(ބުރާސްފަތި ދުވަހުގެ ނޫހާއިގުޅޭ)
ހަސަނުގެ އެއްބަނޑު އެއްބަފާ ބޭބެ މާލެ ދަތުރުކުރާ ބޯޓެއް ދުއްވަން ފަށަންދެން ވެސް ހަސަނު ހުރީ ޖަމާލުގެ ޚިދުމަތުގައެވެ. އެހެން ނަމަވެސް މަނާލްއަށް އެއިން އެއްވެސް ކަމެއް ނޭނގެނީ އޭނާ އިނގިރޭސިވިލާތާއި ރަޝިޔާގައި އެތައް ދުވަހަކު ކިޔަވަން ހުރުމުންނެވެ. މަނާލް އަދަބުވެރިކަމާ އެކު ހަސަނާއި އޭނާގެ އަންހެނުން ނަޢީމާއާ ސަލާން ކުރިއެވެ. ދުރުގައި ހުރި އާލާއަށް ކުއްލިއަކަށް ޖަމާލުގެ ގާތުގައި ހުރި ފިރިހެން މީހާ ފެނި އާލާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އެ ތަނުން އޭނާގެ ބައްޕަ ފެނިދާނެ ކަމަކަށް އާލާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ. އާލާގެ ބައްޕައަށް ވެސް އާލާ ފެނުނީ ހަމަ އެ ދަނޑިވަޅުގައެވެ. ހަސަނު މަޑުމަޑުން އާލާއާ ދިމާއަށް ހިނގައިގަތެވެ. ބައްޕަގެ ކޮންމެ ފިޔަވަޅަކާ އެކު އާލާގެ ހިތުގެ ހިނގުންދިޔައީ އަވަސްވަމުންނެވެ.
" ހަސަން!"، ނައީމާގެ ބާރު އަޑަށް ހަސަނު ދިޔައީ ސިއްސައިގެންނެވެ. އެ އަޑުގައިވީ ނުރުހުން ހަސަނު ދެނެގަތެވެ. އަދި އެ ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެނބުރި ދިއުންކަން ހަސަނަށް ވިސްނުނެވެ. ޖަމާލްމެން ކަހަލަ ގަދަރުވެރި ބައެއްގެ ކުރިމަތީގައި އިތުރަށް ފަޟީޙަތްވާން ބޭނުން ނުވާތީއާ ވެސް އެކުގައެވެ. މިހާރުވެސް ފަޟީހަތްވެ ލަދުގަންނަން ޖެހިފައިވާ ވަރު ކުޑައީކީ ނޫނެވެ. މީގެއިތުރުން ހަސަނުމެން ދެމަފިރިންގެ ސަބަބުން އެ ޕާޓީއަށް ހީނަރުކަމެއް އަންނަން ބޭނުންނުވުމަކީ ވެސް ހަސަނު އެނބުރިދިއުމުގެ ސަބަބެކެވެ. ހަސަނު ހުއްޓުމުން ނައީމާ ގޮސް ހަސަނުގެ އަތުގައި ވަރަށް ލޯބިން ހިފާލިއެވެ.
"ހިނގާބަލަ ކާން ދާން ދެން. ހާދަ މީރު އެއްޗިއްސޭ އެހެރީ. ބަރގަރ ވެސް އެބަހުރި."، ފެންކަޅިވެފައިވާ އާލާއަށް މަލާމާތުގެ ނަޒަރަކުން ބަލަންހުރެ، ތުއިގޮތަކަށް ނައީމާ ބުނެލިއެވެ.
ނަޢީމާ އަވަސްއަރުވާލާފައި ބަރގާރ ކާންވެގެން އަނގަހުޅުވާލި ތަނާ ގޮނޑިއާ އެކީ ކައްސާލައިގެން ވެއްޓުނެވެ.
" އަޅޭ މަގޭ ބާގާރ " ވެއްޓި ޖެހުމަށްވުރެ އޭނާ ކަންބޮޑުވީ ބަރގަރ ވެއްޓުނީމައެވެ. ނައީމާ ވަރަށް ހާލުން ތެދުވެ ވެއްޓިފައިވާ ބާގާރ ނަގައި ވެލިފޮޅައިގެން ކާންފެށިއެވެ. އެންމެންގެ ނަޒަރު ނައީމާއަށް ހުއްޓިފައިވިޔަސް އޭނާއަށް ކަހިރުވަކެކޭ ވެސް ހީނުވެއެވެ. ލަދުގަންނަން ޖެހުނީ ހަސަނެވެ. ޕާޓީގައި ތިބި ބައެއް މީހުން ހޭންފެށުމުން ވެސް ނައީމާ ވަކި ލަދުގަތް ހެނެއް ހީއެއްނުވެއެވެ.
"ލަދު ގަންނާނީ ލަދެއް ހަޔާތެއް ހުރި ނަމަތާ"، ހަސަނު ހިތަށް އެރިއެވެ. ލަދުން ބިންފަޅާފައި އަޑިއަށްދާނޭ ނަމައޭ އޭނާގެ ހިތަށްއެރިއެވެ.
ޕާޓީ ނިމެންދެން ނައީމާ އުޅުނީ ހަސަނުގެ އަތުގައި ހިފަހައްޓައިގެންނެވެ. ހީވަނީ ދުވަހަކު ވެސް އެ އަތުން ދޫކޮށްނުލާން ނަދުރު ބުނެގެން ހުރި ހެންނެވެ. އެވަރުން ނުވެގެން އިރުއިރުކޮޅާ މަލާމާތުގެ ބެލުންތަކުން އާލާ އިތުރަށް ދެރަކޮށްލައެވެ.
"ޕޮއް!"، އަލާ ސިއްސައިގެން ދިޔައީ ރަނާގެ އަޑަށެވެ. ރަނާގެ ހިނިތުންވުން ފެނި އާލާގެ މާޔޫސްކަން ފިލައިގެންދިޔައެވެ.
"ހިނގާބަ އެހެރަ މޭޒަށް"، ކަނެއްގައި ހުރި މޭޒެއް ދައްކާލަމުން ރަނާ ބުންޏެވެ.
އާލާ ވެސް ހުރީ އޭނަގެ ބައްޕައާ ބެހޭ ގޮތުން ސުވާލުކުރަން ކެތްމަދުވެފައެވެ. އެހެން ނަމަވެސް ބައްޕަގެ ވާހަކަ އަހައިގެން އެހާ އުފާވެރި މާހައުލެއް ޚަރާބުކުރާކަށް ރަނާ ބޭނުމެއްނުވިއެވެ. ރަނާއަށް ލިބޭ ކޮންމެ އުފަލަކާއި ހިތާމައަކީ އާލާ ދެކޭ ގޮތުގައި އޭނާއަށް ވެސް ލިބޭ އުފަލަކާއި ހިތާމައެކެވެ. އޭނާ އެހާ ވެސް ރަނާ ދެކެ މިހާރު ލޯބިވެއެވެ. ރަނާ ވެސް ހަމަ އެފަދައެވެ. ރަނާ ދެކޭ ގޮތުގައި އާލާ އަކީ އޭނަގެ އެއްބަނޑުއެއްބަފާ ދައްތައެވެ.
"ސަޕްރައިޒް!!"، ރަނާ އެ މޭޒުގައި އިށީނދެ އާލާގެ އަތުގެ ތެރެއަށް ކުޑަ ޕާރުސަލެއްލިއެވެ.
"ވާއު!، ހާދަ ރީތި ރަން ކެވެލިކޮޅެކޭ؟"، ޕާރުސަލް ކަނޑާލުމަށް ފަހު، އާލާއަށް ބޭ އިޚްތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. އެ އަޑު މާ ދުރުގައި ހުރި މަނާލްގެ ކަންފަތާ ހަމައަށް ވެސް ފޯރައިފިއެވެ. އާލާއަށް އެ ކެވެލިކޮޅު ރީތިވުމުން މަނާލް ހުރީ ވަރަށް އުފާވެފައެވެ.
ރަނާ އޭނާގެ އަތުގައި އަޅާފައި އޮތް ހަމަ އޭގެ ކެވެލިކޮޅު ރަނާއަށް ދައްކާލީ ވަރަށް އުފާވެފައި ހުރެއެވެ. "މީ ދޮންބެ ދެ ކުދިންނަށް ދިން ހަދިޔާ"، ރަނާ ބުންޏެވެ.
ލައިލާ އާއި ނާއިލްގެ ގުޅުން ދުވަހެއް ދުވަހަކަށް ކުރިލައި ހެދެމުން ދިޔައެވެ. ނާއިލް ލައިލާއަށް ލޯބި ހުށައެޅީ ލައިލާ އާއި އެކު ޕާޓީކުރަން ހުރެފައެވެ. ކޮންމެ ރެއަކުހެން ގުރޫޕު އެއްކޮށްގެން ޕާޓީކުރުމަކީ މިހާރު ނާއިލްމެންގެ އާދައެކެވެ. ނާއިލް މިހާރު ލާރިއާމެދު ވެސް އެއްވެސް ވަރަކަށް ހާސްވާކަށް ނުޖެހެއެވެ. ނާއިލް ބުނި ވަރަކަށް ބުނި ކޮންމެ ވަގުތަކު ލައިލާ އަތުން ލާރި ލިބެއެވެ. ލައިލާ ހުރީ ނާއިލަށް ޓަކައި ފިދާވާން ވެސް ތައްޔާރަށެވެ. ލައިލާ އަށް ހީވަނީ މުޅިން އާ ހަޔާތެއް ފެށިގެން އުޅެވޭހެންނެވެ. ދުނިޔޭގައިވާ އެންމެ އުފާވެރި މީހަކީ އޭނައޭ ހީވާ ކަހަލައެވެ. ނާއިލްއާ ނުލައި އެންމެ ސިކުންތެއް ވެސް ހޭދަކުރާކަށް ލައިލާ މިހާރަކު ބޭނުމެއް ނުވެއެވެ. ލައިލާ މިހާރު ބޭނުންވަނީ އަބަދުގެ އަބަދަށް ނާއިލްގެ މީހެއްގެ ގޮތުގައި ހުންނާށެވެ. ނާއިލްއަށް ޓަކައި މުޅި ދުނިޔެއާ ދެކޮޅުވާން ޖެހުނަސް އޭނާ އެކަން ކުރާނެއެވެ.
ނާއިލް އާއި ލައިލާ ޕާޓީ ނިމިގެން ދުއްވާލަން ދިޔައެވެ. ކޮޅުފުށީގެ އެންމެ ހިތްފަސޭހަ މަގުން ދުއްވަމުން ދިޔައިރު ލައިލާ އިނީ ނާއިލްގެ ގައިގައި ތަތްވެގަނެގެންނެވެ. ބަލާ މީހުނަށް ހީވާނީ އެއީ އެކަކު ހެންނެވެ. ދުނިޔޭގެ އެއްވެސް ބާރަކަށް އެ ދެ މީހުން ވަކި ކުރުމަކީ ވާނެ ކަމެއް ނޫނޭ ބުނާކަހަލައެވެ.
ނަޢީމާ ފިހާރައަކުން ނިކުތީ ވަރަށް އަވަސްކޮށްލައިގެން ގެއާދިމާއަށް ދިއުމަށް ޓަކައެވެ. ނަމަވެސް އަޅަމުން ދިޔަ ފިޔަވަޅު ހުއްޓަން މަޖުބޫރުވީ ކުރިމަތިން ދިޔަ ސައިކަލުގައި ތިބި ނާއިލް އާއި ލައިލާ ފެނިފައެވެ. ލައިލާ އާއި ނާއިލްގެ ގުޅުމަކީ ރަނގަޅު ގުޅުމެއް ނޫންކަން ވެސް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭހާވެއެވެ. ލައިލާ ގާތު ކުރަން ބުނި ކަންކަން ދިގުލައިގެން ދާތީ އާއި ލައިލާ އަށް ގުޅުމުން ފޯނު ނުނަގަނީ ކީއްވެކަން ވެސް މިރޭ ނައީމާއަށް އެނގި ހާމަވެއްޖެއެވެ. ނައީމާ ވަރަށް ވިސްނުމަށް ފަހު ނިންމީ ސީދާ ލައިލާ ކުރިމައްޗަށް ދާށެވެ. އެނޫން ގޮތަކަށް ނޫނީ މި މައުޟޫއަށް ވާހަކަ ނުދެއްކޭނެކަން ޔަގީންވާތީއެވެ. ނައީމާ ގައިގައި ހުރި ބާރެއްލާފައި ދިޔައީ ގެއާދިމާ އަށް ދާށެވެ.
މަނާލް އަށް މިހާރު އާލާ ފެންނަ ހިސާބުގައި ނޫނީ ހުރެވޭކަމަކަށް ނުވެއެވެ. ކާއެތިކޮޅު ވެސް ދިރުވާލެވެނީ އާލާ ފެންނަ ހިސާބުގައި ހުންނަ ނަމައެވެ. މަނާލްގެ ބެލުންތަކުން އާލާ ހުންނަނީ ލަދުގަނެ ޖެހިލުން ވެފައެވެ. އާލާ ބަލަނީ ވީހާ ވެސް މަނާލްއާ ދުރުން އުޅެވޭތޯއެވެ. ނާއިލްގެ ބެލުންތަކުން އާލާ އަށް ވެސް އެހެން މާނައެއް ނެގެން ފެށިއެވެ. ނަމަވެސް އާލާ އެކަހަލަ ނަޒަރަކުން މަނާލް އަށް ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އާލާގެ ޒަމީރު އެއް ބަހެއް ނުވިއެވެ. ހިތް ބުނަނީ އެ ބެލުންތަކުގެ ގައިދީއަކަށް ވެގެން މަނާލްގެ އުނގުތެރެއަށް ދާށެވެ. އެހެނަސް އޭނާގެ ސިކުނޑި އެ ކަމަކާ އެއްބަހެއްނުވެއެވެ. އާލާ ވިސްނާ ގޮތުގައި އާލާ ބަލަން ޖެހޭނީ އެއީ އާލާގެ ވެސް ދޮންބެއެއްގެ ގޮތަށެވެ.
އާލާ ވަރަށް ފުން ވިސްނުމެއްގައި ކޮޓަރީގެ ލޯގަނޑު ކުރިމަތީ ހުއްޓާ ދޮރުގައި މިހަކު ޓަކިޖެހި އަޑުއިވުމުން ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ދުވަހަކުވެސް ފެންނާނެ ކަމަށް ގަބޫލުވެސް ކުރެވިފައި ނުވާ އޭނާގެ ލޯބިވާ ބައްޕައެވެ. ޖަމާލްއާ ހުރިހާ ވާހަކައެއް ހިއްސާ ކުރުމަށް ފަހު، ހަސަނު މިއަދު އެ އައީ އަމިއްލަ ދަރިފުޅަށް ބައްޕައެއްގެ ފުށުން ބޭނުންވާ ހިމާޔަތްދޭން އަމިއްލަ ނަފުސަށް ވަޢުދުވެގެންނެވެ. އާލާ ހުރީ ބުނާނެ އެއްޗެއް ނޭނގި ތަންމިނަށް އަނގަ ހުޅުވިފައެވެ. ވާނީ ވެސް އެހެންތާ އެވެ. މިއަދު އެ ބައްޕަ އަށް ވިސްނިގެން އާލާ ބަލައި އައިކަމުގައި ވިޔަސް އާލާ ބައްޕަގެ ގެއަށް ދާކަށް އެއް ގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. މިއަދު މި ރީތި ގަނޑުވަރުން އާލާއަށް އިންތިހާއަށް ލޯބިލިބެއެވެ. ރައްކާތެރިކަމާއި ހިމާޔަތް ލިބެއެވެ.
ހަސަން ވަރަށް ހިތްވަރުކޮށްފައި ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެކަމަކު ބަހެއް ނުބުނެވި، މާޔޫސްކަން މަތީ އާލާއާ ދިމާއަށް ބަލަން ހުރީ ކުށްވެރިއެއް ފަދައިންނެވެ. ދޭން ބޭނުން ކޮންމެ އަދަބެއް ވެސް އެ ބައްޕަ އަށް ދޭށޭ ބުނާ ކަހަލައެވެ. އާލާއަށް އެ ބައްޕަގެ ހިތާމަވެރި މޫނު ފެނުމުން އާލާ ވެސް ދެރަވިއެވެ. ހަސަނު އައި ދިމާ އަށް ހިނގައި ގަތީ ދެން އެންމެ ހިނދުކޮޅަކު ވެސް އެތާ ހުރެއްޖެނަމަ މާބޮޑަށް ހިތްބަލިވެ، ރޮވިދާނެހެން ހީވުމުންނެވެ.
" ބައްޕާ! " އާލާ ގޮވާލި އަޑާ އެކު ހަސަން އެނބުރި ބަލާލީ ކަރުނައިން ފޯވެފައި ހުރެގެންނެވެ. ނަމަވެސް މިފަހަރު އެ ދެ ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. އާލާ އަމިއްލަ ބައްޕައަށް ބަލަން ހުރީ ބައްޕައަށް މާފުކޮށްފީމޭ ބުނާފަދައިންނެވެ. އެކަމަކު އާލާ އެ ގެއިން ދާކަށް ބޭނުމެއްނޫނެވެ. އެ ގެއިން އާލާ ބޭނުން ހުރިހާކަމެއް އެންމެ ފުރިހަމައަށް ލިބެއެވެ. ހަސީނާ އާއި ޖަމާލް ވެސް އާލާ ދެކެނީ ހަމަ އަމިއްލަ ދަރިއެއްހެންނެވެ. އެކަން ހަސަނަށް ވެސް ވަރަށް ރަނގަޅަށް އެގެއެވެ.
" ބައްޕަ ބޭނުން ދަރިފުޅު ބައްޕަ ގާތުގައި ބަހައްޓަން! އެކަމަކު ބައްޕަ އަދި ވަގުތު ބޭނުންވޭ!" ހަސަން މިހެން ބުނެލީ ސީދާ އާލާގެ މޫނަށް ބަލަން ހުރެއެވެ. އާލާ އެ ގެ ތިމަންނަ އަށް ރަނގަޅޭ ބުނެލީ އެގެ އަށް ދާން ހިތްނޭދޭތީ އެވެ. އާލާގެ ސަބަބުން ދޮންމަންމަ އަދި ބައްޕަ އާ ދެމެދު މައްސަލަ ޖެހޭކަށް އާލާ ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ބައްޕަ ކިތަންމެ އާލާ އެ ގެއަށް ގެންދަން ބޭނުން ވިޔަސް ދޮން ނިޔަދުރެއް ފަދަ އެ ދޮންމަންމަގެ އުނދަގޫ އާލާއަށް ނުޖެހޭނެ ގޮތެއް އެއީ ނެތް ގޮތެކެވެ.
މި ވާހަކަތައް އަޑުއަހަން އެ ކޮޓަރީގެ ދޮރުމަތީގައި ހުރި މަނާލްގެ ހިތުގައި ރިއްސާލީ އާލާ އެ ގެ ދޫކޮށް ހިގައިދާނެތީއެވެ. އާލާ ދެކެ މަނާލް އެ ވަނީ ހަގީގީ ލޯބިކަން މަނާލްއަށް ޔަގީންވިއެވެ. އެހެން ނޫން ނަމަ އާލާ އެ ގެ ދޫކޮށްފައި ހިގައިދާނެތީ އޭނާ އެހައި ދެރައެއް ނުވީހެވެ. އާލާގެ ހިތުގައިވާ އެއްޗެއް ނޭނގެނީސް ދެން އޭނާއަކަށް ލޮލުފިޔައެއް ނުޖެހޭނެއެވެ. އެކަހަލަ ވިސްނުންތަކަކުން މަނާލް ހާސްކުރުވަމުން ދިޔައެވެ. ކުއްލިއަކަށް ވަރަށް ގާތުން ރަނާ ގޮވާލިއަޑުއިވުނެވެ. ސިއްސައިގެން ގޮސް އޭނާ ރަނާއަށް ބަލާލިއެވެ.
" ދޮންބޭ! ދޮންބެ ހާދަ ވިސްނުމެއް ތި ވިސްނަނީ ދޮންބެގެ ގާލްފުރެންޑާ ޖެހިފަ… ހެހެހެހެ" އަބަދުވެސް ދިމާކުރާ މޫޑެއްގައި ހުންނަ ރަނާ ދޮންބެއާ ދިމާކޮށްލީ ދޮންބެ ހެއްވާލުމުގެ ނިޔަތުގައެވެ. ނަމަވެސް މިފަހަރު އެކަން ނާކާމިޔާބު ވީ ކީއްވެކަން ރަނާ އަކަށް ނޭނގުނެވެ. ދޮންބެ ގޮސް ދޮންބެގެ ކޮޓަރިއަށް ވަނީ ރަނާއާ އަނގައިން ވެސް ނުބުނެއެވެ.
"ދޮންބެގެ ގާލްފުރެންޑާ މައަސަލައެއް ޖެހުނީބާ އަނެއްކާ؟"،ރަނާ ހިތާހިތުން ސުވާލުކޮށްލިއެވެ.
އެ ވިސްނުމުގައި ހުރެ ރަނާ ވަނީ އާލާގެ ކޮޓަރިއަށެވެ. އާލާ ހުރީ ވަރަށް އުފާވެފައިކަން ރަނާ އަށް ފާހަގަކުރެވުނެވެ. ރަނާ އެހާ އުފާވެފައި ހުއްޓާ އަދި ދުވަހަކު ވެސް އާލާއެއް ނުދެކެއެވެ. ރަނާ ކިހިނެއް ވީހޭ ވެސް އަހާކަށް ނުޖެހުނެވެ. އާލާގެ ބައްޕަ އައިސް މާފަށް އެދުނު ވާހަކަ ބުނިއިރު އާލާ ހުރީ އުފަލުން ފޮޅިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މަންމަ މަރުވުމުން ބައްޕައެއްގެ ލޯބި އޭގެ އިންތިހާއަށް ލިބޭނޭ ކަމަށް އުންމީދު ކުރި ނަމަވެސް ދޮންދުނބުރިއެއް ފަދަ ދޮންމަންމައެއްގެ ސަބަބުން، އެ ލޯބި އަތުން ބީވެގެން ދިޔައީއެވެ. ނަމަވެސް މިއަދު އަނެއްކާ އެ ލޯބި ވެސް އާލާއަށް އެ ލިބުނީއެވެ.
ރަނާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އަދި އަބަދުވެސް އާލާ އުފަލުގައި ލެހެއްޓެވުން އެދި ދުއާ ދެނެންނެވިއެވެ.
"ބައްޕަ އައީ ބަލާތަ؟"، ދެ ކުދިން އެކުގައި ކޮޓަރިން ނިކުމެގެން ދަމުން ކުއްލިއަކަށް އެއްޗެއް ވިސްނިގެން އަހާ ކަހަލަ ގޮތަކަށް ރަނާ އެހިއެވެ.
"ބައްޕަ……….."، އާލާއަށް ހުއްޓުން އެރީ ދާދި ކައިރީގައި ފެންކަޅިވެފައި ހުރި މަނާލް ފެނުމުންނެވެ.
(ނުނިމޭ)