ޔޫ މީ – މިނިވަންކަމަށް ކުރި ނާމާން ދަތުރުން ޢިބްރަތް ލިބިގަންނަން ޖެހެއެވެ.

4 އޮކްޓޯބަރު 1993 ވަނަ އަހަރު އުތުރު ކޮރެއާއަށް އުފަން ޕާކް ޔޫ މީއަކީ އިންސާނީ ހައްޤުތަކަށްޓަކައި ކެރިގެން އަޑުއުފުލަމުންދާ ފަރާތެކެވެ. ޔޫމީއަކީ ހޭލުންތެރި އާއިލާއަކަށް އުފަން ފަރާތެއް ނަމަވެސް ހައިހޫނުކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ޔޫމީ އުތުރުކޮރެއާއިން ފިލައިގެން ޗައިނާއަށް ކުރި ބިރުވެރި ދަތުރުގެ ވާހަކައަކީ ދުނިޔޭގެ ސަމާލުކަން ހޯދި ވާހަކައެކެވެ. 2015 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކުގައި ބޭއްވި "ވަން ޔަންގް ވޯލްޑް ސަމިޓް" ގައި ޔޫމީ ދެއްވި ތަޤްރީރު ޔޫޓިއުބު މެދުވެރިކޮށް 75 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެލިކަމަށް ރެކޯޑްތަކުން ދައްކައެވެ. އެތަޤްރީރުވެގެން ގޮސްފައިވަނީ އިންސާނީ ހައްޤުތަކުގެ ވާހަކައަށް ދުނިޔޭގެ ލޯތައް އަމާޒު ކުރުވި ކަމަކަށެވެ.

" އަހަރެން މިވާހަކަ މި މާހައުލުގައި މިދައްކަނީ އަހަރެން ފަދަ އެތައް ބަޔަކު އުޅެމުންދާކަން މުޅި ދުނިޔެއަށް ބުނެ ހާމަ ކޮށްދެން ބޭނުންވާތީއެވެ. އަހަރެންގެ އުފަން ބިން ކަމުގައިވާ އުތުރު ކޮރެއާއަކީ ހިތަށް ތަސައްވުރު ކުރެވޭނެފަދަ ޤައުމެއް ނޫނެވެ. އެގޮތުން ބެލެނީ ހަމައެކަނި އެންމެ ޓީވީ ޗެނަލެކެވެ. ދުނިޔެ މިހާވަރަށް ކުރިއަރާފައި ވާއިރުވެސް އިންޓަނެޓްގެ ޚިދުމަތުން ޤައުމުވަނީ މަހުރޫމުވެފައެވެ. މިނިވަންކަމާއެކީ ލަވައެއް ކިޔުމުގެ ހުއްދައެއް ނޯވެއެވެ. ހިތަށް އަންނަ ކޮންމެ ބަހެއް މިނިވަންކަމާއެކު ބުނެލުން އޮންނަނީ މަނާކޮށްފައެވެ. ބޭނުންވާ ގޮތަށް ހެދުން އަޅާ، ބޭނުންކަމަކަށް ވިސްނާލުންވެސް އެއީ މަނާ ކަމެކެވެ. ބުނަންހެއްޔެވެ؟ ސަރުކާރުގެ ހުއްދަނެތި އެހެން ޤައުމެއްގައި ހުންނަ ފަރާތަކާއި ފޯނުން ވާހަކަ ދައްކައިފިނަމަ އޭގެ އަދަބެއްގެ ގޮތުގައި މަރުގެ އަދަބު ދެވޭ ހަމައެކަނި ޤައުމަކީ އަހަރެން އެބިމަކަށް އުފަން އުތުރު ކޮރެއާއެވެ."

" އަހަރެން ބޮޑުވަމުން ފުރާވަރަށް އެޅެމުން އައިއިރު ދުވަހަކުވެސް އެއްވެސް ކަހަލަ ލޯބީގެ ވާހަކައެއް ނުދެކެވެ. އެއްވެސް ފޮތެއް ނުހުރެއެވެ. އެއްވެސް ނޫހެއް ނުހުންނަތާގައި އެއްވެސް ވަރަކަށް ލޯބީގެ ފިލްމެއް ނުހުރެއެވެ. ޤައުމުގައި ރޯމީއޯ ޖޫލިއަޓްގެ ވާހަކައެއް ނޯވެއެވެ. އަހަރެން އެންމެ ލޯބިވާ ޤައުމުން ލިބެން ހުންނަހާވެސް ފޮތްތަކަކީ ޚުދުމުޚްތާރު ވެރިޔާއަށް ލޯބި ޖެއްސުމަށް ލިޔެފައިވާ ޕްރޮޕެގެންޑާ ފޮތްތަކެވެ. އެފޮތްތަކަކީ ޚުދުމުޚްތާރު ވެރިޔާ ބޭނުންވާ ގޮތަށް އިންސާނުންގެ ސިކުނޑިއާއި ކުޅުމަށް ލިޔެފައިވާ ފޮތްތަކެވެ. "

" އަހަރެން އުފަންވީ 1993 ވަނަ އަހަރެވެ. އަހަރެން އުފަންވީއިރުވެސް އަހަރެންގެ ހުރިހާ ހައްޤެއްވަނީ ނިގުޅައިގެންފައެވެ. "މިނިވަންކަމާއި އިންސާނީ ހައްޤު" މިލަފުޒުތައް އަހަރެންނަށް އެނގުމުގެ މާކުރިން އެހައްޤުތަކުން އަހަރެންވަނީ މަހުރޫމްކޮށްފައެވެ. މިހާރުވެސް އުތުރު ކޮރެއާގެ ރައްޔިތުން މިނިވަންކަމަށް ތިބީ ފެން ބޮވައިގަންފައެވެ. އެތައް ރައްޔިތެއް އެފޮނި ހުވަފެން ކެތްތެރިކަމެއްނެތި އެބަ ދެކެއެވެ. ދަންނަން ހެއްޔެވެ. އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައި އަހަރެންނަށް ފެނުނު މަންޒަރެއް ކިޔައިދޭނަމެވެ. އަހަރެންގެ ރައްޓެއްސެއްގެ މަންމައަށް އެންމެން ކުރިމަތީ މަރުގެ އަދަބު ދެވުނެވެ. ދަންނަވަންތޯއެވެ. އަހަރެންގެ ރައްޓެހި ކުއްޖާގެ މަންމަގެ ކުށަކީ އިނގިރޭސި ފިލްމެއް ބެލުމެވެ. މިފަދަ ކަމަކާއި ދެކޮޅަށް ވާހަކައެއް ބުނެފިނަމަ އަދަބަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށެވެ. ނޫންނަމަ މަރުގެ އަދަބެވެ. "

" އަހަރެންގެ ބައްޕަ މަރުވީ އުތުރު ކޮރެއާއިން ފިލައިގެން ޗައިނާއަށް ދިޔަ ފަހުންނެވެ. އަހަރެމެން ބައްޕަ ވަޅުލަން ޖެހުނީ ސިއްރިއްޔާތުގައި ރޭގަނޑުގެ މެންދަމު 3 ޖެހިއިރެވެ. އޭރު އަހަރެންގެ އުމުރަކީ އެންމެ 14 އަހަރެވެ. އެހިތާމަވެރި ވަގުތުވެސް އެންމެ ކުޑަމިންނުން ރޯލުމުގެ ފުރުސަތެއްވެސް ނުލިބުނެވެ. އަހަރެމެން ބިރުން ތިބީ އަނބުރާ އުތުރު ކޮރެއާއަށް ފޮނުވާލަފާނެތީއެވެ. އަހަރެން އުތުރު ކޮރެއާ ދޫކޮށް ފިލި ދުވަހަކީ އަހަރެންގެ ކުރިމަތީގައި ޗައިނާގެ މީހަކު އަހަރެންގެ ލޯބިވާ މަންމަގެ އިއްފަތްތެރިކަން ފޭރިގަން ދުވަހެވެ. ފުރަތަމަ އެނުބައި މީހާގެ އަމާޒަކަށްވީ އުމުރުން އެންމެ 13 އަހަރުގެ އަހަރެންނެވެ. އުތުރުކޮރެއާގައި ބޭނުންކުރާ ހަރުބަހެއްގައި އޮވެއެވެ. " އަންހެނުންނަކީ ނިކަމެތި ބައެކެވެ. އެހެންނަމަވެސް މައިންނަކީ ވަރުގަދަ ބައެކެވެ." އަހަރެންގެ މަންމަ އަހަރެން ސަލާމަތް ކުރުމަށްޓަކައި ބަދަލުގައި މަންމަ އެނުބައި މީހާގެ ޝިކާރައަކަށްވިއެވެ. އުތުރުކޮރެއާއަށް ނިސްބާތްވާ ތިން ލައްކައެއްހާ ރެފުއިޖީން ޗައިނާގައި ވަރަށް ދަތި ހާލުގައި އުޅެމުން އެބަގެންދެއެވެ. އޭގެތެރޭގައި 70 އިންސައްތަ އަންހެނުންނާއި ޒުވާން އަންހެން ކުދިންވަނީ ބައެއްގެ ޝިކާރައަކަށްވެފައެވެ. ބައެއްފަހަރު އެންމެ 200 ޑޮލަރަށް ވިއްކާވެސް ލައެވެ."

" އަހަރެމެން ފައިމަގުގައި ގޯބީ ސަހަރާ(ޑެޒާޓް) ހުރަސްކުރީ ސަމުގާއެއްގެ އެހީގައެވެ. އޭތި ހުއްޓިއްޖެނަމަ ނުވަތަ މަސައްކަތް ނުކުރާނަމަ މިނިވަންކަމަށްޓަކައި ކުރި މިދަތުރުގައި އަހަރެން ބެލީ އުޑުގައިވާ ތަރިތަކަށެވެ. އަހަރެންނަށް އެވަގުތު އިހްސާސްވީ ހަމައެކަނި އަހަރެމެންނާއެކު ވަނީ ތަރިތައް ކަމަށެވެ. މޮންގޯލިއާއަކީ އަހަރެމެންގެ މިނިވަންކަމުގެ ފެށުމެވެ. އަހަރެމެން ތިބީ އަހަރެމެން އަލުން ގައުމަށް ފޮނުވާލާނަމަ އަމިއްލައަށް މަރުވާން ވަޅި އަތަށް ނަގާ ތައްޔާރަށެވެ. އަހަރެމެންވެސް އިންސާނުންހެން ދުނިޔޭގައި އުޅެން ބޭނުމެވެ."

" އަހަރެން ގާތު ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. އަހަރެމެންނަށް އުތުރު ކޮރެއާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކޮށްދެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ބައިވަރު ގޮތްތައް އެބަ ހުއްޓެވެ. އެކަމަކު މިވަގުތު އަހަރެން ތިން ގޮތެއް ފާހަގަކޮށްލާނަމެވެ. ތައުލީމު އުނގެނޭށެވެ. އެއަށްފަހު އުތުރުކޮރެއާގެ މީހުންގެ ހާލަތާއިމެދު މީހުން ހޭލުންތެރި ކުރުވާށެވެ. އަދި އުތުރުކޮރެއާގެ ރެފިއުޖީންނަށް މިނިވަންކަމަށްޓަކައި އެހީތެރިވެދޭށެވެ. މީގެއިތުރުން އަހަރެމެން އަނބުރާ ޤައުމަށް ފޮނުވާލުން ހުއްޓުވުމަށްޓަކައި ޗައިނާއަށް ޕެޓިޝަނެއް ހުށައަޅައިދޭށެވެ. އަހަރެމެން ދިރިއުޅެންޖެހިފައިވަނީ ދުނިޔޭގެ އެންމެ އަނދިރި ހިސާބުގައެވެ. މިއީ އުތުރުކޮރެއާ މީހުންނަށް ވީތީ ދޭންޖެހޭ ހައްޤުތަކެއް ނޫނެވެ. އެހައްގުތަކަކީ މީގެ 7 ގަރުނު ކުރިން ފޭރިފައިވާ އަހަރެމެންގެވެސް ހައްޤެކެވެ. އެހެންކަމުން ހުރިހާ ސަރުކާރަކުންވެސް ޗައިނާއަށް އަހަރެމެން ޤައުމަށް ފޮނުވާނުލާން ބާރު އަޅައިދޭށެވެ." މިއީ އުތުރު ކޮރެއާއަށް ނިސްބަތްވާ ޒުވާން ހިތްވަރުގަދަ އަންހެން ކުއްޖެއް ކަމަށްވާ ޔޫމީގެ ވޭނީ އިހްސާސްތަކެވެ. ލިބިފައިވާ ހައްޤެއް ގެއްލި ދިޔުމުގެ ކުރިން އަޑުއުފުލާށެވެ. އަދި މިނިވަންކަމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް ކަމުގައި ދެކި އެކަމުގެ އަގު ވަޒަން ކުރާށެވެ.

 

އެޑިޓަރުގެ ނޯޓު:

މުޙައްމަދު އަނީލް އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2017 އަދި 2018 ވަނަ އަހަރު ގްރޭޑް 10،9އަދި 11އަށް ދިވެހިބަސް ކިޔަވައިދެއްވި މުދައްރިސެކެވެ. އަޙްމަދިއްޔާގައި ކިޔަވައިދެއްވި ދުވަސްވަރުވެސް ތަފާތު ލިޔުންތައް ލިޔުއްވި މޮޅު ލިޔުންތެރިއެކެވެ. އަދި އެ ލިޔުންތައް ދަރިވަރުންނަށް ދޭހައިގެ މަސައްކަތްތަކެއްގެ ގޮތުގައި ދެއްވާފައިވެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *