ވާހަކަ: އާލާ (ފަހުބައި)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އެ ވިސްނުމުގައި ހުރެ ރަނާ ވަނީ އާލާގެ ކޮޓަރިއަށެވެ. އާލާ ހުރީ ވަރަށް އުފާވެފައިކަން ރަނާ އަށް ދެނެގަނެވުނެވެ. މިހާ އުފާވެފައި ހުއްޓާ އަދި ދުވަހަކު ވެސް ރަނާ އާލާ އެއް ނުދެކެއެވެ. ރަނާ ކިހިނެއް ވިހޭވެސް އަހާކަށް ނުޖެހުނެވެ. އާލާގެ ބައްޕަ އައިސް މާފަށް އެދުނު ވާހަކަ ބުނިއިރު އާލާ ހުރީ އުފަލުން ފޮޅިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ މަންމަ މަރުވުމުން ބައްޕައެއްގެ ލޯބި އުންމީދު ކުރި ނަމަވެސް އަތުން ބީވެގެން ދިޔައީއެވެ. ނަމަވެސް މިއަދު އަނެއްކާ އެ ލޯބިވެސް އާލާ އަށް މި ލިބުނީއެވެ.

ރަނާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އަދި އަބަދުވެސް އާލާ އުފަލުގައި ބެހެއްޓެވުމަށް އެފަރާތުގައި ދެންނެވިއެވެ.

"ބައްޕަ އައީ ބަލާތަ؟" ދެ ކުދިން އެކުގައި ކޮޓަރިން ނިކުމެގެން ދަމުން ކުއްލިއަކަށް އެއްޗެއް ވިސްނިގެން އަހާ ކަހަލަ ގޮތަކަށް ރަނާ އެހިއެވެ.

"ބައްޕަ……….." އާލާއަށް ހުއްޓުން އެރީ ދާދި ކައިރީގައި ފެންކަޅިވެފައި ހުރި މަނާލް ފެނުމުންނެވެ.

ދުވަހަކުވެސް މަނާލްގެ މޫނުމަތިން އެފަދަ ކަމެއް ނުދެކޭތީވެ ދެ މީހުން ވެސް ތިބީ ވާނުވާ ނޭނގިފައެވެ. ރަނާއަކަށް ވެސް ދޮންބެއާ ވާހަކަ ދައްކާކަށް ނުކެރުނެވެ. ޖެހިފައި ތިބި ބުދުތަކެއްހެން މަނާލް އަށް ބަލަން ތިއްބާ ސަކީނާ ކާން އަންނަން ގޮވާލި އަޑަށް ސިއްސައިގެން ދިޔައެވެ. މަނާލް އަށް ސަކީނާގެ އަޑު އިވުނު ހެނެއް ހިއެއްނުވެއެވެ. އެނބުރި ކޮޓަރިއަށް ގޮސް ވަނެވެ. ރަނާ އާއި އާލާ އެކަކު އަނެކެއްގެ މޫނަށް ބަލާލީ ކިހިނެއްވީހޭ އަހާލާ ފަދައިންނެވެ. ދެ ކުދިން އެކީގައި ގޮސް ކާގެއަށް ވަދެ ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. ސަކީނާ އައިސް ބަދިގެއަށް ވަނީ ދެ ކުދިން ކައިނިމިގެން ތަށިދޮންނަން ތިއްބައެވެ. ސަކީނާ ރަނާ ގާތުގައި ދޮންބެ އަށް ކާން ގޮވުމަށް ބުންޏެވެ. ޖެހިލުންވެ ހުރެފައި ވެސް ރަނާ ދޮންބެގެ ކޮޓަރިއަށް ދިޔައެވެ. ދޮރުގައި ޓަކިޖެހުމަށް ފަހު އެތެރެއަށް ވަދެ ބަލާލިއެވެ. ކޮޓަރި ތެރޭގައި ހުރި ކުޑަ ދޮރުކައިރިގައި މަނާލް ފުން ވިސްނުމެއްގައި ހުއްޓެވެ. ރަނާ ދޮންބެ އަށް ގޮވާލީ ޖެހިލުންވެހުރެއެވެ. މަނާލް ރަނާ އަށް ބަލާލީ ކިހިނެއްވީހޭ އަހާކަހަލަ ގޮތަކަށެވެ. މަންމަ ބުނެގެން ކާން ބަލައިކަމަށް ބުނުމުން މަނާލް ކާހިތެއް ނެތޭ ބުނެލީ ގަޔާނުވާކަހަލަ ގޮތަކަށެވެ. ރަނާ ބަލާލީ ދޮންބެގެ މޫނަށެވެ. އެ ދެލޮލުން ހާމަ ކޮށްދެނީ ވަރަށް ގިނައިރު ވަންދެން ރޮއިފައި ހުރިކަމެވެ. މަނާލްގެ ރަތްވެފައިވާ ދެ ލޯ ފެނުމުން ރަނާ ވަރަށް ހިތުގައި ޖެހި ދެރަވިއެވެ.

"ދޮންބެ ކިހިނެއްވީތަ؟ ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ ޕްލީޒް!" މަނާލް ދިނީ ރަނާ ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ. އޭގެ ބަދަލުގައި މަނާލް ވެސް ކުރީ ސުވާލެކެވެ. "އާލާ މިގެއިން ދަނީތަ؟" މަނާލް ކުރި ސުވާލުން ރަނާ ދިޔައީ ސިއްސައިގެންނެވެ.

ދުވަހަކު ވެސް އަންހެން ކުއްޖެއްގެ ވާހަކަ ދައްކާފައިނުވާ ދޮންބެ އެކަހަލަ ސުވާލެއް ކުރުމުންނެވެ. ރަނާ ނޫނެކޭ ބުނެލީ ސީދާ ދޮންބެގެ މޫނަށް ބަލަން ހުރެއެވެ. އެ ޖަވާބުން އެކަނިވެސް މަނާލްގެ މުޅި މޫނަށް އުޖާލާކަން ވެރިވިއެވެ. އެ މަންޒަރު ރަނާ އަށް ހަމަ ރަނގަޅަށް ވެސް ފެނުނެވެ. މަނާލް ރަނާ އަށް ހުރިހާ އެއްޗެއް އަކުރުން އަކުރަށް ކިޔައިދިނީ ރަނާ މަނާލް އަށް އެހީވާނެ ކަމުގެ ޔަގީންކަން އޮތުމުން ނެވެ.

ދުވަހުގެ ހިތްފަސޭހަ ހަވީރުގެ ވަގުތެވެ. ނަޢީމާ ހުރީ ގޭގެ ގޯތިތެރޭގައި ހުރި ގަސްތަކަށް ފެންދޭށެވެ. ނަޢީމާ ހުރި ދިމާއިން ހަމަ ރީތިކޮށް ބޭރުން ދައްކާ ވާހަކަ އަޑުއިވެއެވެ. ކުއްލިއަކަށް ނަޢީމާ ސިއްސައިގެން ދިޔައީ އޭނާގެ ނަން މީހަކު ކިޔާއަޑު އިވުމުންނެވެ. ދަންނަ އަޑެއް ނޫންކަމުން ނަޢީމާ ދޮރާ ވީހާވެސް ކައިރިވެލިއެވެ. ނަމަވެސް ދައްކާ ވާހަކަ އެހާ ސާފެއް ނޫނެވެ. ހަސަނު ދޮރުން ވަނީ ނަޢީމާ އެހެން އިންދައެވެ. ހަސަނަށް ނަޢީމާ ފެނުނު ނަމަވެސް ނުފެންނަ ކަމަށް ހަދާފައި ގޮސް ކޮޓަރިއަށް ވަނެވެ. ވެފައިހުރި ވަރުބަލިން އެނދު ފެނުނު ކަމެއް ވެސް ނޭނގުނެވެ. އަރާ ނިދަން އޮށޯތެވެ.

ނަޢީމާ ހުރީ ދެން ވާނެ ގޮތެއް ނޭނގޭތީ ވަރަށް ބިރުންނެވެ. ހަސަން ގެއަށް ވަން ގޮތަށް ނުނިކުންނާތީ ނަޢީމާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޖެހިލުން ވުމާ އެކުގައިވެސް ހަސަން ކޮބައިތޯ ބަލަން ނަޢީމާ ކޮޓަރިއަށް ދިޔައެވެ. ނިދާފައި އޮތް ހަސަން ފެނުމުން ފުން ނޭވާއެއްލިއެވެ. އުނދަގޫ ނުކުރަން ވެގެން ނަޢީމާ ދޮރުލެއްޕުމަށް ފަހު ނިކުމެގެން ކާގެއަށް ވަނީ ރެޔަށް ޚާއްސަ ކެއުމެއް ތައްޔާރު ކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ގޭގެ ބެލްގެ އަޑަށް އެދިމާއަށް ދިޔައީ ކުދިކިޔަމުންނެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ތިބި ދެމީހުން ފެނިފައި ނަޢީމާ ދިޔައީ ދެލޯބޮޑުވެގެންނެވެ. ނަޢީމާ ހުރީ މިވަނި ކީއްކަން ނޭނގިފައެވެ. ނާއިލް ނަޢީމާ އަށް ލައިލާ ތަޢާރަފު ކޮށްދިނީ ވާންއުޅޭ އަނބިމީހާގެ ގޮތުގައެވެ. ލައިލާ ނަޢީމާއާ ދިމާއަށް ބަލާލީ ހިނިތުންވުމާ އެކުގައެވެ. ނަޢީމާ އަށް ޖެހުނީ އެދަނޑިވަޅު މޫނުމަތިން ގަދަކަމުން ހިނިތުންވުން ގެންނާށެވެ. ނަޢީމާގެ ހިތުގައި ލައިލާއާ މެދުގައި ވަނީ ޝަކުވާއެވެ. ގާތްރަޙުމަތްތެރިޔަކަށް ވެހުރެ ލަނޑެއް ދިނީތީ ނަޢީމާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

"ދައްތާ މާދަން މިއުޅެނީ މަންމަ ގާތަށް ދާން ލައިލާ ގޮވައިގެން! ލައިލާއާ އިންނަން މިއުޅެނީ. ދައްތަވެސް ދާންހިނގާބަލަ."

ނާއިލްއާއި ލައިލާ ސިޓިންރޫމް ސޯފާގައި ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ލައިލާ ހުރީ ސީދާ ނަޢީމާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހީވަނީ އެ މޫނުމަތިން އެއްޗެއް ދެނެގަންނަން އުޅޭހެންނެވެ. ނާއިލްގެ ވާހަކަތަކަށް މާބޮޑު ޝައުގުވެރިކަމެއް ނަޢީމާގެ ނެތް ކަހަލައެވެ. ދައްތަ ޖޫސް ހިފައިގެން އެބަ އަންނަމޭ ބުނެ ގޮސް ކާގެޔަށް ވަނީ މިފަހަރު ލައިލާ އަށް ރަނގަޅަށް ޖޫސްދޭނަމޭ ހިތުގައި ބާއްވާލައިގެންނެވެ.

ރަނާ އަށް ދޮންބެގެ ހިތުގައިވާ ހުރިހާއެއްޗެއް އެނގުމުން އުފަލުން ފޮޅުނެވެ. އަދި ދޮންބެއަށް ދޮންބެގެ ލޯބި ހޯދައިދިނުމަށް ޢަޒުމުކަނޑައެޅިއެވެ.

ދުވަހަކީ ހުކުރު ދުވަސް ކަމުން ރަނާ ނިންމީ އެ ދުވަހުގެ ހަވީރު ފިހާރައަށް ނިކުމެލާށެވެ. ރީތިވާ ބައެއްސާމާނާ އަންނައުނު ގަންނަން ޖެހިފައިވާތީ މަންމަ ސަކީނާ ރަނާއަށް ލާރި ދެމުން، އާލާ އަށް ވެސް އާލާ ބޭނުންވާ އެއްޗެއް ގަނެދިނުމަށް ބުންޏެވެ. ރަނާ ނިންމީ އާލާއާ އެކީގައި ނިކުންނާއިރު ދޮންބެ ވެސް ގޮވައިގެން ދާށެވެ. ދޮންބެއާއި އާލާއާ ދެމެދުގައި އެކުވެރިކަން އާލާވާނީ ގިނަގިނައިން ދެމީހުން އެކީގައި ވަގުތު ހޭދަކޮށްގެން ކަމަށް ރަނާގެ ހިތްބުނެއެވެ. ތިން ކުދިން އެކީގައި ގެއިން ނިކުމެގެން ދިޔަ ދިމާއަށް ސަކީނާ ބަލަން ހުރީ އުފަލާއެކުގައެވެ. އަދި ހިތާހިތުން އެ ތިން ކުދިން އަބަދުވެސް އެކީގައި ލެއްވުން އެދި ހެއްދެވިފަރާތުގައި ދުއާކުރިއެވެ.

ޖަމާލް އައިސް ގެޔަށް ވަނީ ސަކީނާ ހިނިތުންވެފައި ހުއްޓައެވެ. ޖަމާލް ނިތްއެއްލާލުމަށް ފަހު ކިހިނެއްވީތޯ އަހާލިއެވެ. ސަކީނާގެ ޖަމާލް ގާތުގައި ކައިރީގައި ހުރި ސޯފާގައި އިށީނުމަށް ބުނުމަށްފަހު ސަކީނާވެސް އިށީނެވެ.

"މަނާލްގެ ދިރިއުޅުމާ މެދު މި ވިސްނަނީ! މަނާލް މީހަކާ އިންނަން ނޫޅޭތީ އެކަމާ ފިކުރުކުރެވެނީ!" ސަކީނާ ވާހަކަ ފެށީ ދުރުދުރުންނެވެ. ޖަމާލްގެ ވިސްނުން ނެނގޭތީއާ ވެސް އެކީގައެވެ.

"އަހަރެންވެސް ތިކަމާ މަނާލްއާ ވާހަކަ ދައްކާލަން ވަރަށް ބޭނުންވެފަ މިހުންނަނީ! ހައްތާވެސް ސަކީނާ ހުއްޓާ އެވާހަކަ ދައްކަން މި ހުރެވެނީ." ޖަމީލް ބޭނުންވީ ސަކީނާ ހުރެގެން އެވާހަކަތައް ދައްކާށެވެ. އެހެންކަމުން މިރޭ ކާން އަރާފަ އެމައުޟޫއަށް ވާހަކަ ދައްކަން ނިންމިއެވެ.

މަނާލް އާއި އާލާ މަޑުކޮށްގެން ތިބީ ފިނިފެންމާގެ ކިޔާގެއެއްގެ ކުރިމަތިގައެވެ. އެ ދެމީހުން އިންތިޒާރު ކުރަމުން އެދަނީ ރާނާ އެގެއިން ނިކުންނާނެ އިރަކަށެވެ. ގަންނަން ބޭނުން ހުރިހާ ސާމާނު ގަތުމަށް ފަހު ރަނާ ބޭނުންވި ގެޔަށް ދިއުމުގެ ކުރިން ކުލާސް ކުއްޖެއް ކަމަށްވާ ރީނާގެ ހާލުބަލާލަން އެގެއަށް ވަދެލާށެވެ. އާލާ އާއި ދޮންބެއަށް ވަގުތު ދިނުމަށް ފަހު ރަނާ އެގެއަށް ވަނީ ވަރަށް އަވަހަށް ނިކުންނާނަމޭ ބުނެފައެވެ. މަނާލް އާލާއާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވި ކަމުގައިވިޔަސް ދައްކާނެ ވާހަކައެއް ނޭނގޭތީވެ ހުރެވުނީ އެވެ. ދެމެދުގައިވާ ބީރައްޓެހިކަން އެއްފަރާތް ކުރުމަށް ފަހު އާލާ އިސްވެ ވާހަކަ ދައްކަންފެށިއެވެ.

" މަނާލް ކިހިނެއް؟" އާލާ އަށް ވެސް ވީ ހަމަ މަނާލްއަށް ވީވަރެވެ. ދައްކާނެ ވާހަކައެއް ނޭނގުމުން ވާހަކަ ފަށަންޖެހުނީ ހާލުބަލާލާށެވެ. މަނާލް ރަނގަޅޭ ބުނެލީ ހިނިތުންވުމާ އެކުގައެވެ. މަނާލް ނިންމީ މިލިބުނު ދަނޑިވަޅުގެ ބޭނުން ހިފާ ހިތުގައިވާ ހުރިހާ އެއްޗެއް އާލާ ކުރިމަތީގައި ހާމަކުރާށެވެ. ހިތް ބުނަމުން ދިޔައީ މިހާރުވެސް މާ ލަސްވެއްޖެކަމުގައެވެ. ނަމަވެސް އެކަން ވާން އޮތީ އާލާ ހުސްކޮށް ހުރިކަން ޔަގީންވީމައެވެ. އެހެންކަމުން ދުރު ދުރުން ވާހަކަ ފެށިއެވެ.

"އާލާ! ކިޔަވާ ހިތްވޭތަ؟" މަނާލް ކޮށްލީ ސުވާލެކެވެ. އާލާ ބޯޖަހާލީ އާއެކޭ ބުނާފަދައަކުންނެވެ.

"މަނާލް ކޯއްޗެއް ކިޔަވަނީ؟" އާލާވެސް ހުރީ އެ މައުޟޫގައި ރަނގަޅަށް ހިފަން ނިންމައިގެންނެވެ. ވާނީވެސް އެހެންނެވެ. ކުޑައިރުންފަށައިގެން އާލާގެ ހުވަފެނަކީ ކިޔަވައިގެން މޮޅު ޑޮކްޓަރަކަށްވުމެވެ. އެހުވަފެނުގައި އާލާ ކިޔަވަމުން އައިސް ދިރިއުޅުމުގެ ވަކި ހިސާބަކުން ކިޔެވުން މެދުކަނޑާލަން ޖެހުމުން އާލާ ނޫނަސް ކޮންމެ މީހަކަށް ވެސް އަސަރުކުރާނެއެވެ. އެހެން އެކަން އޮތެއްކަމަކު އާލާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ.

"ޑޮކްޓަރީކަން" މަނާލް މިހެން ބުނުމުން އާލާ ވަރަށް އުފާވިއެވެ. އަދި އޭނާ ވެސް ކިޔަވަން ބޭނުންވަނީ ހަމަ ޑޮކްޓަރީކަން ކަމުގައި ބުންޏެވެ. މިއީ އިއްތިފާގެއް ހެއްޔޭ މަނާލްގެ ހިތްބުނަމުން ދިޔައެވެ. އާލާ އަށް އެކޯހަށް ވަނުމުގެ ހުރިހާކަމެއް މަނާލް ކުރަން ނިންމީ އާލާ އަށާއި ރަނާ އަށް ވެސް ސިއްރުންނެވެ. އެވަގުތަކީ ރަނާ އެގެއިން ނިކުތް ވަގުތުކަމުން އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވުނު ކަމުގައި ވިޔަސް މަނާލް ހުރީ އުފާވެފައެވެ. އާލާގެ މޫނުމަތިން ފެނުން އުފާވެރި ހިނިތުންވުން މަނާލްގެ ހިތުގައި ރައްކާކޮށްލިއެވެ. އެވަގުތުކޮޅު ދިގުލައިގެން ދިޔުމަށް މަނާލްގެ ހިތްއެދުން ކަމުގައިވިޔަސް އެފުރުސަތު ގެއްލުނެވެ.

ނަޢީމާ ގޮސް ނާއިލް އަދި ލައިލާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ތަބަށް ބަހައްޓައި، ނާއިލްއަށް ޖޫސްތަށި ދިއްކޮށްލުމުން ނާއިލް އޭގައި ހިފީ ހިނިތުން ވުމާ އެކުގައެވެ. ލައިލާ ނަޢީމާއާ ދިމާއަށް ބަލާލުމަށް ފަހު ޖޫސްތަށި އަތަށް ނެގިއެއް ކަމަކު ބޯކަށް ނޫޅުނެވެ. ނަޢީމާ ހުރީ ލައިލާ އެ ޖޫސްތަށި ހުސްކުރާނެ އިރެއްގެ އިންތިޒާރުގައެވެ. ހަސަނު ނަޢީމާއަށް ގޮވާއަޑު އިވުމުން އެބަ އަންނަމޭ ބުނެފައި ނަޢީމާ ތެދުވި ތަނާ ލައިލާ އަދި މަނާލް ވެސް ދެން ދަނީއޭ ބުނެފައި ޖޫސްތަށި ބެހެއްޓުމަށް ފަހު ނިކުމެގެން ދިޔައެވެ. ނަޢީމާ ހުރީ ވަރަށް ރުޅިއައިސްފައެވެ.

ނަޢީމާ ވިސްނުމެއްގައި ހުރެ ކޮޓަރިއާ ދިމާއަށް ދިޔައިރު ހަސަނު ހުރީ ކަބަޑު ހާވާށެވެ. ނަޢީމާއަށް އެތަން ފެނިފައި ދެލޯބޮޑުވިއެވެ. ދުވަހަކުވެސް ހަސަނު އެކަބަޑެއް ނުހާވައެވެ. އެއީ ބޭންކަށްވުރެ ބޮޑަށް ނައީމާއަށް އިތުބާރުކޮށް ހަސަނު އެއްކުރަން ގެންގުޅޭ ހުރިހާ ފައިސާއެއް ބަހައްޓާތަނެވެ. މިއިން ދުވަހަކު ހަސަނު އެއިން ބައިލާރިއެއް ވެސް މަދުތޯ ބަލާލާފައި ވެސް ނުވެއެވެ. ދެން މިއަދު ހަސަނު އެތަން ހުޅުވަން ޖެހުނު ސަބަބެއް ނަޢީމާ އަކަށް ނުވިސްނުނެވެ. ހަސަނު ނަޢީމާއާ ދިމާއަށް ބަލާލީ ނަޢީމާ އެހެން ގަބުވެފައި ހުއްޓައެވެ. ހަސަނުގެ މޫނުފެނުމުން އިތުރަށް ނަޢީމާ ހާސްވެ ޖެހިލުންވިއެވެ. ބޭއިޚްތިޔާރުގައި ނަޢީމާއަށް ފަހަތަށް ޖެހިލެވުނީ ހަސަނު ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ނަޢީމާ ހުރީ ބިރުން އަމިއްލަ ގަޔަށް ކުޑަކަމުދެވޭވަރު ވެފައެވެ. ވާނީ ވެސް އެހެންތާއެވެ! ދުވަހަކު ވެސް ނަޢީމާ އަށް ހަސަނު އެހާ ރުޅިއައިސްފައި ހުއްޓާ ފެނިފައެއް ނުވެއެވެ.

ހަސަނު ވަގުތުން ނައީމާ ވަރިކޮށް އެގެއިން ނެރުނެވެ. އެތައް ހާސް ރުފިޔާއަކަށް ޚިޔާނާތްތެރިވުމުގެ އިތުރުން އާލާއާ މެދު ކަންތައް ކުރި އިހާނެތި ގޮތަށް އަމިއްލައަށް އިޢުތިރާފުވީމައެވެ. ނަޢީމާ އެހެން ނެހެދުމަށް އެދި ކުރި އާދޭސްތަކަށް ހަސަނު ބީރު ކަންފަތެއް ދިނީ "އެއްފުޅަށް މަތިން ފުންމާލި ބަކަރި، އަނެއް ފުޅަށް މަތިން ވެސް ފުންމާލާނޭކަން" އެނގޭތީއެވެ.

ހަތް އަހަރު ފަސް

ހަސަނު އޭނާގެ ދަރިފުޅު އާލާގެ 5 ބުރީގެ ގެސްޓް ހޮޓަލާ ދިމާއިން ބީޗުގައި ގޮނޑިއަތުރައި ޒީނަތްތެރި ކުރަމުން އެދަނީ ޚާއްޞަ ތިން މެހެމާނަކު އަންނާތީ އެ މީހުންނަށް މަރުހަބާ ކިޔުމަށެވެ. އޭރު ބަގީ އައިސް ކައިރިކުރަނީއެވެ. ޑރ. އާލާ ހަސަން އާއި ޑރ. މުހައްމަދު މަނާލް ޖަމާލާއި އެ ދެމަފިރިންގެ 2 އަހަރުގެ ލޯބިލޯބި އަންހެން ދަރިފުޅު މާނީ މަނާލް ފެނުމުން ހަސަނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ރަޝިޔާގައި 7 އަހަރު ހޭދަކުރުމަށްފަހު އެ ދެމަފިރިން ރަށަށް އެ އައީ ރަށާއި ގައުމަށް ޚިދުމަތްކުރުމަށެވެ. ހުއްބުލްވަޠަންގެ ލޯތްބަށްވުރެ އާރުލާ ލޯތްބެއް ނެތަތީއެވެ.

(ނިމުނީ)

5 Responses

  1. ވަރަށް މޮޅު ވާހަކައެއް. ދަރިވަރުންނަށް ޢިބްރަތަކަށް ފުދޭވަރުގެ ވާހަކައެއް. ވާހަކައިގެ ނިންމުން ގެނެސްފައިވަނީވެސް ވަރަށް މޮޅަށް.

  2. އާލާ މިއީ ވަރަށް ރީތި ހިތްގައިމު ވާހަކައެކެވެ. ދޮންމަންމަ އެއް ދޮންދަރިއަކަށް ހަދާލި ގޮތް ވަރަށް ރީއްޗަށް ގެނެސްފައިވެއެވެ. ނިމުން ގެނެސްފައިވަނީ އެހާ އަސަރުގަދަ ގޮތަކަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *