ތައުލީމު ހާސިލްކުރަމުންދާ ކޮންމެ މީހަކުވެސް އިމްތިހާނަށް ތައްޔާރުވާން ޖެހޭ މިންވަރު ބިނާވެފައި އޮންނަނީ ކިޔެވުން ކުރިއަށްދިޔަ ދުވަސްވަރު އެމީހަކަށް ކިޔެވުމުގައި ޝާމިލްވެފައިހުރި މިންވަރެއްގެ މައްޗަށެވެ.
ގަވާއިދުން ފިލާވަޅުތައް ދަސްކޮށް، ފަރިތަކުރުންތައް ހަދައި، ފިލާވަޅުތަކުގެ ކުރު ނޯޓުހެދުން ފަދަ ކަންކަން ކުރާ ކުއްޖަކަށް އިމްތިހާނުގެ ހަފްތާއެއް ނުވަތަ ދެތިން ހަފްތާއެއްގެ ކުރިންވެސް ތައްޔާރުވާން ފެށިދާނެއެވެ.
އެހެންނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ ކުދިންނަކީ އިމްތިހާނެއް އައުމުން ނޫނީ ކިޔެވުން އެހައި ސީރިއެސްކޮށް ނެގޭ ކުދިންނެއް ނޫނެވެ. އިމްތިހާނެއްގެ ޓައިމްޓޭބަލް ލިބޭ ހިސާބުން ބައެއް ކުދިން ތައްޔާރީތައް ވާން ފަށައެވެ. އަނެއްބައި ކުދިން އިމްތިހާނު ފެށެން ހަފްތާއަކަށްވީމާވެސް ތައްޔާރުވާން ފަށައެވެ.
ހަގީގަތުގައި ކޮންމެ ކުއްޖަކަށްވެސް ކާމިޔާބަކާ ހަމަޔަށް އާދެވެނީ އިމްތިހާނަކީ ކޮންމެ ޓާމެއްގައިވެސް ނަގާނެ އެއްޗެއްކަން ދަނެގެން ދުރާލާ ތައްޔާރުވާނަމައެވެ. އެހެންކަމުން މި ލިޔުމަކީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުން ސަމާލުވެލަން ރަނގަޅު ބައެއްކަންކަން ހިމަނާލައިގެން ލިޔެފައިވާ ލިޔުމެކެވެ.
- ފާއިތުވެދިޔަ އަހަރުތަކުގައި ތައްޔާރުވީ ކިހިނެއް؟
އިމްތިހާނުތަކަށް ފަރިތަކުރުމުގައި ތިމާ ބޭނުން ކުރާ އުކުޅުތަކަކީ އަނެކާއަށް މާ ފަސޭހަ އުކުޅުތަކަކަށް ނުވެދާނެއެވެ. އެހެންކަމުން ފިލާވަޅުތައް މުޠާލިޔާ ކުރުމުގައި ވަގުތު ހޭދަކުރަންވީ މިންވަރާމެދު ތިބާގެ ސިކުނޑި ހޭލައްވާށެވެ. އެކަން އެންމެ ރަނގަޅަށް އެގޭނެ ފަރާތަކީ ޚުދު ތިބާއެވެ.
މީގެކުރިން އެކަހަލަ ކަމަކާ ވިސްނިފައި ނުވާނަމަ ތަނެއްގައި ހަމަޖެހިލައިގެން އިށީނދެލާށެވެ. އަދި މީގެ ކުރިން އެހެން ގުރޭޑުތަކުގައި ހަދާފައިވާ ބޮޑެތި އިމްތިހާނުތަކާމެދު ވިސްނާލާށެވެ. ލިބިފައިވާ ނަތީޖާއާއި އެނަތީޖާ ހޯދުމަށް ކުރެވުނު މަސައްކަތާމެދު ވިސްނާލާށެވެ. ދަސްނުވެ ހުރި ފިލާވަޅުތައް ފަހުން ދަސްކުރަން ބެހެއްޓުނު ހެއްޔެވެ؟ ނޭނގޭ އެއްޗިހި ފަހުން އޮޅުންފިލުވާލަންވެގެން މަޑުކޮށްލީމުހެއްޔެވެ؟ އިމްތިހާނާ ގާތްވެ، އެންމެ ފަހު ވަގުތުގައި ބައެއް ފިލާވަޅުތައް ދަސްނުވެގެން އުޅެން ޖެހުނުހެއްޔެވެ؟ ބައެއް ކުދިންނަށް ކިތަންމެ ގިނައިން ކިޔެވުނަސް ހިތްހަމަޖެހޭވަރަށް ކިޔެވިއްޖެކަމުގެ އިހުސާސެއް ނުކުރެވެއެވެ. އަނެއްބައި ކުދިންނަކީ އިމްތިހާނު އައިސް ބޯމަތިވާއިރު ވަރަށް ޔަގީންކަމާއެކު އިމްތިހާނަށް ތައްޔާރުވެވިއްޖެކަމުގެ އިހުސާސް ކުރެވިފައިވާ ކުދިންނެވެ. މީގެތެރެއިން ތިބާ އަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ މިފަދަ ސުވާލުތައް ތިބާގެ ސިކުނޑިއާކުރިމަތިކޮށް އެސުވާލުތަކުގެ ޖަވާބުވެސް ހޯދައި އެގޮތަށް އަމަލުކުރުމަށް ހިތްވަރު ލިބޭނެއެވެ.
- އިމްތިހާނު ފެށުމުގެ އެއް މަސް ކުރިން ފިލާވަޅުތައް މުޠާލިޔާކުރަން ފަށާ!
ތައުލީމީ ދާއިރާގެ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއް މަސް ނުވަތަ އެއަށްވުރެވެސް ކުރިން އިމްތިހާނަށް ތައްޔާރުވާން ފަށަން ޖެހެއެވެ. ގަވާއިދުން ސްކޫލަށް ހާޒިރުވެ ކިޔެވުމުގައި ޝާމިލްވާ ކުއްޖަކަށް މާބޮޑު ހާސްކަމަކާ ނުލައި އިމްތިހާނަކާ ކުރިމަތިލެވިދާނެއެވެ. އެހެންނަމަވެސް އަހަރު ނިންމާ ފަހު އިމްތިހާނުގައި މުޅި އަހަރުގައި ކިޔެވި ބައިތަކުން އިމްތިހާނު ކުރެވޭނެތީ ދުރާލާ ތައްޔާރީތައް ފެށުން ރަނގަޅެވެ. މަސްދުވަސް ކުރިން މުޠާލިޔާކުރުންތައް ކުރިއަށް ގެންދަން ފަށާނަމަ، ހުސްވަގުތުވެސް ލިބިގެން، ކޮންމެވެސް ވަރަކަށް މުނިފޫހިފިލުވާލުމާއެކު ހާސްކަމެއް ނެތި ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ. ދަސްނުވާ ގިނަ ބައިތައް ހުރިނަމަ ވަގުތުތައް ބަހާލައިގެން ވަރަށް ހަމަޖެހިލައިގެން ކިޔެވޭނެއެވެ.

- އެއްފަހަރާ ދަސްކުރުމުގެ ބަދަލުގައި ބައިބަޔަށް ބަހާލައިގެން ދަސްކުރޭ!
މިއީ ވިޔަފާރީގައިވެސް ނުހަނު މޮޅު އުކުޅެކެވެ. ފުރަތަމައިނުންވެސް އަރާ ބޮންތީގައި ހިފުމުގެ ބަދަލުގައި ހާސިލްކުރެވޭނެ ވަރުގެ ކުދި ކުދި ލަނޑުތައް ކަނޑައަޅައި ފަހަރަކަށްވުރެ ފަހަރެށް ރަނގަޅުކުރަމުންގޮސް ބޮޑެތި ލަނޑުދަނޑިތައް ހާސިލްކޮށް ކާމިޔާބު މީހަކަށް ވެވިދާނެކަން ވަރަށް ގިނަ ވިޔަފާރިވެރިން ވެސް ގަބޫލުކުރެއެވެ. ހަމައެގޮތަށް ދަސްކުރަންހުރި ބައިތައް ގިނަ ނަމަ، ފިލާވަޅުތައް އެކި ދުވަސްތަކަށް ބަހާލާށެވެ. އަދި އެދުވަހަކަށް ނުވަތަ އެހަފްތާއަކަށް ކަނޑައެޅިބައި ދަސްކުރަމުން ކުރަމުންގޮސް ނިންމާލާށެވެ. މިގޮތަށް ދަސްކުރުމުން ދަސްކުރާ އެއްޗިހި ހަނދާނުގައި ހަރުލާމިންވަރުވެސް އިތުރުވެއެވެ. އިމްތިހާނު އޮންނަ ދުވަހުގެ ކުރީ ރޭ، ހޭލައި ހުރެގެން މުޅިފޮތް ކިޔައި ދަސްކުރަން އުޅުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
- ބަރާބަރަށް ނިދަންވާނެ! ކަސްރަތު ކުރަންވާނެ!
އަހަރެމެންގެ ސިކުނޑިއަކީ ވެސް ވަރުބަލިކަން އިހުސާސުވާ ގުނަވަނެކެވެ. އެއްފަހަރާ ގިނަ މައުލޫމާތުތަކެއް ސިކުނޑިއަށް ޖަމާކުރުމަކީ އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފިދާނެ ކަމެވެ. އެހެންކަމުން އާ މައުލޫމާތުތައް ދެމެހެއްޓެނިވި ގޮތެއްގައި ސިކުނޑީގައި ރައްކާކުރުމަށް ސިކުޑިއަށް އަރާމު ލިއްބައި ދޭން ޖެހެއެވެ. ބައެއް ދިރާސާތައް ދައްކާ ގޮތުން ނިދުމުގެ ކުރިން ފިލާވަޅު ދަސްކުރުމުން ދަސްކުރާ ފިލާވަޅުތައް ސިނކުޑީގައި ރަނގަޅަށް ހަރުލައެވެ. އަދި ބައެއް ފަހަރު ފިލާވަޅު ދަސްކޮށް ނިމިގެން ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ ކޮންމެވެސް ކަމެއް ކުރުމަކީވެސް ސިކުނޑީގައި މައުލޫމާތު ރައްކާކުރުމުގެ ބާރު ގަދަކޮށްދޭނެ ކަމެކެވެ.
މީގެ އިތުރުންވެސް ފައިދާ ހުރި ކާނާ ކެއުމަކީވެސް ހަށިގަނޑަށް ބޭނުންވާ ރަނގަޅު ހަކަތަ ހޯދައިދޭ، މީހާ ތާޒާ ކުރުވާނެކަމެކެވެ. ގިނައިން ފެން ބުއިމާއި ދިޔާ ތަކެތި ބޭނުން ކުރުމުން ހަށިގަނޑުގައި ފެން ހުންނަންޖެހޭ މިންވަރު އެއްމިނެއްގައި ހިފަހައްޓައި ދޭނެއެވެ. ލޮލާއި، ހިތާ ސިކުނޑިއަށް މަސައްކަތް ކުރެވޭނީ އެގުނަވަންތަކަށް ބޭނުންވާ ހަކަތަވެސް ހޯދައިދީގެންނެވެ.
އެހެންކަމުން ކޮންމެ ކުއްޖަކުވެސް މިފަދަ އާދަތައް ހިފެހެއްޓުމަކީ ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދިއުމަށް އެޅޭނެ ފާލަމަކަށް ނޫނީ ނުވާނެއެވެ.