އާލާ

ވެހެމުން ދިޔަ ބޯ ވާރޭގައި އާލާ ހިނގަމުން ދިޔައީ ދާނެ ވަކި މަންޒިލެއް ނެތިއެވެ. ދާނެ ވަކިތަނެއް ވަންނާނެ ގެދޮރެއް އާލާގެ ނެތެވެ. ދާދި ދެންމެ އާލާގެ އާއިލާގައި ހިނގި ހަމަނުޖެހުމުގައި އާލާގެ ދޮންމަންމަ އާލާ ނެރެ ބޭރުކުރީ ދެން ދުވަހެއްގެ ކޮޅުން ވެސް އާލާ ދެކެން އެ ދޮންމަންމަ ބޭނުންނުވާ ހާލުގައެވެ.

އާލާ އަކީ ރަމްލާ އާއި ހަސަނަށް ލިބިފައި ހުރި ހަމަ އެކަނި ދަރިފުޅެވެ. އާލާގެ އުމުރުން އެންމެ 10 އަހަރުގައި ރަމްލާ ނިޔާވީ ވަރަށް ގިނަ ދުވަހު ކެންސަރު ބަލީގެ ވޭނުގައި އުޅުމަށް ފަހުގައެވެ. ރަމްލާ މަރުވިއިރު ވަސިއްޔަތެއްގެ ގޮތުގައި އާލާ ވަރަށް ރަނގަޅަށް ބަލައި ދިނުމަށް އާލާގެ ބައްޕަ ހަސަނު ކައިރީގައި އެދުނެވެ. ނަމަވެސް ބައްޕަ އެހެން މީހަކާ އިނުމުން އެ ވަސިއްޔަތް ވެސް ބައްޕަ ހަނދާން ނެތުނު ކަހަލައެވެ.

ބައްޕައެއްގެ ލޯބިން މަހުރޫމްވީ ކަމުގެ އިހުސާސް ކުޑަކުޑަ އާލާއަށް ކުރެވެން ފެށީ ބައްޕަ މީހަކާ އިންތާ ހަފުތާއެއް ފަހުންނެވެ. އެއީ ވަރަށް ރީތި  ވައިޖެހޭ ދުވަހެކެވެ. އާލާ އިނީ އާދައިގެ މަތިން ވާހަކަ ފޮތެއް ހިފައިގެން ޖޯލީގައެވެ. ހުސްވަގުތެއް ލިބިއްޖެ ނަމަ، އާލާގެ ކަމަކީ އެއީ އެވެ. ކުއްލިއަކަށް ކުރިމަތިން މީހަކު ދަރިފުޅާއޭ ކިޔައި ގޮވާލި އަޑަށް ސިހިފައި ކަހަލަ ގޮތަކަށް އާލާ ފޮތް ތިރިކޮށްފައި ބަލާލިއެވެ. ކުރިމަތީ ހެވި ދިލިފައި ހުރި ބައްޕަ ފެނުމުން އާލާ ވެސް ހިނިތުން ވިއެވެ.

" ދަރިފުޅާ! ބައްޕަ ވަރަށް ބޮޑު ވާހަކަ އެއް ދަރިފުޅު ގާތުގައި ދައްކަން ބޭނުންވޭ" ހަސަން އޭނާ ގެ ލޯބިވާ ދަރިފުޅު ގާތުގައި އިށީނދެ ވާހަކަ ދައްކަން ފެށިއެވެ. ބައްޕަ ދައްކަން އުޅޭ ވާހަކަ އަޑުއެހުމަށް ނުހަނު ޝައުގުވެރިކަމާ އެކު ބައްޕައަށް ބަލަހައްޓައިގެން އާލާ އިނެވެ.

" ބައްޕަ އެބަ ވިސްނަން ދަރިފުޅަށް މަންމަ އެއް ގެނެސްދޭން." ހަސަން މިހެން ބުނުމުން އާލާ ދެލޯ ބޮޑުވިއެވެ. ދޮންމަންމައެއް އައީމަ ދެންވާނީ ކިހިނެއްބާވައޭ އާލާގެ ހިތަށް އެރިއެވެ. އޭނާ އަޑުއަހާފައިވާ ގޮތުން ދޮންމަންމަމެން ވާނީ ދޮންނިޔަދުރަށެވެ.  މި ޚިޔާލުގައި އިންދާ އަނެއްކާ ވެސް ވާހަކަ ދެއްކީ ބައްޕައެވެ.

"ދަރިފުޅު ތީ ވިސްނޭ ބޮޑުކުއަޖެއްނު ދޯ؟ ބައަޕަ އުންމީދުކުރަން ދަރިފުޅު މިކަމާ ހިތްހަމަޖެހޭނެކަމަށް. އަދި ދޮންމަންމަ ބަސްއަހާ ކުއަޖަކަށް ވާނެކަމަށް." މިހެން ބުނުމަށްފަހު ހަސަން އޭނާގެ ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލުމަށް ފަހު ތެދުވެގެން ދިޔައެވެ. އާލާ އިނީ ބައްޕަ ދިޔަ ދިމާއަށް ބަލަހައަޓައިގެން ދެން ވާނެ ގޮތަކާ މެދު ފިކުރު ބޮޑުވެފައެވެ.

ހަފުތާތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. ދުވަހަކަށް ފަހު ދުވަހެއް އާލާގެ ހަޔާތުން ވެސް އުކެމުން ނިއުޅެމުން ދިޔައެވެ. ހަސަނު މީހަކާ އިނދެގެން ގެއަށް ގެނައެވެ. އާލާ ހީކުރި ގޮތާ ޚިލާފަށް ދޮންމަންމަ އާލާ އާ މެދު ކަންތައްކުރަމުން ދިޔައީ އަމިއްލަ މަންމަ ހެންނެވެ. ކޮންމެ ދުވަހަކުހެން އާލާ ކައިގެން ހުރިތޯ އާއި އާލާ ސްކޫލުގެ ހުރިހާކަމެއް ބަލައި އޮޅުން ފިލުވައެވެ. އެކަމާ އާލާ ހެއްދެވި ފަރާތަށް ނުހަނު ޝުކުރުވެރިވިއެވެ. ނަމަވެސް ހަފުތާއެއް ފަހުން އާލާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނަން ފެށިއެވެ. ދޮންމަންމަގެ ވާހަކަ ދެއްކުމާއި ރާގަށް ބަދަލު އަންނަންފެށިއެވެ. ހަސަނަކީ ބޯޓު  ދަތުރުކުރާ މީހެއްކަމުން ގޭގައި ހިނގާ އެއްވެސް ކަމެއް ހަސަނަކަށް ރޭކާނުލައެވެ. އުމުރުން އެންމެ 14 އަހަރުގައި އާލާ ކިޔެވުން ވެސް ހުއްޓާލަން ޖެހުނެވެ. ދޮންމަންމަ އާލާގެ ޔުނީފޯމާ ފޮތްތަކަށް ދާންދެން އަޅައި އަންދައި ހުލިކޮށްލީ ޚުދު އާލާގެ ކުރިމަތީގައެވެ. މީގެ އެއްވެސް ކަމެއް ރޭކާނުލާ ހަސަނު އެއްދުވަހެއްގައި އާލާ ސުކޫލް ކަންތައް ކިހިނެއްތޯ ސުވާލުކުރިއެވެ. ނަމަވެސް އާލާ ދޭނެ ވަކި ޖަވާބެއް ނޭނގުމުން އެ ކަމަށް ވެސް ދޮންމަންމަ ޖަވާބު ދިނީ އާލާ ކިޔަވަން ބޭނުން ނުވާކަމަށް ބުނެ ދޮގުހަދައިގެންނެވެ. އާލާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ބައްޕައަށް ފޮރުވުމަށްޓަކައި އަތުގެ ފުށަތުން ފޮހެލިއެވެ. އެދުވަހު ބައްޕަ ވަރަށް ރުޅިއައިސްގެން އެއްޗެހިކިއެވެ. އެދުވަހުން ފެށިގެން އާލާގެ ބައްޕަ އެއީ އާލާއަށް ނެތް މީހަކަށްވިއެވެ.

ދުވަސްތައް އޭގެ އެންމެ ބާރުމިނުގައި ފައިބަމުންދެއެވެ. މިހާރު އާލާ އަކީ އެ ގޭގެ ނޯކަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކެއްކުމާއި ފޮޅައި ސާފުކުރުމާއި ނުވިތާކަށް ދޮންމަންމަގެ ހުރިހާ އަންނައުނެއް ދޮވުމަކީ ކޮންމެ ދުވަހަކު ވެސް އާލާ ކުރަންޖެހޭ ކަންކަން ކަމުގައިވެނިމިއްޖެއެވެ. ކޮންމެ ދުވަހަކު ހެނދުނު 7 ޖަހާއިރަށް ސައި ނުހެދިއްޖެނަމަ އެ ދުވަހެއްގައި އާލާއާ ދިމާއަށް އެއްޗެހި ކިޔުމަކީ ދޮންމަންމަގެ އާދައެކެވެ. މީގެ ތެރެއިން ދުވަހެކެވެ. އާލާއަށް ހޭލެވުނީ 6.30 ވާން އުޅެނިކޮށެވެ. އަވަސް އަވަހަށް ރީތިވެލައިގެން ކާގެއަށް ދިޔައީ ވަރަށް އަވަހަށް ކަންކަން ނިންމާލާނަމޭ ހިތާއެވެ. ކާގެއަށް ވަންއިރު ލައިޓް ދިއްލާފައި ހުރުމުން ކުޑަކޮށް ޖެހިލުންވިއެއްކަމަކު ގޮސް ބަދިގެއަށް ވަނެވެ. ކުރިމަތީ ފެންނަން ހުރީ ދުވަހަކު އާލާ ދެކެފައި ނުވާ ޒުވާނެކެވެ. އިސްކޮޅުން ދިގު ނޫނަސް އެ ޒުވާނާ އަކީ ރީތި ޒުވާނެއްކަން ބަލާލުމުން ވެސް އެނގެއެވެ. މަޑު ނޫ ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އެ ޒުވާނާ ހުރިއިރު މާ ފުރިހަމަ ކަމަށް ދައްކައެވެ. އާލާ ހުރީ ފާރާއި ކައިރީގައި ކަމުން އެ ޒުވާނާ އަކަށް އާލާ އެއް ނުފެނެއެވެ. އިރުކޮޅެއްނުވެ އެ ޒުވާނާ ކޮފީ ޖޯޑެއް ހިފައިގެން ކާގެއިން ނިކުމެގެން ދިޔައެވެ. އާލާ އަވަސް އަވަހަށް ސައިހަދަން ފެށިއެވެ. 7 ޖަހަން 2 މިނެޓަށްވިއިރު އާލާ ހުރީ އެންމެ ފަހު ރޮށި ފިހާށެވެ. މީހެއްގެ ފިޔަވަޅުގެ އަޑަށް ފަހަތަށް އެނބުރި ބަލާލިއިރު އެއީ ދޮންމަންމައެވެ.

"ކަލޭ މިއަދު ހާދަލަހަކުން ތި ސައިހަދަނީ؟ މަ ބުނީމެންނު 7 ޖަހާއިރަށް ހުންނަންވާނީ ސައިހެދިފައޭ!" ދޮންމަންމަ އާލާ އާ ދިމާއަށް ހަޅޭލަވައިގަތެވެ. އަދި ހޫނު ދޭފަތް ނަގައި އާލާގެ އަތުގައި ޖެއްސިއެވެ. ވަގުތުން އާލާއަށް ހަޅޭއްލަވައިގަނެވުނެވެ. އެ ރީތި ޖަންބުކުލައަރާ ކޯތާފަތަށް ކަރުނައިގެ ސާލެއް ފައިބައިގަތެވެ. ދޮންމަންމަގެ ހިތުގައި އެއްވެސް ރަހުމެއް ނުވާކަހަލައެވެ. ކާގެއިން ނިކުމެގެން ދޮންމަންމަ ދިޔައީ ކުރިން ކާގޭގައި ހުރި ޒުވާނާ ގޮވާލުމުން ނެވެ. އާލާ އަތުގެ ނުފުށުން ކަރުނަތައް ފޮހެލުމަށް ފަހު ކާންހެދިއެވެ.

ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. އާލާ އޮތީ ކޮޓަރީގައި ޚިޔާލަކަށް ގެއްލިފައެވެ. ކުއްލިއަކަށް އިވުނީ ކޮޓަރީގައި މީހަކު ޓަކި ޖެހިއަޑެވެ. އާލާ އަވަސް އަވަހަށް ގޮސް ދޮރުހުޅުވާލިއެވެ. ކުރީމަތީގައި ފެންނަން ހުރީ ދޮންމަންމަ އާއި ކުރީ ދުވަހު ކާގެއިން ފެނުނު ރީތި ޒުވާނާއެވެ.

" މަގޭ ކޮޓަރީގަ ހުރި ގަހަނާތައް ގެއްލިގެން މި އުޅެނީ! ކަލޭ ދޯ އެ ނެގީ؟ " ދޮންމަންމަ ވަރަށް ނުރުހުންވެފައި ވަރަށް ބާރަށް ވާހަކަ ދެއްކިއެވެ. އެ އަޑަށް ގެޔަށް ވަދެގެން އައި ހަސަނަށް އެ އަޑު އިވިގެން އެތަނަށް އައެވެ. " ތެދެއްތަ އެ ބުނީ!" އަލާ އަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ބައްޕަ އައިސް ސުވާލުކުރިއެވެ. އާލާ ފެންކަޅިވެފައިވާ ހާލު ވާހަކަ ދެއްކޭތޯ މަސައްކަތްކުރި އެވެ.

" ނޫން……އަޅުގަ..ނ..ޑު ނުނަ…ގަން…." " ނުނަގާނެ ނަގާކަށް ނުވެސް އެނގޭނެ." އެ ދޮގު އިލްޒާމު މާ ކުރިއްސުރެ އާލާގެ ބޮލުގައި އަޅުވަން ދޮންމަންމަ ނިންމައިގެން ހުރިކަހަލައެވެ. މިފަހަރު އާލާގެ އަމިއްލަ ބައްޕަ ވެސް އާލާ ދައްކާ ވާހަކައަށް ދިނީ ބީރުކަންފަތެކެވެ. އެހުރިހާ ކަމެއް ހިނގައި ދިޔައިރު ވެސް، އެ ގޮތްނޭނގޭ ޒުވާނާހުރީ އާލާއާ ދިމާއަށް ބަލަހައްޓައިގެން ހެވި ދިލިފައެވެ. އެއީ ވެސް ރަހުމެއް ކުލުނެއް ހުރި މީހެއްހެން ހިއެއްނުވެއެވެ.

"އެތިކޮޅު ހިފައިގެން ހަމަ މިވަގުތު މިގެއިން ނިކުމެގެން ދޭ!" ހަސަނުގެ އެ ބަސްތަކުން ހީވީ އާލާގެ ފައި ދަށުން ބިންގަނޑު ނެގިގެން ދިޔަހެންނެވެ. ދުވަހަކުވެސް އެ ބީދައިން ވާހަކަ ނުދައްކާ ބައްޕަ އެހެން ބުނެފާނެ ކަމަކަށް އާލާއަކަށް ޤަބޫލެއް ވެސް ނުކުރެވުނެވެ. ޔަޤީން ކުރުމުގެ ގޮތުން އިސްއުފުލާ ބައްޕަގެ މޫނަށް ބަލާލިއެވެ. ގިސްލެވޭ ހާލުގައެވެ. ބައްޕާއޭ އަހަރެންނަށް ތިހެން ނަހަދާށެވެ. މަންމަ ނެތް ދުނިޔޭގައި މި ނިކަމެތި ދަރިފުޅަށް ތިހެން ތި ހަދަނީ ކީއްވެހެއްޔެވެ؟ މި ހުރިހާ ބަސްތަކެއް ވަނީ އާލާގެ ހިތުގައެވެ. ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އަޑު އަހާނެ ކަންފަތެއް ނެތެވެ. ބައްޕައަށް ބަލަހައްޓައިގެން ހުރި އާލާ އަލަމާރިއާ ދިމާއަށް ހިނގައިގަތީ އިތުރަށް އެތާ ހުރުމުން ބައްޕަ އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވާނެތީއެވެ.

ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ކުއްޖަކު ހިނގާފައި ދާ ތަން ގެ އެއްގެ ޓެރެސްގައި ކޮފީ ޖޯޑެއް ހިފައިގެން ހުރި މަނާލް އަށް ފެނުނެވެ. ހެޔޮވަރު ވަރަކަށް ދިގު ހެދުމަކާ ބެލްސެއް ލާފައި ހުރި އެ އަންހެން ކުއްޖާ ފެނި މަނާލް ގަނޑުވި ކަހަލައެވެ. އެ ކުއްޖާގެ ރީތި ދިގު ކަޅު އިސްތަށިގަނޑު ވާރޭގެ ތިކިތަކުން ތެންމާލެވިފައިވާއިރު އަތުގައި ފޮއްޓެއް އޮތެވެ. އެ ކުއްޖާއަށް އެހީވުމަށް މަނާލްގެ ހިތް އެދި ގޮވަން ފެށިއެވެ. ވަގުތުން ސިޑިން ފައިބައިގެން ގޮސް ގޭގެ ބޮޑު ދޮރު ހުޅުވާލިއިރު،  އެ ކުއްޖާ ގޮވައިގެން ކުޑައެއްގެ އެހީގައި އަންހެނަކު ހިނގާފައި މަނާލް ހުރި ދިމާ އަށް އަންނަތަން ފެނުނެވެ. މޫނު ނިވާވެފައި ހުރުމާއި ވާރޭ ބޯކަމުން އެއީ ކާކު ކަމެއް އެނގޭވަރެއް ނުވިއެވެ. ބޯވާރޭ ތިކިތަކާއި ގަދަވަޔާއި ހަނގުރާމަ ކުރަމުން، އެ މީހުން ހިނގަމުން އައީ ސީދާ މަނާލްގެ ގެއާއި ދިމާއަށެވެ. ގެއާ ކައިރިއަށް އައުމުން، އެ އަންހެންކުއްޖާ ގޮވައިގެން އެ އައީ މަނާލްގެ މަންމަ ސަކީނާ ކަން އެނގުމުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް އިޙްސާސްވިއެވެ.

" މަންމަ މާމަ ގޭން އަންނަނިކޮށް އާލާ ވާރޭގައި ހުރިތަން ފެނިގެން ގޮވައިގެން މި އައީ. ދެން އާލާ އުޅޭނީ މި ގޭގަ. ދަރިފުޅު ދޭބަލަ މަތީގައި ހުސްކޮށް ހުރި ކޮޓަރި އާލާ އަށް ދައްކާލަ ދޭން" ސަކީނާ ވަރަށް ހިނިތުން ވެލާފައި އޭނާ ގެ ދޮށީ ދަރިފުޅު މަނާލް ގާތު ގައި ބުންޏެވެ. މަނާލް އަކީ ހަސީނާ އާއި ޖަމާލް ގެ އެންމެ ދޮށީ ދަރިފުޅެވެ. މަނާލް ގެ އިތުރުން ދެން ހުންނަނީ މަނާލް ގެ ކޮއްކޮ ރަނާ އެވެ.  ވީ އުފަލެއްގެ ބޮޑުކަމުން މަނާލް އަށް ހުރެވުން ތަންވެސް ނޭގުން ކަހަލަ އެވެ. އާލާ ގޮވައިގެން މަނާލް ސިޓިން ރޫމް ހުރަސްކޮށް ސިޑިން އަރައިގެން ދިޔައިރު އާލާ ހުރީ އާސޯހު ވެފައެވެ. ގޭގެ ކޮންމެ ދިމާއަކުންވެސް އެއީ މުއްސަދި ބައެއްކަން އިނގޭހާވެއެވެ. ސިޓިން ރޫމް ފާރުތަކުގައި ނޫ ކުލަ ލެވިފައި ވީ އިރު ކަނެއްގައި ބޮޑު ފަތި ޓީވީ އެއް ހަރުކުރެވިފައިވެއެވެ.

" މި ހުރީ ކޮޓަރި. ކަމެއް ބޭނުންނަމަ ނުބުނެ ނުހުންނައްޗޭ؟ " މިހެން ބުނުމަށް ފަހު މަނާލް އެތަނުން ދިޔައީ އާލާ ހުންނާނީ ވަރުބަލިވެ ރެސްޓް ކޮށްލަން ބޭނުންވެފާކަން އެނގޭތީއެވެ. އާލާ ކޮޓަރިއަށް ވަދެ ރަނގަޅަށް ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ބޮޑު ކިންގް ސައިޒު އެނދުގެ އިތުރުން ބޮޑު އަލަމާރި އެއް ބެހެއްޓިފައި ވާއިރު ފާރުތަކުގައި ވަނީ މަޑު ދަނބުކުލަ އެއް ލެވިފައެވެ. އާލާ ފެންވަރާ ތާޒާ ވެލިއެވެ. ގިނައިރު ވާރޭ ގައި ހުރުމުގެ ސަބަބުން ކުޑަކޮށް ރޯގާ ޖެހިފައި ހުރުމުން ނިދާލުމަށް ޓަކާ އެނދުގައި އޮށޯވެލިއެވެ. ހިސާހިތަކު ނިދިން އާލާގެ ދެލޯމެރުނެވެ.

އާލާ ފެންވަރައިގެން އައިސް އެނދުގައި އޮށޯތެވެ. އެހެން ނަމަވެސް އެނދުގައި ހަމަ ޖައްސާލި ތަނާ ދޮރުގައި މީހަކު ޓަކިޖެހުމުން އެ ދޮރު ހުޅުވާލިއެވެ. ކުރި މަތީގައި ހުރީ މަނާލް އެވެ. މަނާލް ވަގުތުން ކޮޓަރިތެރެއަށް ދެމިގަނެ ދޮރުލައްޕައި ތަޅުލިއެވެ. އަދި އާލާގެ އަނގަމަތީގައި އަތްއެޅިއެވެ.

ސިއްސައިގެން ގޮސް އާލާ އަށް ހޭލެވުނެވެ. ނިދިޖެހުނުތާ އެންމެ 5 މިނެޓެއްހާއިރު ތެރޭ މި ފެނުނީ ކޮންކަހަލަ ސުންޕާ ހުވަފެނެއްބާއޭ އާލާގެ ހިތަށް އެރިއެވެ. އަމުދުން އޭނާ ޚިޔާލު ވެސް ކޮށްފައިނުވާ ކަމެއްގެ، އެފަދަ ހުވަފެނެއް ފެނުމުން އާލާގެ ހިތަށް އެތައް އެއްޗެއް އަރާފައިބަމުންދިޔައެވެ. މި ފަދަ ޚިޔާލުތަކެއްގައި އޮއްވައި އެގޭ  ދައްތަ ސަކީނާ ދޮރުގައި ޓަކިޖަހާލުމަށް ފަހު ކާން އަންނަން ބުންޏެވެ. ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ނުތަނަވަސް ހިތަކާއެކު އާލާ ގޮސް ކާގެއަށް ވަނީ ބަނޑުހައިވެފައި ވެސް ހުރުމާއެކު އެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *