އިންސާނުން މައުލޫމާތު ބަދަލުކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ ވާޞިތާއަކީ ބަހުގެ ބޭނުންކޮށްގެން މުއާޞަލާތުކުރުމެވެ. އަދިހަމަ އެހެންމެ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ވާހަކަދައްކައި އުޅޭ ބަސްބަހާއި ބަހުރުވަތަކަކީ ޒަމާނާ އެކު ތަބީޢީ ގޮތުން ބަދަލުވަމުންދާ އެއްޗެކެވެ. ލަފުޒުތައް އުފަންވުމާއި، ބައެއް ލަފުޒު އުވިގެންދިއުމާއި، ލަފުޒުތަކުގެ މާނަތަކަށް ބަދަލުއައުމަކީ ބަސްބަހަށް ދިމާވަމުންދާ ކަމެކެވެ. ދިވެހިބަހަށް ބަލާއިރު ވެސް ޒަމާނަށް އަންނަ ބަދަލުތަކާ އެކު ބަހާއި ބަހުރުވަތަކުގެ ލަފުޒުތަކުގެ އިތުރުން ލަފުޒުތަކުގެ މާނައަށް ވެސް ބަދަލުތަކެއް އާދެއެވެ. ބަދަލަކީ އަންނާނެ އެއްޗެކެވެ. ސަގާފަތަށް އަންނަ ބަދަލާ ދެކޮޅަށް މަސައްކަތް ކޮށްފިނަމަ، އެ ސަގާފަތެއް ނެތިގެން އުވިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. ބަހަކީ ވެސް ސަގާފަތުގެ ބައެކެވެ. ބަހަށް ބަދަލުއައުމަކީ ބަހުގެ ޠަބީޢީ ކަމެކެވެ. ބަހަށް އަންނަ ހުރިހާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކޮށްފި ނަމަ އެ ބަހެއް ދިރިއެއް ނޯންނާނެއެވެ. އެހެންކަމުން ބަހެއް ދިރުވާއާލާކުރުމަށް ވެސް ބަހަށް އަންނަ ބަދަލުތައް ބަލައިގަތުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެކެވެ.
މާނަ އުނިވެގެންދިއުމާއި، ލަފުޒުގެ މާނައަށް އިތުރު މާނަތަކެއް ތައާރަފުވެގެން ދިއުމާއި އެކިއެކި ގޮތްގޮތަށް މާނައަށް އެކިވަރުގެ ބަދަލުތައް، އެކި މިންވަރަށް އައުމަށް މާނަ ބަދަލުވުމޭ ކިޔައެވެ. ދުނިޔޭގައި ބޭނުންކުރާ ބަސްތަކުގެ ތެރެއިން ހަމަ ކޮންމެ ބަހެއްގައި ވެސް މާނައަށް ބަދަލު އަންނަނީ އައު ލަފުޒަކާ މެދު ޚިޔާލުކުރެވުމުން ނުވަތަ ލަފުޒަކާ މެދު އައު ޚިޔާލެއް އުފެދުމުން ކަމަށް ބަހަވީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އައު ނަމެއް ނުވަތަ ލަފުޒެއް އުފެއްދުމަށް ބޭނުންވާ ބޭނުންވުމުގެ ސަބަބުން ވެސް އެ ލަފުޒެއްގެ މާނައަށް ބަދަލު އާދެއެވެ. ބަހަކީ ޒަމާނާއެކު ބަދަލު އަންނަމުންދާ އެއްޗެކެވެ. އެގޮތުން މުޅިން އައު ލަފުޒު އުފަންވެ، ކުރިން ބޭނުންކުރަމުން ގެންދާ ބައެއް ލަފުޒުގެ މާނައަށް ވެސް ބަދަލު އާދެއެވެ. އެއް އިރެއްގައި، ހަރުދަނާކަމަށް ފެނުނު ލަފުޒުތައް ފަހުން ކަމުނުގޮސްގެން ބަދަލުކުރަން ޖެހިފައި އެބަހުއްޓެވެ. ތަފާތު އެކި ސަބަބުތަކާހުރެ، އެކި ހާލަތްތައް މެދުވެރިވުމުގެ ސަބަބުން ލަފުޒުތަކުގެ މާނައަށް ބަދަލުއާދެއެވެ. އަދި ބޭރު ބަސްބަހުގެ ނުފޫޒުގެ ސަބަބުން ވެސް މާނައަށް ބަދަލުއާދެއެވެ. އިނގިރޭސި ބަހުގެ "ލީކް"، މި ލަފުޒުން ދިވެހި ބަހަށް ވަދެ، މިހާރު ދިވެހި ލަފުޒަކަށްވެފައިވާ "ލީކުވުން"، މި ލަފުޒުގެ ބަދަލުގައި ދިވެހިބަހުގައި ވަރަށް ފުރިހަމަ ލަފުޒެއް އޮވެއެވެ. އެއީ "ނީރުން"، މި ލަފުޒެވެ. ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން "ނީރުން"، މި ލަފުޒުގެ މާނަތަކުގެ ތެރޭގައި ލީކުވުމުގެ އިތުރުން ދެން ހުރި މާނަތަކަކީ "އެ އެއްޗެއްގެ ދެރަކަމުން ނޫނީ އެ އެއްޗެއް ފޫވެއްޓިގެން އޭގައި ހުރި ދިޔާ އެއްޗެއް މަދުމަދުން ނިކުތުން" އަދި "ދިޔާ އެއްޗެއް މަދުމަދުން ނުކުތުން"، މިއެވެ. ނަމަވެސް އިނގިރޭސި ބަހުގެ ނުފޫޒާ ހެދި "ނީރުން" މި ލަފުޒު މިވަނީ ޒަމާނާއެކު މާނައަށް ބަދަލުތަކެއް އައިސްފައެވެ. އެ ލަފުޒުގެ ބަދަލުގައި މިހާރު މުޅިން ވެސް ބޭނުންކުރާތީ އަޑުއިވެނީ "ލީކުވުން" އެވެ. ސިއްރެއް ނަމަ އެ ވާނީ ލީކެއް ނޫނެވެ. ވާނީ ބޭޒާރެވެ. ހާމަވާނީ އެވެ. އަދި ފެންމަތި ވެސް ވެދާނެއެވެ. ފަޅާއަރާ ވެސް ދާނެއެވެ. އެހެން ނަމަވެސް ދިވެހި ބަސްފޮތުގައި ލީކުވުމުގެ މާނަތަކުގެ ތެރޭގައި ހަތަރު ވަނަ އަދި އެންމެ ފަހު މާނައަކަށް މަޖާޒެއްގެ ގޮތުގައި ސިއްރެއް ބޭޒާރުވުން އޮންނާތީ ބޭޒާރުވުމާ، ހާމަވުމާ، ފަޅައި އެރުމާ، ފެންމަތިވުމަށް ވެސް މަޖާޒީ ގޮތުން ލީކުވުމޭ ކިއިދާނެ ކަމަށް ދެކެމެވެ. ނަމަވެސް މިކަމުން އެއްކަމެއް ޔަގީންކުރެވެއެވެ. އެއީ މާނަ ބަދަލުވުމުގައި ބޭރުގެ ބަސްތަކުގެ ނުފޫޒު ދިވެހިބަހުގެ ތެރެއަށްފޯރާކަމެވެ. މިގޮތުން، ދިވެހިބަހުގައި މާނަބަދަލުވެފައިވާ ލަފުޒުތަކުގެ މާނަ ބަދަލުވެފައިވަނީ އެއީ، ރަނގަޅު މުނާސަބަތުގައި، އެ ދަނޑިވަޅާއި ގުޅޭ މުނާސަބު ލަފުޒު ބޭނުންކުރަން ނޭނގުމާއި ސަގާފަތް ބަދަލުވަމުންދިއުމުގެ ސަބަބުން ކަމަށް ބަސްވާރުން ވިދާޅުވެއެވެ.
ބަހެއްގެ މާނައަށް ބަދަލު އަންނަމުން ދާއިރު އެ އަންނަ ބަދަލުތައް އެ ބަހަކުން ވާހަކަދައްކައި އުޅޭ ހުރިހާ އެންމެންގެ ވާހަކަ ދެއްކުމުން ނުފެންނާނެ ކަމަށް ޑޭވިޑްޕީ. ވިލްކީންސް (1996) ވިދާޅުވެއެވެ. އެހެން ނަމަވެސް، މާނައަކަށް ބަދަލެއްއައިސް އެ މާނައަކީ މުޖުތަމައު ޤަބޫލުކުރާ ފަދަ މާނައަކަށް ވެއްޖެނަމަ އިސާހިތު އެމާނައަކަށް މުޖުތަމައުން ޖާގަ ލިބެމުންދެއެވެ. ރިޗަޑް ނޯޑީކްސްޓް (2010) ވިދާޅުވާ ގޮތުން މާނަ ބަދަލުވީ ނަމަވެސް އެލަފުޒުގެ ހަގީގީ މާނަ ވެސް ބަހުގެ ތެރޭގައި ދިރިގެންވާނެ ކަމަށާއި މިފަދަ ލަފުޒުތަކުގެ އަސްލު މާނަ މަޑުމަޑުން މުޖުތަމަޢަކުން ފަނޑުވަމުންފަނޑުވަމުން ގޮސް މީހުންގެ ހިތްތަކުން މަޑުމަޑުން ގެއްލެމުންދަނީ ކަމަށެވެ. "އެނގޭ" މި ލަފުޒަކީ ކަމެއް ދަތުމަށް ދިވެހި ބަހުން ކިޔާ ގޮތެވެ. ލަފުޒުން ދޭހަކޮށްދެނީ ދަންނަކަން ނުވަތަ އެނގޭކަމެވެ. "އިނގޭ" މި ލަފުޒުގެ މާނައެއް ކަމުގައި ދިވެހި ބަހުގެ ރަދީފުގައި ވަނީ "މީހަކު ގާތު އެއްޗެއް ބުނެފައި އެ މައްޗަށް ޞުލްޙަވެރިކަމާ އެކު ބުނެ އުޅޭ ބަހެއް"، މި އެވެ. އެހެން ނަމަވެސް "އިނގޭ" މި ދަނީ މަޑުމަޑުން " އެނގޭ"، މި ލަފުޒުގެ މައްޗަށް ގަދަވެ، "އެނގޭ" މަޑުމަޑުން ގެއްލުވާލަމުންނެވެ.
މައިލެޓް (1995) އަދި އޫލްމަން (1962) ހާމަކުރައްވާފައިވާ ގޮތުން ލަފުޒުތަކުގެ މާނަތަކަށް ބަދަލުއަންނަން ދިމާވަނީ އެ ބައެއްގެ ވިސްނުމާއި ފިކުރުތަކުގެ ސަބަބުން އަންނަ ބަދަލާއި، އިޖުތިމާއީ ހާލަތުގެ ސަބަބުން އަންނަ ބަދަލާއި، ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން އަންނަ ބަދަލުތަކާއި، އަދި ބަހަށް އަންނަ ލެކްސިކަލް ބަދަލުތަކެވެ. އެހެންކަމުން ލަފުޒުތަކާއި ލަފުޒުތަކުގެ މާނައަށް ބަދަލުއައުމަކީ ހިނގަމުން އަންނަ ކަމެކެވެ. އަދި އެއީ ތަފާތު އެކި ޙާލަތްތަކާ ގުޅިގެންނާއި، ޒަމާނާ ގުޅިގެން ވިސްނުމަށް އަންނަ ބަދަލުތަކާ ގުޅޭ ތަބީޢީ ކަމެކެވެ.
(ނުނިމޭ)