އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ތ.ކަނޑޫދޫ ސްކޫލް، އެ ދަރިވަރަކަށްޓަކައި އިންތިހާއަށް ފަޚުރުވެރިވާ ޙުސައިން ސާނީ އަކީ 2017 ވަނަ އަހަރު މި ސްކޫލާ ގުޅުނު ރަނެއް މަލެއް ފަދަ ދަރިވަރެކެވެ. ކިޔެވުމަށް ބުރަކޮށް މަސައްކަތްކުރާ، މަޑުމައިތިރި، އަޚްލާގު ރަނގަޅު، ކިޔަމަންތެރި މޮޅު ދަރިވަރެކެވެ.

ތ.ކަނޑޫދޫ ސްކޫލުން ތަޢުލީމީ ހަޔާތް ފެށި، މި ތޫނުފިލި ދަރިވަރު ވަނީ އެ ސްކޫލުގައި ހޭދަކުރި 10 އަހަރު ވެސް މުޅި ގްރޭޑުން 1 ވަނަ ހޯދައި، އޯލެވެލް އިމްތިޙާންގައި އެހައި ތަނަށް ވެސް، އަދި މިހައި ތަނަށް ވެސް ކަނޑޫދޫ ސްކޫލުގެ ދަރިވަރަކު ނުހޯދާފަދަ ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައެވެ. އެއީ އޯލެވެލްގެ ނެޝަނަލް ޓޮޕްޓެންގެ އެއް ވަނަ ހޯދި، ކަނޑޫދޫ ސްކޫލުގެ ހަމަ އެކަނި ދަރިވަރެވެ. އެކަމަކު މިއަށް ވުރެ ވެސް ޚާއްސަ ކާމިޔާބީ އަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް އޭނާ ހޯދައިދިން ޝަރަފެވެ. 2018 ވަނަ އަހަރުގެ އޭލެވެލް އިމްތިޙާންގައި މި ދަރިވަރު ވަނީ ނެޝަނަލް ޓޮޕްޓެންގެ ހަތަރުވަނައިގައި ހިމެނި، މުޅި ދުނިޔެއިން އެކައުންޓުން އެއްވަނަ، އަދި އިކޮނޮމިކްސް އިން ދެވަނަ ހޯދައި މި ސްކޫލް ހިނިތުންކުރުވާފައެވެ. ނަތީޖާއެއްގެ ގޮތުން ސާނީއަށް ވަނީ 2018 ވަނަ އަހަރުގެ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ބެސްޓް އޯލްރައުންޑަރކަމުގެ ޝަރަފުވެރި މަގާމު ލިބިފައެވެ. މި ކާމިޔާބީތައް ހޯއްދަވައިދެއްވުމުގެ އެންމެ އިސް މޭސްތިރިންނަކީ ސްކޫލްގެ މެނޭޖްމަންޓާއި މުދައްރިސުންކަމަށް ސާނީ ގަބޫލުކުރެއެވެ. ޚާއްޞަ ގޮތެއްގައި އެކައުންޓް ޓީޗަރު ޝަޒްނާ ޢަބްދުލް ޙަމީދާއި އިކޮނޮމިކްސް ޓީޗަރު އެންތަނީ ކޭޕީގެ ނަން ފާހަގަކޮށް، ސްކޫލަށާއި އެ ދެ ބޭފުޅުންނަށް ސާނީ ޝުކުރުއަދާކުރިއެވެ.

ސާނީ އަކީ ކިޔެވުމުގެ އިތުރުން ކަނޑޫދޫ ސްކޫލްގައި ތަފާތު އެތައް މަގާމްތަކެއް ވެސް ފުރާފައިވާ، އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންގެ ލޯބިހޯދާފައިވާ އިސްވާރެކެވެ. އެގޮތުން ގްރޭޑް ފަހަކުން ފެށިގެން ސްކޫލްގެ ޕްރިފެކްޓް ކަމާއި، ގްރޭޑް 9 ގައި ސްކޫލްގެ ވައިސް ކެޕްޓަންކަން، އަދި ގްރޭޑް 10 ގައި ސްކޫލްގެ ކެޕްޓަންކަމުގެ ބުރަ މަސްއޫލިއްޔަތު ސާނީ ވަނީ އަދާކޮށްފައެވެ.

ސާނަވީއަށް ކިޔެވި ދުވަސްވަރު ކިޔެވުމުގެ މައިދާނެކޭ އެއްފަދައިން ކުޅިވަރުގެ މައިދާނުގައި ވެސް އޭނާގެ ވިދުން ގަދައެވެ. އެ މައިދާނުގައި ވެސް އޭނާގެ މަޤްބޫލުކަމާއި މަޝްހޫރުކަން ބޮޑެވެ. ޚާއްޞަކޮށް ފުޓްސަލްގައެވެ. އެގޮތުން ފުޓުސަލް މުބާރާތްތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ސާނީ ވަނީ ހޯދާފައެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ފުޓްސަލް ޓީމަށް ވެސް ސާނީ ހޮވުނެވެ. އެހެން ނަމަވެސް އެ އަހަރު ސާނީގެ ނަސީބު އޭނާގެ އަތަކު ނުހިފިއެވެ. ނަސީބު ފުރަގަސްދިނުމުގެ ނަތީޖާއަކަށްވީ "އިންޖަރީވެ"، އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުމެވެ. އެހެން ނަމަވެސް އެއީ ސާނީގެ ތަރި އޮއްސުމެއް ނޫނެވެ. މިހާރު ވެސް ކަނޑޫދޫއާއި ތ. އަތޮޅު ފުޓްސަލް މުބާރާތްތަކުގައި ސާނީއަކީ މެދުއުޑުގައި ފިޔަޖަހާ އަލިގަދަ ތަރިއެކެވެ. މިރުސް ހެއްދުމަށް މަޝްހޫރު ކަނޑޫދޫގައި 2019 ވަނަ އަހަރު ބޭއްވި "މިރުސް ފުޓްސަލް ޗެލެންޖް" ގެ އެންމެ މޮޅުކުޅުންތެރިޔާ ކަމަށް ހޮވުމަކީ މީގެ އަލިގަދަ ހެއްކެކެވެ. ފުޓުސަލްގެ އިތުރުން ބެޑްމިންޓަނުގައި ވެސް އެ ރަށުގައި ސާނީގެ ނަން ހިނގައެވެ.

ސާނީގެ ނަމަކީ އިތުރު ހަރަކާތްތަކުގައި ވެސް ފަވާލެވުނު ނަމެކެވެ. ރަށު ފެންވަރުގައި ސްކޫލުގައި ބޭއްވި ރައިވަރު ކިޔުމުގެ މުބާރާތްތަކުންނާއި މަދަހަ މުބާރާތްތަކުން ސާނީއަށް އެއްވަނަ ލިބިފައި އެބަހުއްޓެވެ. ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ޤުރުއާން މުބާރާތްތަކުން ސާނީ ވަނީ އެކި ފަހަރު މަތިން އެއްވަނަ ހޯދާފައެވެ. މީގެ އިތުރުން ސާނަވީ ގްރޭޑްތަކުގައި ވެސް ސާނީ ވަނީ "ޑިސިޕްލިން އެވަރޑް" ވެސް ހޯދައި، އޭނާގެ މައިންބަފައިންނާއި އާއިލާ ފަޚުރުވެރިކުރުވާފައެވެ.

" އެހެން ސްކޫލްތަކުން ވެސް އޮފަރ ލިބިފަ ހުއްޓާ މި ސްކޫލް އިޚްތިޔާރުކުރެވުމަކީ އެކަމާ މެދު މިހާރު ވަރަށް ވަރަށް އުފާކުރާކަމެއް. އަޅުގަނޑު ރިކޮމެންޑްކުރަން ރަށުން ނިމޭ ހުރިހާ ކުދިން ވެސް އަޙްމަދިއްޔާއަށް ޖޮއިންވާން. އަޅުގަނޑަށް ވުރެ ފަހުން ރަށުން އޯލެވެލް ހަދާ ރަނގަޅު ކުދިން މިހާރު އެންމެ އިސްކަންދެނީ ވެސް މި ސްކޫލަށް ޖޮއިންވާން."
" މި ހުނަރުވެރި ދަރިވަރު ބުނާ ގޮތުން މަތީ ސާނަވީއަށް ކިޔެވުމަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އިޚްތިޔާރުކުރަން ނިންމި ނިންމުމަކި މުޅި ތައުލީމީ ހަޔާތުގައި ވެސް އޭނާ ނިންމި އެންމެ ރަނގަޅު ނިންމުމެވެ. އެ ނިންމުމާ މެދު މިހާރު އޭނާ ފަޚުރުވެރިވެއެވެ. ސާނީ ބުނާގޮތުން އެއްވެސް ވަރަކަށް ޓިއުޝަން ނަގަން ނުޖެހި އެހާ ރަނގަޅު ނަތީޖާއެއް ޙާޞިލްކުރެވުނީ ސްކޫލުން ކުދިން ކުރިއެރުވުމަށް ކުރައްވާ ބުރަ މަސައްކަތުގެ ސަބަބުންނާއި ކުދިންގެ ނަތީޖާ ރަނގަޅުކުރުމަށް ދެއްވާ ޚާއްޞަ އަހަމިއްޔަތެއްގެ ސަބަބުންނެވެ."
2018 ވަނަ އަހަރުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ސާނީ ހޮވުމުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރ މުޙައްމަދު ނަދީމް (ނަދީމް ސަރ) އަކީ ގްރޭޑް 11 ގައި ސާނީއަށް ކިޔަވައިދެއްވި ޓީޗަރެކެވެ. ނަދީމް ސަރ ވިދާޅުވާ ގޮތުން ސާނީއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރި، މަޑުމައިތިރި، އަޚްލާޤް ރަނގަޅު ދަރިވަރެކެވެ. "ސާނީ އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ވަރަށް ވަރުގަދަ އަޒުމެއްގައި ކެނޑިނޭޅި ކިޔެވުމަށް މަސައްކަތްކުރި ހިތްވަރުގަދަ، މަޑުމައިތިރި، އަޚްލާޤް ރަނގަޅު، މޮޅު ދަރިވަރެއް." ނަދީމް ސަރ ވިދާޅުވިއެވެ.
"ސާނީ އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ވަރަށް ވަރުގަދަ އަޒުމެއްގައި ކެނޑިނޭޅި ކިޔެވުމަށް މަސައްކަތްކުރި ހިތްވަރުގަދަ، މަޑުމައިތިރި، އަޚްލާޤް ރަނގަޅު، މޮޅު ދަރިވަރެއް." – ނަދީމް ސަރ.
މަތީ ސާނަވީގެ ދަސްވެނިވުމުގައި ޕްރިންސިޕަލް މުޙައްމަދު ރަޝީދު ސާނީއަށް ތަށި ހަވާލުކޮށްދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލް މޫސާ ޞަލާޙް (ސޮލާހު ސަރ) ވެސް ސާނީއާ ބެހޭ ގޮތުން ވިދާޅުވީ، ސާނީއަކީ ވަރަށް ބަސްއަހާ ދަރިވަރެއް ކަމަށާއި ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރި ދަރިވަރެއް ކަމަށެވެ. "ވަރަށް މަޑުމައިތިރި، ވަރަށް ބަސްއަހާ ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރި، މޮޅު ދަރިވަރެއް ސާނީ އަކީ. ސާނީގެ އެންމެ ޚާއްޞަ ކަމަކީ ސާނީ އަމިއްލައަށް މާއްދާތަކުން އެ ހަދާ ނޯޓްސްގެ ފުރިހަމަކަން. ޚާއްޞަކޮށް އިކޮނޮމިކްސް އިން ސާނީ ހަދާފަ ހުރި ނޯޓްސްގެ ސަބަބުން ސާނީގެ ފަހުން ކިޔެވި ދަރިވަރުންނަށް ވެސް ވަރަށް ފައިދާކުރި. ވަރަށް ފުރިހަމަ ބޭނުންތެރި މަސައްކަތެއް އެއީ." ސޮލާހު ސަރ ވިދާޅުވިއެވެ.

"ވަރަށް މަޑުމައިތިރި، ވަރަށް ބަސްއަހާ ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރި، މޮޅު ދަރިވަރެއް ސާނީ އަކީ. ސާނީގެ އެންމެ ޚާއްޞަ ކަމަކީ ސާނީ އަމިއްލައަށް މާއްދާތަކުން އެ ހަދާ ނޯޓްސްގެ ފުރިހަމަކަން. ޚާއްޞަކޮށް އިކޮނޮމިކްސް އިން ސާނީ ހަދާފަ ހުރި ނޯޓްސްގެ ސަބަބުން ސާނީގެ ފަހުން ކިޔެވި ދަރިވަރުންނަށް ވެސް ވަރަށް ފައިދާކުރި. ވަރަށް ފުރިހަމަ ބޭނުންތެރި މަސައްކަތެއް އެއީ." – ސޮލާހު ސަރ.
ސާނީގެ އުފަން ރަށަކީ ދަނޑުވެރި ރަށަކަށް ވިޔަސް، ހޮބީއެއްގެ ގޮތުން އޭނާ ކުރާ ހިތްވާ ކަމަކީ މަސްވެރިކަމެވެ. ޗުއްޓީއަށް ރަށަށް ދެވޭ ފަހަރުތަކުގައި މަހަށް ގޮސް ހަދައެވެ. ދެން އޮންނަނީ ފުޓުބޯޅަ ކުޅުމެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގެ އެކައުންޓިންގ ޑިޕާޓުމަންޓުގައި މިހާރު ވަޒީފާއަދާކުރަމުން އަންނަ ސާނީ މިހާރު އަންނަނީ އޭސީސީގެ އިތުރުން މެޕްސް ކޮލެޖުން ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ބިޒްނަސް ވެސް ކިޔަވަމުންނެވެ. ސާނީ ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑި އަކީ ކައިރި މުސްތަޤްބަލެއްގައި ބޭރުގެ ނަންހިނގާ ޔުނިވަރސިޓީއަކުން ޕްރޮފެޝަނަލް އެކައުންޓެންސީ އިން މާސްޓަރސް ހަދައި، ނަން މަޝްހޫރު ބިޔަ ބޮޑު ކުންފުންޏެއްގެ ޗީފް ފައިނޭންސިންގ އޮފިސަރކަމުގެ މަގާމް އަދާކުރުމެވެ. އަދި ލިބިފައި ހުރި އިލްމެއް އެހެން ބަޔަކަށް ފޯރުކޮށްދިނުމަށް، ލިބޭ ހުސްވަގުތުގައި ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއެއްގައި ވިޒިޓިންގ ލެކްޗަރަރކަން ކުރުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަދި އުއްމީދަކީ ވެސް ސާނީގެ މި އުއްމީދު ވީހާވެސް އަވަހަށް ޙާޞިލްވުމެވެ. ސާނީއަށް އަދަށްވުރެ މާ ފަހި، މާ ފާގަތި، މާ އުފާވެރި ކުރިމަގެއް ދެއްކެވުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Saanee akee mulhi rah fakhuruverivaa kujjeh. Saanee ah ithuru kaamiyaabee aai kuri Erin dhevvaashi. Aameen. Thigothugai hiyyvaraa eku kuriyah dhey