ރަސަލް: އަބަދުވެސް ތަޢުލީމީ ރޭހުގެ އެންމެ އުހުގައި!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 12 އެލް ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ އަޙުމަދު ރަސަލް ތަސްލީމަކީ ސްކޫލްގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު ދުވަސްވަރެއްގައި ސްކޫލަށް ވަންނަން ހުށަހެޅި ދަރިވަރެކެވެ. މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރު މި ދަރިވަރަށް އަޙްމަދިއްޔާގެ ގްރޭޑް އަށަކުން ޖާގަދެވުނީތީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ނުހަނު ފަޚުރުވެރިވެއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ އާސިމް (އާސިމް ސަރ) ވިދާޅުވީ "ރަސަލް އަކީ އަޙްމަދިއްޔާއަށް ލިބުނު ރަންގަނޑެއް. މިހާރު ވަރަށް އުފާވޭ، އެހާ ޖާގައިގެ ދަތިކަން ހުރި އިރު ވެސް، އެ ދުވަހު ރަސަލްއަށް ޖާގަ ދެވުނީތީ. ރަސަލް އެ ވަނީ އޯލެވެލްގަ، މި ސްކޫލުގެ އެހެން އެއްވެސް ދަރިވަރަކު ނުހޯދާ ފަދަ މޮޅު ނަތީޖާއެއް ހޯދައި، މުޅި ސްކޫލް ފަޚުރުވެރިކޮށްދީފަ." އާސިމް ސަރ ވިދާޅުވިއެވެ.

"ރަސަލްގެ ނަތީޖާއަށް ބަލާފައި އެނގުނު މަސައްކަތްކޮށްދެވިއްޖެ ނަމަ، ރަސަލް އަކީ ކިޔެވުމުގަ ވަރަށް ވިދާލާނެ ކުއްޖަކަށް ވާނެކަން. ފުރަތަމަ ދުވަސްކޮޅު އެންމެ ހިތްހަމަޖެހޭ ނަތީޖާ ނުނެރެވި ދިޔަ ނަމަވެސް ރަސަލްގެ ހިތްވަރަކަށް ބަދަލެއް ނާދޭ. ވަރަށް ހިތްވަރުގަދަ ކުއްޖެއް އެއީ. ރަސަލްއަށް ލިބުނު ފޮނި ކާމިޔާބީ އަކީ މިހާތަނަށް ދަރިވަރަކު އަޙްމަދިއްޔާއަށް ހޯދައިދިން އެންމެ ފުރިހަމަ ކާމިޔާބީ. ވަރަށް އުފާވެރި، އެހާ ފަޚުރުވެރި ވެސް ވާ ކާމިޔާބީއެއް އެއީ." އާސިމް ސަރ ވިދާޅުވިއެވެ.

 

ޓޮޕް އެޗީވާސް އެވޯޑް ރަސަލް އާއި ހަވާލުކޮށްދެއްވީ ނާއިބު ރައީސް ފައިޞަލް ނަސީމް

އާސިމް ސަރ ރަސަލް ފާހަގަކުރެއްވީ ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރާ ދަރިވަރެއްގެ އިތުރުން، ސްކޫލް ދެކެ އިންތިހާއަށް ލޯބިވާ، ސްކޫލްގެ ކުރިއެރުމަށް ވަރަށް މަސައްކަތްކުރާ، ވަރަށް ބަސްއަހާ ކިޔަމަންތެރި،  "ލީޑަރޝިޕް" ވެސް އެހާމެ ރަނގަޅު ދަރިވަރެއްގެ ގޮތުގައެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ސަލާޙް (ސޮލާހު ސަރ) ވެސް ވަނީ ރަސަލްގެ މި ސިފަތައް ފާހަގަކުރައްވާފައެވެ.

"ރަސަލް އަކީ ހުރިހާ ޓީޗަރުން ވެސް ވަރަށް ލޯބިވާ، ކިޔެވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ، ފިލާވަޅުތަކާ ގުޅޭ ދިރާސާތައް އަމިއްލައަށް ހަދައި، އިތުރު މައުލޫމާތު ހޯދާ، ވަރަށް ފޮތްތެރި ދަރިވަރެއް. ކިޔެވުމުގަ ހަމަ ނަމޫނާ ދަރިވަރެއް. ރަސަލްގެ މަޑުމައިތިރިކަމާ ކިޔަމަންތެރިކަމުގެ އިތުރުން ފާހަގަކުރެވޭ އަނެއް ކަމަކީ ގަޑިއަށް ވެސް ވަރަށް ކަމޭހިތައި، ވަރަށް ހާޒިރީ ރަނގަޅު ކުއްޖެއް ރަސަލް އަކީ". ސޮލާހު ސަރ ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ރަސަލް ހޮވުމުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ  2018 ވަނަ އަހަރުގެ ބެސްޓް އޯލްރައުންޑްކަން ހޯދި ރަސަލްއާ މެދު، ސްކޫލް ފަޚުރުވެރި ވަނީ އޯލެވެލް އިމްތިހާނުގައި މިހާތަނަށް މި ސްކޫލުގެ ދަރިވަރަކު ދުނިޔޭގެ ފެންވަރުގައި ހޯދި އެންމެ ފުރިހަމަ ނަތީޖާ ހޯދާފައިވާ ދަރިވަރަށް ވާތީއެވެ. ރަސަލް ވަނީ ބިޒްނަސް ސްޓަޑީޒް އާއި އިކޮނޮމިކްސް އިން މުޅި ދުނިޔޭން އެއްވަނަ ހޯދައި، އެކައުންޓުން މުޅި ދުނިޔޭގެ ތިންވަނަ ހޯދާފައެވެ.

ޕްރައިމަރީ ގްރޭޑްތަކުގައި ވެސް ތޫނުފިލި މޮޅު ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވުނު ރަސަލް ވަނީ ތަޢުލީމީ ގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ވަރަށް ފާހަގަކުރެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. ސާނަވީގެ ކުރިން ޖަމާލުއްދީން ސްކޫލުގައި، ކުޑަކުޑަ ރަސަލް އޭނާގެ އަތުން ގަތާފައިވާ ކާމިޔާބީގެ ފުރިހަމަ، ދިގު ޗޭނުގެ ބޮޅުތަކަށް ބަލައިލަމާ ހިނގާށެވެ. ރަސަލް އަކީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ޖަމާލުއްދީން ސްކޫލްގެ ހައި އެޗީވާރއެވެ. ވިދިވިދިގެން އެތައް އަހަރަކު "ޞަލާޙުއްދީން އެވޯރޑް" އާއި "ޔަންގް ޝޭކްސްޕިއަރ އެވޯރޑް" ގެ ޓޮޕް 5 ގައި ހިމެނުނެވެ. އެއީ އެ މުބާރާތްތަކުގެ އެންމެ ޝަރަފުވެރި ވަނައެވެ. "އިންގްލިޝް ލިޓްރަރީ އެކްޓިވިޓީ ކޮމްޕެޓިޝަން" އާއި ދިވެހި ފޯވަހީގެ އެންމެ ނަންހިނގާ، އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ތަކުރާރުކޮށް އެތައް ފަހަރަކު ހިމެނުނެވެ. މީގެ އިތުރުން ހިތުހިސާބު ދަސްކޮށްދޭ ކްލާސް، "ޔޫސީމާސް"ގެ ފަރާތުން 2012 އަދި 2013 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ހިތުހިސާބު މުބާރާތުން ހައި ލެވެލް އާއި އެޑްވާންސް ލެވެލް އިން ފަޚުރުވެރި އެއްވަނަ ހޯދިއެވެ. 2012 ވަނަ އަހަރު މެލޭޝިޔާގެ ޔޫސީމާސް އިން ބޭއްވި ބައިނަލްއަޤްވާމީ މުބާރާތެއްގެ ސެމީފައިނަލަށް ދަތުރުކޮށް "މެރިޓް އެވޯރޑް" ހާސިލްކޮށް ދިވެހިން ފަޚުރުވެރިކުރުވިއެވެ.

ރަސަލް: ނާއިބު ރައީސް ފައިޞަލް ނަސީމާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އާއި ޓޮޕް އެޗީވާސް ހާޞިލް ކުރި ދަރިވަރުންނާއެކު..

ކިޔެވުމުގެ އިތުރުން ރަސަލް އަކީ ބާސްކެޓް ކުޅެން ވެސް މޮޅު ކުއްޖެކެވެ. ރަސަލް ވަނީ 2014 ވަނަ އަހަރު އިންޓަރ ސްކޫލް ބާސްކެޓް ބޯޅަ މުބާރާތުގައި ޖަމާލުއްދީން ސްކޫލްގެ ސާދަ އަހަރުން ދަށުގެ ޓީމް ޗެންޕިއަންކަން ހޯދިއިރު، އެ ޓީމަށް ކުޅެފައެވެ. މީގެ އިތުރުން. 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު، އަދި 2019 ވަނަ އަހަރުގެ އިންޓަރ ސްކޫލް މުބާރާތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ބާސްކެޓް ޓީމަށް ވެސް ރަސަލް ވަނީ ކުޅެދީފައެވެ.

ރަސަލް ބުނާ ގޮތުން މުދައްރިސުން ފިލާވަޅު ނަންގަވައިދެއްވާ އިރު ކަނުލައި އަޑުއެހުމަށްފަހު، ގެއަށް ގޮސް އެ ދުވަހެއްގެ ފިލާވަޅު އެ ދުވަހަކު ދަސްކުރުމުގެ އާދަ ހަރުލައްވައިފިނަމަ ރަނގަޅު ނަތީޖާއެއް ހޯދުމަކީ ވަރަށް ފަސޭހަކަމެކެވެ. ކުދިންނާ ވާދައަށް ކިޔެވުން ހުއްޓާލުމަށް ރަސަލް ނަސޭހަތްތެރިވެއެވެ. ރަސަލްގެ އިރުޝާދަކީ ގްރޭޑް ދިހައެއްގައި ކިޔަވާއިރު، ކިޔެވުމަށް އެއްކޮށް ހުސްވެ، އަމިއްލަ ނަފުސާ ވާދަކުރުމެވެ. ރަސަލް ދެކޭ ގޮތުގައި ކުދިންނާ ވާދަކުރުމަކީ ނުރަނގަޅު އަސަރުތަކެއް ވެސް ކުރާ ކަމެކެވެ. އޭގެ ބަދަލުގައި އަމިއްލަ މީހާގެ ކުރީގެ ނަތީޖާއަށް ވުރެ، ދެން ލިބޭ ނަތީޖާ ރަނގަޅުކުރަން މަސައްކަތްކުރުމުން މާ އެދެވޭ ނަތީޖާ ނެރެވެއެވެ.

ރަސަލް އަޙްމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި އަދި ރަސަލް ގެ މަންމައާއެކު.

އޯލެވެލްގައި ރަސަލްއަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއްވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްކަމަށާއި، އެ ނަތީޖާއަކީ ސްކޫލަށް ރީތިނަން ހޯދައިދިނުމަށް، އެއް އަޒުމެއްގައި ހުރިހާ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ކަމަށް ރަސަލް ގަބޫލުކުރެއެވެ. އެކަމަށްޓަކައި ސްކޫލްގެ މެނޭޖްމަންޓާއި މުދައްރިސުންނަށް، ޚާއްޞަކޮށް ދުނިޔޭގެ ފެންވަރުގައި ރަސަލް ހޯދި ކާމިޔާބީ ހޯދައިދިނުމުގެ އިސްމޭސްތިރިން ކަމަށްވާ މި ސްކޫލްގެ ބިޒްނަސް ޓީޗަރ އަރޫޝާ މިސް އާއި އިކޮނޮމިކްސް ޓީޗަރ ސުނިލް ސަރ އަދި އެކައުންޓް ޓީޗަރ ސިރިނިވާސަން ސަރ އަށް ރަސަލް ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުޢާއަކީ ވެސް އޯލެވެލްގައި ރަސަލް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ވުރެ ވެސް މާ ފުރިހަމަ، މާ ފަޚުރުވެރި ކާމިޔާބީއެއް، ކުރިޔަށް އޮތް އޭލެވެލް އިމްތިޙާނުގައި ވެސް ރަސަލް ހޯދުމެވެ. އަޙްމަދިއްޔާ ސްކޫލްގެ ހުރިހާ ވަޞީލަތެއް އަބަދުވެސް ވާނީ ދަރިވަރުންނަށްޓަކައި ތަންމިނަށް ހުޅުވިފައެވެ. އެ ވަޞީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، މޮޅު ދަރިވަރުންނަށް ވާން، މަސައްކަތްކުރާށެވެ.

2 Responses

  1. ރަސަލް އަކީ ވަރަށް އަޚްލާގު ރަނގަޅު ދަރިވަރެއް. މުދައްރިސުންގެ ބަސްއަހާ ކިޔަމަންތެރި ދަރިވަރެއް. މޮޅު ނަތީޖާ ހޯދާ ދަރިވަރެއް. ހުރިހާ ކުދިންނާ ގުޅޭ ވަރަށް ހިތް ހެޔޮ ދަރިވަރެއް. ރަސަލް އަށް ކުރިއަށް އޮތްތާގައި އިތުރު ކާމިޔާބީއަށް އެދެން. އުފާވެރި ދުވަސްތަކަކަށް އެދެން.

  2. ވަރަށް ފުރިހަމަ ލިޔުމެއް. ރަސަލްގެ ކުރިއެރުން ވަރަށް ފުރިހަމައަށް ގެނެސްދީފައިވޭ. ރަސަލް އަށް ފުރިހަމަ ކާމިޔާބީއަށް އެދެން.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *