الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ތަނެއްގައި ބިރުވެރިކަން ފިލައިގެން ހިގައްޖެނަމަ އެތަނަކަށް ދެން ވެރިވާނީ އަމާންކަމެވެ. ވައްކަމާއި ފޭރުމާއި ބާޠިލުގޮތުގައި މުދާކެއުން ހުއްޓުމަކަށް އައުމުން އެތަނެއްގައި ދިރިއުޅޭ މީސްތަކުންގެ މުދަލަށް ލިބިގެން ދާނީ އަމާންކަމެވެ. މީހުންމެރުމާއި މީހުންނަށް އަނިޔާކުރުމާއި ބުލީކުރުމާއި މަލާމާތާއި ފުރައްސާރަކުރުމާއި އެހެންމީހުންނަށް ޖެއްސުންކުރުން ނިމުމަކަށް އައުމުން މީސްތަކުންގެ ނަފްސުތަކަށް އެލިބޭ އަމާންކަމުގެ އަގުވަޒަން ކޮށްލެވޭނެ ދުވަހަކީ ﷲ މިދެއްވި އަމާންކަމާއި ރިޒުޤުގެ މަތިވެރިކަން އަތުން ބީވެދާ ދުވަސްކަމުގައި ދެކިގެން އެފަދަ ދުވަހެއް އަންނަންދެން އެކަންކަން ނުވިސްނި މަޑުކުރައްވީ ހެއްޔެވެ؟ ނޫނެކެވެ! ވިސްނާލުން ހުއްޓެވެ. އިއްޔެ މޮޅުސޯފާސެޓުގައި އެންމެފަހުގެ ސުމާޓުފޯނު އަތަށްލައިގެން ކުޅެލަކުޅެލައި، މާތް ﷲ އަމުރުކުރެއްވި އަޅުކަންތަކަށް ފަރުވާކުޑަކޮށް، އަމާންކަމުގެ ނިޢުމަތާމެދު ވިސްނުމުގެ ފުރުޞަތު ތިމާގެ ޟަމީރަށް ހިނދުކޮޅަކުވެސް ނުދީ ދުނިޔެވީ އެދުމަށްޓަކައި ބަޔަކުމީހުން މިދުނިޔެމަތީގައި ފިތުނަފަސާދައާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަމުން ދިޔައިރު، މުޖްތަމަޢު ބިރުވެރިކަމަކަށް ގެންގޮސް އެންމެހައި ފާފަތަކަށް ތަރުހީބުދީ އަތްޖަހަން އިންމީހާ، މިއަދު މަޖްތަމަޢުގައި ބިރުވެރިކަން އުފެދިފައިވާ ޙާލުގައި މަގުމަތިވެފައި އެއިނީ މުސްލިމް ކިތައް ދަރީންހެއްޔެވެ؟ މުޖުތަމަޢުގައި ލިބިފައިވާ އަމާންކަމުގެ މިންވަރަށް ޝުކުރުވެރި ވާންޖެހެއެވެ. މިނިޢުމަތް ގެއްލިފައިވާ މީހުންނަށް މިކަން ވަޒަންކޮށްލެވޭ ވަރަށް އަހަރުމެންނަށް ވަޒަންނުކުރެވިދާނެއެވެ. ދުނިޔޭގެ ކިތައް މީހުން ޚާއްޞަކޮށް ކިތަކެއް މުސްލިމުން އެޔެއްމިއެއް ނޭނގޭ މާހައުލެއްގައި ދެންކުރިއަށް އަންނަން އޮތް ހިނދުކޮޅުގައި ދިމާވާންއުޅޭ ބިރުވެރިކަމެއްގެ އިޙްސާސްގައި ގައިން ތުރުތުރުލާ ޙާލުގައި އެބައިންހެއްޔެވެ؟ ތިމާއަށް އެބަޔަކީ ކޮންބައެއްކަން ނުވެސް ދަންނަ މީހުން ވަށައިގެންވާ އަވަށެއްގައި ދިރިއުޅެން މަޖްބޫރުވެގެން ބީރައްޓެއްސެއްގެ ގޮތުގައި އުޅެންޖެހިފައިވަނީވެސް ކިތައް ކިތައްމީހުން ހެއްޔެވެ؟ އަދި އުފެދުނު ބޯހިރަފުސްގަނޑު ތެރޭގައި، ކިތައްމީހުން އެމީހުންގެ އާއިލާތަކާއި ވަކިވެ ދެން އިތުރަށް އެއިންމީހަކާ ބައްދަލުވުމަށް އޮތް އުންމީދު ކަނޑާލާފައިވޭ ހެއްޔެވެ؟ ދާންވީނުދާންވީ ތަނެއް ނޭނގިފައި، ދެން ތިމާ ހިޔަލަކަށް އިށީނދެލާނީ ކޮން ތަނެއްގައި ކަމެއް ކަނޑައަޅަން ނޭނގިފައިވާ ކިތައްމީހުން ވޭހެއްޔެވެ؟ ވަށައިގެން ހަނގުރާމައާއި އަނިޔާވެރިކަން ޢާންމުވެފައިވާ ގައުމެއްގެ ނިކަމެތި ރައްޔިތަކަށް ނޫނީ، މިއިންކަމެއްގެ ސަބަބުން އުފެދޭ ބިރުވެރިކަމުގެ ޝުޢޫރާމެދު އަހާލައިފި ނަމަ ފުރިހަމަ ޖަވާބެއް ދޭކަށް ނޭނގޭނެއެވެ.
ވީމާ މުޖްތަމަޢުގައި، ބިރުވެރިކަން އުފެދެން މެދުވެރިވާ ތަފާތު ފާފަތަކަށް އަރައިގަތުން އިތުރުވިޔަ ނުދިނުމަށް ގަދައަޅާ މަސައްކަތް ކުރުމާއި، ލަސްނުކޮށް އެފަދަ އެންމެހައި ކަމެއް ހުއްޓާލުމަށް މިމުޖްތަމަޢުގެ ކޮންމެ ދަރިޔަކުވެސް ގަދައަޅާ މަސައްކަތް ކުރާންޖެހެއެވެ. އަދި އެފަދަކަމެއް ކުރާ މީހުން ނުވަތަ އެފަދަ ކަންކަމަށް ޣަރަޤުވެގެން ދާ ޒުވާނުންނާއި ކުދިން އެކަންކަމުން ޙިކުމަތްތެރިކަމާއެކު ދުރުހެލިކުރުމަށް މަސައްކަތް ކުރުންވެސް ހުއްޓެވެ. އެގޮތުން އެންމެ އިސްކަމެއް ދޭންޖެހޭ ފާފައަކީ ޝިރުކާއި އެކަމަށް މަގުފަހިވެދާނެ އެންމެހައި ކަމަކުން ތިމާއާއި ތިމާގެ ވަށައިގެންވާ މީހުން ދުރުހެލިވުމަށެވެ.
ފަހެ މިއެންމެހައި ކަމަކުންވެސް ދެނެގަންނަންޖެހޭ އެންމެ މުހިންމުކަމަކީ މާތްﷲ އަށް އަދާކުރަންޖެހޭ އަޅުކަންވެސް ފުރިހަމަގޮތުގައި އަމާންކަމެއް ނެތި ނުކުރެވޭނެކަމެވެ. އެހެންވެގެން ދަރިން ބުދަށްއަޅުކަން ކުރުން ސަލާމަތްކުރެއްވުން އެދި ދެންނެވުމުގެ ކުރިން، އިބްރާހީމް عَلَيْهِ السَّلاَمُ ކުރެއްވި ދުޢާއަކީ އެލިބުނު އަމާންކަން ގެއްލިގެން ދިޔަނުދީ ދެމެހެއްޓެވުމަށެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَنْ نَعْبُدَ الْأَصْنَامَ﴾ سورة إبراهيم:35 މާނައީ: [އިބްރާހީމްގެފާނު ވިދާޅުވި ހިނދުއެވެ! އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! މިރަށަކީ (އެބަހީ މައްކާއަކީ) އަމާންތަނެއްގެ ގޮތުގައި ލައްވާށިއެވެ! އަދި ތިމަންގެ ދަރީން ބުދުތަކަށް އަޅުކަން ކުރުމުން ދުރުހެލިކުރައްވާށިއެވެ!] އަދި އެހެން އާޔަތެއްގައި އިބްރާހީމް عَلَيْهِ السَّلاَمُ ހަމަ އެރަށް މާނައީ މައްކާ އަށް އަމާންކަން މިންވަރުކޮށްދެއްވުން އެދުމަށްފަހުގައި ދެން އެދިވަޑައިގަންނަވަނީ ރިޒުޤު ތަނަވަސް ކޮށްދެއްވުމަށެވެ. އެއިން މިނިކަމެތި ނަފްސުތަކަށް މުހިންމު ޢިބްރަތެއް ލިބިގެން ނުވޭހެއްޔެވެ؟ ފަހެ މީހަކަށް ރިޒުޤެއްވެސް ތަނަވަސް ވާނީ އެތަނެއްގައި އަމާންކަން އޮވެގެން ނޫންހެއްޔެވެ؟ އަމާންކަން ނެތްތަނެއްގައި ރިޒުޤު ހޯދާނީވެސް އަޅެފަހެ ކިހިނަކުން ހެއްޔެވެ؟ ވީމާ ރިޒުޤަށް އެދުމުގެ ކުރިން އެދެންނެވީ އަމާންކަމެއް ދެއްވުމަށްކަން މިއާޔަތުން ވިސްނިގެން ދެއެވެ. ބަޤަރާ ސޫރަތުގެ 126 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ: ﴿وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ ﴾ މާނައީ: [އަދި އިބްރާހީމްގެފާނު ވިދާޅުވި ހިނދުއެވެ! އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! މިތަން އަމާންކަން ލިބިގެންވާ ރަށަކަށް ހައްދަވާންދޭވެ! އަދި އެރަށުގެ އަހުލުވެރިންނަށް މޭވާއިން ރިޒުޤު ތަނަވަސް ކޮށްދެއްވާންދޭވެ!]
އަދި އެއްވެސް ބިރުވެރިކަމެއް އޮވެއްޖެ މުޖްތަމަޢެއްގެ މާޙައުލާމެދު ވިސްނާލައިފި ނަމަ އެނގިގެންދާނެ އެއްކަމަކީ ތިމާއާއި ތިމާގެ އަނބިދަރީންނަށް ބޭނުންވާ ޤޫތާއި ކާނާއާއި ޣިޛާ ހޯދަންއުޅެންޖެހޭނެ ދަތިޙާލެވެ. ދަރިންގެ ކަރުހިއްކުން ފިލުވާލާނެ ފެންފޮދެއް ހޯދޭނެ ގޮތް ހުސްވެގެންދާ ތަނެވެ. ވީމާ އިންސާނަކަށް ހަމަޖެހިގެން ކައިބޮއިވެސް އުޅެވޭނީ އަމާން މާޙައުލެއްގައެވެ. ވީމާ މިހުރިހާ ކަމަކުން އެނގިގެން ދިޔައީ މާތް ﷲ އަށް އަޅުކަންކުރުމާއި، ކައިބޮއި ހެދުމާއި އެއްފަދައިން އަހަރުމެންނަށް އަހަރުމެން އުޅޭ މުޖްތަމަޢު އަކީ އަމާންތަނަކަށްވެސް ވާންޖެހޭ ކަމެވެ. އެކަމަށް އިޝާރާތް ކުރައްވާ މާތްﷲ ޤުރައިޝް ސޫރަތުގައި ވަޙީކުރެއްވިއެވެ: ﴿فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ* الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ﴾ މާނައީ: [ފަހެ އެބައިމީހުން މިގޭގެ (ކައުބަތުއްﷲ ގެފުޅުގެ) ވެރިއިލާހަށް އަޅުކަން ކުރާހުށިކަމެވެ. އެކަލާނގެއީ އެބައިމީހުންގެ ބަނޑުހައިހޫނުކަމުން އަރައިގަތުމަށް ކާންދެއްވި ކަލާނގެއެވެ. އަދި ބިރުވެރިކަމުން އަރައިގަތުމަށް އެބައިމީހުންނަށް އަމާންކަން ދެއްވި ކަލާންގެއެވެ.]
ޢަރަބި ޅެމެއްގައި އައިސްފައިވެއެވެ:
إِذَا اجْتَمَعَ الإِسْلاَمُ وَالقُوتُ لِلْفَتَى وَكَان صَحَيحًا جِسْمُهُ وَهُوَ فِي أَمْنٍ
فَقَدُ مَلَكَ الدُّنْيَا جَمِيعًا وَحَـــــازَهَا وَحَقَّ عَلَيْهِ الشُّكْرُ لِلَّهِ ذِي الـمَنِّ
މާނައީ: "ކުއްޖާއަށް އިސްލާމްދީނާއި ކާނާއާއި ލިބި، އަދި އޭނާގެ ހަށިގަނޑު ބަލިތަކުން ސަލާމަތްވެފައި، އަދި އޭނާ އަމާންކަމެއްގައި ވާނަމަ، ފަހެ އޭނާ އެވަނީ މުޅި ދުނިޔެ އަތްދަށުލައި އެދުނިޔެ ލިބިގެންފައެވެ. އަދި ދެން އޭނާގެ މައްޗަށް ޙައްޤުވެގެންވަނީ ނިޢުމަތްތައް ދެއްވާ ކަލާނގެ ﷲ އަށް ޝުކުރު ކުރުމެވެ."
ރަސޫލާ صلى الله عليه وسلم ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ވިދާޅުވާ ދުޢާއެއްގައި އޮވެއެވެ: " اللَّهُمَّ اسْتُرْ عَوْرَاتِي، وآمِنْ رَوْعَاتِي" މާނައީ: "އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! މިއަޅާގެ ޢައުރަ ނިވާކޮށްދެއްވާންދޭވެ! އަދި ކުއްލި ބިރުވެރިކަމުން މިއަޅާ (ސަލާމަތްކުރައްވާ) އަމާންކަން މިންވަރު ކޮށްދެއްވާންދޭވެ!"
އަހަރެމެންގެ މިކުޑަކުޑަ މުޖްތަމަޢަކީ އަބަދުގެ އަބަދަށްމެ އަމާންތަނެއްގެ ގޮތުގައި ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.