ބުރާސްފަތި, 17 އޭޕްރިލް 2025

ޕޭޕަރުތައް ލީކުވުމުން އޭ ލެވެލް އިމްތިޙާން ކުރިއަށް ނުގެންދަން ނިންމައިފި

އޭލެވެލް އިމްތިހާންގެ ޕޭޕަރުތައް ލީކުވެފައިވާތީ ރާއްޖޭގައި އޭލެވެލް އިމްތިހާން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށްއެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން 3 ޕޭޕަރެއް ލީކު ވެފައިވާ ކަން ކަށަވަރު ވެފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ޕޭޕަރެއް ލީކު ވެފައިވާކަން އެނގިފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު ކަމަށާއި އެހެންކަމުން އެވަގުތުން ވަގުތަށް އެޑެކްސެލް އާއި އެކީ ބައްދަލުވުމެއް ބޭއްވި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، ލީކު ވެފައިވަނީ އަސްލު ޕޭޕަރުތޯ ކަށަވަރު ކުރަން ބޭނުން ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަންކަން އެބޭފުޅުން ބަލައި، ދެ ޕޭޕަރެއް ލީކު ވެފައިވާކަން ކަށަވަރު ކޮށްދިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެޕެޕަރު ލީކުވެފައި އޮއްވައިވެސް އިމްތިހާން މިހާތަނަށް ކުރިއަށް ގެންދިޔައީ އަދި އިތުރަށް ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލްއިން ދީފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދު ހެނދުނު އެހެން ޕޭޕަރެއް ލީކުވެފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ޕޭޕަރު މިނިސްޓަރަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށާއި އޭލެވެލް އިމްތިހާންގެ އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވިއެވެ.

"އެކަމާއި ގުޅިގެން މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން މި ނިންމަނީ މިހާރު މި ކުރިއަށްދާ އިމްތިހާނު ދަރިވަރުންނަށް ދެ އޮޕަޝަނެއް ހުށަހަޅަން. ބައެއް ދަރިވަރުން ބޭނުންވަނީ އެގްޒާމް ހަދާފައި ޓެސްޓު ނިންމާލަން. އެއީ 3 އަހަރު ވަންދެން އޭލެވެލް ކިޔަވަމުން ދާތީ އިތުރަށް ދުވަސްތަކެއް ސްޕެންޑު ނުކުރުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

ދެން ތިބި ކުދިން ބޭނުން ވަނީ އޮކްޓޯބަރ ނޮވެމްބަރުގައި ޓެސްޓު ހަދަން ކަމަށާއި އެހެން ނަމަވެސް އެޑެކްސެލް އިންވެސް ދެ ގޮތެއް ދީފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"އެއްގޮތަކީ ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ދިއުން. އަނެއް ގޮތަކީ އަންނަ އޮކްޓޯބަރު/ ނޮވެމްބަރު މަހަށް ލަސްވުން." މިނިސްޓަރ ވިދާޅުވިއެވެ.  ޓީޗާ ބޭސްޑް އެސެސްމެންޓްދެނީ ކުރިން އެ އިމްތިހާން ނިންމަން ބޭނުންވާ ކުދިންނަށެވެ. އޮކްޓޯބަރ/ ނޮވެމްބަރގައި އިމްތިހާން ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަކު ރައީސްގެ ސްކޮލަޝިޕް ލިބޭނީ ހަމައެކަނި އެޑެކްސެލް އިމްތިހާން ހަދާ ދަރިވަރުންނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗާ ބޭސްޑް އެސެސްމެންޓް މޮޑެލްގައި ކަންތައްތައް ވާގޮތް ތަފްސީލުކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، އެ މޮޑެލްގައި އެސެސްމެންޓުތައް ތައްޔާރުކުރާނީ ސީދާ ސްކޫލުތަކުން ކަމަށާއި އެއަށްފަހު އެ މާކްސްތައް މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށެވެ.

މިފަހަރުގެ އޭލެވެލް އިމްތިހާން ގައި މުޅިރާއްޖެއިން 2821 ދަރިވަރުން ބައިވެރިވިއެވެ.  އަޙްމަދިއްޔާ އިންޓަނޭޝަލް ސްކޫލުން ބައިވެރިވެފައިވަނީ 403 ދަރިވަރުންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *