ފަތިހުފަތިހާ ހޭލައިގެން އަހަރެން ތައްޔާރު ވަމުން ދިޔައީ އެކުވެރިންނާ އެކު އީދު ޗުއްޓީއަށް ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ހިތްގައިމު އައްޑޫ ސިޓީއަށް ދިޔުމަށެވެ. އީދު ބަންދަށް ހަފްތާއެއްހާ ދުވަސް ލިބިފައިވާތީ، ދަތުރުމަތީގައި ވެސް މަޖާ ކޮށްލާ ސަކަރާތް ޖަހާލުމުގެ ބޭނުމުގައި އަހަރެމެން ނިންމީ ކަނޑުމަގުން އައްޑޫއަށް ދިޔުމަށެވެ. އަހަންނާއެކު އަހަރެންގެ 8 އެކުވެރިއަކު ވެސް މިދަތުރުގައި ބައިވެރިވެއެވެ. ދަތުރަށް ފުރީ އައްޑޫ ނިޔާމަ ބޯޓުން ހެނދުނު 6 ޖެހިއިރު އެވެ.
ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ކާރޫބާރޫ ބޮޑު މާލޭގެ އުތުރު ފަރާތު މިރު ބަހުރު ބަނދަރުން ފުރައިގެން ރާއްޖޭގެ އެންމެ ދެކުނަށް އަހަރެމެން މިސްރާބު ޖެހީ ލައްކަ ގިނަ ކަންތައްތައް ކުރުމަށް ރާވައިގެންނެވެ. ގިނަ ހުވަފެންތަކެއް ދެކެމުންނެވެ. ދަތުރުމަތީގައި ގާތްގަނޑަކަށް 24 ގަޑިއިރު ހޭދަވާނެ ކަމަށް ދަތުރަށް ފުރުމުގެ ކުރިން އަންގާފައިވާތީ އަހަރެމެން ދިޔަ ދަތުރުމަތީގައި ލައްކަ ފޯރި ނެގުމަށް ރާވައިގެންނެވެ. އެހެން ނަމަވެސް ވެފައިވާ ވަރުބައްޔާ އެކު އެންމެން ވެސް އިއްތިފާގުވީ ފުރަތަމަ އެމީހަކަށް ޚާއްސަ ކުރެވިފައިވާ ތަންމަތީގައި އަރާ އޮށޯވެ، ވަގުތުކޮޅަކަށް ނިދާލުމަށެވެ.
ގާތްގަނޑަކަށް 8 ގަޑިއިރު ނިދާލުމަށްފަހު އަހަންނަށް ހޭލެވުނީ ބަނޑުހައި ވެގެންނެވެ. އޭރު އެކުވެރި އެހެން ކުދިން ވެސް ހޭލާއުޅެއެވެ. މެންދުރުގެ ކެއުން ތައްޔާރުވުމާއެކު އެންމެން ކެއުމަށް އަވަސް ވެގަތީމެވެ. ކިތަންމެ ވަރަކަށް ކެޔަސް ރޯހަމެއް ނުފެޅޭނެއޭ ކިޔައި ވަށްބުރެއް ހަދާލައިގެން ތިބެ އެންމެން އެއްސުފުރާއެއްގައި ދިވެހި ހަވާދުގެ ރަހަ ހެޔޮވަރު މީރު ކުކުޅު ރިހައާއި ބަތް ބަނޑު ފުރާ ކައިގެން އަހަރެމެން އެންމެން އެރީ ބޯޓުގެ ސަންޑެގު މައްޗަށެވެ.
ކުޑަވަގުތުކޮޅަކު ބަނޑު ދަމާލުމަށްފަހު ދަތުރު ފޯރި ފެށުމުގެ ގޮތުން ލަވަބާޒީ ކުޅެން ނިންމައި، 2 ޓީމަކަށް ބެހި ލަވަ ބާޒީ ފެށިމެވެ. އެންމެންގެ މޫނު މަތިން ފެންނަމުން ދިޔައީ ޖޯޝާ، ފޯރިއާ، އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެއް ބަޔަކު އަޑުގެ ކޮޅަށް ލަވަ ކިޔަމުން، ނަށަމުން ދިޔައިރު ލަވައިގެ ހަމައަށް ސަންޑެގު މަތީ އަނެއްބަޔަކު ބެރު ޖަހަމުން ދިޔައެވެ. އެހެން ނަމަވެސް މި އުފާވެރިކަން ދެމި އޮތީ ހިނދުކޮޅަކަށެވެ.
ކުއްލިޔަކަށް ނެގި ވިލާގަނޑަކާއެކު ސިކުންތެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. އޮއްސާލި ބޯ ވާރެއާއެކު އެންމެން އަވަސް ވެގަތީ ވާރެއިން ހިޔާ ވުމަށެވެ، ސަންޑެގުމަތިން ބޯޓުގެ ތެރެއަށް ފައިބާ ތަންމަތިތައް މަތީ އިށީނީމެވެ. ބޯވާރެޔާ އެކު އިސާހިތަކު ވައިބާރުވެ، ކަނޑު ވެސް ގަދަވާން ފެށިއެވެ. ބޮޑު ބޯޓެއް ނަމަވެސް އެ ބޯޓަށް ވެސް ކެތްވާނީ ވަކިވަރަކަށްތާއެވެ. ބޯޓުގެ ކުރިމަތިންނާއި އަރިމަތިން ހުޅިލާ ނަގަމުންދާ ބިޔަ ރާޅުތަކާ އެކު ކުޑައިރުކޮޅެއްގެ ތެރޭގައި ބޯޓު ދެކޮޅަށް ކުރަންފަށައި، ބޯޓު ތެރެ ހަލަބޮލިވެ، މީހުންތައް ހޭލަމޭލަވާން ފެށިއެވެ.
އަންހެނުންނާއި، ކުޑަކުދިން ހޮޑު ލަމުން ދިޔައިރު ކަނޑުމައްޗަށް ގަދަ މީހުން ދިޔައީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިސާހިތަކު އެންމެން ވެސް ލައިފް ޖެކެޓް އެޅުމަށް އަންގާ ލައިފް ޖެކެޓް ބެހުމަށް ބޯޓުގެ ފަޅުވެރިން އަވަސް ވެގަތެވެ.
ގަދަ ކަނޑުގައި ގަޑިއެއްހާއިރު ބޯޓު ދުއްވުމަށްފަހު ކުއްލިއަކަށް ބޯޓުގެ އިންޖީނުގެ އަޑުނިވި، ބޯޓުތެރެއިން ރުއިމާއި ހަޅޭކުގެ އަޑު ގަދަވިއެވެ. ބޯޓުގެ ފަޅުވެރިން އެކި ކޮޅު ކޮޅަށް ދުވަނީއެވެ. މިވާން އުޅެނީ ކީއްކަން ނޭނގި އާ ޝޯޚްވެފައި ގުޑާލަން ވެސް ނުކެރިފައި އަހަންނަށް އިނދެވުނީއެވެ. އިރުކޮޅަކުން ހާސްވެފައި ތިބެ ބޯޓުގެ ފަޅުވެރިން އެންގީ ބޯޓުގެ ބަނޑު ފިލާއިން ފިލައެއް ނެއްޓި ދިޔަވާން ފަށާފައިވާ ކަމަށާއި، ލައިފް ޖެކެޓް އަޅައިގެން މޫދަށް ފުންމާލުމަށެވެ. ދުލަށް އައިހާ ހެޔޮއެއްޗެއް ކިޔަމުން އަހަރެން ބިރުން ދެލޯ މަރާ ތަގުލިކޮށްގެން ހުރެ، އެ މާސިންގާ ބިޔަ ރާޅުތަކުގެ ތެރެއަށް ފުންމާލީމެވެ. އައްޑިހައެއްހާ މީހުން ދަތުރުކުރި އެ ބޯޓުގައި ތިބި ކުޑަކުދިންނާއި އަންހެނުން ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ބިރުވެރިކަމާއެކު ލެވި ހަޅޭކާއި، ރުއިމުގެ އަޑު ކެނޑިނޭޅި އަހަރެންގެ ކަންފަތަށް އިވެމުންދިޔައެވެ. އަހަރެން އަވަސްވެގަތީ އެކުވެރިން ފެނޭތޯއެވެ. ނަސީބަކުން އަހަރެމެން ހުރިހާ އެކުވެރިންނަށް ވެސް ތިބެވުނީ އެކަކު އަނެކަކު ފެންނަ ހިސާބުގައެވެ.
ސިފައިންނާއި ފުލުހުންގެ ފަރާތުން އެހީތެރިކަމަށް އެދުނު ނަމަވެސް އިންތިހާއަށް ކަނޑު ގަދަވެ ވިއްސާރަވުމުން އެމީހުންނަށް ވެސް ވަގުތުން އަހަރެމެން ތިބި ހިސާބަށް އައުމަށް ދަތިވިއެވެ. ބޯޓުން ވަކިވި ބައެއް ފިލާގަނޑުތަކުގައި ހިފަހައްޓައިގެން އެހީތެރިކަމެއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި، ބިރުވެރިކަމާ ހިތްދަތިކަމުގައި ކަނޑުގެ މާސިންގާ ރާޅުތަކާ ހަނގުރާމަކުރުމުގައި 2 ގަޑިއިރު ފާއިތުވި ފަހުން، ހިތަށް ހަމަޖެހުމެއްލިބި ދިރިހުރުމުގެ އުއްމީދު އާވެގެން ދިޔައީ ކޯސްޓްގާރޑްގެ އުޅަނދެއް އަހަރެމެންތިބީ ހިސާބަށް ގޮސް މީހުން ސަލާމަތްކުރަން ފެށުމުންނެވެ. ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު އަހަރެމެން އެސަރަހައްދާ އެންމެ ކައިރީގައި އޮތް މ.ކޮޅުފުއްޓަށް ގެންދިޔައެވެ. ނަސީބު ރަގަޅުކަމުން ބޯޓު މުޅިން އަޑިއަށް ދިއުމުގެ ކުރިން އަހަރެމެންގެ ފޮށިތަންމަތި ސަލާމަތްކުރެވުނެވެ. އެހެން ނަމަވެސް ހާލުދެރަ ބަލިމީހުން ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު، 5 ކުޑަކުދިންނާއި، 2 އަންހެނަކާއި އުމުރުން ދުވަސްވީ ފިރިހެނަކު ގެނބިގެން މަރުވެފައިވާކަން އެނގުމުން ބަޔާން ނުކުރެވޭފަދަ ހިތްދަތިކަމެއް އިހްސާސްކުރެވުނެވެ.
އެ ދުވަހުގެ އިރުއޮއްސި މޫސުން ވެސް ރަނގަޅު ވުމުން ސިފައިންގެ ހެލިކަޕްޓަރެއްގައި އަހަރެމެން އައްޑުއަށް ގެންދިޔައެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ދަތުރަކަށް ފަހު އަހަރެމެންނަށް އައްޑުއަށް ދެވުނުއިރު ހިތަދޫގައި އަހަރެމެން ތިބެން ހަމަޖެހުނު ގެ މިހުން އަހަރެމެންގެ އިސްތިގުބާލުގައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ހިތާމައިގެ އަސަރު ފާޅުވި ނަމަވެސް، އަހަރެމެން ހެޔޮހާލުގައި ތިބިތަން ފެނުމުން އެމީހުން އުފާކުރިއެވެ.
ކުޑަ ޕިކަޕެއްގައި ފަނަރަ ވަރަކަށް މިނެޓްގެ ދަތުރަކަށް ފަހު އަހަރެމެންނަށް ހިތަދޫއަށް ދެވުނެވެ. ދަތުރުމަތީގައި އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކާއި ފަޅުރަށްތަކުގެ ހިތްގައިމު ނަލަ މަންޒަރުތައް ފެނުނު ނަމަވެސް އެ މަންޒަރުތަކުން ހިތަށް ހިތްހަމަޖެހުމެއް ލިބުނު ކަމުގެ އިޙްސާސެއް ނުކުރެވުނެވެ. އިރުކޮޅެއް ކުރިން ދިމާވި ހިތާމަވެރި ހާދިސާގެ ބިރު މުޅިން ފިލައިގެން ނުދާތީ ކަމަށް ވެސް ވެދާނެއެވެ.
އާ ދުވަހަކަށް އިރުއެރުމާއެކު އެންމެން އަވަސްވެގަތީ އައްޑޫގެ ރީތި ތަންތަން ބަލާލަން ދިއުމަށެވެ. ކުރީ ދުވަހުގެ ހާދިސާގެ އަސަރު އަދިވެސް ބައެއް މީހުންގެ މޫނުމަތީގައި ހުރި ނަމަވެސް ޖުމްލަގޮތެއްގައި އެންމެންގެ ވެސް ހާލު ރަނގަޅެވެ. އައްޑޫގައި އޮންނަ އެންމެ އާސާރީ ކުޅި، އީދިގަލިކިޅިއާ، ހިތަދޫ ކޯއްޓޭއާ، އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާ، ގަމު ބޮޑުބަޑިއާ، ފެކްޓަރީތަކާ، އަސްޓްރާ ސިނަމާއާއި، އެހެނިހެން އާސާރީތަންތަން ބަލައި ސެލްފީ ނަގައި، ފޭސްބުކް، އިންސްޓަރގްރާމް އަދި ވައިބަރ މެދުވެރިކޮށް އެ ފޮޓޯތައް އާއިލާއާ ރަޙުމަތްތެރިންނާ ހިއްސާކޮށް، މަޖާނެގީމެވެ. ޖެހިގެން އައި އީދު ދުވަހު އޮތީ އީދު ނަމާދަށްފަހު ދައުވަތު ލިބުނު ގޭގެއަށް ކާން ދިއުމެވެ.
އެއްގެއިން ކައިގެން ނުކުންނަ ތަނުން ގަދަކަމުން ނަމަވެސް އަނެއް ގެއަކަށް ވައްދައެވެ. މިގޮތުގެ މަތީން 5 ގެއިން ކައި ނިމުނު އިރު އަހަރެމެން ތިބީ ލޮނޑުވެ، ގުނބުހިލިފައެވެ. އެ ހާލުގައި ގެއާ ހަމައަށް ދެވުނު އިރު، މާ ބޮޑު މަސައްކަތަކާ ނުލައި ހަވީރު އޮންނަ މާލި ނެރުމަށް އަހަރެމެން ތިބީ ތައްޔާރުވެފައެވެ. އަމާޒުވި ކުލައިގެ ހަމަލާތައް ގިނަކަމުންނެވެ. ހަވީރުގެ ކުޅިވަރު ބަލާލާ ކުޅިވަރުތަކުގައި ބައިވެރިވުމަށްފަހު ރޭގަނޑު އޮންނަ ޝޯއަށް ވެސް އަހަރެމެން ދިޔައީމެވެ. ކާށި ކެވޭނީ ދަތްހުރި ދުވަހު އޭ ބުނެ، ޝޯގެ ނެށުމުގެ ބައެއް ހަރަކާތްތަކާ ބޮޑުބެރުގެ ބައެއް ހަރަކާތްކުގައި ވެސް އަހަރެމެން ފޯރިއާއެކު ބައިވެރިވީމެވެ.
އައްޑުއަށް ދިޔައިރު ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން އަހަރެމެން މާލެ ފުރަން ގަސްދު ކުރީ ފްލައިޓްގައެވެ. ހިތާމައާ، ހިތްދަތިކަމާ، ވޭނާއި ކެކުޅުމާ، އުފާވެރިކަމާ، ހިތްހަމަޖެހުން ވެސް އޭގެ އިންތިހާއަށް އިހްސާސްކުރެވުނު މި ދަތުރަކީ ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެންދާނޭ ދަތުރެއް ނޫނެވެ.
5 Responses
ވަރަށް އަސަރުކޮށްފި. ވަރަށް ހިތްގައިމު މޮޅު ލިޔުމެއް. ލިޔުންތެރިކަމުގެ ތަފާތު ބާވަތެއް. ލިޔުން ވަރަށް ފުރިހަމަ. ދަތުރުނާމާއެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް އެބަހުރި. ޝުކުރިއްޔާ ރާމިޒު ސަރ.
ޙިޔާލީ ވާހަކައެއްތަމީ
v molhu dhathuru naamaa eh foni kulhi adhi hithikanves ebahuri
ވާހަކަ ވަރައް ފުރިހަމަ.
ވަރަަށް ފުރިހަމަ