އެންމެ އުފާވެރި އަންހެނާއަށް ވެވިދާނެ 4

8. ތިބާއަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތައް ގުނާށެވެ.

ހެނދުނުވުމުން ހަނދާންކުރަންވީ ހިތްދަތިކަމުގައި އުޅޭ އެތަކެއް އަންހެނުންގެ މައްޗަށްވެސް އިރުގެ ދޯދި ލިބެމުންދާއިރު ތިބާއަށް އެތައް ނިޢުމަތްތަކެއް ލިބެމުން ދެއެވެ. އެއީ ބަނޑުހައި ހޫނުކަމުގައިވާ އެތަކެއް އަންހެނުންތަކެއް ތިއްބައި ތިބާއަށް ކާންލިބޭތީއެވެ. ޖަލުގައި ޤައިދުވެފައިވާ އެތައް ބަޔަކު ތިއްބައި ތިބާއަށް މިނިވަންކަން ދެއްވީތީއެވެ. ބަލިމީހުންނާއި ދަރިން މަރުވެފައިވާ މީހުންނާއި ދަރިން އަޅައިނުލައި މީހުންގެ ހިތާމައާއި ވޭން ތަހައްމަލު ކުރަމުންދާއިރު ތިބާއަށް ފުރިހަމަ ސިއްޙަތެއް ދެއްވީތީއެވެ. ދަރިންގެ ނިއުމަތް ދެއްވީތީއެވެ.

ކިތައް މަންމައިން އެމީހުންގެ ދަރިންގެ ސަބަބުން ހިތުގެ ކެކުޅުމުގެ ނަތީޖާ ކޯތާފަތުން ފައިބަމުންދާ ކަރުނަތަކެއްގެ ގޮތުގައި ނުވޭތޯއެވެ. ކިތައް އަންހެން ކުދިން އެކި މައްސަލަތަކާހުރެ ލަނގޮޑި ފުންމައިގެންދާވަރަށް ހިތާމައިން ހަޅޭއް ނުލަވާތޯއެވެ. އެކަމަކު ތިބާ ހިނިތުންވަމުއެވެ. ތިބާއަށް އުފާވެރިކަންވެސް ލިބެއެވެ. އެހެންކަމުން އެކަލާނގެ ދީލަތިވަންތަކަމާއި އޯގާވަންތަކަމާއި ރައްކާތެރިކަން ތިބާއަށް މިންވަރު ކުރައްވާފައިވެއެވެ. އެހެންކަމުން އެކަލާނގެއަށް ޝުކުރުވެރިވާށެވެ. އެކަލާނގެއަށް ޛިކުރުކުރުމުގައި ދެމިހުންނާށެވެ.

އެކަނިވެރި ވަގުތެއްގައި ގޮތް ހުސްވެގެން ތެޅި ނުގަންނާށެވެ. ހިމޭންކަމާއެކު އިށީންނާށެވެ. އަދި ވިސްނާށެވެ. ތިބާގެ އަމިއްލަ ނަފުސަށް ތެދުވެރިވާށެވެ. ރަނގަޅަށް ވިސްނައި ނަފުސު އަގުކޮށްލައި ނަފުސުގެ ތަފާސް ހިސާބު ބަލައިލާށެވެ. ކިހައި މުދަލެއް ތިބާއަށް ލިބިފައި ވޭހެއްޔެވެ؟ ކިހާގިނަ ނިޢުމަތަކަށް ތިބާ އުފާކުރަމު ހެއްޔެވެ؟ ތިބާ އުފާވާ ކިތައްކަންތައް ވޭހެއްޔެވެ؟ ރީތިކަމާއި މުދަލާއި ދަރިންނާއި ގެއާއި މިނިވަން ޤައުމެކެވެ. އަލިކަމާއި އަނދިރިކަމާއި ފެނާއި ބޭސްފަރުވާއެވެ. އެހެންކަމުން އުފާކުރާށެވެ. އަދި އެކަލާނގެއަށް ޝުކުރުވެރި ވާށެވެ. ފަޤީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެގެން އެމީހުންގެ ލޯބި ހޯދާށެވެ. އެކަލާނގެ އެންގެވި ހުރިހައި ކަމެއްގައި ފައިތިލަ ސާބިތު ކުރާށެވެ. އޭރުން ތިބާވާހުށީ އެންމެ މުއްސަނދީންގެ ތެރޭންނެވެ.

 

9. ކުޑަކޮށް އުފާވާކަމެއްވެސް ބައިވަރު ދެރަވާކަންކަމަށް ވުރެ ރަނގަޅެވެ.

ދިރިއުޅުމުގެ ވަގުތުތައް ކަޑައްތުކުރަމުން ދާއިރު އުފާވެރި ވަގުތުކޮޅަކީ އަބަދުވެސް ގުނެމުންދާ ވަގުތުކޮޅުތަކެވެ. ބިރުވެރިކަމާއި ކަންބޮޑުވުމާއި ހާސްވާ ވަގުތުތަކެއް ނުގުނެވެއެވެ. އެއީ ޞިއްޙަތަށް ގެއްލުންހުރި ތިމާގެ ރީތިކަން ހަލާކުކޮށްލާ ކަމެކެވެ. މާތްﷲއަށް އިތުބާރުކުރުމުގައި އަދި ޤަޟާޤަދަރަށް އީމާންވުމުގައި ދެމިހުންނާށެވެ. ޤަޟާޤަދަރަށް އީމާން ވުމުން ކުރިމަގަށް އުންމީދު ކުރެވޭނެއެވެ. ތިބާ ކޮކާލެއްފަދައިން ވާށެވެ. އެއީ އެހައިމެ ލުއި ރީތި އަދި ރީތި ތަންތަނުގައި ނޫނީ ނުއިށީންނަ، ޚިޔާލެއްފިކުރެއް ނެތް އުފާވެރި މަޚުލޫޤެކެވެ. އޭތި އުދުހެނީ އެއްމަލުން އަނެއް މަލަށެވެ. އެއްފަރުބަދައިން އަނެއް ފަރުބަދައަށެވެ. އެއްބަގީޗާއިން އަނެއްބަގީޗާއަށެވެ. ނޫނީ މާމުއި ކުޅަނދުރެއް ފަދައިން ވާށެވެ.  އޭތި ތަންތަނުގައި އިށީނދެއެވެ. އެހެނަސް ކައްޓެއް ނުޖަހައެވެ. އޭތި މާމުއި އުފައްދައެވެ. އެހެނަސް ކައްޓެއް ނުޖަހައެވެ. އެއީ ކަންފަތްދަށުގައި ބޫން އަޅުވަމުންދާ ލޯބިން ހިތްތައް ފުރުވައިދޭ ދިރުމެކެވެ. ނަމަވެސް ކައްޓެއް ނުޖަހައެވެ. އެއީ ސުވަރުގެއިން ދުނިޔެއަށް ފޮނުއްވާފައިވާ އުފާވެރިކަން ގެނެސްދޭ މަޚުލޫޤެކެވެ.

ﷲ ލޯބިވެވޮޑިގެންވަނީ އެކަލާނގެއަށް ކުއްތަންވާ އަދި އަވަސް އަވަހަށް ތައުބާވާ އަޅުން ދެކެއެވެ. ހުރިހައި ހަމްދަކާއި ޝުކުރެއް ހައްޤުވަނީ އަޅަމެންގެ ހިތްތަކުން ހިތާމަޔާއި ހިތްދަތިކަން ފިލުއްވާ ﷲ ސުބުހާނަހޫ ވަތަޢާލާއަށެވެ.

(ނުނިމޭ)

 

އެޑިޓަރުގެ ނޯޓު:

މިލިޔުމަކީ، ޑރ. ޢައިދް އަލް ޤަރްނީ ލިޔުއްވާފައިވާ " ޔޫ ކޭންބީ ދަ ހެޕިއެސްޓް ވުމެން އިން ދަ ވޯލްޑް" މިފޮތުގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޔަޝްފާ ޢަބްދުލްޣަނީ އަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި 2013 އަދި 2014 ވަނަ އަހަރު ގްރޭޑް 9 އަދި 10 އަށް ފިޝަރީޒް ސައިންސާއި މެރިންސައިންސް ކިޔަވައިދެއްވި މުދައްރިސެކެވެ. ޔަޝްފާއަށް ވަނީ 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައެވެ.

3 Responses

  1. ވަރަށް ބޭނުންތެރި ލިޔުމެއް. އަންހެންކުދިން =ނަށް ވަރަށް ބޭނުންތެރި މައުލޫމާތު ކޮޅެއް ލިބިގެންދޭ. ގެނެސްދެމުންގެންދާގޮތް އެހާ ހިތްގައިމު.

  2. ވަރަށް ގިނަ މަައުލޫމާތުތަކެއް ލިބިގެން ހިގައްޖެއެވެ. ކުރިއަށް އޮތްތާ ރީތި ވާހަކައެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަމެވެ. ޔަޝްފާ މިސްގެ ވާހަކަތައް ވަރަށް ވަރަށް ރީއްޗެވެ.

  3. މިކަހަލަ ނަސޭހަތުގެ ލިޔުންތައް ގިނަކޮއްދީ. ވަރަށް މޮޅު ލިޔުމެއް. ޔަޝް މިސްގެ މިކަހަލަ ލިޔުންތައްވެސް ވަރަށް ސަޅި.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *