ބުރާސްފަތި, 17 އޭޕްރިލް 2025

އިމްތިހާނަށް ފަރިތަކުރަން ފަށާކަށް ނުވޭތަ؟ މިއޮތީ އެހީއެއް! (ދެވަނަ ބައި)

އަހަރުގެ ކުރީކޮޅުން ފެށިގެން ގަވާއިދުން ފިލާވަޅުތައް ދަސްކުރުމުގައި ފަރުވާ ކުޑަކުރި ދަރިވަރުންނަށް އިމްތިހާނު ކައިރިވުމުން ފިލާވަޅުތައް ދަސްކުރުން އޮންނަނީ ވަރަށް ބޮޑު ބުރައަކަށްވެފައެވެ. މިއަހަރުގެ ފަހު ސެމެސްޓަރގެ އިމްތިހާނު ފެށެން ގާތްގަނޑަކަށް ދޮޅުމަސް ދުވަހަށް ވެފައިވާއިރު ފިލާވަޅުތައް ދަސްކުރުމުގައި ފަރުވާ ކުޑަކޮށްލެވުނު ދަރިވަރުންނަށް މި ލިޔުމަކީ ވަރަށް މުހިއްމު ލިޔުމަކަށް ވެގެންދާނެއެވެ. ކުރިން ލިޔެވުނު ލިޔުމުގައިވެސް، އިމްތިހާނަށް ތައްޔާރުވުމަށްޓަކައި އަމަލު ކުރަންވީ ބައެއް ގޮތްތައް ބުނެދެވިފައި ވާނެއެވެ.

އިމްތިހާނަށް ފަރިތަކުރުމަށް ކިޔަވާއިރު ކިޔެވުމަށް ހޭދަކުރާ ވަގުތާމެދު ވިސްނުމަށްވުރެ އެވަގުތުގައި ކިޔެވުނީ ކިހާ މިންވަރަކަށްތޯ ބެލުން ވަރަށް މުހިއްމެވެ. މި ލިޔުމުގައިވެސް މި ބަލާލަނީ އިމްތިހާނަށް ފަރިތަކުރާ ދަރިވަރުން، ފިލާވަޅުތައް ދަސްކުރަމުން ދާއިރު އަމަލު ކުރެވިދާނެ މިފަދަ ރަނގަޅު ގޮތްތަކަކަށެވެ.

 

  1. އެއްފަހަރާ އެއްވަގުތަކު، ދެގަޑިއިރަށްވުރެ ގިނައިން ނުކިޔަވާށެވެ.

ގިނަ ފިލާވަޅުތަކެއް ދަސްކުރަން ހުރުމުން ދުވާލުގެ ބޮޑުބައި ކިޔެވުމަށް ހޭދަކުރަންޖެހޭ ފަހަރުއާދެއެވެ. އެހެން ނަމަވެސް ފޮތް ހިފައިގެން ކިޔެވުމުގައި މެދު ނުކެނޑި ދެގަޑިއިރަށްވުރެ ގިނައިރު އިނުމަކީ ރަނގަޅުކަމެއް ނޫނެވެ. ކިޔެވުމަށްޓަކައި ކޮންމެ ފަހަރަކުވެސް ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކުރާށެވެ. އަދި މި ދެގަޑިއިރުގެ ތެރޭގައިވެސް ކޮންމެ ތިރީސް މިނެޓަކުން ކުޑަ ވަގުތުކޮޅެއް ހުސްކޮށްލާށެވެ. މިސާލަކަށް ފަސްމިނެޓުގެ މެދުކަނޑާލުމެއް ރަނގަޅުވާނެއެވެ. މިގޮތުން ދެގަޑި އިރު ހަމަވުމުން އެވަގުތަށް ކިޔެވުން ބަހައްޓާލާށެވެ. އަދި ކޮންމެވެސް އެހެންކަމަކަށް ސިކުނޑީގެ މިސްރާބު ގެންދާށެވެ. އެއްޗެއް ކާލާށެވެ. އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ފެންވަރާލެވިދާނެއެވެ. ބޭނުމަކީ ކިޔެވުމުން ކުޑަ "ރެސްޓެއް" ނެގުމެވެ. އެއަށްފަހު އަނެއްކާވެސް ކިޔަވަން ފެށިދާނެއެވެ.

 

  1. ދަސްކުރަން ހުރި މުހިއްމު ބައިތަކަށް ސަމާލުކަން ދޭށެވެ.

ސިލަބަހުގައި ދަސްކުރަން ހުރިބައިތައް ތަފާތުވެދާނެއެވެ. އެހެންނަމަވެސް އެއިން ކޮންމެބައެއް އެއްބައި އަނެއްބަޔާ އޮންނާނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އެހެންކަމުން މުހިއްމު ބައިތައް ދަސްކޮށްގެން ނޫނީ އެބައިތަކާ ގުޅިގެން އަންނަ ފިލާވަލުތައް ދަސްކުރަން ދަތިވާނެއެވެ. މިސާލަކަށް ހިސާބު މާއްދާގައިނަމަ، ފޯމިއުލާތައް ނޭނގި ހިސާބުގެ ސުވާލުތައް ހެދުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. ހަމައެގޮތަށް "ފޯމެޓް" ދަސްނުވަނިސް އެކައުންޓްގެ ސުވާލެއް ހަދަން އުޅުމަކީ ވަރަށް ދަތިކަމަކަށް ވެގެންދާނެއެވެ. އެހެންކަމުން އިމްތިހާނަށް ފަރިތަކުރަމުން ދާއިރު ކޮންމެ މާއްދާއެއްގެވެސް ހުންނަ މިފަދަ މުހިއްމު ބައިތައް ދަސްކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ގްރޭޑް 7ގެ ދަރިވަރު ކުލާހުގައި ފިލާވަޅު ހަދަނީ. ފޮޓޯ: ހަރުޝާ
  1. ދަސްވާތަކެތި ލިޔެލާށެވެ.

ދަސްކުރަމުން ދާއިރު މުހިއްމު ބައިތައް ހައިލައިޓަރަކުން ފާހަގަކުރަމުން ދިޔުމަކީ ބޭނުންތެރި ކަމެކެވެ. އަދި ވާކިން ޚާއްސަކޮށް ދަސްވެފައިވާ ތަކެތި ހަނދާނުގައި ހުރި މިންވަރެއް ބަލާލުމަށް ކުރު ނޯޓްސްގެ ގޮތުގައި ލިޔެލުމަކީ އެތަކެތި ހަނދާނުގައި ހަރުލެއްވުމަށް ބާރުދޭނެ ކަމެކެވެ. މުހިއްމު ޕޮއިންޓުތައް އަޑު ވީއްލައި ކިޔުމަކީ ރަނގަޅުކަމެއްކަމަށް ގިނަބަޔަކު ދެކެއެވެ. އަދި އެފަދަ ޕޮއިންޓުތައް ފަހުން ލިޔެލުމަކީ މުހިއްމު ކަމެކެވެ.

ދަސްކުރުމަށްޓަކައި ލިޔާއިރު ބައެއްކަހަލަ މައުލޫމާތުތައް ކުދި ގުރާފުތަކާއި ޗާޓުތަކާއި އެކިކަހަލަ ތާވަލްތަކުގެ އެހީގައި ނޯޓު ކުރާށެވެ. މިސާލަކަށް އިސްލާމް މާއްދާގައި ކިޔަވާ ޙަދީޘް ޢިލްމުގެ ފޮތްތަކާއި އެފޮތްތައް އެކުލަވާލެއްވި ބޭފުޅުންނާއި ފޮތުގެ ބާވަތް ފަދަ މުހިއްމު މައުލޫމާތުތައް އެއް ތާވަލަކުން ފެންނަގޮތަށް ނޯޓުކޮށްލުމަކީ ބޭނުންތެރިކަމެކެވެ. މިގޮތަށް ތާވަލްކުރުމުން އިމްތިހާނުގެ ކުރިން ބޮޑުފޮތުގެ މުޅި ފިލާވަޅު ކިޔަންނުޖެހި، މުހިއްމު ބައިތައް އެއްތާކުން ބަލާލެވި ކިޔާލެވޭނެއެވެ. މީގެ އިތުރުންވެސް ބައިލޮޖީ، ކެމިސްޓްރީފަދަ މާއްދާތަކުގައި ދަސްކުރަން ހުންނަ ބައެއް ތަސްވީރުތައް ކޮޓަރީގެ ފެންނަ ހިސާބެއްގައި ހިއްޕާފައި ބެހެއްޓުމަކީވެސް އެތަކެތި އަބަދުވެސް ހަނދާނުގައި ހަރުލާނެކަމެކެވެ.

 

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެގޮތުން އެކި ކުދިންނަށް ދަސްވާނީ އެކި ގޮތްގޮތަށް ފަރިތަކޮށްގެންނެވެ. އެހެންކަމުން މި މައުޟޫގެ ދަށުން ކުރިން ލިޔެވުނު ލިޔުމުގައި ހުރި ގޮތްތަކާއި މިލިޔުމުގައި ހިމަނާލެވުނު ގޮތްތަކުގެ ތެރެއިން އެކުއްޖަކަށް އެންމެ ފަސޭހަ ގޮތެއް ނުވަތަ ގޮތްތަކެއް ދަސްކުރުމުގައި ގެންގުޅޭށެވެ. މުހިއްމީ ވަކި މީހަކު ބުނެފައިވާ ވަކިގޮތަކަށް ކިޔެވުމެއް ނޫނެވެ. މުހިއްމީ އެދަރިވަރަކަށް ފަސޭހައިން ދަސްވަނީ ކޮންގޮތަކަށްތޯ ބަލައި ފިލާވަޅުތައް ދަސްކުރަމުން ދިޔުމެވެ. އޭރުން އިމްތިހާނު ދުވަސްވަރު ކުރިމަތިވާ ހާސްކަމުން ދުރުހެލިވެ ހިތްވަރާއެކު ކުރިއަށް ދެވޭނެއެވެ. ހުރިހައި ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދެމެވެ.

 

 

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *