6. ތިބާގެ އަމިއްލައަތުން ތިބާގެހިތް ހަލާކުވިޔަ ނުދޭށެވެ.
ވަގުތު ބޭކާރުކުރާ ހުރިހައި ކަމަކުން ރައްކައުތެރިވާށެވެ. މިސާލެއްކަމުގައި ފާހަގަ ކުރާނަމަ، ވިޔަޔާނުދާ މަޖައްލާތަކަށް ބެލުމާއި ފާހިޝް ވާހަކަތަކާއި މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި ގޯސް ޚިޔާލު ދީފައި ހުންނަ ފޮތްތަކެވެ. އެއިން ފައިދާއެއް ނެތް ފޮތެއް ބަލައިނުހަދާށެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާނޭ ފޮތްތައް ކިއިދާނެއެވެ. އެއީ ދީނީ ރޫޙު އައުކޮށްދޭ ފޮތްތަކާއި ހަރުދަނާ ދިރިއުޅުމަކަށް ބޭނުންވާނެ މަޢުލޫމާތު ހުރި ފޮތްތަކެވެ. އަބަދުވެސް އެކަލާނގެ އަށް ރުޖޫޢަވާށެވެ. ތިބާ މުޢާމަލާތު ކުރަންވީ ﷲއަށެވެ. އެއީ އޯގާވަންތަ އަދި އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.
ކުޅަދުންވަންތަ މާތް ﷲގެ ރުއްސެވުން ލިބިގަތުމަށް އެދޭށެވެ. އެކަލާނގެ ވަޢުދުވެ ވޮޑިގަންނަވާ ސަވާބާއި ދަރުމަ ލިބޭނެކަން ގައިމެވެ.
فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ … ﴿١٩٥﴾ އާލް އިމްރާން ސޫރަތުގެ 195
ދެން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ ޢަމަލު ކުރާމީހުންގެ ޢަމަލު ތިމަން ރަސްކަލާނގެ ގެއްލެނި ނުކުރައްވާ ހުށީމެވެ. އަދި ވެސް ސޫރަތުލް އަހްޒާބުގެ ތިރީސްފަސް ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٣٥﴾
ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.
މިއިން ދައްކައިދެނީ އަންހެނުންނަކީ ފިރިހެނުންގެ ހަށިގަނޑުގެ އެއްބައިކަމެވެ. އަދި އެކަލާނގެ ދެއްވާ ދަރުމަ ރައްކާތެރިކަމާއެކު ތިބާއަށްޓަކައި ފޮރުވިފައިވެއެވެ. ގޭތެރޭގަޔާއި މުޖުތަމަޢަށް ހެޔޮ ގޮތްތައް ވުމަށާއި އަދި ހެޔޮއަމަލުތައް ކުރުމުން އެކަލާނގެ ރަޙުމަތްފުޅުން ދަރުމަ ލިބިގެންދާނެއެވެ. އެހެންކަމުން މިއުންމަތުގެ ދަރިންނަށްޓަކައި ހެޔޮލަފާ ނޫރެއްކަމުގައި ތިބާ ވާށެވެ.
ތިބާގެ ދިރިއުޅުމަށް ފަރުވާއެއްކަމުގައި މާތްﷲ ރުއްސުންލެއްވި އާސިޔަތުގެފާނު ފަދައިން ވާށެވެ. އެއީ ފިރުޢައުނުގެ ނުބައިކަމުން ކެތްތެރިވެވަޑައިގެން މާތްﷲގެ ރަޙުމަތްފުޅަށް އުންމީދު ކުރައްވަމުން ގެންދެވި ކަނބަލެކެވެ. ޢީސާ އަލައިހިއްސަލާމްގެ މަންމާފުޅު މަރިޔަމްގެފާނާއި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން ޚަދީޖަތުގެފާނާއި، ޢާއިޝަތުގެފާނާއި، ދަރިކަނބަލުން ފާތިމަތުގެފާނު ފަދައިން ވާށެވެ. މިއީ އެކަލާނގެ ޚާއްޞަ ކުރައްވާފައިވާ ކަނބަލުންތަކެކެވެ. އެއީ ޚާލިޞް ހިތަކުން އެކަލާނގެއަށް ވަކީލުކުރެއްވި ޝައިޠާނާއާއި ދުރުކުރައްވާފައިވާ ކަނބަލުންތަކެވެ. އެއީ ދުވާލު ރޯދަ ހިއްޕަވައި ރޭގަނޑު ރޭއަޅުކަންކުރެއްވި މުރާލި ކަނބަލުންތަކެކެވެ. އެއީ އުންމަތަށް ފޮނުއްވި ނަމޫނާ ކަނބަލުންތަކެކެވެ. އެކަނބަލުން ހިންގެވިމަގުން ހިންގަވާށެވެ. ރަޙުމަތާއި ބަރަކާތާއި އިޙްތިރާމު ލިބެން އޮތީ އެގޮތުގައެވެ.
ޔަތީމުކުދިންގެ ކަރުނަތައް ފޮހެދޭށެވެ. މާތްﷲގެ ޙަޟްރަތުން ރަޙުމަތާއި ދަރުމަ އެދޭ ހާލު އުފަލާއި އަރާމު ލައްވާފައިވާ އެންމެމާތް ގޯތި ކަމުގައިވާ ސުވަރުގެ ހޯދުމަށެވެ.
7. ހުރިހައި ވަގުތެއްގައިވެސް މޮޅުވާނީ ތިބާއެވެ.
ހެޔޮގޮތް ވުމަށް އެދެންޖެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. މީހަކު ދެރަވެ ކަންބޮޑުވެ މާޔޫސްވާގޮތް ވެއްޖެނަމަ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަ ވާށެވެ. ތިބާގެ ދަރިއަކު މަރުވެއްޖެނަމަ އެކުއްޖަކު ވާހުށީ ތިބާއާމެދު ހެޔޮގޮތް އިރާދަވުމަށް ﷲއާ ދެމެދުވާ ފަރާތެއް ކަމުގައެވެ. ނުކުޅެދުންތެރިކަމާއި ބަލިކަން އަންނަހިނދު ހަނދާންކުރަންޖެހެނީ ތިބާއަށް ކުރެވިފައިވާ ފާފަތަކެއް، ﷲ ތިބާއަށް ރަޙުމަތެއްގެ ގޮތުން އެފާފަތައް ފުއްސަވާނޭކަމެވެ. ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާއި ފަޤީރުކަމަކީ އެކަލާނގެ ޙަޟްރަތުން ތިބާއަށް ފަހުން ހެޔޮގޮތްތަކެއް މިންވަރު ކުރައްވާފައިވާ ކަންކަމެވެ. އެކަލާނގެއަށް އެއްވެސް ކަމެއް ބޮޑުވެގެނެއް ނުވެއެވެ. ތިބާ އެކަނލާގެއާ މެދު އޮންނަ އިތުބާރު ދެމިއޮންނަހައި ހިނދަކު ތިބާއަށްވީ ރިޒުގު ވަގުތު ޖެހެންދެން އެކަލާނގެ ޙަޟްރަތުގައި ވެއެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓު:
މިލިޔުމަކީ، ޑރ. ޢައިދް އަލް ޤަރްނީ ލިޔުއްވާފައިވާ " ޔޫ ކޭންބީ ދަ ހެޕިއެސްޓް ވުމެން އިން ދަ ވޯލްޑް" މިފޮތުގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
ޔަޝްފާ ޢަބްދުލްޣަނީ އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2013 އަދި 2014 ވަނަ އަހަރު ގްރޭޑް 9 އަދި 10 އަށް ފިޝަރީޒް ސައިންސާއި މެރިންސައިންސް ކިޔަވައިދެއްވި މުދައްރިސެކެވެ.