މީހާ މުޢާމަލާތުކުރާ ބަހަކީ ދުނިޔެ އެމީހަކަށް ފެންނަ ގޮތާއި، ދޭހަވާގޮތާއި އަދި މުއާޞަލާތު ކުރާގޮތް، އެ އެއްޗެއްގެ މައްޗަށް ބަރޯސާވާ މުއާސަލާތު ކުރުމުގެ ވަސީލަތެވެ. ކޮންމެ މީހަކު ވެސް ބަސް ދަސްކުރާނީ މުހިންމު ބޭނުމެއް އޮވެގެންނެވެ. އަދި އާ ބަހެއް ދަސްކުރާއިރު، އެ ބަހެއްގެ ބަސްކޮށާރާއި، ލަފުޒުތައް ބޭނުންކުރާނެ ގޮތާއި، ބަހުގެ ގަވާއިދާއި ހަމަތަކާއި، ބަހާބެހޭ މަޢުލޫމާތާއި، އެބަހަކުން ވާހަކަ ދައްކާ މީހުންނާ މުއާސަލާތު ކުރާނެ ގޮތް ވެސް ދަސްކުރެއެވެ. މި ގޮތަށް ވިސްނާއިރު ބަހެއް ދަސްކުރުމަކީ ހަމައެކަނި އެ ބަހަކާ ބެހޭ މަޢުލޫމާތު ދަސްކުރުމެއް ނޫނެވެ. އަދި އެއީ އިޖުތިމާޢީ މިލިއުޅުމާ އާދަކާދައާ ގުޅި ލާމެހިފައިވާ ކަމެއްކަން އެނގެއެވެ.
ބަހެއްގައި ހިމެނޭ ބަސްކޮށާރާއި، އެ ލަފުޒުތައް ގުޅުވައިދޭ ހަމަތަކާއި ގަވާއިދުތައް ދަސްކުރުމުން ބަސް ދަސްވީ ކަމުގައި ބެލެވޭ ތިއަރީ އަކީ ވަރަށް ހަނި ވިސްނުމެކެވެ. ބަހެއް އެނގުމަކީ އެ ބަހެއްގައި ހުންނަ ތަޢައްޤަދު (ކޮމްޕްލެކްސް) ކަންތައްތަކާއެކު، އާ އުފެއްދުންތަކާއެކު ތަރައްގީވަމުންދާ އެއްޗެއްގެ ގޮތުގައި އެ ބަހަކުން މުއާސަލާތު ކުރަން އެނގުމެވެ. މި ފުޅާ ވިސްނުމުގެ ސަބަބުން ބަސް އުނގެނި ދަސްކުރާއިރު ހަރަކާތްތެރި ކަމާއެކު ތަޖުރިބާތައް ކޮށް އުނގެނުމަށް މަގުފަހިވާތިއެވެ.
ދުނިޔޭގައިވާ ހުރިހާ އެއްޗަކާ ގުޅޭ މައުލޫމާތު އެއްކުރެވިފައި ވަނީ ސިކުނޑީގައިވާ ރަދީފް (ލެކްސިކޯން) ގައެވެ. ލެކްސިކޯންގައި ތަކެއްޗާ ބެހޭ މައުލޫމާތު ރައްކާކުރެވިފައިވަނީ ވަރަށް ރޭވުންތެރި ނިޒާމެއްގެ ދަށުން ކަމަށްވާއިރު އެއްޗެއް ފެނުމުން އެއީ ކޮން ނަމެއް ކިޔާ، ކޮންތާކު ހުންނަ، ކީއްކުރާ އެއްޗެއްކަން އެނގޭފަދަ މައުލޫމާތު މި ލިބެނީ ލެކްސިކޯން ގައި ރައްކާކުރެވިފައިވާ މައުލޫމާތުގެ ސަބަބުންނެވެ. މީހާ ވިސްނާނީ ފިކުރުކުރާނީ އެ މީހަކު މުޢާމަލާތުކުރާ ބަހުންނެވެ. އެހެންކަމުން އޭނާއަށް ދުނިޔެ ފެންނާނީ ވެސް އޭނާ ވާހަކަދައްކާ ބަހުންނެވެ.
ބަހަކީ ކޮންމެ މީހެއްގެ ވެސް ދުވަހީ ދިރިއުޅުމުގެ ތެރޭގައި ފާޅުކުރާ ފާޅުކުރުމާއި އުފެއްދުމާއި މާނަ ދެނެގަތުމާއި މާނަކުރުން ފަދަ ކަންކަން މުޖުތަމަޢުގައްޔާއި އަމިއްލަ ފަރުދީ ގުޅުންތަކުގެ ތެރޭގައި ބޭނުންކުރާ ވަސީލަތެކެވެ. އެހެންކަމުގައިވާނަމަ، ބަހެއްގައި ހިމެނޭ ބަސްކޮށާރާއި އެބަހެއްގެ ގަވާއިދާއި ހަމަތައް ދަސްކުރުމަކުން ނުފުދޭނެއެވެ. އޭގެ އިތުރުން، ބަހާ ބެހޭގޮތުން ދެން އެނގެންޖެހޭ އެހެން ކަންތައްތަކަކީ މާނަކުރާ ގޮތް، މާނަ އުފައްދާގޮތް، އެކަކު އަނެކަކާ ބަދަހިކަމާއެކު މުއާސަލާތުކުރަން އެނގެންޖެހޭނެއެވެ. އަދި ބަހުގެ ތަބީޢީ ގޮތްތަކާއި އަންނަ ބަދަލުތަކާމެދު ވެސް ހޭލުންތެރިވާންޖެހޭނެއެވެ.
އަހަރެމެންގެ މާހައުލުގައި ނެތް ގިނަ ތަކެއްޗަށް އަހަރެމެންގެ ބަހުގައި ނަންދެވިފައި ނެތުމަކީ ވެސް މީހާއަށް ދުނިޔެ ފެންނާނީ އެމީހަކު ވާހަކަދައްކާ ބަހަކުންކަން އެނގިގެންދާ ކަމެކެވެ. އެވޭލާ ޒަމާނުގައި ދުނިޔެއާ ބީރައްޓެހި، އެކަހެރި ބައެއްގެ ގޮތުގައި އަހަރެމެން ދިރިއުޅެމުންދިޔަ އިރު، އަހަރެމެންނަށް އާންމުކޮށް ފެންނަނީ، އަތްލެވެނީ، އަދި އެހެނިހެން އިޙްސާސްކުރެވެނީ ހަމަ އެކަނި އަހަރެމެންގެ މާހައުލުން ފެންނާން ހުންނަ ތަކެތިން އެކަންޏެވެ. އަހަރެމެންގެ ގައުމީ ގަހަކީ ރުކެވެ. ރުކުގެ ބުޑުން ފެށިގެން ބޮންތިއާ ހަމައަށް ހިމެނޭ ހުރިހާ ބާވަތަކީ ވެސް ހުރިހާ ތަކެއްޗަކީ ވެސް އަހަރެމެން އެއިން ބޭނުން ހިފަމުން ދިޔަ ތަކެއްޗެވެ. އަހަރެމެންގެ ދުވަހީ ދިރިއުޅުމުގައި ބޭނުންކުރި ތަކެއްޗެވެ. އެހެން ކަމުން އެތަކެއްޗަށް އަހަރެމެންގެ ކާބަފައިން ވަނީ ނަންދީފައެވެ. އެއްވެސް ބައެއް ބާވަތެއް އިސްތިސްނާ ނުކޮށެވެ. މިރި، ގޮބޮޅި، ގަބުޅި، ކުރުނބާ ކާށި ވަކިކުރަން އެނގެނީ ނަމުންނެވެ. ބަހުންނެވެ. އަހަރެމެންނަށް ބަސް އަހަރެމެންގެ ދުނިޔެ ދައްކާ ގޮތުގައެވެ. ހަމަ މި ފަދައިން އަހަރެމެންގެ ވަށައިގެންވާ މޫދާއި، އަހަރެމެންގެ ކާބަފައިން އާންމުކޮށް ކުރަމުންދިޔަ މަސައްކަތްތަކަށް ބޭނުންކުރާ ނަންނަމާއި އެ މަސައްކަތްތަކުގައި ގެންގުޅޭ އާލާތްތަކަށް ކިޔާނޭ ނަންނަން ދިވެހި ބަހުގައި އެބަހުއްޓެވެ. ނެތީ ސްނޯއަށް ކިޔާނޭ ނަމެކެވެ. ހިޕަޕަޓޭމަސްއަށް ކިޔާނޭ ނަމެކެވެ. މިއީ އަހަރެމެންގެ މާހައުލުގައިވާ ތަކެއްޗެއް ނޫނެވެ. ދުވަހަކު ވެސް ފެނި އިވި އިޙްސާސްކުރެވިފައި ނެތް އެއްޗަކަށް އަހަރެމެންގެ ކާބަފައިން ނަންދޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން މިފަދަ ބާވަތްތަކަށް ކިޔާނޭ ނަންތައް ދިވެހިބަހުގައި ނެތީއެވެ. މީހާއަށް ދުނިޔެ ފެންނާނީ އެ މީހަކު ވާހަކަދައްކާ ބަހަކުންނޭ ބުނެވެނީ އެހެންވެގެންނެވެ. ސިކުނޑީގައި ރައްކާކުރެވިފައި ހުންނަ މައުލޫމާތު ކޯޑު ކުރަނީ ބަހުން ކަމަށްވާތީއެވެ. ތަކެތި ބައިކޮށް ގިންތިކުރަނީ ބަސް ބޭނުންކޮށްގެން ކަމަށްވާތީއެވެ.