(19 އެޕްރީލް 2021 ނޫހާއިގުޅޭ)
3. ކަންނެތްކަމަކީ ނާކާމިޔާބީގެ އަސްލެވެ.
ހަރަކާތްތެރި މުރާލި ދިރިއުޅުމެއް އުޅެން އާދަކުރާށެވެ. މަސައްކަތެއް ނެތި ވަގުތުބޭކާރު ކުރުމަކީ ނަފްސަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. ކަންނެތްކަމުން ދުރުހެލިވާށެވެ. ގޭތެރޭގެ ކަންކަން ކުރުމުގައި އަވަދިނެތި އުޅުމުން ވަރަށް ބޮޑެތި ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އެގޮތުން ގޭތެރެ ސާފުކޮށް ތަރުތީބުކުރުން، އަމިއްލަ ލައިބްރަރީއެއް ހަދާ ބެލެހެއްޓުން، ގަސްއިންދާ ހެއްދުން، މަސްފަދަ ތަކެތި ގެންގުޅުން ހިމެނެއެވެ. އޭގެ އިތުރުން ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ރަނގަޅުފޮތްތައް ކިޔުމާއި، ދަރުސްތައް އަޑުއެހުމާއި، ޤުރުއާން ތަރުޖަމާ އަޑުއެހުމާއި، އަވައްޓެރިންގެ ގޭގެއަށް ޒިޔާރަތް ކުރުމާއި، ރަހުމަތްތެރިންނަށް ހެޔޮނަސޭހަތް ދިނުމުން ތިބާ ﷲ އާއިމެދު އޮންނަ ގުޅުން ވަރުގަދަ ވެގެންދާނެއެވެ. ޚާއްޞަ ސަމާލުކަމެއް ދޭންވީ ހުސްވަގުތު ލިބުމުން ގާތްކުރެވެނީ ޝައިތާނާގެ ވަސްވާސްތަކާއި، ހިތްހަމަނުޖެހުމާއި، މާޔޫސްވުމާއި ކަންބޮޑުވުން ތަކުން ދުރުވުމަށެވެ. މި ހުރިހައި ކަމަކުން ސަލާމަތްވާނީ އަވަދިނެތި އުޅެން އާދަކުރުމުންނެވެ. އެގޮތުން ގިނަކަންތައްތަކެއް ކުރަން ތާވަލެއް ހަދައި ކަންކަން ރާވާލައިގެން މަސައްކަތް ކުރަން ފަށާށެވެ.
އަމިއްލަ ނަފުސުދެކެ ލޯބިވެ އަޅާލާށެވެ. ހެދުން އަޅާ ފުރިހަމަކަމާއި ގައިން މީރުވަސްދުވާގޮތަށް ހުރުމަކީ ނަފްސާނީ ގޮތުންވެސް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. މިއާއެކު ގޭތެރެ ވެސް މީރުވަސްދުވާގޮތަށް އަދި ސާފުކޮށް ބަހައްޓާށެވެ. ދަރިންނާއި ފިރިންނާއި ރަހުމަތްތެރިންނަށް މަރުޙަބާ ކިޔުމުން ލިބޭ ހިތްހަމަޖެހުމަކީ ވަރަށް އުފާވެރިކަންލިބޭ އަދި އެ އުފާވެރިކަން ދެމިހުންނަ ހިތްހަމަޖެހުމެކެވެ.
ވަރަށްބޮޑަށް ސަމާލުވާންޖެހޭ ކަމަކީ ފާފަކުރުމުން ލިބޭ ނުތަނަވަސްކަމުން ދުރުވުމެވެ. ވަރަށްގިނައިން އަންހެނުންތެރޭގައި ކުރެވޭ ފާފަތަކުގެ ތެރޭގައި ހަރާން ބެލުންތަކާއި، މަހުރަމަކާއި ނުލައި ހިލޭ ފިރިހެނުންނާއި އެކަހެރިވުމާއި، ކުރެވޭ ހައްޤުނޫން ތުހުމަތުތަކާއި އަދި ދެބައޮޑުވުން ހިމެނެއެވެ.
ސިކުނޑިއަށް އުނދަގޫކުރާ ޙާލަތެއް އަތުވެއްޖެނަމަ ނުވަތަ ތިމާއަށް ހުސްކަމެއް ނުވަތަ ފަޅުކަމެއް އަންނަހެން ހީވާކަން ފާހަގަ ކުރެވިއްޖެނަމަ ﷲއަށް ޛިކުރުކުރާށެވެ. އެގޮތުން ކުރެވިދާނެ ވަރަށްގިނަ ޛިކުރުތައް ވެއެވެ. އޭގެ މާނަ އެނގޭފަދަ ފޮތްތަކުން ޛިކުރުތައް ބަލައިގެން ދަސްކުރާށެވެ.
4. މިލިއަން އަންހެނުންނަށްވުރެވެސް ތިބާއަކީ ނަޞީބުގަދަ އަންހެނެކެވެ.
މުޅިދުނިޔެއަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދަނީ ދަތިޙާލުގައި އުޅެމުންދާ މީހުންނެވެ. ހަސްފަތާލުތައް ފުރިފައިވަނީ ބަލިމީހުނާއި ސިކުނޑީގެ ބަލިޖެހިފައިވާ އަންހެނުންތަކުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ އިނގިލި ހަފަމުންގޮސް ލޭ މަނާ ނުވާމީހުންނެވެ. އަނެއް ބަޔަކީ އެމީހުން ބޮޑުކަމުދާ ނަޖިސްވެސް ކާމީހުންނެވެ. ޖަލުގެ އެތެރޭގައި ވަނީ އަހަރުތަކެއްވެފައިވާ އެތައް ހާސް ގައިދީންނެވެ. އެމީހުންގެ ދިރިއުޅުމުގެ މިނިވަންކަމާއި ލައްޒަތުވަނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުވެފައެވެ. މުސްކުޅިން ބަލަހައްޓާ ތަންތަނާއި ހުވަފަތް އަންހެނުން ބަލަހައްޓާ ތަންތަނުން ފެންނަނީ އަޅައިލާނެ ޔާރެއް އިޔާރެއް ނެތް މޮޔަވެފައި ތިބޭ މީހުންނެވެ. ރެފިއުޖީ ކޭމްޕުތަކުންނާއި މީހުންނަށް އެހީދޭ ތަންނަނުން ފެންނަނީ ފަޤީރުންނެވެ. އެތަނަށް ދެވުމުގެ ފުރުޞަތު ނެތްފަޤީރުން ވަނީ ބަނޑުހައި ހޫނުކަމުގެ ސަބަބުން ހިނގާބިނގާވެ އުޅެން ދަތިވެފައެވެ. ކިތައް އަންހެނުން އެމީހުންގެ ދިރިއުޅުން ކަމުގައިވާ ލޯބިލޯބި ދަރީން އެކްސިޑެންޓް ތަކުގައި މަރުވިހެއްޔެވެ؟ ކިތައް އަންހެނުންނަށް ދަރީން ނުލިބޭހެއްޔެވެ؟ ކިތައް އަންހެނުން އެމީހުންގެ އިވުމުގެ ހިއްސާއި ފެނުމުގެ ހިއްސުން މަޙުރޫމް ނުވޭ ހެއްޔެވެ؟ ކިތައްމީހުން އެމީހުންގެ ފަޔާއި އަތާއި އެނޫންވެސް ގުނަވަންތައް ކެންސަރާއި އެނޫންވެސް ބަލިތަކުގައި ބުރިކޮށްފައި ވޭހެއްޔެވެ؟
އެކަމަކު ތިބާގެ ހުރިހައި ޙިއްސުތަކެއް ހަމައެވެ. ގުނަވަންތައް ހަމައެވެ. ފުދިގެންވާ ދިރިއުޅުމަކާއި ރައްކާތެރިކަން ލިބިގެންވާ މާޙައުލެއް ލިބިފައިވެއެވެ. އެހެންކަމުން ﷲއަށް ޙަމްދުކުރާށެވެ. އޯގާވަންތަ ރަސްކަލާނގެ ރަޙުމަތްފުޅާއެކު އެކަލާނގެ ރުހިވޮޑިގެން ނުވާކަންތައްތަކުގައި ވަގުތު ބޭކާރު ނުކުރާށެވެ. ޓީވީތަކުގެ ކުރިމަތީގައި ތިބެގެން އަގެއްނެތް އަސްލެއްނެތް ހުވަފެންތަކެއް ދައްކަމުންދާ މަންޒަރުން، ތިބާގެހިތްނުތަނަވަސްވުން އިތުރުވުން ފިޔަވައި އެހެންކަމެއް ނުދޭނެއެވެ. ހަށިގަނޑަށް ކަންނެތްކަމާއި ޑިޕްރެޝަން އިތުރުވުން ނޫންކަމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ދަރުސްތަކާއި ނަޞޭޙަތްތަކާއި ޚަބަރާއި ޞިއްޙަތާ ބެހޭ މަޢުލޫމާތާއި ހުނަރުތައް ތަރައްޤީކޮށްދޭކަހަލަ ޕްރޮގްރާމްތައް ބަލާށެވެ. ފާޙިޝް ޢަމަލުތަކާއި ދީނާ ނުގުޅޭ ޑްރާމާތަކާއި ލަވަތައް ބެލުން ހުއްޓައިލާށެވެ.
ﷲ ފިޔަވައި ގާޒީއަކު ނެތް ކޯޓެއްގައި ތިބާގެ ޢަމަލުތަކަށް ޙުކުމް ކުރުމުގެ ކުރީން ފާފަތައްކުރުމާއި ފާފަތަކާއި ގާތްކުރާ ޢަމަލުތަކުން ދުރުހެލިވެ ރައްކައުތެރިވާށެވެ.
5. ސުވަރުގެއިން ތިބާއަށްޓަކައި ޖާގައެއް ހޯދާށެވެ.
ރަނގަޅަށް ބަލައިލާށެވެ. ޖީލަކަށް ފަހު ޖީލެއް ނެތެމުންގޮސް ކިތައް ޖީލު ފަހަނައަޅައި ހިނގައްޖެ ހެއްޔެވެ؟ އެއީ އަހަރެމެންގެ ލޮލުގެ ކުރިމަތީގައިވެސް އުޅުނު ބައެކެވެ. އަނެއްބައެއްގެ ވާހަކަ އަހަރެމެން ދައްކަމެވެ. މިހާރު އެ މީހުން ކޮބައިހެއްޔެވެ؟ އެމީހުން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އެމީހުންގެ ވާހަކަ މިހާރު ދެކެވޭހެއްޔެވެ؟ އެމީހުން ދިޔައީ އެ މީހުންގެ ގެދޮރާއި މުދައު ހިފައިގެންހެއްޔެވެ؟ އެމީހުން ވަޅުލެވުނީ އެމީހުން އަޅައިގެން ތިބި ރަނާއި ރިހީގެ ގަހަނާ ތަކާއެކު ހެއްޔެވެ؟ އެމީހުންގެ މަތިންދާބޯޓުތަކާއި ކާރުތައް އެ މީހުން ނިޔައުވިފަހުން ފައިދާއެއް ކޮށްދިން ހެއްޔެވެ؟ ނޫނެކެވެ. ހަމައެކަނި ހުދުކަފުނެއްގައި ކަށްވަޅުގައި ވާހިނދު ތިބާޔަށް ކުރެވޭނެ ތިން ސުވާލަށް ތައްޔާރުވާށެވެ. އެއީ ތިބާގެ ކަލަކީ ކޮބައިކަމާއި ތިބާ ކިޔަމަންވީ ރަސޫލަކީ ކޮބައިކަމާއި އަދި ތިބާ ޤަބޫލުކުރި ދީނަކީ ކޮބައިކަމެވެ. އެހެންކަމުން އެދުވަހަށް ތައްޔާރުވާށެވެ. ދުނިޔަވީ އެދުންތަކާއި ހެދި އުޅެވުނުގޮތަކުން އުންމީދުގެއްލި މަޔޫސްވާންޖެހޭ ދުވަހަކަށް އެދުވަސް ނުވާށެވެ. ކުރިހެޔޮކަމަކުން މެނުވީ ސަލާމަތެއް ނެތްދުވަހަށް ބިރުވެތި ވާށެވެ. މާތްﷲ ކީރިތި ޤުރުއާންގެ ނަޙްލު ސޫރަތުގެ ނުވަދިހަ ހަތްވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
﴿ مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴾ "މުއުމިނަކު ކަމުގައިވާ ޙާލު ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙް ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."
(ނުނިމޭ)
އެޑިޓަރުގެ ނޯޓު:
މިލިޔުމަކީ، ޑރ. ޢައިދް އަލް ޤަރްނީ ލިޔުއްވާފައިވާ " ޔޫ ކޭންބީ ދަ ހެޕިއެސްޓް ވުމެން އިން ދަ ވޯލްޑް" މިފޮތުގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
ޔަޝްފާ ޢަބްދުލްޣަނީ އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2013 އަދި 2014 ވަނަ އަހަރު ގްރޭޑް 9 އަދި 10 އަށް ފިޝަރީޒް ސައިންސާއި މެރިންސައިންސް ކިޔަވައިދެއްވި މުދައްރިސެކެވެ.
3 Responses
ވަރަށް ބޭނުންތެރި ވަރަށް އަގުހުރި ލިޔުން ކޮޅެކެވެ. ކޮންމެ އަންހެން ކުއްޖަކަށްވެސް ބޭނުން ހިފޭނެ މަޢުލޫމާތު ތަކެކެވެ.
އެންމެ އުފާވެރި އަންހެނަކަށް ވެވޭނެގޮތުގެ ވަރަށް ބޭނުންތެރި މަޢުލޫމާތު ތަކެއް. އަބަދުވެސްދެންހުރި ބައިތަކަށް އިންތިޒާރު ކުރެވޭ. ވަރަށް ފުރިހަމަ..
ޢިބްރަތްތެރި ވާހަކަކޮޅެއް. ވަަރަށް ޝައުގުވެރި. މޮޅު ލިޔުމެއް