އަޙްމަދިއްޔާގެ ވާހަކަ

ކުރިމަތިން ފެންނަން އެހުރީ، އަޙްމަދިއްޔާގެ ހާލާއި މާޒީއެވެ. އެ މާޒީގައި ހުރި  ކާމިޔާބީތަކާއި އުފާވެރި ވާހަކަތައް ބުނެދޭ ރަމްޒުތަކެވެ. ލޮލުން ކަރުނަ ފާއްދާލާ ހަނދާނީ ތަސްވީރުތަކެވެ. ވަރުގަދަ ޝަޚްޞިއްޔަތުތަކެއްގެ އަސަރުތަކެވެ. އަޙްމަދިއްޔާ ނިސްބަތްވާ ކޮންމެ މީހަކު ފަޚުރުވެރިވާނޭ ކާމިޔާބީތަކާއި ޢިލްމީ ޚަޒާނާތަކުގެ އަގުނުކުރެވޭނެ މަސައްކަތްތަކުގެ ފޮނި ނަތީޖާތަކެވެ.

އަޙްމަދިއްޔާ ހަނދާނީ ގެލެރީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން … އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޙްމަދިއްޔާ ހަނދާނީ ގެލެރީއަށް ވަދެގެންދިޔައިރު ކުރެވުނީ ބަޔާންކުރަންވެސް ނޭނގޭހާ އުފާވެރިކަމުގެ އިހްސާސް ތަކެކެވެ. އެއީ ތަނުގެ ފުރިހަމަ ކަމާއި ފެންނަންހުރި މަންޒަރުތަކުންނެވެ. ތަކެތި އަތުރާފައިހުރީ އެހާމެ ތަރުތީބު ކޮށެވެ. އަޙްމަދިއްޔާއަކީ ފަޚްރުވެރި ތާރީޚެއް އޮތް ޢިލްމީ ހިޔާވައްސެއްކަމުގެ ހެކިތައް އެތަނުން ފެންނަން ހުއްޓެވެ. އާދެ އަހްމަދިއްޔާގެ ހަނދާނީ ގެލެރީން ބުނެދެނީ އަހްމަދިއްޔާގެ އެހާރާއި މިހާރުގެ ވާހަކައެވެ.

 

ގެލެރީއަށް ވަދެގެން ގޮސް ކަނާތްފަރާތަށް އެނބުރިލިއިރު ފެނުނު ފޮޓޯފުޅަކީ އަޙްމަދިއްޔާ އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ އަދި އަޙްމަދިއްޔާ އެނަމަކަށް ނިސްބަތްވާ އަޙްމަދިއްޔާގެ ބާނީގެ ފޮޓޯފުޅެވެ. އާދެ! މަރުޙޫމް ޑީ އަޙްމަދު ދީދީގެ ފޮޓޯފުޅެވެ. މިފޮޓޯފުޅުން ހަނދާންތައް ދަތުރުކުރީ، އަޙްމަދިއްޔާގެ އުފެދުމާ ހަމައަށެވެ. އަހްމަދިއްޔާއަކީ، މައްޗަންގޮޅީގެ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވުމުގެ މާތް މަޤްޞަދުގައި ޑީ އަހްމަދު ދީދީ ގެ އަމިއްލަފުޅު ޚަރަދުގައި ޢިމާރާތް ކުރައްވައި މައްޗަން ގޮޅީގެ ރައްޔިތުންނަށް ހަދިޔާ ކުރެއްވި ސްކޫލެކެވެ. ސްކޫލް ހުޅުވުނު ތާރީޚްކަމަށްވާ 21 ފެބްރުއަރީ 1982 އަށް އަޅުގަނޑުގެ ނަޒަރު ހުއްޓުނެވެ. އޭރުގެ ސްކޫލް ފެށުމުގެ ހަނދާން ތަކަށެވެ.

ދެން ފެނިގެން ދިޔައީ މަދްރަސަތުލް އަހްމަދިއްޔާގެ ކުރު ތަޢާރަފެކެވެ. ދިވެހިބަހުންނާއި އިނގިރޭސި ބަހުންނެވެ.  ދެންހުރީ މަދްރަސަތުލް އަޙްމަދިއްޔާގެ ބެޖާއި ދިދައާއި މޮޓޯއެވެ.  އޭގެ ދެފަރާތުގައި  މަދްރަސަތުލް އަހްމަދިއްޔާގެ ލަވަތަކަށް ދެފަހަރަކު އައިސްފައިވާ ބަދަލެވެ. ހަމަ އެއާއެކު މަދްރަސަތުލް އަހްމަދިއްޔާ، އަހްމަދިއްޔާ އިންޓަނޭޝަލް ސްކޫލަށް ބަދަލުވެގެން އައިގޮތްވެސް ވަރަށް ފުރިހަމައަށް ދައްކައިދީފައި ވެއެވެ. ގެލެރީގެ އުތުރު ބިތުގެ މެދުބައިގާ ވަރަށް ރީތި ގޮތަކަށް އަތުރާލާފައިހުރީ އަޙްމަދިއްޔާ ހޯދި ކާމިޔާބީތަކުގެ ސެޓްފިކެޓް ތަކެވެ. އެއީ، އަޙްމަދިއްޔާ ތަޢުލީމީ ގޮތުން ހޯދާފައިވާ ކާމިޔާބީތައް ރަމްޒުކޮށްދޭ ސެޓްފިކެޓް ތަކެވެ.

ދެން ފެންނަންހުރީ ޕްރިންސިޕަލުން އެކިއެކި މުނާސަބަތު ތަކުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ފޮޓޯތަކެވެ. އެކިއެކި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިވެފައިހުރި މަންޒަރުތަކެވެ.

އަޅުގަނޑުގެ ނަޒަރު ދެން ހުއްޓުނީ، ވޭތުވެ ދިޔަ 5 އަހަރު ސާނަވީއާއި މަތީ ސާނަވީއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުން އިނާމާއެކު ނަގާފައިވާ ފޮޓޯތަކެވެ. އެއީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށެވެ. ހަމައެޔާ އެކީގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހުޅުވުމުގެ ރަސްމިޔާތުގެ ފޮޓޯތަކާއެކު ބައެއް އިވެންޓްތަކުގެ ފޮޓޯތައްވެސް ފެންނާން ހުއްޓެވެ.

ގެލެރީގެ ހުޅަނގު ބިތުން އެންމެ ފުރަތަމަ ފެންނަން ހުރީ އަހްމަދިއްޔާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން ފެންނާނޭގޮތަށް ތައްޔާރު ކޮށްފައިވާ ފޮޓޯ ތަކެވެ. ދެންފެނުނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާބެހޭ ތަޢާރަފެއް ދިވެހި ބަހުންނާއި އިނގިރޭސިބަހުން ލިޔެފައިވާ ތަނެވެ. ތަންކޮޅެއް މައްޗަށް ބަލާލުމުން އަހްމަދިއްޔާއަށް މިހާތަނަށް ޒިޔާރަތް ކުރައްވާފައިވާ ރައީސުންގެ ފޮޓޯފުޅުތަކެއް ފެންނާން ހުއްޓެވެ. އޭގެ ތިރީގައި ބަހައްޓާފައިހުރީ އަހްމަދިއްޔާގައި މިހާތަނަށް ޕްރިންސިޕަލްކަން ކޮށްފައިވާ ބޭފުޅުންގެ ފޮޓޯތަކެވެ. އޭގެ ތެރޭގައި ހިމެނެނީ، އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ އާއި އަލްފާޟިލް ކޮޕީ މުޙައްމަދު ރަޝީދާއި، އަލްފާޟިލް ޢަބްދުއްސަމީޢު ޙަސަނާއި އަލްފާޟިލް  އަހްމަދު ސަޢީދާއި މިހާރުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. އޭގެ ތިރީގައި 4 ފޮޓޯ ލޯގަނޑެއް ހުއްޓެވެ. އެއީ ސްކޫލްގެ ސިނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ސްކޫލްގެ ބެޖާއި ދިދައާއި ހައުސްތަކުގެ ދިދައާއި ސްކޫލްގައި މިހާރު ބޭނުންކުރަމުންދާ ސްކޫލް ލަވައާއި ސްކޫލް ބޯޑް މެންބަރުންގެ ފޮޓޯއެވެ.

ދެން އެބިތުގެ ވާތް ފަރާތުގައި އަހްމަދިއްޔާ އުފެދުނީއްސުރެ މިހާތަނަށް އަހްމަދިއްޔާ އަށް އެހީތެރިވެދެއްވި އެޑިޔުކޭޝަން މިނިސްޓަރުންގެ ފޮޓޯފުޅުތައް ބަހައްޓާފައި ވެއެވެ. އެއީ ޑރ. މުޙައްމަދު ޒާހިރު ޙުސައިނާއި އަލްއުސްތާޛް ޢަބްދުﷲ ހަމީދާއި ޑރ. މުޙައްމަދު ލަޠީފާއި އަލްފާޟިލް  އިސްމާޢީލް ޝަފީޢާއި ޑރ މަޙްމޫދު ޝައުޤީއާއި އަލްފާޟިލާ ޒާހިޔާ ޒަރީރާއި ޑރ. މުޞްޠަފާ ލުޠުފީއާއި އަލްފާޟިލާ ޝިފާ މުޙައްމަދާއި ޑރ. އަޙްމަދު ޢާޞިމާއި ޑރ. ޢައިޝަތު ޝިހާމާއި ޑރ. ޢައިޝަތު ޢަލީ އެވެ.

ގެލެރީގެ އުތުރާއި އިރުމަތީ ބިތް ފުރާލާފައިވަނީ އެކި ވަރުވަރުގެ ތަށިތަކާއި ހަނދާނީ ފިލާތަކުންނެވެ. އަޙްމަދިއްޔާ ހޯދާފައިވާ ފަޚްރުވެރި ކާމިޔާބީތަކުންނެވެ. މިހާތަނަށް ތަޢުލީމީގޮތުން ލިބިފައިވާ ހުރިހާ ކާމިޔާބީތަކެވެ. އަހްމަދިއްޔާއަކީ 1 ވަނަ ސްކޫލްގެ ގޮތުގައި ދީފައިވާ ހަނދާނީ ފިލާ ތަކެވެ. ދެން ފެންނަންހުރި ތަށިތަކަކީ، އެކި އެކި މުބާރާތްތަކުން ރަންވަނަތަކެއް ހޯދައިގެން ލިބިފައިވާ ތަށިތަކެކެވެ.

ސެޓްފިކެޓް ތަކާއި ހަނދާނީ ފިލާ ތައް ބަލާލުމުން އެނގިގެން ދިޔައީ، 2000 ވަނަ އަހަރުން ފެށިގެން އެސް.އެސް.ސީ އިމްތިޙާނާއި ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން އަޙްމަދިއްޔާ ހޯދާފައިވާ ކާމިޔާބުތަކަކީވެސް މުޅިރާއްޖެއިން ފާހަގަކޮށްލެވޭ ވަރުގެ ނަތީޖާ ތަކެއްކަމެވެ. އޭގެ ތެރޭގައި ޚާއްޞަކޮށް 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކޭމްބްރިޖް އޯލެވެލް އިމްތިޙާނުން 1 ވަނަ ސްކޫލްގެ ގޮތުގައި އަޙްމަދިއްޔާ ހޮވުނުކަމެވެ. އަދި ދަރިވަރުން 5 މާއްދާއިން އެންމެމަތިން ފާސްވާ އިންސައްތަ މެދުނުކެނޑި 10 އަހަރު އަޙްމަދިއްޔާއަށް ލިބިފައިވާ ކަމެވެ. އެހެންކަމުން އަޙްމަދިއްޔާ އަށްވަނީ، އައުޓްސްޓޭންޑިންގް ޕާރފޯރމަންސް އެވޯރޑާއި ސްކޫލް އެޗީވްމަންޓް އެވޯރޑް އެތައް އަހަރަކު ލިބިފައެވެ.

އެތައް ސަތޭކަ ތަށިތަކަކަށް ނަޒަރު ހިންގާލުމުން އެނގިގެން ދިޔައީ، އަޙްމަދިއްޔާ ތަފާތު އެތައް މުބާރާތް ތަކުން ހޯދާފައިވާ ކާމިޔާބީގެ ގިނަ ކަމެވެ. އަދަބީ މުބާރާތް ތަކުންނާއި ކުޅިވަރު މުބާރާތްތަކުން ފަޚްރުވެރި ރަންވަނަ ތަކެއް ހާޞިލް ކޮށްފައިވާކަމެވެ. އިންޓަރ ސްކޫލް ލެވެލްގައި ކުޅެވުނު ގިނަ ކުޅިވަރު މުބާރާތްތަކުގައި އަޙްމަދިއްޔާގެ ދަރިވަރުން ބައިވެރިވެ ހޯދާފައިވާ ކާމިޔާބީތަކެވެ. އޭގެ ތެރެއިންވެސް ފުޓްބޯޅަ އާއި ނެޓްބޯޅަ އަދި ވޮލީ އަކީ އަޙްމަދިއްޔާގެ ދަރިވަރުން ޚާއްޞަ ކާމިޔާބުތަކެއް ހޯދާފައިވާ ކުޅިވަރު ތަކެކެވެ. އެތައް ފަހަރަކު ޗެމްޕިއަންކަން ހޯދާފައިވާ ކުޅިވަރުތައް ކަމެވެ.

 

ގެލެރީއިން ނުކުތުމުގެ ކުރިން ރަންކުލައިގެ ލޯގަނޑެއް ލޮލުގައި އަޅައިގަތެވެ. އޭގައި ލިޔެފައިއޮތެވެ. " އަޙްމަދިއްޔާ ގެލެރީ ހުޅުއްވައިދެއްވީ 13 އެޕްރީލް 2021 ގައި، މިސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު އެވެ. އޭނާ ވަނީ އަޙްމަދިއްޔާ މިއަދު މިދެކޭ ކާމިޔާބީ ޙާޞިލް ކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާފައެވެ. ހިންގުންތެރިކަމާއި ހިކުމަތްތެރި ކަމާއެކު އަޙްމަދިއްޔާއަށް ޚިދްމަތް ކުރައްވާތާ 34 އަހަރުވެފައިވާއިރު މިގެލެރީއަކީވެސް އޭގެ ފުރިހަމަ ނަމޫނާއެކެވެ."

ތެދެކެވެ. އަޙްމަދިއްޔާ 39 އަހަރުގެ ކުލަގަދަ ތާރީޚުގައި 5 އަހަރު ފިޔަވައި ހުރިހާ އަހަރެއްގައި މުޙައްމަދު ރަޝީދުވަނީ އަހްމަދިއްޔާގެ ތަފާތު މަގާމުތަކުގައި މަސައްކަތް ކުރައްވާފައެވެ. ޕްރިންސިޕަލްގެ މަގާމުގައި މަސައްކަތް ކުރައްވާތާ 13 އަހަރުވެއްޖެއެވެ. އަޙްމަދިއްޔާ ހޯދާފައިވާ އަދި ހޯދަމުން އަންނަ ކާމިޔާބީތަކުގެ މޭސްތިރިއަކީ، ޕްރިންސިޕަލް މުޙައްމަދު ރަޝީދުކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ. އަހްމަދިއްޔާގެ ވާހަކަވެސް ބުނެދެނީ އެގޮތަށެވެ.

 

5 Responses

  1. ވަރަށް ރީތި ވަރަށް ހިތްގައިމު ވާހަކައެއް، "އަހްމަދިއްޔާ ވާހަކަ" މޮޅު ލިޔުމެއް.

  2. ވަރަށް ތަފާތު ވަރަށް ރީތި ލިޔުމެކެވެ. ލިޔުންތެރިކަމުގެ 1 ވަނައިގެ ލިޔުމެކެވެ. ލިޔުން ގެނެސްދީފައިވާ ގޮތުން މުޅި އަޙްމަދިއްޔާގެ އެތައް ކަމެއް ސާފުވެގެން ހިނގައްޖެއެވެ. އަހްމަދިއްޔާއަކީ އަބަދުވެސް 1 ވަނަ ސްކޫލެވެ. ބޭނުންވަނީ އެގޮތުގައި އަބަދުވެސް ދެމި އޮންނާށެވެ.

  3. އަޙްމަދިއްޔާ ނިސްބަތްވާ ޑީ އަޙްމަދު ދީދީ ގެ ހަނދާނާއި ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެއެވެ. އެމަނިކުފާުނު ތަޢުލީމަށް ކޮށްދެއްވީ ހާދަ ބުރަ މަސައްކަތެކެވެ.

  4. ދެކޭހިތްވާ ދުވަހަކީ އަޙުމަދިއްޔާ ކޮލެޖަކަށް ބަދަލުވާ ދުވސް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *