އާރޓިކަލް 12 : ރޯދައިގެ ޘަވާބުގެ މަތިވެރިކަމުގެ ސިއްރަކީ ކޮބާ؟

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ﷲ ތަޢާލާ އަހަރެމެން ޚަލްޤު ކުރައްވާ މިދުނިޔެއަށް ފޮނުއްވި މުޠްލަޤު ސަބަބަކީ އެކަލާނގެ އަށް އަޅުކަން ކުރުމެވެ. މާނައީ މިއިންސާނާއަކީ ޚާލިޤުވަންތަ އިލާހުގެ އަޅެކޭއެވެ. މިއަޅުމީހާ މަތިވެރިވަންތަ ކަލާނގެ އަންގަވާގޮތްތައް ހަދަންޖެހެޔޭއެވެ. އެގޮތުން ސީދާ އެކަލާނގެއަށް އަޅުކަންކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ޝަރުޢު ކުރެއްވިއިރު، އެއަޅުކަންތައް ކުރިޔަށް ގެންދެވޭނީ، އިންސާނެއްގެ ގޮތުގައި ދުނިޔޭގައި އުޅޭއިރު އޭނާގެ ނަފްސުގެ ޙައްޤުތަކާއި އޭނާއާ އެކުއުޅޭ މާޙައުލުގެ ޙައްޤުތަކަށް ރިޢާޔަތްކޮށްގެން ކަމުގައިވާތީ އެދާއިރާއިންވެސް އުޅުމާއި ގުޅުން ބައްޓަންކުރަންޖެހޭނެ ގޮތްތަކެއް ޝަރުޢުކުރައްވާފައި ވެއެވެ.

ކޮންމެއަކަސް އެކަލާނގެ ޚާލިޞްއަޅުކަމުގެ ގޮތުގައި ކުރެވޭ އެއްވެސް ކަމެއްގައި އެކަލާނގެ ނޫން އެހެން އެއްވެސް ފަރާތަކަށް ކުޑަމިންވަރެއް ވެސް އަދާކުރުން ޙައްޤުވެގެން ނުވެއެވެ. އެބައި އޮންނަންޖެހޭނީ ސާފުކޮށް އެކީއެކައްޗަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ. އެއީ ނަމާދުވިޔަސް ރޯދަވިޔަސް ޞަދަޤާތްކަމުގައިވިޔަސް އަދި ޙައްޖާއި ދުޢާކުރުމާއި ނަދުރު ބުނުމާއި ޤުރުބާންކުރުމާއި މިއެންމެހައި ކަމެއް ހަމައެކަނި ކުރަންޖެހޭނީ ﷲ ގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭއެދުމެއްގެ ސަބަބުން އަދި އެކަލާނގެއަށް އޮންނަ ބިރުވެތިކަމަކުންނެވެ. އެފުރިހަމަ އިޚްލާޞްތެރިކަމާއި އެކުގައެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿ وَمَا أُمِرُوا إِلَّا لِيَعْبُدُوا الله مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ ﴾ މާނައީ: [އެންމެހައި ޝިރުކަކުން އެއްކިބާވެގެން ވާގޮތުގައި ﷲ އަށް އެކަނި އަޅުކަން ޚާލިޞްކުރާ ޙާލުގައި އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެން ނުވެއެވެ. އަދި އެބައިމީހުން ނަމާދު ޤާއިމްކުރުމަށާއި އެބައިމީހުން ޒަކާތް އަދާކުރުމަށެވެ. އަދި އެއީ ސީދާވެގެންވާ ދީނެވެ.] މިއަމުރުފުޅު މިގޮތުގައި ކީރިތި ޤުރުއާނުގައި އެތައް ތަނެއްގައި އެތަކެއް އާޔަތެއްގައި ބަޔާންކުރެއްވި ނަމަވެސް އަދި ހަމައެއާއެކު އިސްވެދިޔަ އުންމަތްތަކަށް ފޮނުއްވި އެންމެހައި ނަބިއްޔުން އެބޭކަލުންގެ ގައުމުތަކުގެ މީހުންނަށް އެގޮތަށް އަމުރުކުރެއްވި ކަމުގައިވީ ނަމަވެސް ވަރަށް ގިނަ އިންސާނުންގެ ނުބައިކަން އިންތިހާއަށް ބޮޑެވެ. މިފަދަ އެންމެހައި އަޅުކަމެއްގެ ތެރެއަށް ޝިރުކު ވެއްދިއެވެ. އެންމެ ގިނައިން ޝިރުކު ވެއްދީ އަޅުކަމުގެ އެންމެ މައިވައްތަރު ކަމުގައިވާ ދުޢާގައެވެ. އެގޮތުން ﷲ ނޫން ފަރާތްތަކަށް ދުޢާކޮށް ދެންނެވުމާއި އެކިޒާތްޒާތުގެ ޙަރަކާތްތަކާއި ކިޔެވެލިތަކުން ﷲ ނޫން ފަރާތްތަކަށް އަޅުކަމުގެ ތަފާތު ހަރަކާތްތައް ކޮށް ޝިރުކުގައި އިންސާނާގެ ހުރި ނުބައިކަން ދިޔައީ އަދި ދަނީ ދައްކަމުންނެވެ. ޞަދަޤާތެއް ދިނަސް ﷲ ނޫން ފަރާތަކުން ދަރުމަ ލިބުމުގައި ބައިއެޅޭ ގޮތަށް ދެއްކުންތެރިކަމާއެކު އެކަން ކުރުމަށް އެމީހުންގެ ހިތްތަކާއި ނަފްސުތަކުން ބާރުއަޅައެވެ. މީގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފެންނަނީ މިހުރިހައި އަޅުކަމަކީވެސް އަނގައިން ބުނާ ބަސްތަކަކުން ނުވަތަ ގުނަވަންތަކުން ކުރެވޭ ޙަރަކާތްތަކަކުން އަދާކުރެވޭ އަޅުކަންތަކެއް ކަމުގައި ވުމެވެ.

ނަމަވެސް މިހުރިހައި އަޅުކަމެއްގެ ތެރެއިންވެސް ތަފާތުވަނީ ރޯދައެވެ. ދުލުންނާއި ހަށިގަނޑުގެ ބޭރަށް އެހެންމީހުންނަށް ފެންނަން ހުންނަ އެހެނިހެން އެއްވެސް ގުނަވަނަކުން ވިޔަސް އަދާކުރަންޖެހޭ ކަމެއް އެއަޅުކަމުގައި ހިމެނިފައި ނެތުމެވެ. މުޅި އަޅުކަމުގައި އަޅުވެތިކަމުގެ މަސައްކަތް ކުރަމުންދަނީ އޭނާގެ ފޮރުވިފައިވާ ހިތެވެ. އެހިތުގެ ތެރޭގައި ހިނގަމުންދާ ކަންކަމަކީ ރޯދައިގެ އަޅުކަމުގެ މަސައްކަތް ޖަމާވެ މަރުކަޒު ކުރެވިފައިވާ ތަނެވެ. އެމަރުކަޒުގެ ތެރޭގައި އެމީހެއްގެ އަމިއްލަ ނަފްސަށް ފިޔަވައި މުޅި ދުނިޔޭގެ އެންމެހައި ކަމަކާއި ގުޅުން އެއްކޮށް ވަކިވެ ކެނޑިފައިވާ ޙާލުގައި އެހަމަހިމޭން މާޙައުލުގައި ހިނގަމުންދާ އެތަކެއް ކަމެއް އޭގެ އެންމެ ފުރިހަމަ މާނައިގައި އޭގެ އެންމެ ޙަޤީޤީ ޞޫރައިގައި ކުޑަމިންވަރެއްވެސް ފޮރުވިފައި ނުވާ ޙާލުގައި ދެނެވޮޑިގަންނަވާ ފަރާތަކީ ގަދަކީރިތިވަންތަ މަތިވެރިވެގެންވާ ﷲ ސުބަޙާނަހޫ ވަތަޢާލާކަން ކުޑަވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރުވެގެން ވެއެވެ. އެމީހެއްގެ ވަށައިގެންވާ އެންމެންނަށް އެހިތުގައިވާ ތަކެތި ފޮރުވައިގެން އެއުޅޭ އިންސާނާގެ ހިތުގައި ވަނީ މާތްﷲ އެރޯދަ ފަރުޟު ކުރެއްވިކަމަށް ފުރިހަމައަށް އީމާންވުން ހެއްޔެވެ؟ ނުވަތަ ނޫންހެއްޔެވެ؟ ފަހެ ބައެއް އިންސާނުންގެ ހިތުގައިވަނީ އެކަމާމެދު އެއްވެސް ޝައްކެއް ނެތްމިންވަރަށް އެކަން ޤަބޫލުކޮށްފައެވެ. އެއަޅުކަން އެކަލާނގެ ފަރުޟު ކުރެއްވި ކަމަށްޓަކައި އޭނާ ނުހަނު ލޯބިވެއެވެ. ﷲ އޭނާއަށް އެކަން ފަރުޟު ކުރެއްވިކަމަށްޓަކައި އެހިތުގައި އެކަން ކުރުމުގެ ޝައުޤާއި ފޯރި އުތުރި އަރަމުން ދެއެވެ. އޭނާގެ ހިތުގައިވަނީ އެހެނިހެން އަޅުކަންތަކެކޭ އެއްފަދައިން އެއަޅުކަން، މަތިވެރިވެގެންވާ ﷲ އަށް އަދާކުރުމަށް ނުހަނު ބޮޑަށް ބޭނުން ޖެހިފައިވާ ކަމެވެ. އެކަން އަދާކުރުމުން ﷲ ވަޢުދުވެ ވޮޑިގެންފައިވާ ގިނަގުނަ ޘަވާބާއި ދަރުމަ ދެއްވާނެކަމުގެ އުންމީދުގައި އެހިތްވަނީ މަޝްޣޫލުވެފައެވެ. އެކަލާނގެ އަށް ގަންނަބިރުން ޚުޟޫޢަތްތެރިވެފައެވެ. އެކަލާނގެއަށް އެއަޅުކަން އަދާކުރާއިރު އެކަލާނގެ ކިބްރިއާއުވަންތަކަމާއި ބާރުވަންތަކަމުގެ، ކުރިމަތީގައި އޭނާގެ ކުޑަކަމާއި ނިކަމެތިކަމުން އެހިތުގައި ވަނީ މަޑުމޯޅިކަން ފެތުރިފައެވެ. އެހިތުގެ ފަޤީރުކަމާއި ހެދި އެއަޅުގެ ވެރިއިލާހުގެ ޙަޟްރަތުން އޭނާ އެދޭ އެދުންތައް ފުރިހަމަކޮށްދެއްވާތޯ އާދޭސްކުރާ ޙާލުގައި އެހިތުގެ އެންމެ އަޑީން އެދަނީ ރޮމުންނެވެ. ނަމަވެސް ދެއްކުންތެރިކަން އެހެންމީހަކަށް އޭނާގެ ފަރާތުން ފާޅުވެދާނެ ކަމުގެ ބިރަށް އިސްވެ ދެންނެވުނު އޭނާގެ ހިތުގައި ފުރިގެން ބަންޑުންދާ ވަރަށް އެކުރަމުންދާހާ މަސައްކަތުގެ ކުޑަމިންވަރެއްވެސް ހަމަހިލައި ލީކުވިޔަ ނުދޭން މަސައްކަތް ކުރަމުންނެވެ. ހިތުގައި މިހިނގަމުންދާ އަޅުކަންތައް ފިޔަވައި، ބޭރަށް ފާޅުވާންހުރި އޭނާގެ ގުނަވަންތަކުން އެއްވެސް ކަމެއް ނުހިނގައެވެ. އެހެން އަޅުކަންތަކުގެ ރުކުންތަކުގައި ހުސް ކުރަންޖެހޭ ކަންކަން ހިމެނޭއިރު، ރޯދައިގެ އަޅުކަމުގެ ރުކުންތަކުގައި ހިމެނިގެންވަނީ ނުކުރަންޖެހޭ ކަންކަމެވެ. ވީމާ ބޭރުފުށުން އަރުތެރެއަށް އެއްޗެއް ނުލައި ހުންނަ ދެމީހަކު، އެކަކުގެ ހިތުގައި ރޯދައިގެ އަޅުކަން ހިނގާއިރު އަނެކަކުގެ ހިތުގައި ރޯދައިގެ އަޅުކަން ހިނގަމުން ނުގޮސްދާނެއެވެ. އަނެކަކުގެ ހިތުގައި ރޯދައިގެ ފަރުޟިއްޔަތަށް އޮންނަންޖެހޭ ލޯބި ނޯވެދާނެއެވެ. މާތް ﷲ އެކަން އޭނާގެ މައްޗަށް ފަރުޟުކުރެއްވީތީ އެކަމުގެ ފުރިހަމަ ރުހުމާއި އީމާންކަން ނޯވެދާނެއެވެ. އެއަޅުކަމަށް ޝައުޤުވެރިކަމާއި ފޯރި ނޯވެދާނެއެވެ. ރޯދަ ހިފަމުން ދާއިރު ﷲ ގެ ޙަޟްރަތުން އެކަމުގެ ޘަވާބަށް އެއްވެސް އެދުމެއްވެސް ނޯވެދާނެއެވެ. ﷲ އަށް އަޅުވެތިވެ ކުއްތަންވުމުގެ ބޭނުން އޭނާއަށް އިންތިހާއަށް ބޭނުންޖެހިފައި ވާއިރު އެކަމަށް އެދޭއެދުމުގެ ކުޑަމިންވަރެއްވެސް އޭނާގެ ހިތުގައި ނޯވެދާނެއެވެ. ﷲގެ މަތިވެރިކަމާއި އޭނާގެ އިންތިހާ ދަރަޖައިގެ ނިކަމެތިކަން ހިތުގައި ނޯވެދާނެއެވެ. ހިތުގައި ހިނގާނެ ހަމަ އެއްވެސް އަޅުކަމެއް ނެތެވެ. ހިތް އެވަނީ ﷲ އަށް ވާންޖެހޭ އަޅުވެތިކަން ނުވަންގޮތަށް ބަންދުވެފައެވެ. ކޮންމެ އަހަރަކު ވަށައިގެން އުޅޭ މުޖްތަމަޢުގެ މީހުން ނުކައިނުބޮއި ތިބެގެން ރޯދަހިފަނީ އޭ ކިޔާތީ އޭނާވެސް އެދަނީ ރޯދަ ހިފަމުންނެވެ. އާދަކާދައިގެ މަތީން ރޯދަހިފަމުން ދާއިރު އޭނާގެ ހިތް އެވަނީ ހުސްކޮންނެވެ. ނަމަވެސް ނުކައި ނުބޮއި ހުރުމުގެ ސަބަބުން މީނާއަކީ ވެސް ބޭރުފުށުން ރޯދައަށް ހުރި މީހެކެވެ. ދެމީހުންކުރެ އެކަކުގެވެސް ރޯދަ ހިފުމުގެ ތެރޭގައި ދެއްކުންތެރިކަން ފާޅުކުރާނެ އެއްވެސް ޢަމަލެއް ނެތެވެ. ނުކައިނުބޮއި ރޯދަ ގެއްލޭ އެންމެހައި ކަންކަމަކީ ނުކުރާ ކަންތައްތަކެވެ. ނުކުރާ ކަންކަމުން ދެއްކުންތެރިކަން ނުނުކުންނާނެތާއެވެ! ވީމާ އެޢަމަލެއްގައި އެއްވެސް ދެއްކުންތެރިކަމެއް ހިނގަމުން ނުދާ، މިރޯދައިގެ އަޅުކަމުގައި ޘަވާބާއި ދަރުމަ ލިބުމުގައި ކުރީންބުނެވި ދިޔަ ރޯދަވެރިޔާ ތަފާތުވަނީ އޭނާގެ ހިތުގެ އިޚްލާޞްތެރި ކަމަށްޓަކައެވެ. އެވާހަކަ ޤުދުސީ ޙަދީޘެއްގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާންކުރައްވާ ޙަދީޘްކުރެއްވިއެވެ: ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: ((الصَّوْمُ لِي وَأَنَا أَجْزِي بِهِ يَدَعُ شَهْوَتَهُ وَأَكْلَهُ وَشُرْبَهُ مِنْ أَجْلِي )) މާނައީ: [ރޯދައަކީ ތިމަން ﷲ އަށް ވާއެއްޗެކެވެ. އަދި އޭގެ ޖަޒާ ދެއްވާހުށީ ތިމަން ﷲ އެވެ. އޭނާގެ ޝަހްވަތާއި އޭނާގެ ކެއުމާއި ބުއިމާއި ދޫކޮށްލަނީ ތިމަންﷲ އަށް ޓަކައެވެ.] ހުރިހައި އަޅުކަމެއްގެ ޘަވާބާއި ދަރުމަ ދެއްވާ ފަރާތަކީ ﷲ ކަމުގައިވާއިރު މިބުނެވޭ ބަހުގެ މުރާދަކީ ކޮބައިބާއެވެ! ދެއްކުންތެރިކަމެއް ފާޅުނުކުރެވޭ ޢަމަލުގެ އިޙްލާޞްތެރި ނިޔަތަށް ﷲ ކަނޑައެޅުއްވި މަތިވެރިވެގެންވާ ޖަޒާއެވެ. އަދި އަނބިމީހާއާ ދުރުހެލިވެ ހުރުމާއި ކެއުމާއި ބުއިމާއި ދުރުހެލިވުމަށް އިރުޝާދުދީ ހިތްވަރުދެނީ އަދި އެކަމަށް ޝައުޤުވެރިވެސް ކުރުވަނީ އޭނާގެ ހިތުގައި މާތް ﷲ އަށް ދެވިފައިވާ ލޯތްބެއްގެ ބޮޑުކަމުން ހަމައެކަނި ﷲ އަށްޓަކައެވެ.

މުޅި ރޯދައިގެ އަޅުކަމުގެ ވަގުތަކީ ހަށިގަނޑަށް އެންމެ ބޭނުންވާ ކަންކަން ކަމުގައިވާ ކެއުމާއި ބުއިމާއި އަނބީންނާއި ޖިމާޢުވުމުން ދުރުހެލިވެ ހުންނަންޖެހޭ އަޅުކަމަކަށްވުމުން މުޅި އަޅުކަމުގެ ތެރޭގައި ރޯދަވެރިޔާ އެތަޙައްމަލް ކުރަމުންދަނީ ކެތްތެރިކަން އިންތިހާއަށް ބޭނުންވާ ޒާތުގެ ޢަމަލެކެވެ. ކެތްތެރިކަމަކީ އެޢަމަލެއްގެ ޖަޒާގެ ގޮތުގައި ގުނާޢަދަދު ނުކުރެވޭ ނުވަތަ ހިސާބު ނުކުރެވޭހާ ގިނަގުނަ ޘަވާބު ﷲ ދެއްވާ، ނުހަނު ވަރުގަދަ ޝަޚްޞިއްޔަތަކަށް ނޫނީ ނުކުރެވޭނެ ކަމަކެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ﴾ މާނައީ: [ހަމަކަށަވަރުންވެސް ކެތްތެރީންނަށް އެބައިމީހުންގެ އަޖުރު ހިސާބެއްނެތި ދެވޭހުއްޓެވެ.] އެހިސާބެއް ނެތި ދެވޭ އަޖުރުގެ މިންވަރު ހަމައެކަނި ދެނެވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެފަދައިން މުޅި ރޯދައަކީ ކެތްތެރިކަމުގެ ވަގުތެއް ކަމުން އެހިސާބު ނުކުރެވޭ އަޖުރު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ވީމާ ރޯދައަކީ އެކަލާނގެ އަށް ޚާއްޞަވެގެންވާ އަޅުކަމެކެވެ. އެއަޅުކަމަށް، އެގުނާ ޢަދަދުނުކުރެވޭ ގިނަގުނަ ޘަވާބު ދެއްވާނީވެސް ހަމަ އެކަލާނގެއެވެ.

ރޯދައޭ މިކިޔެނީ ކަންކަން ނުކޮށް ހިފެހެއްޓިގެން ހުރުމަށެވެ. އެގޮތުން ޝަހްވަތާއި ކެއުމާއި ބުއިމުން ދުރުވެ އެއާ ތިމާގެ ނަފްސު ކައިރިވިޔަ ނުދީ ހިފަހައްޓައިގެން ރޯދަވެރިޔާ ހުރެއެވެ. އަދި އޭގެ އިތުރުން އޭނާގެ އަތާއި ފަޔާއި ރޯދަހިފައެވެ. ޙަރާމް ކަންކަމާއި ވިޔާނުދާ ކަންކަމުން އޭނާގެ އަތާއިފައި ދުރުހެލި ކުރުވައެވެ. އޭނާ ދޫ ރޯދަހިފައެވެ. އޭނާ ދޫ ހުރިހައި ނުބައި ބަސްތަކުން ރައްކާތެރިކޮށް ހިފަހައްޓައެވެ. އޭނާގެ ކަންފަތާއި ބެލުންތައް ރޯދަ ހިފައެވެ. ޙަރާމް ބެލުންތަކާއި ހުއްދަނޫން ތަކެތި އަޑުއެހުމުންވެސް އެގުނަވަންތައް ހިފަހައްޓައެވެ. މިއީ ކޮންފަދަ މަތިވެރި ޢަމަލެއް ކުރާ އިންސާނެއް ހެއްޔެވެ؟ އެއީ ޙަޤީޤީ މާނައިގައި ރޯދަ ހިފާ ރޯދަވެރިޔާއެވެ. އެޙަޤީޤީ ރޯދަވެރިޔާގެ އަޖުރާއި ޘަވާބު ވަނީ ﷲ އަށެވެ. އޭގެ ޖަޒާ ދެއްވާނީވެސް ﷲ އެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: ((قاَلَ اللهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامُ؛ فَإِنَّهُ لِي وَأَنَا أَجْزِي بِهِ، وَالصِّيَامُ جُنَّةٌ، وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفَثُ، وَلاَ يَصْخَبُ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ: إِنِّي امْرُؤٌ صَائِمٌ)) މާނައީ: [ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: ރޯދަ ފިޔަވައި، އާދަމު ދަރިޔާގެ ކޮންމެ ޢަމަލެއް ވަނީ އޭނާއަށެވެ. ފަހެ ހަމަކަށަވަރުން އެރޯދަވަނީ ތިމަން ﷲ އަށެވެ. އަދި އެއަށް ޖަޒާ ދެއްވުން ވަނީ ތިމަން ﷲ އަށެވެ. އަދި ރޯދައަކީ އައްޑަނައެކެވެ. އަދި ތިޔައިންމީހެއްގެ ރޯދައިގެ ދުވަހެއްގައި ފަހެ ފާހިޝް ޢަމަލު ނުކުރާށެވެ. އަދި އަޑުގަދަކޮށް ޒުވާބު ނުކުރާށެވެ. ފަހެ އޭނާއަށް އެއްވެސް މީހަކު އެއްޗެތި ގޮވައިފިނަމަ ނުވަތަ ޖަހައިފިނަމަ ފަހެ އޭނާ ބުނާހުށިކަމެވެ. ހަމަކަށަވަރުން ތިމަންނާއީ ރޯދައަށް ހުރި މީހަކީމެވެ.] ވީމާ އޭނާގެ ހަށިގަނޑުގެ އެތައް ގުނަވަނެއްގެ ޢަމަލަކަށް ރޯދަވެގެންދެއެވެ. ދޫރައްކާތެރިކުރެއެވެ. އޭނާގެ ގައިގައި މީހަކު ޖެހިޔަސް ރުޅި ކޮންޓްރޯލްކޮށް ކެތްތެރިވެ އޭނާގެ އަތް އަނެކާއާ ދެކޮޅަށް ނުއުފުލައެވެ. މިހުރިހާ ކަމެއްގެ ޘަވާބާއި ދަރުމަ ކިހާމަތިވެރިވާނެ ކަން ހިތަށް ގެނެސްގަތުން ހުއްޓެވެ. މިއީ އެމަތިވެރިވެގެންވާ ޘަވާބު ﷲ ދެއްވާނެކަމަށް ވަޢުދުވީ ހަޤީޤީ ރޯދަވެރިޔާއެވެ.

އޭ އަޅަމެން ހައްދަވާ ބޮޑުކުރައްވާ އިލާހުއެވެ! އަޅަމެންނީ މިރޯދަމަހުގެ ބަރަކާތް އޭގެ ފުރިހަމަ ގޮތުގައި ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ، އަދި ރޯދަ އޭގެ ފުރިހަމަ މާނައިގައި ހިފާ ބަޔަކު ކަމުގައި ލައްވާށިއެވެ! އަދި ރޯދައިގެ ފުރިހަމަ ޘަވާބު ލިބޭ މީސްތަކުންގެ ތެރެއިން އަޅަމެން ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *