ބުރާސްފަތި, 17 އޭޕްރިލް 2025

ލޭ ހިނގަންޏާ މަޑަކުން ނުހުރެވެއެވެ!

އަޅުގަނޑާއެކު، އެއްރެއަކު ހިނގާލަން ނިކުތް ރައްޓެއްސެކެވެ. އޭނާއަކީ، ވަރަށް މަޑުމަޑުން ހުންނަ ލަދުރަކި މީހެކެވެ. ދުވަހަކުވެސް ނަށާ، އަތްޖަހާ، ކުޅިވަރަށް އުޅޭތީއެއް ނުދެކެމެވެ.

ދެމީހުން ހިނގަމުން ދަނިކޮށް، ބެރުޖަހާ އަޑެއް އިވުމުން، އެދިމާއަށް ދަމާހޭ؟ އޭނަ ގާތު އަހައިލީމެވެ. ނޫނެކޭ ބުނެ ވަގުތުން ބޯ ހޫރާލިއެވެ. އަޅުގަނޑު ކުރުނުކުރުމުން އެންމެފަހުން، އެތަނަށް ދާން އެއްބަސްވިއެވެ.

އޭރު ބެރު ފެށީއެވެ. ފުރަތަމަ ކިޔަމުން ދިޔައީ ލަސް ބެރަށް، ލަސް ލަވައެވެ. ލަވަ ނަގާކިޔާ މީހަކާއި މައިގަނޑުކިޔާ ބަޔަކު ތިބެއެވެ. ދެން ހުރީ ގިގުނިތަޅުވާ މީހެކެވެ. މިއީ، ބޮޑުބެރު ޖަހަން ފަށާ ގޮތެވެ. ބެރު އަވަސް ކުރަމުންދާ ވަރަކަށް ލަވަ އަވަސްވެ ފޯރި ގަދަވުމުން ނަށާ މީހުން ނަށަން އަރައެވެ. އެމީހުންގެ ޙަރަކާތް އަވަސްވެ، ވައްތަރު ޖެއްސުމަކަށް ބަދަލުވެ އެވެ.


އަޅުގަނޑު ބެރަށް ފޯރިދެމުން ގޮސް، ކައިރީގައިހުރި ރަޙްމަތްތެރިޔާއަށް ބަލައިލީމެވެ. އޭނާ ފެންނާކަށް ނެތެވެ! އެތަން މިތަނަށް ކަޅި އުކަމުން ދަނިކޮށް، ނަށާ މީހުންގެ ތެރޭގައިހުރެ، ވައްތަރުޖައްސަމުން ގެންދާތީ ފެނުނެވެ! އެތަންފެނި އަޅުގަނޑު ހިތަށް ވަނެވެ. މިއީ މިތަނަށް ގަދަކަމުންގެނައި މީހާއަށް ވީވަރެވެ. ރުހުމުގައި އަންނަމީހުން އަދި ކިހާވަރެއް އަރުވާނެ ހެއްޔެވެ؟
ސުލްޠާން މުޢީނުއްދީން 1 ގެ ރަސްކަމުގައި ބޮޑުބެރު ރާއްޖެއަށް ތަޢާރަފުވީ، އެރަދުން އެފްރިކާއިން ގެންނެވި އަޅުބަބުރުން މިނިވަން ކުރެއްވުމަށްފަހު، އެމީހުން އ.ފެރިދޫއަށް ފޮނުވާފައިތިބި ދުވަސްވަރު، ބަބުރުންގެ ފަރާތުންނެވެ. އެއީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ. އެހައިތަނުން ފެށިގެން ރާއްޖޭގައި އެންމެ މަޤުބޫލު އަދި އެންމެ ފޯރިގަދަ އެއްޗަކީ ބޮޑުބެރެވެ. ދިވެހިންގެ ލެޔާކުޅޭ ކުޅިވަރަކީވެސް މިއެވެ. އެކަން އަޅުގަނޑުގެ ރަޙުމަތްތެރިޔާއަށް އެވާގޮތް ބަލައިލުމުންވެސް އެނގޭތާއެވެ. ބޮޑުބެރުޖަހަން ފެށުމުން ލޭ ހިނގަންޏާ މަޑަކުން ނުހުރެވެއެވެ. އަތްޖެހެއެވެ. ކޮރު ލެއްވެއެވެ. ނަށަން އެރެއެވެ. ފޯރީގައި ވައްތަރުވެސް ޖެއްސެއެވެ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހަމަ އެއްގޮތަކަށްވެސް މަދަކުން ނުކުރެވޭނެ. ބެރު ޖަހާއިރު. ލޭކައްކުވައިލާނެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *