ނުހަނު ރީތި ކުލަގަދަ ލޭކޮކާލެއް މާ ބަގީޗާއެއްގެ ފަރިވެ ފޮޅިފައިވާ މާތަކެއްގެ ތެރޭގައި މިނިވަންކަމާއިއެކު އުދުހިލާފައި އުޅޭ މަންޒަރަކީ ހިތަށް ހާދަ ހަމަޖެހުމެއް ގެނުވާނެ އުފާވެރި ތަސައްވުރެކެވެ. މިދެންނެވި އެންމެ ރީތި އަދި ހިތްގައިމު ކޮކާލަކީ ފަނިފަކުސާގެ އާއިލާ އަށް ނިސްބަތްވާ އެންމެހާ ދިރޭ ތަކެތީގެ ތެރެއިން ތިން ބަޔަށް ބެހިފައިވާ ކުޑަ ހަށިގަނޑާއި، ދެ ފިޔައާއި، ހަ ފައި އަދި ދިގު ދެ ނަރުވާ ގުދުރަތުން ދެއްވާފައިވާ ސުއިއްޕެކެވެ. މި ފުރިހަމަ ހިތްގައިމު މަހްލޫގުގެ އާއްމު އުމުރަކީ އެންމެ 2 ހަފުތާއާއި 4 ހަފުތާއާއި ދެމެދެވެ.
މިހާތަނަށް 17500 ބާވަތުގެ އެކިވައްތަރުގެ އަދި ކުލަކުލައިގެ ކޮކާ ހޯދިފައިވާއިރު އެއިން ކޮންމެ ކޮކާލެއްގެ އެންމެ ހާއްސަ އަދި އެންމެ ފުރިހަމައީ ކޮކާލުގެ ރީތި ކުލަގަދަ ފިޔަގަނޑުކަން ޔަގީނެވެ. މި ފުރިހަމަ ފިޔަގަނޑަކީ ކުޑަ ކުޑަ ކޮކާލަށް މިނިވަންކަމާއި އުފާވެރިކަމާއި އެކު އުދުހިލާ އުޅެވުމުގެ ސަބަބުގެ އިތުރުން ކޮކާލަށް ލިބިގެންވާ އެންމެ ބޮޑު ރައްކާތެރިކަމާއި ހިމާޔަތެވެ. ވަށައިގެންވާ މާހައުލާއި އެއްގޮތްވެގަނެ ކޮކާ ހިފައި ކައި އުޅޭ އެހެނިހެން ދިރޭތަކެއްޗަށް އޮޅުވާލުމުގައި ކޮކާލުގެ ފިޔަގަނޑުން އަދާކޮށްދެނީ މުހިންމު ރޯލެކެވެ.
ކޮކާލެއްގެ ހަޔާތުގެ ވަށާޖެހޭ ބުރުގެ ފުރަތަމަ ބަޔަކީ ކޮކާލުގެ ބިހެވެ. ފުރާފުރިހަމަވެފައިވާ ކޮކާލެއް އެތައް ސަތޭކަ ކުދި ކުދި ބިސްތަކެއް އެޅުމަށް ފަހު ދުވަސްތަކެއް ފަހުން ކޮކާލުގެ ބިހުން އުފެދެނީ ކޮކާ ފަންޏެވެ. ކޮކާފަނީގެ މަރުހަލާއަކީ ކެއުމާއި ހެދި ބޮޑުވުމުގެ މަރުހަލާއެކެވެ. މިގޮތުން ގަސްގަހުގެ ފަތާއި މާމެލާމެލި ކެއުމުގައި ކޮކާފަނީގެ އުމުރުގެ ބޮޑު ބައެއް ހޭދަކުރެއެވެ. ނަތީޖާއެއްގެ ގުތުން ކޮކާފަނި އޭގެ އެންމެ ފުރަތަމަ ކުޑަކުޑަ ހަށިގަނޑަށް ވުރެން 100 ގުނަ ބޮޑުވެއެވެ. ބައެއް ބާވަތްތަކުގެ ކޮކާފަނި 2 އިންޗިއަށް ދިގުވާ ކަމަށް ރެކޯޑު ކުރެވިފައެވެ، ކޮކާފަނި ދެން ބަދަލުވެގެންދަނީ ޕިއުޕާއަކަށެވެ. ޕިއުޕާގެ މަރުހަލާއަކީ ބަދަލުވުމުގެ މަރުހަލާއެކެވެ. ޕިއުޕާގެ އެތެރޭގައި ރީތި ކޮކާލެއް އުފެދި ފުރާފުރިހަމަވުމުން ޕިއުޕާގެ ތޮށިގަނޑު ފަޅާލުމަށްފަހު ނުކުންނަނީ އެންމެންގެ ހިތްތަކަށް ނުހަނު އުފާވެރިކަން ގެނެސްދޭ ރީތި ކުޑަ ކުޑަ ކޮކާލެވެ.
ޕިއުޕާގެ މަރުހަލާ ނިމުމުން ކޮކާލެއް ނިކުމެގެން އުދުހިގަންނަ މަންޒަރަކީ ނުހަނު އުއްމީދީ އަދި އުފާވެރި މަންޒަރެކެވެ. އެހެންނަމަވެސް ރީތި ކޮކާތައް ޕިއުޕާ ފަޅާލުމަށް ފަހު ނުކުމެވެނީ ނުހަނު އުނދަގުލުން އަދި އެހާމެ ކުޑަ އަދި ދަތި ޖާގައަކުންނެވެ. އެހެންނަމަވެސް މި ދެންނެވި ދަތިކަމާއި، އުނދަގޫ ތަހަންމަލުކުރުމަކީ ކޮކާލުގެ ފުރިހަމަކަމާއި ކުޅެދުންތެރިކަމާއި ގުޅިފައިވާ ވަރަށް މުހިންމު މަރުހަލާއެކެވެ. އެއީ، ޕިއުޕާގެ ކުޑަ ޖާގައިގެ އެތެރޭގައި ބޮނޑި ބޮނޑިކޮށް ފިއްތާލެވިފައިވާ ކޮކާލުގެ ފިޔަގަނޑު ހުޅުވާލައި ފަތުރާލުމަށް ބޭނުންވާ ފެން ފިޔަގަނޑަށް ލިބިގެންދަނީ ޕިއުޕާގެ ކުޑަ އަދި ހަނި ޖާގައިން ކޮކާ ނިކުތުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމުގައި ހަމަޖެހިފައިވުމުންނެވެ. މި ދަތި އުނދަގޫ ފުރިހަމަކޮށް ޕިއުޕާއިން ނިކުތުމަށްފަހު ވެސް ފަތްޖެހި ރޫޖެހިފައިވާ ފިޔަގަނޑު އެއްކޮށް ހުޅުވެންދެން ކޮކާލަށް އުދުއްސައި ނުގަނެވި އެތައް އިރަކު ކެތްތެރިކަމާއި އެކު އިންތިޒާރު ކުރަންޖެހެއެވެ. ބުރަ މަސައްކަތަށްފަހު ކެތްތެރިކަމާއި އެކު ކުރެވޭ އިންތިޒާރު ނިންމައި ކޮކާ އުދުއްސާލުމާއިއެކު އެންމެންގެ ހިތްތަކަށް އުފާވެރިކަން ހޯދައިދޭ ކޮކާލުގެ ހަޔާތުގެ ވަށްބުރު އަލުންފެށުނީއެވެ.
ކޮކާލެއް އުފަންވުމަށް ގުދުރަތުން ނިންމަވާފައިވާ މި ފުރިހަމަ ނިޒާމަކީ ވިސްނައި ފިކުރު ހިންގައިފި ކޮންމެ މީހަކަށް އިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ. ދަތިކަމާއި، އުނދަގުލާއިއެކު ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާގެ ފޮނިކަމާއި، ރީތިކަމާއި އަދި ކުލަގަދަކަމެވެ. އަދިހަމައެހެންމެ ކެތްތެރިކަމާއިއެކު އުއްމީދު ކަނޑާނުލައި، ހިންމަތާއި އެކު ރަނގަޅު މޮޅު ނަތީޖާއާއި ހަމައަށް ދެވެންދެން ހުއްޓާނުލައި މަސައްކަތް ކުރުމެވެ. ދަތި އުނދަގޫ މަގަކީ ކޮކާލަށް މިނިވަންކަމާއި އެކު އުދުހިގަނެވެން އޮތް ހަމައެކަނި މަގަށް ވީފަދައިން އަހަރެމެންގެ ދިރިއުޅުމުގެ އެންމެހާ ކަންކަމުން ލިބޭ ދަތިކަމާއި އުނދަގުލާއި ތަކުލީފްތަކަކީ އެކަމުން އަރައިގަންނަން ކެތްތެރިކަމާއި އެކު މަސައްކަތްކޮށްފިނަމަ ނުހަނު އުފާވެރި ކާމިޔާބީ އަކާއި ހަމައަށް ވާސިލުވެވޭނެ ކަމެއްކަން ޔަގީނެވެ.
ކޮކާލުގެ ޕިއުޕާއިން ނުކުތުމަށް ކުރަންޖެހޭ މަސައްކަތަކީ މާ އުނދަގޫ ކަމެއްކަމަށް ނިންމައި މަސައްކަތް ހުއްޓާލައިފިނަމަ ޕިއުޕާގެ ތެރޭގައި ތާށިވެ ކޮކާ މަރުވުމަކީ ވުން އެންމެ ގާތްގޮތެވެ. އަދި ކެތްތެރިކަން ކުޑަވެ، ފިޔަގަނޑު ރަނގަޅަށް ނުހުޅުވެނީސް އުދުއްސައި ގަންނަން އުޅެފިނަމަ، ކޮކާ ވެއްޓި ނާޒުކު ފިޔަގަނޑާއި ހަށިގަނޑަށް ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަމައެހެންމެ، ޕިއުޕާ ގެ ތެރެއިން ކޮކާ ނުކުތުމަށް އޮންނަ ދަތި އުނދަގޫ މަގުންނޫން އެހެންގޮތަކަށް ނުކުތުމަށް މީހަކު އެހީވެދީފިނަމަ ކޮކާލުގެ ފިޔަގަނޑު ރަނގަޅަށް ހުޅުވާނުލެވި އުދުއްސައި ނުގަނެވި އެންމެ ފަހުން ކޮކާ ވެގެންދާނީ ނުކުޅެދޭ ކޮކާލަކަށެވެ. ހަމަ މިމަގުން އަހަރެމެންވެސް ކުރަންޖެހޭ މަސައްކަތެއް ނުވާނެކަމަށް ނިންމައި ހުއްޓާލައިފިނަމަ ކާމިޔާބީ އާއި ހަމައަށް ވާސިލުވުމެއްނެތެވެ. މަސައްކަތް މުޅިން ފުރިހަމަނުކޮށް މާކުރިން މަސައްކަތް ހުއްޓާލައިފިނަމަވެސް ނަތީޖާ ގޯސްވެ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިދެއެވެ. އަދި ހަމައެހެންމެ މަސައްކަތް ކުރަން އޮންނަ ގޮތްނޫން އެހެން ގޮތަކަށް އެހީތެރިކަމެއް ހޯދައިފިނަމަ މަސައްކަތް ނިންމާއިރު ތިމާގެ ކިބައިގައި ހުންނަން ޖެހޭ ހުނަރާއި ގާބިލުކަން ނެތި ފަހުންނަމަވެސް އެކަމުގެ ހިތާމައާއި ކުރިމަތިލާންޖެހިދެއެވެ. އެހެންކަމުން ކޮންމެ ފަރުދަކުވެސް ބަލަންވީ ދަތިކަމާއި އުނދަގުލުގައި ނަމަވެސް ކެތްތެރިކަމާއި ހިންމަތާއި އެކު މަސައްކަތްކުރުމަށެވެ. އޭރުން ހަމަ ޔަގީނުންވެސް ރީތި ކުލަގަދަ ފިޔަގަނޑު ހުޅުވާލައި އުދުހިލެވޭނެއެވެ.
4 Responses
ވަރަށް ފުރިހަމަ ލިޔުމެއް
ވަރަށް ވެސް ޢިބްރަތުން ފުރިގެންވާ ލިޔުންކޮޅެއް.
ކުދިން ލިޔުންތެރި ކުރުވުމަށް އާޓިކަލްތައް ލިޔުއްވުން މުހިންމު ކަމަށް ދެކެން..
ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެން ހިގައްޖެ. ވަރަށް ހިތްގައިމު ލިޔުމެއް. ގިނަގިނައިން މިކަހަލަ މޮޅު ލިޔުންތަކަށް އިންތިޒާރު ކުރަން.