ލަފްޒަކީ، ދުނިޔެއާ ގުޅުމެއް އޮތް އެއްޗެއް ނޫނެވެ. ދުނިޔެއާއި ގުޅުން އޮތީ އިންސާނާ އާއިއެވެ. ދުނިޔޭގެ ކަންކަމާއި ތަންތަނާމެދު، ވިސްނާ ފިކުރުކުރާ ފަރާތަކީ އިންސާނާއެވެ. " ތޯޓްސް" އަކީ، އިންސާނާއަށް ދުނިޔޭން ލިބޭ އެއްޗެކެވެ. މި ދެންނެވި ތޯޓު، ދުލުން ހާމަކުރަން ބޭނުންކުރާ މެދުވެރިއަކީ، ލަފްޒެވެ. އެހެންކަމަށްވާނަމަ، ލަފުޒާއި ގުޅުން އޮތީ ކޮން ފަރާތެއްގެ ހެއްޔެވެ؟
ޝައްކެއް ނެތް ގޮތުގައި، ލަފުޒާ ގުޅުން އޮތް ފަރާތަކީ އިންސާނާއެވެ. އިންސާނާއަކީ، ލަފުޒު އުފައްދާ، ލަފުޒަށް ފުރާނައަޅުވާ، އެއަށް ރޫޙުދޭ ފަރާތެވެ. އަދި އެކިއެކި ކަންކަމުގައި، މުޖުތަމަޢު ދެކޭގޮތް ހާމަކޮށް ބަޔާންކުރާ މިސާލުތައް އުފައްދަނީވެސް ލަފުޒުންނެވެ. ވީމާ، ލަފުޒަކީ، ކަންކަމާމެދު މުޖުތަމަޢުދެކޭ ގޮތް ހާމަކޮށްދޭން، ބޭނުންކުރާ މެދުވެރިއެކެވެ. އެހެންކަމުން، ކޮންމެ ބަހަކުން ވާހަކަ ދައްކާ މުޖުތަމަޢަކަށްވެސް ޚާއްސަ ލަފުޒުތަކެއް، އެބައެއްގެ މެދުގައި އޮވެއެވެ. މިސާލުތަކާއި، ބޯދާބަސްތަކާއި، ހަރުބަސްތަކާއި އަދަބީބަސްތައް ހުރެއެވެ.
މިސާލަކަށް ދިވެހި މުޖުތަމަޢުގައި " ހަނދުވަރު ކުރަފި" ދެ ލަފުޒަކުން އުފެދިފައިވާ، މި މިސާލުގެ މާނައަކީ، ހަނދުވަރު ރީތި ރޭރޭ ސަކަޖަހާން މަގުމަތީގައި ނުކުމެ އުޅޭ ޒުވާނުންނެވެ. މި ލަފުޒުން މިސާލު ޖަހަނީ ވަކި ބަޔަކަށެވެ. ހަމަ އެހެންމެ " ފޮތް" މިހެން ބުނުމުން، އެ ދޭހަކޮށްދެނީ ކޮން އެއްޗެއްކަން އެނގެނީ، ދިވެހި މުޖުތަމަޢަށެވެ. "ބުކް" ، މިހެން ބުނުމުން އެ އިޝާރަތްކުރަނީ ކޮން އެއްޗަކަށްކަން ބުނެދޭން އެނގެނީ، އިނގިރޭސިބަހުގެ އަހުލުވެރިންނަށެވެ. "ކިތާބު" މިހެން ބުނުމުން އެއިން އެ ދޭހަކޮށްދެނީ، ކޮން އެއްޗެއްކަން އެނގެނީ ޢަރަބި ބަހުގެ އަހުލުވެރިންނަށެވެ. ލަފުޒަކީ އެކި މުޖުތަމަޢުތަކަށް ޚާއްސަ އެއްޗެއްކަން އިތުރަށް ބުނެދޭން ޖެހޭ ތޯއެވެ؟
މި ދެންނެވި، ތިން މުޖުތަމަޢަކަށް، ޚާއްސަ ތިން ބަހުންވެސް، އެ އިޝާރަތްކުރަނީ، އެއް ސިފައެއްގައި އޮންނަ އެކައްޗަކަށް ވީނަމަވެސް، އެއަށް ބޭނުންކުރާ ލަފުޒަކީ، އެ ބަހަކުން، ވާހަކަ ދައްކާ މީހުންގެ އުފެއްދުމެކެވެ. އެއީ އެބަޔަކަށް ޚާއްސަ އެއްޗެކެވެ. މިކަމުން ސާބިތު ކޮށްދެނީ، ވަކި ކަމެއް ނުވަތަ އެއްޗެއް ބުނެދޭން އޮންނަ ލަފުޒަކީ، އިންސާނާއާއި ގުޅުން އޮންނަ އެއްޗެއްކަމެވެ. ލަފުޒަށް ދިރުންދީ ފުރާނަ އަޅުވާ ފަރާތަކީވެސް އިންސާނާ ކަމެވެ.
މިވާހަކަ ދަންނަވާލަމުން، އެނބުރި މައުޟޫއަށް ޖެހިލަމާތޯއެވެ؟ މައުޟޫގައި މި ބުނަނީ، " ދިވެހިބަހަށް މޮޅު ވުމަކީ، ފުރެއްދެ ބަސްތަކަށް މޮޅުވާން ލިބޭ ފުރުސަތެކެވެ." މިހެންނެވެ. އެހެންކަމުން އޭގެ ތަފްސީލަށް ބަލައިލަމާ ހެއްޔެވެ؟
ދިވެހިރާއްޖެއަށް އުފަންވެ، ދިވެހި މުޖުތަމަޢުގައި ބޮޑުވާ ކޮންމެ ދިވެއްސަކީވެސް، ވިސްނާ ފިކުރު ކުރާނެ މީހެކެވެ. ކަންކަމާއެކު، ޚިޔާލު ކުރާނެ މީހެކެވެ. އެ ޚިޔާލުތަކާއި ފިކުރުތަކުގެ ވެއްޓަކީ، އޭނާގެ ތިމާވެއްޓެވެ. ވަށައިގެންވާ އޭނާގެ މާޙައުލެވެ. މިދެންނެވި މާޙައުލަށް ދިވެއްސަކު، ކަމަކާމެދު، ޚިޔާލުކުރަން، ނުވަތަ ވިސްނަން ލޯހުޅުވައިގެން ވަކި ދިމާއަކަށް ބަލާން އިންނަ އިރު، އެ ފެންނަ ކޮންމެ އެއްޗަކީ، އޭނާގެ މާދަރީބަހުން ދޭހައެއް މޭރުންވާނެ ލަފުޒެއް އޮތް އެއްޗެކެވެ. މިސާލަކަށް އުދަރެހަށް ބަލައިލަމާހެއްޔެވެ؟. ވަގުތަކީ އިރު އޮއްސޭ ވަގުތޭ ހިތަށް ގެނުވަމާ ހެއްޔެވެ؟ ފެންނަ އެއްޗިއްސާއި ތަންތަން ހިތަށް ސިފަކުރާނެ ލަފުޒުގެ ބަސް ކޮށާރައަކީ ކޮބައިކަން ދެނެގަތުމަށެވެ.
އިރު އޮއްސޭ މަންޒަރަށް ބަލަން އިން މީހާއަށް "ވިލާ" ފެނެއެވެ. " ވިލާ ރޮދި" ފެނުމުގެ ފުރުސަތު އޮވެއެވެ. " ވިލާ ބޯވުން" ހިތަށް ސިފަކުރާނެ މަންޒަރު ދުށުމުގެ ފުރުސަތުވެސް އޮވެދާނެއެވެ. "ވިލާކެނޑު" ހިތަށް ގެންނާނެ މަންޒަރު ފެނުމުގެ ފުރުސަތުވެސް އޮވެދާނެއެވެ. ހަމައެހެންމެ، އުދަރެހުން، "ވިލާމަތީވިލާލުން' ދެނެގަންނާނެ ފުރުސަތާއި، "ވިލާފުސް" ދެނެގަންނާނެ ފުރުސަތާއި، " ރަތްވިލާ" އާއި "ރަތްވިލާދަޅަ" އާއި،"ރަތްވިލާ އޮއްސުން" އަދި، "ރަތްވިލާދަޅަޖެހުން" ވަކިކުރާން އެނގޭނެހާ މަންޒަރުތައް، ފެނިދެނިވާނެ ފުރުސަތު އޮވެއެވެ.
މިދެންނެވިހާ ލަފުޒުތަކަކީ، މިދެންނެވި ކޮންމެ މަންޒަރެއް ހިތަށް ގެންނަން ނުވަތަ ދޭހަކުރާން، އޭނާގެ ވެށީގައި ބޭނުންކުރާހާ ލަފުޒުތަކެވެ. ބަލާން އެ އިން މަންޒަރު، އޭނާގެ ޚިޔާލަށް ކުރަހައިދެނީ، ދޭހަކޮށްދެނީ، މި ލަފުޒުތަކުންނެވެ. އޭނާގެ ގަލަމުން އެ މަންޒަރުތައް ސިފަކުރަނީވެސް، މި ލަފުޒުތަކުންނެވެ. ދިވެއްސަކަށް އޭނާގެ ދުލުން، މި ތަންތަނާ ކަންކަން ކިޔައިދޭންވެސް މެދުވެރި ކުރުވަނީ، މި ދެންނެވި ލަފުޒުތަކެވެ. މި ލަފުޒުތަކަކީ، އޭނާގެ "ތޯޓްސް" ބަޔާންކުރާން އޮތް މެދުވެރިޔާއެވެ. މި ލަފުޒުތަކަށް ފުރާނަ އަޅުވަނީ، މިދެންނެވި ކަންކަން ބަޔާންކޮށްދޭން ޚުދު އޭނާއެވެ.

ކޮންމެއަކަސް މިދެންނެވި ލަފުޒުތަކުން ސިފަކުރަމުން، އިރު އޮއްސެމުންދާ މަންޒަރެއް ދޭހަކޮށްދޭން އެ ލިބިފައިވި މުއްސަނދި ކަމަކީ، އޭނާގެ އަމިއްލަ މާދަރީ ބަހުގެ ލަފުޒުތަކުގެ މުއްސަނދިކަންނޫން ދެން، ކޮން އެއްޗެއް ހެއްޔެވެ؟ މި ހުރިހާ ލަފުޒުތަކާއި އެއިން ކޮންމެ ލަފުޒަކާއި ގުޅިފައިވާ ރަދީފުގެ މާނައާއި، އެ ލަފުޒުން ތެވެލިވާ މާނައާއި، އެ ލަފުޒުތަކާއި ގުޅިފައިވާ މަޖާޒީ މާނައާއި، އެ ލަފުޒުތައް، ފައްސި އަދި ނައްސި ޙާލަތްތަކުގައި މާނަ ފުރޮޅިގެންދާ ގޮތް، އޭނާއަށް ފުރިހަމައަށް އެނގިފައިވާނަމަ، އޭނާއަކީ، ދޭހަކޮށްދޭން މޮޅު މީހަކަށް ނޫނީ ނުވެއެވެ. އޭނާއަކީ، ޚިޔާލަށް ނުވަތަ ލޮލަށް ނޫނީ ހިތަށް ފެންނަ ކަންކަން ބަޔާން ކުރުމުގެ ކުޅަދާނަ މީހަކަށް ހަދައިދޭ މެދުވެރިއަކީވެސް، މިދެންނެވި ލަފުޒުތަކެވެ.
އެހެންކަމަށް ވާނަމަ، އޭނާއަކީ، މާދަރީބަހުން ބަޔާން ކޮށްދޭން މޮޅު މީހަކަށް ވެގެންދާއިރު، އޭނާ އުނގެނެމުންދާ އެހެން ބަސްބަހުންވެސް، ކަންކަން ބަޔާންކޮށް ދިނުމުގެ އެ ތޫނުފިލިކަން، އޭނާގެ ކިބައިގައި ހުންނާނެއެވެ. އެ ޤާބިލިއްޔަތު ލިބިފައިވާނެއެވެ. އެ ޙިކުމަތް އޭނާގެ ބުއްދީގައި ރައްކާކުރެވިފައި ވާނެއެވެ. އެހެންކަމުން، އޭނާގެ " ތޯޓްސް" ދެވަނަ ބަހަކުން ބަޔާން ކުރުމުގެ ގާބިލުކަން، އޭނާއަށް ހޯދައިދިނީ، އޭނާގެ ވެށި ލަފުޒުތަކުން ކަމާމެދަކު ޝައްކެއް ނެތެވެ. އަދި އަމިއްލަ ބަހުގެ ބަސްކޮށާރަށް މޮޅުނަމަ، އަދި ލަފުޒުގެ ވަނީގައި ވާހާ މާނަތަކަށާއި، މާނައިގެ މާނައަށް މޮޅުވީ ވަރަކަށް، ބަޔާން ކޮށްދިނުމުގެ ޤާބިލުކަން، އޭނާގެ ކިބައިގައި، އިތުރުވަމުންވެސް އަންނާނެއެވެ.
ލަޒުގެ ބަސްކޮށާރުގެ ޤާބިލުކަން ލިބިފައިވާ މީހުންނީ، މާނަވީ، ފުރިހަމަ ޖުމްލައަކަށް، ލަފުޒުތައް އަތުރާލަން އެނގޭނެ މީހެކެވެ. އެހެންކަމަށްވާނަމަ، އޭނާ ވެގެންދާނީ، ޢިބާރާތްކުރާން މޮޅު މީހަކަށެވެ. ޢިބާރާތްތަކަށް ރޫޙު ގެނުވައި، އަނެއް އިންސާނާގެ ޙިއްސުތަކަށާއި، ޖަޒުބާތާއި ކުޅެލާނެ، މާނަވީ ލަފުޒުތަކުން، ޢިބާރާތްކުރާ މީހަކަށެވެ. މިފަދަ މީހަކު، އޭނާ ދަންނަ ކޮންމެ ބަހަކުންވެސް، މޮޅަށް ޢިބާރާތްކުރާން އެނގޭނެއެވެ. މާނަވީ ގޮތެއްގައި ވާހަކަ ދައްކާން އެނގޭނެއެވެ. ވީމާ، "ދިވެހިބަހަށް މޮޅު ވުމަކީ، ފުރެއްދެ ބަސްތަކަށް މޮޅުވާން ލިބޭ ފުރުސަތެއްކަން، ޤަބޫލުކުރާށެވެ!