އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާން (އެސް.އެސް.ސީ) ގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ކޮންމެ އަހަރަކު ބާއްވަމުންގެންދާ ދިވެއްސާއި އިސްލާމްގެ މިއަހަރުގެ ކޭންޕު މިއަދު ފެށިއްޖެއެވެ. އިސްލާމް ކޭންޕު މިއަދު ބޭއްވީ ގްރޭޑް 10ގެ އަންހެން ދަރިވަރުންނަށް ހެނދުނު 8:30 އިން މެންދުރު 12:30 އަށެވެ. ދިވެހި ކޭންޕު މިއަދު އޮތީ ގްރޭޑް 10ގެ ފިރިހެން ދަރިވަރުންނަށް މިއަދު ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. އިސްލާމް ކޭންޕުގައި މާދަމާ އޮންނާނީ ގްރޭޑް 10ގެ ފިރިހެން ދަރިވަރުންނަށެވެ. ދިވެހި ކޭންޕު ބޭއްވޭނީ 10ގެ އަންހެން ދަރިވަރުންނަށެވެ.
އިސްލާމް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ކޭންޕުގެ ސަބަބުން އެންމެ ފަހުވަގުތު މުހިއްމު ހުރިހައި އެއްޗިއްސެއް އެއްތަނެއްގައި ތިބެ މުޠާލިޔާ ކޮށްލުމަކީ ކާމިޔާބު ގޮތެއް ކަމަށާއި މިކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ އިތުރަށް ކިޔަވަން ވަގުތުވެސް ލިބޭކަމަށެވެ. އަދި މޮކް އެގްޒާމްގައި ތަންކޮޅެއް ދަށުން ލިބޭ ދަރިވަރުންވެސް ކޭމްޕުގައި ބައިވެރިވެ، ކޭމްޕުން ލިބޭ ފިލާވަޅުތަކުގެ އެހީގެ އަލީގައި ނަތީޖާއަށް އެދެވޭ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.

ދިވެހި ޑިޕާޓްމަންޓުން ފާހަގަ ކުރާގޮތުގައި، މިކޭންޕު މިއަހަރު ބާއްވަންޖެހޭ އެންމެ މުހިއްމު ސަބަބަކީ، އެސް.އެސް.ސީ އިމްތިހާންގެ ސިލަބަހަށާއި ސުވާލު ކަރުދާހަށް މިއަހަރު ވަރަށް ބޮޑު ބަދަލު ތަކެއް އައިސް ފައިވާތީ، އެ ބަދަލުތައް އެންމެ ފަހު ވަގުތުވެސް ދަރިވަރުންގެ ހަނދާނުގައި ބެހެއްޓުމެވެ. އަދި ސުވާލު ކަރުދާހަށް ޖަވާބު ދިނުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދީ ޢަމަލީ މަސައްކަތް ތަކެއް ކުރުވުމެވެ.

މިއަހަރު ދިވެހި ބަހުގެ ކަރުދާހުގައި އަލަށް ހިމަނާފައިވާ ބައިތަކުގެ ތެރޭގައި އިރުޝާދުދޭ ލިޔުމާއި ރިކައުންޓް(ހަޤީޤީ ރިކައުންޓް/ބައޮގްރަފިކަލް ރިކައުންޓް) ހިމެނެއެވެ. އަދި މަޒުމޫނުގެ ސުވާލު ދެވޭ ވައްތަރާއި ޚުލާޞާގެ ސުވާލުދެވޭ ގޮތަށްވެސް ބޮޑު ބަދަލުތަކެއް އައިސްފައިވެއެވެ.
ކުރީއަހަރުތަކުގައި އިމްތިހާނު ކުރެވުނު ބައިތަކުން އާސިލަބަހާއެކު 3 ސުވާލެއް ވަނީ އުނި ކުރެވިފައެވެ. އެއީ ޅެން ޝަރަހަ / ޖުމްލަ މާނަ ލިޔުމާއި، ރައިވަރުގެ ޖުމްލަ މާނަ ލިޔުމާއި އަދަބުގެ ތަޢާރަފެވެ.

އަހްމަދިއްޔާގެ ގުރޭޑް 10ގެ ސައިންސް ސްޓްރީމްގައި ކިޔަވާ ދަރިވަރުންގެ ސައިންސް މާއްދާތަކަށް ޚާއްޞަކޮށްގެން "ސައިންސް ކޭންޕު"ގެ ނަމުގައި ސައިންސް ލެބޯޓްރީގައި ކުރިއަށް ދާ ކޭމްޕުގައި މިއަދު ބޭއްވީ ކެމިސްޓްރީ މާއްދާގެ ބައިތަކެވެ. މިއަދު މެންދުރުފަހުގެ 1:00 އިން 4:00 އަށް ކޭންޕު ބޭއްވީ ގްރޭޑް 10ގެ އަންހެން ދަރިވަރުންނަށެވެ. މާދަމާވެސް ކެމިސްޓްރީ ކޭންޕު ކުރިއަށްދާނެއެވެ. މާދަމާ އޮންނާނީ، ގްރޭޑް 10ގެ ފިރިހެން ދަރިވަރުންނަށެވެ.