الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޝައްކެއްވެސް ނެތެވެ! މިހާރު އިސްލާމީ އުންމަތް މިސްރާބު ޖަހާފައި މިވަނީ ވަރަށް ޢިއްޒަތްތެރި މެހެމާނަކާ އިސްތިޤްބާލު ކުރުމަކާ ދިމާއަށެވެ. އަހަރުގެ ގިނަގުނަ ދުވަސްތަކުގެ ތެރެއިން ގުނާލެވޭހައި މަދު، މިމާތް ދުވަސްތަކާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބައްދަލުވާނެއެވެ. އެދުވަސްތަކަކީ ގިނަގުނަ ހެޔޮކަންތަކެއް ހިފައިގެން އަންނަ ވަފްދެކެވެ. މުސްލިމުންގެ ހިތްތައް އެދުވަސް އަންނާތީވެ އެދެކިލުމަށް ބޭނުން ނުވާންވީ ކީއްވެހެއްޔެވެ؟ އެލޯބިވާ މެހެމާނާއަށް މުއުމިނުންގެ ހިތްތަކުގައި ބޮޑު ޢިއްޒަތަކާއި ޝަރަފެއް ދެވިފައި ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެތަކެއް އަހަރަކުން ގަދައަޅާ މަސައްކަތްކޮށް ކުރެވޭ ގިނަގުނަ ހެޔޮޢަމަލުން ނޫނީ އެއްކޮށް ނުލެވޭނެހައި ދަރުމައާއި ގިނަގުނަ ޘަވާބު އެމަހުގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޙާޞިލު ކޮށްލެވިދާނެ ދުވަސްތަކަކަށް އެދުވަސްތައް ވެގެންދާތީވެ، އެހެޔޮވެގެންވާ ބަރަކާތްތައް ޣަނީމާ ކުރުމަށް ހަމަކޮންމެ މުސްލިމެއްގެ ނަފްސު ވަނީ އެދުވަސްތަކަށް ފެންބޮވައިގެންފާކަން ކަށަވަރެވެ. ޝައްކެއްވެސް ނެތެވެ. ދެތިން ދުވަހެއްގެ ތެރޭގައި ބަރަކާތާއި ހެޔޮކަމުން ފުރިގެންވާ ރަމަޟާން މަސް އަހަރެމެން އެންމެންނާ ބައްދަލު ކުރާނެއެވެ. އެއީ ރޯދަހިފުމުގެ މައްސަރެވެ. ރޭއަޅުކަމުގެ މައްސަރެވެ. ޤުރުއާނުގެ އާޔަތްތައް ތިލާވަތު ކުރުމުގެ މައްސަރެވެ. މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކޮންމެ މުސްލިމަކު ނަމޫނާ މުސްލިމަކަށް ވާންޖެހޭ އަދި ﷲ އަށް ކުއްތަންވުމުގައި ކޮންމެ މުސްލިމަކު ރޭސްޖަހާ ރޫހެއްގައި ކުރިއަށް އެރޭތޯ ގަދައަޅާ މަސައްކަތް ކުރަންޖެހޭ މައްސަރެވެ. އެއީ ޛިކުރު ކުރުމާއި އިސްތިޣްފާރުކުރުމާއި ދުޢާކޮށް ﷲ އަށް މުނާޖާ ދެންނެވުމުގައި ދޫތައް ތެންމާލަންޖެހޭ މައްސަރެވެ. އަތުގައިވާ މުދާތަކާއި ފައިސާއަށް ޖެހިފައި ލޯތްބަށްވުރެ އެފައިސާ އާއި ރިޒްޤުތައް ދެއްވި ކަލާނގެއަށް އޮތް ލޯބި ޙަޤީޤަތުގައިވެސް އިތުރުވެގެންދާ މައްސަރެވެ. ވީމާ އެއީ ދީލަތިކަމާއި ހޭދަކުރުމާއި އިޙްސާންތެރިކަމުން ތިމާގެ ޢަމަލުތައް ބިޒީކޮށްލަންޖެހޭ ދުވަސްތަކެވެ. އެއީ އަހަރުގެ އެހެން ހުރިހައި ދުވަހަކަށްވުރެ މާތްކުރައްވާ އެދުވަސްތަކަކަށް ޚާއްޞަ ކަރާމަތްތެރިކަމާއި އެތަކެއް ގޮތަކުން މާތްކުރެވިފައިވާ އޮނަތިރީސް ނުވަތަ ތިރީސް ދުވަހާއި ރެއެވެ. އެދުވަސްތަކުގެ ސާފުފައިދާއާއި ޕްރޮފިޓް ނުހަނު ގިނަވެގެން ދެއެވެ. އަދި އެރަމަޟާން މަހުގައި އެންމެ ރެއެއްގެ ވާހަކައަކީ ނުހަނު ބޮޑު ވާހަކައެކެވެ. އެއީ ޤުރުއާން އެމަހެއްގައި ބާވައިލެއްވުނު މަހެވެ. އެޤުރުއާން ބާވައިލެއްވުނު ރެއަކީ ލައިލަތުލްޤަދްރި ވިލޭރެއެވެ. އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގެ ތެރެއިން ރެއެއްކަން ކަށަވަރުވެގެން ވެއެވެ. އެއެންމެ ރެއެއްގައި ކޮށްލެވޭ ނަމާދެއް، އެރޭގައި ކޮށްލެވޭ ޛިކުރެއް، އެރޭގައި ތިލާވަތު ކޮށްލެވޭ ޤުރުއާނުގެ ބައެއް އެރޭގައި ކޮށްލެވޭ ޞަދަޤާތެއް 83 އަހަރުދުވަހުގައި ކުރެވޭ ހަމަ އެފަދަ ޢަމަލާއި އެއްފަދަވެ ޘަވާބުގެ ގޮތުން އެއްވަރު ވެގެންވެއެވެ. ކޮންފަދަ ރެއެއް އެމަހެއްގައި އަންނަ މާތް މައްސަރެއް ހެއްޔެވެ؟ ﷲ ވަޙީކުރެއްވިއެވެ: ﴿لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ﴾ މާނައީ: [ލައިލަތުލް ޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ.] އެއްހާސް މަހުގައި ކުރާ ޢަމަލާ އެންމެ ރެއެއްގެ ޢަމަލު އެއްފަދަވެގެން ދިއުމުން، އެރޭގައި ކުރެވޭ އެންމެ ކުޑަކުޑަ ހެޔޮޢަމަލެއްގެ މާތްކަމާއި މަތިވެރިކަން ވަޒަންކުރާށެވެ! ވީމާ މުޅި ރަމަޟާން މަސް ޚާއްޞަކޮށް މަހުގެ ފަހު ދިހަ ރޭގައި ހެޔޮޢަމަލު ކުރުމުގައި ގަދައަޅާ މަސައްކަތް ކުރާ ބަޔަކު ކަމުގައި އަހަރެމެން ކޮންމެ މުސްލިމަކު ވާންޖެހެއެވެ. އެދުވަސްވަރު ނިމިގެން ދާއިރު އެދުވަސްވަރު ކުރެވުނު ޢަމަލުތަކާއި މެދު ވިސްނާ އެއަށްވުރެ ގިނައިން ކުރެވުނު ނަމައޭ ހިތަށްއަރާނެ ދުވަސްތަކަށް އިންތިޒާރު ނުކޮށް ރަމަޟާން މަސް އައުމުގެ ކުރިން، ފަހުން އެހިތުން އުންމީދުކުރާނެ އެގިނަގުނަ ޢަމަލުތަކަށް މިހާރު ތައްޔާރުވެ އެންމެ ތަންކޮޅެއްވެސް ދޫނުކޮށް ތިމާ މިއަހަރަށް ހިތުގައި ކަނޑައަޅާ ޢަމަލުތައް ފުރިހަމަ ކުރާނެ ކަމުގެ ވަރަގަދަ އަޒުމެއްގެ ބިންގާ މިވަގުތު އަޅަމާ ހިނގާށެވެ. ކުރީ ހުރިހައި އަހަރުތަކަށްވުރެ މިއަހަރު ކާމިޔާބު އަހަރަކަށް ހަދާނެކަމުގެ ވަރުގަދަ ޢަޒުމުގައެވެ. މިދުވަސްވަރު ހެޔޮގޮތުގައި ﷲ އަށްޓަކައި ރޯދަ ހިފުން ފަރުޟު ކުރެއްވިކަން ދެނެހުރެ އެސަބަބަށްޓަކައި، އެރޯދައިގެ ޘަވާބާއި ދަރުމަ ހޯދުމުގެ ފުރިހަމަ ޤަސްދުގައި ރޯދަ ހިފުމުން އެމީހެއްގެ ފަރާތުން ހިނގާފައިވާ އެންމެހައި ކުދިފާފަތަކެއް ފުހެވި އެމީހަކު ސާފުވީއެވެ. ނަމަވެސް ބޮޑެތި ފާފަތަކަކީ އެފާފަތައް ހުއްޓާލައި އެއިން ތައުބާވުން ލާޒިމްވެގެންވާ، ވަރަށް ނޭއްގާނީ ވިޔާނުދާ ޢަމަލުތަކަކަށް ވުމުން ކުރާ މިފަދަ އެއްވެސް ހެޔޮޢަމަލަކުން އެކަންކަން ފުހެވިގެން ނުދާހުއްޓެވެ. އެކަންކަން ޖެހޭނީ އެކީއެކައްޗަކަށް ހުއްޓާލާށެވެ. އޭރުން މިރަމަޟާން މަހުގެ ރޯދަ ހިފައި ނިމުމުން، އެމީހާ އެކީ އެކައްޗަކަށް ސާފުވެ އެމީހެއްގެ މުޅިނަފްސު ޠާހިރުވެ، އަހަރެމެންގެ ވެރި ކަލާނގެ ﷲ ސުބްޙާނަހޫ ވަތަޢާލާ ނުހަނު ލޯބިވާ އިންސާނަކަށް އެމީހަކު އެހެރީ ބަދަލުވެފައެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: ((مَنْ صَامَ رَمَضَانَ إِيـمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [އީމާންކަމާއި އެކު (އެބަހީ ތިމާގެ މައްޗަށް ﷲ ފަރުޟު ކުރެއްވި ކަމެއްކަން ފުރިހަމައަށް ޤަބޫލުކުރާ ޙާލުގައި) އަދި އެރޯދައިގެ ޘަވާބާއި ދަރުމައަށް އެދިއެދި ހުންނަ ޙާލުގައި ރަމަޟާން މަހުގެ ރޯދަތައް ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ އެންމެހައި ފާފަތަކެއް ފުއްސަވައިފިއެވެ.] މިއީ އެމައްސަރުގެ މާތްކަމާއި ޤަދަރުގެ މަތިވެރިކަން ހާމަވާ އެންމެ ޙަދީޘެކެވެ.
އެމައްސަރުގެ އާދަޔާޚިލާފުކަން އެނގިގެންދާ އަނެއްކަމަކީ އެމަހަކީ އެމަހެއްގައި ދުނިޔެމަތީގައި ފެތުރިފައިވާ އެތަކެއް މިލިޔަނުން ބިލިޔަނުން ގުނާލެވޭ ޝައިޠާނުންތައް ކޮންޓްރޯލުކޮށް އެބައިމީހުންގެ މައްޗަށް ބާރު ހިންގާ ޝައިޠާނުންގެ ބޮޑުންތައް ކަސްތޮޅު އެޅުވިގެންދާނެ ދުވަސްވަރެކެވެ. އޭގެ ސަބަބުން މީސްތަކުންގެ ތެރެއިން ގިނަބަޔަކަށް އެބައިމީހުންގެ ވަސްވާސްތަކުން ދުރުހެލިވުމަށް ފަސޭހަވެ، މިއިންސާނާއަކީ އެވަސްވާސްތަކާއި ނުލައި ޙަޤީޤަތުގައި ރަނގަޅު ޞާލިޙު ނަފްސެއް ހިމެނޭ ފުރާނައެއް ލިބިގެންވާ ނަފްސެއް ކަމުގައި އިޙްސާސް ކުރެވެއެވެ. މިޠާހިރުވެގެންވާ ނަފްސު، ރަމަޟާންމަހުގައި ތަޖްރިބާވުމަށް ފަހުގައި އެނަފްސު އެގޮތުގައި ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ތިމާއަށް ލިބިގެން ދިއުމުގެ އުންމީދު ކޮންމެ މުސްލިމަކު އާކުރާނެކަން ކަށަވަރެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: ((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتْ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِي مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنْ النَّارِ وَذَلكَ كُلُّ لَيْلَةٍ))
މާނައީ: [ރަމަޟާން މަހުގެ ފުރަތަމަ ރޭ ވުމާއެކު، ޝައިޠާނުންނާއި ޖިންނީންގެ ބޮޑުންތައް ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އަދި އެދޮރުތަކުގެ ތެރެއިން އެއްވެސް ދޮރެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭހުއްޓެވެ. އަދި އެތަނުން އެއްވެސް ދޮރެއް ނުލެއްޕޭ ހުއްޓެވެ. އަދި ގޮވާލާ މީހަކު ގޮވާލައްވައެވެ. އޭ ހެޔޮޢަމަލުތަކަށް އެދި އެކަމަށް ނަފްސު ގޮވާލާ މީހާއެވެ! އެކަން ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ! އަދި އޭ ނުބައި ޢަމަލުތަކަށް އެދި އެކަމަށް ނަފްސު އެދި ގޮވާމީހާއެވެ! އެޢަމަލުތައް ހުއްޓާލާށެވެ! އަދި ﷲ ގިނަބަޔަކު ނަރަކައިން މިންޖުކުރައްވާ ހުއްޓެވެ. އަދި އެއީ (އެމަހުގެ) ކޮންމެ ރެއަކުއެވެ.] سُبْحَانَ اللهِ އެވެ! އެހެން އެއްވެސް މަހެއްގައި މީހުން ނަރަކައިން ސަލާމަތް ވާނެކަމަކަށް މިހާވަރަކަށް ކަނޑައެޅިގެން ނުދެއެވެ. މިހާވަރަކަށް ސުވަރުގެވަންތަވެރިންގެ ގޮތުގައި މީސްތަކުން އެހެން އެއްވެސް މަހެއްގައި ކަނޑައެޅިގެން ނުދެއެވެ. ކޮންފަދަ މާތްކަމާއި މަތިވެރިކަން ހިމެނޭ މަހެއް ހެއްޔެވެ؟
މިރަމަޟާން މަހާއި އިސްތިޤްބާލުކުރުން އޮތީ ގެތަކުގައި ބޮކިފަތިދަމާ ކުލަކުލަ ޖައްސައި ބޭއްވޭ ބޮޑެތި ޖާފަތްތަކަކުން ނޫނެވެ. މެނިއުތައް ކެއުމުގެ ތަފާތު ވައްތަރުން ފުރާލައިގެނެއްވެސް ނޫނެވެ. އޭގެ ބަދަލުގައި މިމަހަށް ޙަޤީޤީ މާނައިގައި ތެދުވެރި ނިޔަތަކާއި އެކު ކުރިމަތިލުން އޮތީ ފުރިހަމަ ތައުބާއެއްގެ ވިސްނުމުން ފަށައިގެންގޮސް ހެޔޮޢަމަލުތައް ގިނަކުރުމުގެ މައްޗަށެވެ. ނަމާދުތައް ދޫކޮށް ކެއުން ބުއިމުގައި މަޝްޣޫލުވުމުގެ ބަދަލުގައި ކޮންމެ ނަމާދެއްވެސް އޭގެ އެންމެ ފުރަތަމަ އެންމެ މާތް ވަގުތުގައި އަދާކުރުމުގައެވެ. ދުނިޔެ މައްޗަށް އަނދިރިކަން އަންނަވަގުތު ފެށުމާއެކު، ކޭކޭނުން އިންތަނުން ހިރިނުލެވޭ ވަރު ކޮށްލުމުގެ ބަދަލުގައި އަތްމަތި ދަތި ބަޔަކަށް ކާއެތިކޮޅެއް ފޯރުކޮށްލެވިގެންނެވެ. ތަފާތު ޑްރާމާތަކާއި ޕްރޮގްރާމްތައް ބެލުމުގައި ރޭގަނޑުގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލުމުގެ ބަދަލުގައި ދަންގަޑީގެ ބަރަކާތް ޙާޞިލު ކުރުމުގެ ނިޔަތުގައި ރޭގަނޑުގެ ކުރީގެ ވަގުތުތައް ހަށިގަނޑަށް އަރާމެއް ލިއްބައިދީ ހަށިގަނޑަށް ނިދި ބޭނުންވާ ޙަޤީޤީ ގަޑީގައި ނިދާ، އެކަމުން ހީވާގިކަން ލިބިގަނެ ދަންވަރުގެ ގަޑީގައި ހެޔޮޢަމަލުތައް ކުރުމައިގެން މީހާ މަޝްޣޫލު ވެގެންނެވެ. ކުރުކޮށް ބުނާނަމަ ރަމަޟާން މަހަށް އިސްތިޤްބާލުކުރުން އޮތީ ﷲ އަށް ކިޔަމަންތެރިވުމަށް ތައްޔާރުވެ އަޅުކަންތައް އަދާކުރުމަށް ވެވެން އޮތް އެންމެހައި ތައްޔާރީތައް ވެގެންނެވެ. ޙަޤީޤީ މާނައިގައި އިޚްލާޞްތެރި ނިޔަތެއްގައި މިމާތް ބަރަކާތުން ފުރިގެންވާ މެހެމާނާއާ ބައްދަލު ކުރުމަށް ތައްޔާރުވާ މީހަކީ ކަށަވަރުންވެސް އެއީއެވެ.
އޭ ﷲ އެވެ! އަޅަމެންނީ ޙަޤީޤީ މާނައިގައި މިބަރަކާތްތެރި ރަމަޟާން މަހާ ބައްދަލުކުރާނެ ބަޔަކު ކަމުގައި ލައްވައި، ރަމަޟާން މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.