އެންމެ އުފާވެރި އަންހެނާއަށް ވެވިދާނެ

އިންސާނާއަށް އެތަކެއް ހާލަތްތަކާއި ހާދިސާތަކެއް ކުރިމަތިވެއެވެ. ހިތާމަޔާއި ހިތްދަތިކަމާއި ގޮތް ހުސްވުމުން ސިކުނޑި ހާސްކުރުވާ ވަގުތު އާދެއެވެ. އެއީ ވަކިމީހަކު އިސްތިސްނާ ނުވާގޮތުން ކޮންމެ މީހަކަށްވެސް ދިމާވާ ކަންކަމެވެ. ހެޔޮމަގުގައި ފައިތިލަ ސާބިތު ކުރުމުން އުނދަގޫ ދިރިއުޅުން ފަސޭހަވެގެން ދެއެވެ.

ވިސްނަންޖެހޭ މުހިންމު ދިހަ ކަމެއް.

  1. ހަނދާނުގައި ބަހައްޓަންވީ މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުން މަޢާފަށް އެދޭނަމަ އެކަލާނގެ އެމީހަކަށް މަޢާފު ދެއްވައެވެ. އަދި އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާއަށް އެދޭމީހާގެ ތައުބާ ޤަބޫލު ކުރައްވައެވެ.
  2. ނިކަމެތިންނަށް އޯގާތެރިވާނަމަ ތިބާއަށް އާދަޔާ ޚިލާފު އުފަލެއް ލިބޭނެއެވެ. ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމުން ތިބާގެ ޙާލަތު ރަނގަޅު ކުރައްވައެވެ.
  3. އުންމީދާއެކު ދިރިއުޅޭށެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާޔާއެކު ވާނެއެވެ. މަލާއިކަތް ބޭކަލުން ތިބާގެ ފާފަ ފުއްސެވުން އެދި ދުޢާކުރެއެވެ. ސުވަރުގެ ތިބާއަށްޓަކައި އިންތިޒާރުގައި ވެއެވެ.
  4. ކަރުނަ ފޮހެލާށެވެ. ﷲއާމެދު އިތުބާރު ބާއްވާށެވެ. ހިތާމަޔާއި ހިތްދަތިކަން ފޮހެލާ ﷲ ހަނދުމަ ކުރުމުން އެކަލާނގެ ރަޙުމަތާއި ރިޒްޤް ތަނަވަސްވެގެން ވެއެވެ.
  5. މިދުނިޔެއަކީ އެއްވެސް މީހަކަށް ފުރިހަމަ ތަނެއްކަމުގައި ވާނެކަމަށް ޤަބޫލުނުކުރާށެވެ. މިދުނިޔޭގައި އެއްވެސް މީހަކު ހިތާމަޔާއި ހިތްދަތިކަން ތަޙައްމަލް ނުކުރާ އެކެއްވެސް ނެތެވެ.
  6. ދިގުގަހެއް ފަދައިން އުސް ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. ތިރިން ގަހަށް އޮއްގާ އުކުމުން ވެއްޓޭނީ ހަމައެކަނި މޭވާއެކެވެ. ގަހެއް ނޫނެވެ.
  7. ހިތްދަތިކަމުގެ ސާލު އޮޅައިގެން ހިތާމަކުރަން އޮތުމުން ލިބުނު ގެއްލުމާއި ހިތާމަ ފިލާހެއްޔެވެ؟ އެހެންވީއިރު މޮޅިވެރިކަމުގައި އޮންނަންވީ ކީއްވެހެއްޔެވެ؟
  8. ހިތާމަޔާއި ކުށްހީތަކަށް ވިސްނުމުގެ ބަދަލުގައި ރައްކާތެރިކަމާއި ޞުލްޙަޔާއި ފުރިހަމަ ސިއްހަތާމެދުގައި ވިސްނާށެވެ. އެކަލާނގެ ރަޙުމަތްފުޅު ތަނަވަސް ވެގެންވެއެވެ.
  9. ތިބާއަށް އަނިޔާދިން މީހުންނަށް އޮތް ނަފުރަތުގެ އަލިފާން މަޢާފު ކުރުމާއެކު ނިއްވާލާށެވެ.
  10. ވުޟޫކުރުމާއި ނަމާދުކުރުމާއި، ހިނައިގަތުމާއި ދަތް އުނގުޅުން ފަދަ ކަންކަން ޤަވާޢިދުން ކުރުމަކީ ހުރިހާ ކަމަކަށް ފަރުވާއެއްގެ އިތުރުން ކަންބޮޑުވުމާއި ހާސްކަން ފިލުވާ ކަންކަމެވެ.

 

  1. އެންމެބޮޑު ޚަޒާނާއަކީ އެކަލާނގެ ރަޙްމަތްފުޅެވެ.

ލޮބުވެތި އުޚުތުންނެވެ. ހަމަކަށަވަރުން އުނދަގުލަކަށްފަހު ފަސޭހައެއްވެއެވެ. އަލް އިންޝިރާޙް ސޫރަތުގެ ހަވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّ مَعَ الْعُسْرِ يُسْرًا ﴾ މާނައީ: "ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ."

ރޭގަނޑުގެ އަނދިރިކަމަށްފަހު އަލިކަމެއް ފާޅުވެއެވެ. ހިތާމައިގެ ވިލާގަނޑު ފަނޑުވެގެންގޮސް ކަންބޮޑުވުން ނިމިގެން ހިނގައިދެއެވެ. ކޮންމެ ހިތާމަވެރި ޙާދިޘާއަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ވަކީލުކޮށްގެން ހުރެފިނަމަ އެއިން ހެޔޮ ބަދަލު ދެއްވާނޭ ކަންކަމެވެ. ތިބާއަކީ މުސްލިމު މަންމައެއްނަމަ އިސްލާމްދީނުގެ ސާބިތުކަންމަތީ ދަރީން ބޮޑުކުރާށެވެ. އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ އެ ކުދިންގެ ދުޢާ ތިބާއާއެކު ވާނެއެވެ. މެންދަމުގައި ސަދިޖައިގައި އޮވެގެން އެކުދިން ތިބާއަށް ހެޔޮދަރުމަދެއްވުމަށްއެދި ދުޢާކުރާނެއެވެ. އެކުދިންނަށް މަންމަ އުފުއްލި ބުރައާއި އުފުއްލިވޭން އިޙްސާސް ވުމަކީ މަންމައާމެދު އޮންނަ އާދަޔާ ޚިލާފު ގުޅުމެކެވެ.

ތިބާ އެހެން އަންހެނުންނަށް ހެޔޮ ޢަމަލުކުރުމަށް އަމުރުކުރާށެވެ. ރިވެތި ބަސްތަކުންނާއި އޯގާވެރި ނަސޭހަތްތަކުން އިރުޝާދު ދޭށެވެ. ދުނިޔޭގައި ހިނގާފައިހުރި މޮޅު ޙާދިޘާތަކާއި އަމިއްލަ ދިރިއުޅުމުން މިސާލު ދައްކައިދޭށެވެ. ހަމައެކަނި ހުކުރު ޚުޠުބާޔާއި ދީނީ ނަސޭހަތްތަކުން މީހުން ހެޔޮމަގަށް އަޅުވަން އުނދަގޫވާނެއެވެ. އެހެނެއްކަމަކު ތިމާގެ ދަރިންނާއި އަވައްޓެރިންގެ ދޫތަކުން ތިމާއަކީ ހެޔޮލަފާ ޞާލިޙު އަޅެއް ކަމުގައި ބަލައިގަންނާނެ ފަދައިން ހެޔޮ ޢަމަލު ގިނަކުރާށެވެ. ރަނގަޅު އަޚުލާޤާއި ޢިއްފަތްތެރިކަމާއި މަޑުމޮޅި ބަސްތަކުން މީހާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން ނިންމާލާށެވެ. އެހެން މީހުންގެ ދޫތަކުން ޒިންމާދާރު ކިޔަމަންތެރި މީހެއްގެ ގޮތުގައި ވާށެވެ.

  1. މާތްﷲއަށް ތަބަޢަވާ އަންހެނަކާއިތަބަޢަނުވާ އަންހެނަކާ އެއްފަދައެއްނޫނެވެ.

ހަމަ އެންމެކަމެއް އިމްތިޙާނު ކޮށްލުމުންވެސް ތިމާއަކީ ނުހަނު އުފަލުން ހުރި މީހެއް ކަމުގައި ވެދާނެއެވެ. މާތް ﷲއަށް އީމާންވާ އަންހެނުންތަކެއް އުޅޭ މުޖުތަމަޢަކާއި މާތްﷲއަށް އީމާން ނުވާ މުޖުތަމަޢެއްގައި އުޅޭ އަންހެނުންތަކަށް ބަލައިލާށެވެ. މުސްލިމުން އުޅޭ މުޖުތަމަޢެއްގައި ވާނަމަ ރޯދަ ހިފުމާއި ނަމާދުކުރުމާއި ޞަދަޤާތް ދިނުން ފެނިގެންދެއެވެ. އޭނާގެ ޢަމަލުތައް ހެޔޮވުމުން އޭގެ ފައިދާ އަވައްޓެރިންނަށާއި ގާތްތިމާގެ މީހުންނަށް ކުރެއެވެ. ދަމު ނަމާދުކުރުމާއި ދަރިންގެ އިޙުސާސްތައް އެނގުމާއި އަވައްޓެރިންނަށް އޯގާތެރިވުމާއި،  މާތްﷲއަށް ބިރުވެތިވުން ވެއެވެ. އޭގެ ބަދަލެއްގެ ގޮތުން އަވައްޓެރިންގެ ލޯތްބާއި ދަރިންގެ އަޅައިލުން ލިބެއެވެ.

މާތްﷲއަށް އަޅުކަން ނުކުރާ މުޖުތަޢުގައި ފެނިގެންދަނީ ޝަހުވާނީ އެދުންތަކަށް ހުށައެޅިފައިވާތަނާއި އަންހެނުން ވިޔަފާރީގެ އުސޫލުން، ބޭނުން ކުރެވޭ މުދަލެއްގެ ގޮތުގައެވެ. އެމީހުން އަންހެނުން ބޭނުން ކުރަނީ ފަހުގެ ފެޝަންތަކުގެ މޮޑެލްތަކުންގެ ގޮތުގައެވެ. އެމީހުންގެ އަގެއްނޯވެއެވެ. ވަކި ޙާލަތަކަށް އައުމުން އެމީހުންނަކީ ބޭނުންނެތް ބަޔަކަށްވެގެން ދެއެވެ. މާބަނޑުވުމުން ނުވަތަ ހަށިގަނޑަށް ބަދަލެއް އައުމުން އެމީހުންގެ ބޭނުން ކެނޑިދެއެވެ. އެމީހުންގެ އަގެއް، އިޙުތިރާމެއް އަދި ދީނެއް ނޯވެއެވެ. މާތްﷲ ކީރިތި ޤުރުނުގެ އާލް ޢިމްރާން ސޫރަތުގެ ސަތޭކަ ތިރީސް ނުވަވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

﴿وَلَا تَهِنُوا وَلَا تَحْزَنُوا وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ﴾  މާނައީ: "ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ."

ހުރިހައި އެންމެންވެސް މި ދުނިޔޭގައި މަރުވަންދެން ދިރިއުޅެނީއެވެ. އެކަކު އުޅެނީ ގަނޑުވަރެއްކަހަލަ ފުރިހަމަ ގެއެއްގައެވެ. އަނެކަކު އުޅެނީ އަސާސީ ބޭނުންތައް ފުއްދޭވަރުގެ ޖިފުޓިއެއްގައެވެ. އެކަމަކު ޙަޤީޤަތުގައި އެތަނުން އުފަލުގައި އުޅެނީ ކާކުހެއްޔެވެ؟ ﷲއަށް އަޅުކަން ނުކުރުމުން ހިތްކަޅުވެފައިވާ އަންހެނާއާއި އީމާން ކަމުގެ ނޫރުން އުފާލިބިފައިވާ އަދި މަދު އެއްޗަކުން އުފާލިބެން އާދަވެފައިވާ މީހާހެއްޔެވެ؟

(ނުނިމޭ)

 

އެޑިޓަރުގެ ނޯޓު:

މިލިޔުމަކީ، ޑރ. ޢައިދް އަލް ޤަރްނީ ލިޔުއްވާފައިވާ " ޔޫ ކޭންބީ ދަ ހެޕިއެސްޓް ވުމެން އިން ދަ ވޯލްޑް" މިފޮތުގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޔަޝްފާ ޢަބްދުލްޣަނީ އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2013 އަދި 2014 ވަނަ އަހަރު ގްރޭޑް 9 އަދި 10 އަށް ފިޝަރީޒް ސައިންސާއި މެރިންސައިންސް ކިޔަވައިދެއްވި މުދައްރިސެކެވެ.

3 Responses

  1. ތިޔަ ކަހަލަ ޢިލްމީ ވާހަކަ ތަކަށް އިސްކަން ދެއްވާ.އަދި ސުކޫލް ކުދިންގެ އާޓިކަލްތަކަށް ވެސް އިސްކަން ދެއްވާ.

  2. އަންހެން ކުދިންނަށްޓަކައި ވަރަށް ބޭނުންތެރި ފިލާވަޅުތަކެއް. ވަރަށް އުފާވެއްޖެ މި ނޫހުގައި ތަފާތު ވައްތަރުގެ ލިޔުން ގެނެސްދޭތީ.

  3. އެންމެ އުފާވެރި އަންހެން ކުއްޖަކަށް ވުމަށް ހުރިހާކުދިންވެސް މަސައްކަތް ކުރަންވާނެ. ލިޔުން ވަރަށް ފުރިހަމަ. ކުރިއަށް ހުރިބައިތަކަށް އިންތިޒާރު ކުރަން.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *