފަރުވާކުޑަ ކޮށްފައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ފަދައިންނެވެ: ((نِعْمَتَانِ مغبونٌ فِيهِمَا كَثيِرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغِ)) رواه البخاري  މާނައީ: [މީސްތަކުންގެ ތެރެއިން ވަރަށް ގިނަބަޔަކު ފަރުވާކުޑަ ކޮށްފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތަކާއި ހުސްވަގުތެވެ.] ފަރުވާކުޑަވީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ ނަފްސު އެވަނީ އެވަގުތުގެ މައްޗަށް ވެރިވެގަންފައެވެ. އެޙާލަތަކީ ހަށިގަނޑުގައި ހަމަޖެހުން އޮތް، އަޅުކަން އަދާކުރުމަށް ހިތުގައި ތަނަވަސްކަން ލިބިގެންވާ، އަޅުކަން ކުރުމުގެ ހިތްވަރު ހަށިގަނޑުގައި ހުރި، ﷲ ގެ އަމުރުފުޅުތަކަށް ބޯލެނބުމުގެ ޤާބިލުކަން ފުރިހަމަގޮތުގައި ލިބިފައިވާ ވަގުތެވެ. އެވަގުތު އެވަނީ ވަރަށް ގިނަ އިންސާނުންގެ މައްޗަށް ނުބައިގޮތުގައި ވެރިވެގަންފައެވެ. އެޢަމަލު އެފަދައިން އަދާ ނުކުރުމުގައި އޭނާގެ ވަގުތުތައް ދުއްވާލީއެވެ!

ޔާ ﷲ އެވެ! އަހަރެމެންނީ މިލިބިފައިވާ ޞިއްޙަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް. ވަރަށް މުހިއްމު ލިޔުމެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *