ބުރާސްފަތި, 17 އޭޕްރިލް 2025

ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ކޮންޓްރޯލް ނުވެ ރެކޯޑް އަދަދަކަށް ކޮންމެ ދުވަހަކު އާ ކޭސްތައް ފެންނަމުން ދާތީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މާލޭގެ ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށް އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުގެނެސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު އިޢުލާންގައި ވަނީ، މާލޭ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 5 މެއި 2021 އިން 12 މެއި 2021 އަށް މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 12އާ ހަމަޔަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމުގައެވެ. އެހެން ނަމަވެސް މި މުއްދަތުގައި ސްކޫލްތަކުގައި އިމްތިހާންތައް ބޭއްވޭނެ ކަމަށްވެސް އެޑިޔުކޭޝަނުން ބުންޏެވެ.

އެންމެ ފަހުން ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން އެންގީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. އެފަހަރު އެންގީ ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް  ކުރިއަށް ގެންދިއުމަށާއި ޕްރީސްކޫލްތައް ބަންދު ކުރުމަށެވެ. އެއަށްފަހު ހުރިހާ ގްރޭޑަކަށް ހުޅުވާލައިގެން އަލުން ކިޔަވައިދޭންފެށީ މިދިޔަމަހުގެ 1 ވަނަ ދުވަހުއެވެ.

ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައި ފިޔަވަޅުތައް ވަރުގަދަ ކުރީ ކޮވިޑް ކޭސްތައް މައްޗަށް ދިއުން ހުއްޓުމަކަށް ނާންނާތީ އެވެ. ވޭތުވެ ދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ކޮވިޑް ކޭސްތައް ދިޔައީ މަތިވަމުންނެވެ. އަދި އެވްރެޖުކޮށް ކޮވިޑް 19 އަށް ޕޮޒިޓްވާ މީހުންގެ އަދަދު ހުރީ 500 އިން މަތީގަ އެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *