މި ހިނގާ 21 ވަނަ ޤަރުނުގައި މާސް މީޑިއާގައި ޚަބަރާއި، މަޢުލޫމާތާއި، މުނިފޫހިފިލުވާދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ވަޞީލަތްތަކުގެ ގޮތުގައި ރޭޑިއޯ، ޓީވީ، ނޫސްމަޖައްލާތައްވާނޭކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސެޓެލައިޓް ތަޢާރަފްވުމާއި ވިދިގެން ގޭގޭގެ ބޮޑުކޮޓަރިތަކުން ޖާގަ ހޯދި، މި ތަކެތީގެ ސަބަބުން ދެބައްސަ މުޖުތަމައުތަކަށް އޭގެ އެދެވޭ އަދި ނޭދެވޭ އަސަރު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަންފެށިއެވެ.
މާސް މިޑިއާގެ ތެރެއިން ބަހަވީ ގޮތުން ފާހަގަވެގެން އައި އެންމެ ފާހަގަކުރެވޭ ކަމަކީ ބައިނަލްއަޤްވާމީ ބަސްތަކުގެ ރޭހުގެ ކުރީގައިވާ އިނގިރޭސި ބަސް ބޭނުން ކުރެވޭ މިންވަރު އިތުރުވެ، އެ ބަހުގެ ނުފޫޒު ގައުމުތަކުގެ އެތެރެވަރިއާ ހަމައަށް އައުމެވެ. އިނގިރޭސިވިލާތާއި، ކެނެޑާ، އޮސްޓްރޭލިޔާ، އެމެރިކާ ފަދަ ނަން މަޝްހޫރު، ނުފޫޒުގަދަ ގައުމުތަކުގެ އަސްކަނިން ބޭރުވެ ރާއްޖެ ފަދަ އެކަހެރި ޖަޒީރާ ގައުމުތަކުގެ ހަފޮޅުން މި ދެންނެވި އިނގިރޭސި ބަސް ވަނުމެވެ. ވަނީކީ އެކަންޏެއް ވެސް ނޫނެވެ. އެ ތަންތަންތަނަށް އަތްގަދަ ވެސް ކުރީއެވެ. ޚާއްޞަކޮށް، ސަބްޓައިޓްލްއާ އެކު ފޮނުވޭ ޕްރޮގްރާމްތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ލިބޭގޮތް ވާން ފެށުމުން، އިނގިރޭސި ބަސް ބޭނުންކުރެވޭ މިންވަރު މާ ބޮޑުތަނުން އިތުރުވެގެން ދިޔައީއެވެ. އެ ހިސާބުން ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކުގެ ވެސް މާދަރީ ބަހުގެ މަތިން އެ ގައުމުތަކުގެ ޅަ ދަރީން ފޫހިވީއެވެ. ގައުމުގެ ނަވުގެ ހުންގާނާ ހަވާލުވާން ތިބި ޒުވާން ޖީލު މާދަރީ ބަހަކީ ކަޓު އެއްޗެއް ކަމުގައި ދުށީއެވެ.
ގިނަ ގައުމުތަކުގައި، ޓީވީގެ ޒަރިއްޔާއިން އިނގިރޭސި ބަސް ވަނީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައިވީ ނަމަވެސް، މިކަމާ ގުޅިގެން ފުރަތަމަ ބަސް ނުވަތަ މާދަރީ ބަސް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގައުމުތައް ކަމަށްވާ ޖަޕާނާއި ފަރަންސޭސި ވިލާތުން ފިޔަވަޅުތަކެއް އެޅިއެވެ. މިގޮތުން ފަރަންސޭސި ވިލާތުގައި ފަރަންސޭސި ބަހުން ހުންނަ ޕްރޮގްރާމްތައް ނޫން ޕްރޮގްރާމްތައް ރޭޑިއޯ އިންނާއި ޓީވީ އިން ފޮނުވުން މަދުކުރިއެވެ.
މާސް މީޑިއާ މެދުވެރިކޮށް އިނގިރޭސި ބަސް ފެތުރޭލެއް އިތުރުވުމާއެކު، އެކަމުގެ ބައެއް ފައިދާތައް ވެސް ފެނިގެން ދިޔައެވެ. އެކަމުގެ ސަބަބުން "ބައިލިންގުއަލިޒަމް" ތަރައްގީވުމަށް މަގުފަހިވެގެން ދިޔައެވެ. އެހެން ބަސްބަހުން ވާހަކަދައްކާ ފަރާތްތަކުން ބައިނަލްއަގުވާމީ ގޮތުން މީހުން މުއާމަލާތުކުރުމަށް ބޭނުންކުރެވިދާނެ ބޭނުންތެރި ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ބޭނުންކުރުން އިތުރުވެގެން ދިޔައެވެ. މިސާލަކަށް ސްކަންޑްނޭވިއަން ޤައުމުތަކުގައި ޒަމާނުންސުރެ ސަބްޓައިޓްލް އާއެކު އިނގިރޭސި ބަހުން އަންނަ ފިލްމުތަކާއި އެނޫން ޕްރޮގްރާމްތައް ބަލަން ފެށިއެވެ. ޑަބްކުރަނީ ނުވަތަ އަޑު އަލުން އަޅަނީ ހަމައެކަނި ކުޑަކުދިންގެ ޕްރޮގްރާމްތަކަށެވެ. ސްކެންޑިނޭވިއަން ގައުމުތަކުގައި އިނގިރޭސި ބަސް ދަސްކުރުމަށް އޮންނަ ޑިމާންޑް އަބަދުވެސް އިތުރުކަން ފާހަގަ ކުރެވޭއިރު، އެކަމަށް އެންމެ ބޮޑު ހިއްސާއެއްވީ ޓީވީ ޕްރޮގްރާމްތަކެވެ. އަދި މިއީ ފުރަތަމަ ބަހުގެ މައްޗަށް ދެވަނަ ބަސް ބާރުގަދަނުކުރާ ބައިލިންގުއަލް ހާލަތެކެވެ.

ބައިނަލްއަގުވާމީ މާކެޓަށް ޓީވީ ޗެނަލްތައް ފެތުރިގެން ދިއުމާއެކު މިޗެނަލްތަކުން ޕްރޮގްރާމްތަކާއި ފިލްމްތައް ގެނެސްދެނީ "ސަބްޓައިޓަލް" އަދި "ވޮއިސް އޯވާރ" ކޮށްގެންނެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު ބޭނުންނުކުރާ ބަސްބަހުން ވެސް ފިލްމްތަކާއި ޕްރޮގްރާމްތައް ގެނެސްދިނުމުގެ ފުރުޞަތު ތަނަވަސް ވެގެންދިއައެވެ. އަދި، ބައިނަލްއަގުވާމީ މާކެޓްތަކަށް ވިޔަފާރިކޮށްގެން (ވިއްކައިގެން) ގިނަ ފައިދާތަކެއް ލިބޭގޮތް ވާންފެށިއެވެ.
އެމެރިކާއަށް ބަލާއިރު ސްޕެނިޝް ބަހުން ވާހަކަ ދައްކާ މީހުންނަށް 1960ގެ އަހަރުތަކުގައި ކުޑަ ގޮތަކަށް ފެށި "ޔުނިވިޝަން" ފަހުން ވަރަށް ބޮޑަށް ފުޅާވެގެން ވަނީ ގޮސްފައެވެ. މިޗެނަލްގެ ޕްރޮގްރާމްތައް މައިގަނޑު ގޮތެއްގައި ބަލަނީ، ސްޕޭން ބަހުން ވާހަކަ ދައްކާމީހުންނެވެ. އެމެރިކާގައި ހަރަކާތްތެރިވާ ސްޕެނިޝް ބަހުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ރާމޯސް (2002)، ވަނީ، އެމެރިކާގައި ސްޕެއިން ބަހުން ގެނެސްދޭ ޓީވީތަކުގެ ނުފޫޒު އިތުރުވެގެން ގޮސްފައިވާ މިންވަރު ދެނެގަނެފައެވެ. އެގޮތުން ސިޔާސީ ހަރަކާތްތަކުގައި މިފަދަ ޓީވީ ޗެނަލްތަކުން ކުޅެމުންގެންދާ ދައުރުގެ މައްޗަށް ވެސް އޭނާ ބަލާލާފައިވެއެވެ.
އަޣްލަބިއްޔަތު އޮންނަ ބަސް، އަޣްލަބިއްޔަތު ނެތް ބަސްބަހުން ވާހަކަދައްކާ ގެތަކަށް ވަންނަ ހިނދު ކުރާ އަސަރަކީ "ސަބްޓްރެކްޓިވް ބައިލިންގުއަލް ސިޗުއޭޝަން" އެކެވެ. މީގެ ސަބަބުން ކުޑަކުދިންނަށް އިނގިރޭސިބަހާ، "އެންގްލޯ-އިންގްލިޝް" ޘަގާފަތް ތަޢާރަފްވެ، އަޣްލަބިއްޔަތު ނެތްބަހުން ވާހަކަދައްކާ މީހުންގެ ކަންބޮޑުވުންތައް އިތުރުވެގެންދެއެވެ. އިނގިރޭސިބަހާ މެދު ކުދިން ދެކެނީ ޒަމާނީ، މޮޑަން، ޓެކްނޮލޮޖީ، ފެޝަން އަދި މުނިފޫހި ފިލުވުމުގެ ބައެއްގެ ގޮތުގައެވެ. އެ ކުދިންގެ މާދަރީބަހަކީ ޒަމާނާ ނުގުޅޭ ކަޓު ބަހެއްގެ ގޮތުގައި ބެލެވެން ފެށީ މިހެންވެއެވެ. އެހެންކަމުން ދުނިޔޭގެ އަޣްލަބިއްޔަތު ބަހުން ފޮނުވާ ޕްރޮގްރާމްތަކުގެ ސަބަބުން އެކުދިންގެ އަމިއްލަ މާދަރީ ބަސް އުވި ގޮސްދާނޭ ކަމުގެ ބިރު މިވަނީ އިހުންށްވުރެ މާ ބޮޑު ތަނުން ބޮޑުވެފައެވެ.
ހަގީގަތަކީ މާސްމީޑިއާގެ ސަބަބުން ބަހަށް ލިބޭ ފައިދާތަކަށް ވުރެ ގެއްލުން ބޮޑުކަމެވެ. ޚާއްޞަކޮށް އިނގިރޭސިބަހުގެ ނުފޫޒުގެ ސަބަބުން އެހެން ބަސްބަހަށް ހީވެސްނުކުރާހާ ގެއްލުންވާކަމެވެ. މި ގެއްލުން ކުޑަކުރެވޭނީ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަހުން ވާހަކަދައްކާ ގައުމުތައް ނޫން އެހެން ގައުމުތަކުން އެކައްޗެއް ކިޔައި ދަމާއެއްރޮއްޖަކަށް ފޫގަޅައި ބުރަ މަސައްކަތްތަކެއްކޮށްގެންނެވެ. ދުރާލައި ފެންހިފޭ، ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންނެވެ.