ލަފުޒުތަކުގެ މާނައަށް ބަދަލު އައުން: ޠަބީޢީ ކަމެއްތަ؟

ދެވަނަ ބައި

ލަފުޒުތަކުގެ މާނަ ބަދަލުވުމާ ބެހޭ ފަސްމަންޒަރުގެ މައުލޫމާތު މިދިޔަ ހަފުތާގެ ލިޔުމުގައި ވާނީ ގެނެސްދީފައެވެ. މި ހަފްތާގެ ލިޔުމުގައި މި ބަލައިލަނީ ލަފުޒުތަކުގެ މާނަބަދަލުވުމުގެ ވައްތަރުތަކަށެވެ. ލަފުޒެއްގެ މާނަ ތަފާތު އެތައް ގޮތަކަށް ބަދަލު ވެގެންދެއެވެ. މިގޮތްތަކުގެ ތެރެއިން ވަކިން ޚާއްޞަ ގޮތެއްގައި މައިގަނޑު ތިން ގޮތެއް ފާހަގަކުރެވޭކަމަށް ބްލެންކް އެންޑްރަސް (1999) ބަޔާންކުރައްވައެވެ. އެ ތިން ގޮތަކީ ޖެނެރަލައިޒޭޝަން ނުވަތަ މާނަފުޅާވުން، ރެސްޓްރިކްޝަން ނުވަތަ މާނަ ހަނިވުން، އަގުދަށްވުން ނުވަތަ  ޕެޖިއަރޭޝަން، އަގު އުފުލުން ނުވަތަ އެމިލިއޮރޭޝަން އަދި މެޓަފަރ އާއި މެޓަނޮމީ އެވެ. މިއިން ބައެއްގެ ތެރެއަށް އެހެން ވައްތަރެއް އިތުރު ކުރެވުނު ކަމުގައިވީ ނަމަވެސް އެ ބައިތަކެއް އިތުރުވާނީ މި ތިން ބައިގެ ދަށުންކަމަށް ގަރޒެގާ ޖޮޗިން އާއި ސެކޯނަ މެރިން (2007) ޚިޔާލުފާޅުކުރައްވައެވެ.

މާނަ ބަދަލުވުމާއި ގުޅޭގޮތުން ބްލޫމްފިލްޑް ލިއޮނަރޑް (1933) ފާހަގަކުރައްވާފައިވާ ބައެއް ކަންކަން ދިވެހި ލަފުޒުތަކުން ވެސް އާންމުކޮށް ފާހަގަކުރެވެއެވެ. އެހެންކަމުން މި ލިޔުމުގައި މައިގަނޑު ގޮތެއްގައި މި ބަލައިލަނީ މާނައަށް ބަދަލުއަންނަ ވައްތަރުތައްކަމަށް ބްލޫމްފިލްޑް ބަޔާންކުރައްވާ ދެ ވައްތަރެއް ކަމަށްވާ މާނަހަނިވުމާއި، މާނަފުޅާވުން، އަދި ޕެޖިއޮރޭޝަނާއި އެމިއޮލޮރޭޝަންގެ މައްޗަށެވެ.

މާނަ ފުޅާވުމަކީ ކުރިން އެ ލަފުޒެއް ބޭނުން ކުރަމުން އައި މާނައަށް ނުވަތަ މާނަތަކަށް އިތުރު މާނައެއް، ނުވަތަ މާނަތަކެއް ވަނުން ނުވަތަ އިތުރު މާނައެއް ލުމެވެ. މީގެކުރިން ލަފުޒުތައް ބޭނުންކުރަމުން އައި މާނަތަކާ އެކު އިތުރު އެހެން މާނަތަކެއްގައި، ނޫންނަމަ އެހެންމާނައެއްގައި ލަފުޒު ބޭނުންކުރުމަށް މާނަފުޅާވުމޭ ކިޔައެވެ. ކޮންމެ ބަހަކަށް ވެސް އޭގެ ޒާތުގައި އަންނަ ޠަބީޢީ ބަދަލުވުމުގައި ލަފުޒުތަކަށް ކުރިން ބޭނުންކުރި މާނަ ބަދަލުވާތަން އާދެއެވެ. ލަފުޒުގެ މާނަ ފުޅާވެގެންދިއުމުގައި ބައެއް ހާލަތްތަކުގައި މީގެކުރިން ލަފުޒު ބޭނުންކޮށްފައިވާ މާނައަށް ވުރެ، ފަހުން އަލަށް ބޭނުންކުރާ މާނަތައް މާބޮޑަށް ވައިގައި ހިފައެވެ. އެ މާނަތައް އާންމުންގެ ތެރޭގައި މާ ބޮޑަށް ބޭނުންކުރެވި މަޤްބޫލުވާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ތިމާއާ މުޚާތަބުކޮށް މީހަކު "ސަޅި" އޭ ބުނުމުން ތުންފިއްތި މީހުން މިއަދު ހަމަ އެ އަޑުތަކާ އެކު އެ ލަފުޒު ތިމާއަށް މުޚާތަބުކޮށް ބުނުމުން މޫނުމައްޗަށް ހިނިތުންވުން ގެނުވާ ކަމީ މި ދެންނެވި ބަދަލުގެ "ދިރިހުރި" މިސާލެކެވެ. ލަފުޒުތަކުގެ މާނަ ބަދަލުވާ ކަމުގެ އަލިގަދަ ހެއްކެކެވެ. "ސަޅި"، މި ލަފުޒު ކުރިން ބޭނުންކުރަމުން އައީ ބޮޑާކަމުގެ ސިފަ ބަޔާންކުރުމަށް ކަމަށްވީ ނަމަވެސް ފަހުން "ސަޅި"، މި ލަފުޒު ރީތިކަމާއި ފުރިހަމަކަމުގެ މާނައިގައި ބޭނުންކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. ދިވެހިބަހުގެ ރަދީފް (2006) ގައި ހާމަކުރައްވާފައިވާ ގޮތުން "ސަޅި" މި ލަފުޒު، ނަމެއްގެ ގޮތުގައާއި ނަން އިތުރެއްގެ ގޮތުގައި ގެނެސްފައިވެއެވެ. ނަމެއްގެ ގޮތުގައި ބޭނުންކުރާއިރު "ސަޅި"، މި ލަފުޒުގެ މާނައެއް ކަމަށް ބަޔާންކުރެވިފައި ވަނީ "ކަނޑާ ފޮނި"، މި މާނައެވެ. މިސާލަކަށް އެއީ ހުސް ސަޅި! މި ބުނުމުގެ މާނައަކީ އެއީ ހުސް ފޮންޏެވެ. "ސަޅި ބޭނުންކޮށްފައި އެ ވަނީ އިސްވެދެންނެވި "ކަނޑާ ފޮނި"، މި މާނައިގައެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް މި ޙާލަތުގައި "ސަޅި" ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރަނީ "ފޮނި" ނުވަތަ "ކަރާ" މި ލަފުޒެވެ. "ކަރާ" މިއީ ވެސް "ސަޅި"، މި ލަފުޒެކޭ އެއްފަދައިން މާނަ ބަދަލުވެފައިވާ ލަފުޒެކެވެ.  ދިވެހިބަހުގެ ރަދީފުގައި މި ލަފުޒުގެ މާނައެއް ކަމަށް ބަޔާންކުރައްވާފައި ވަނީ "ބަރަބޮލުގެ ސިފަޔަށް ފިތްނުޖަހާ އޮންނަ، ވެލެއްގައި އަޅާ ފޮނި މޭވާއެއް"، މި މާނައި ގައެވެ. އެހެން ނަމަވެސް މީގެ އަހަރުތަކެއް ކުރިން ފެށިގެން "ކަނޑާ ފޮނި"، މި މާނައިގައި މި ލަފުޒު ދަނީ ބޭނުންކުރަމުންނެވެ. އަދި މި ލަފުޒު އެ މާނައިގައި ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައި ވެސްމެއެވެ. ކުރިންވެސް ދެންނެވި ފަދައިން "ސަޅި" މި ލަފުޒު ނަންއިތުރެއްގެ ގޮތުގައި ވެސް ދިވެހި ބަހުގެ ރަދީފުގައި ވެއެވެ. މާނައަކީ "ބޮޑާ" މި މާނައެވެ. އެހެން ނަމަވެސް މި މާނައިގައި "ސަޅި" ބޭނުންކުރާ އަޑު މިފަހަކަށް އައިސް އިވުމަކީ ވަރަށް ވެސް ނާދިރު ކަމަކަށް މި ވަނީ ވެފައެވެ.  "ސަޅި" މި ލަފުޒު ގިނަ ފަހަރު ބޭނުން ކޮށްފައިވާތީ ފެންނަނީ ’ކެނޑުން“ މި ލަފުޒާ ގުޅުވައިގެންނެވެ. ފޮނިކެނޑުމުގެ މާނައިގައި "ކަރާ" "ފެޅުން" މި ލަފުޒާ އެކީ ބޭނުންކުރާ ބީދައިންނެވެ. ސަޅި ކެނޑުމަކީ ފޮނި ކެނޑުމެވެ. މި ބަސް އޭރާއި މިހާރުވެސް މިގޮތަށް ބޭނުންކުރެވެއެވެ. މިހާރު މާނަ ފުޅާވީއެވެ. ތަފާތު އެކި ޙާލަތްތަކުގައި އެކި މާނައިގައި ބޭނުންކުރާ ލަފުޒަކަށްވީއެވެ. "ސަޅި އައިޑިއާ" އެކޭ ބުނެވެނީ ފައްކާ އައިޑިއާއެއްކަން ބަޔާންކުރުމަށެވެ. "ވަރަށް ސަޅި ފިލްމް" އަކީ ވަރަށް ބަލާހިތްވާ، ވަރަށް ރީތި ފިލްމެކެވެ. އަދި ކާތަކެތި "ސަޅި" ވުމަކީ އެ ތަކެތި މީރުވުމެވެ. "ސަޅި ގޮތް" މާނަކުރަނީ ރަނގަޅު ގޮތަށެވެ.

"ވައްޓައިލުން" މި ލަފުޒަކީ ވެސް މާނަ ބަދަލުވެފައިވާ ލަފުޒެކެވެ. ދިވެހި ބަހުގެ ރަދީފުގައި "ވައްޓައިލުން" މި ލަފުޒުގެ 4 މާނައެއް ބަޔާންކުރައްވާފައިވާ އިރު، އޭގެ ތެރޭގައި ތިރިއަށް އަންނާނޭހެން ދޫކޮށްލުން، ވެއްޓޭނޭ ގޮތް ހެދުން، މީހަކު ހުރި ވަރަށް ވުރެ ދަށުދަރަޖައަކަށް ބޭލުން، އަދި އަގުދަށްކޮށްލުން މި މާނަތައް ހިމެނެއެވެ. އެހެން ނަމަވެސް މި މާނަތަކުގެ އިތުރަށް މިހާރު ދުއްވާ އެއްޗެއްގައި ތަނަކަށް ގެންގޮސްދިނުމަށް އެދުމަށް ވެސް ވައްޓައިލުން ބޭނުންކުރެއެވެ. މިސާލަކަށް "އަހަރެން ގެއަށް ވައްޓާލަދީފާނަންތަ؟"، މި ޖުމުލައިގައި "ވައްޓައިލުން"، މި ލަފުޒު ބޭނުންކޮށްފައި މިވަނީ ދުއްވާ އެއްޗެއްގައި ތަނަކަށް ގެންގޮސްދިނުމަށް އެދުމަށެވެ.

އިނގިރޭސި ބަހުގެ މިސާލަކަށް ބަލައިލާނަމެވެ. އިނގިރޭސި އަދީބު ޗަރލްސް ޑިކެންސް (1812 -1870މ)  ހަވާލާދެއްވާ އިބްރާހިމް ހުސައިން މަނިކު (2016) ވިދާޅުވަނީ ޗާލްސް ޑިކެންސް އެމެރިކާއަށް ކުރެއްވި ދަތުރެއްގައި  ބަޔަކު ލޯބި ގޮތަކަށް " ޑަރލިންގ "އޭ ކިޔައި މުޚާޠަބުކުރި އަޑު މުޅިން އަލަށް އިވިވަޑައިގަތެވެ. އަދި ބަޔަކު އެ ލަފުޒު އެ ގޮތަށް ބޭނުންކުރާތީ ޑިކެންސް ވަރަށް އަޖާއިބުވި ކަމަށާއި، "ޑަރލިންގ" އެ ލަފުޒަކީ އެ ދުވަސްވަރު ލޯބިވެރިއަކަށް މުޚާޠަބުކޮށް ބޭނުންކުރާ ލަފުޒަކަށް ނުވުމާއެކު، އެ ކަމާ ހިނިވެސް އައި ކަމަށް އިބްރާހީމް ހުސައިން މަނިކު ވިދާޅުވެފައިވެއެވެ، އަދި މީގެއިތުރަށް އޭނާ  ވިދާޅުވަނީ "ޑިކެންސްގެ ފަށުވިކަމުގެ ނަމޫނާ އަދަބީބަހުރުވައިގައި ކުޑަކުއްޖަކާ މެދު، އެއީ "ވަރަށް ވެސް ލޯބިކުއްޖެކޭ" ބުނެވޭނެ ތަނެއް ނަމަ "ޑަރލިންގ" ބޭނުންކުރީސް" ކަމަށެވެ. ނަމަވެސް ނިއުޔޯކުގެ ދެމަފިރިން ނުވަތަ ދެ ލޯބިވެރިން ބޭނުންކޮށްފައިވާ ގޮތަށް މިހާރު "ޑަރލިންގ" ބޭނުންކޮށްއުޅުމަކީ އިނގިރޭސި ބަހުގައި ވަރަށް އާންމު ކަމެކެވެ." އެހެންކަމުން "ޑަރލިންގ"، މި ލަފުޒަކީ މީގެކުރިން އެ ލަފުޒު ބޭނުންކޮށް އުޅުނު މާނަ ނޫން އެހެން މާނައެއްގައި ބޭނުންކުރާ ލަފުޒެކެވެ. އަދި މިހާރު "ޑަރލިންގ" ބޭނުންކުރަނީ ހަމަ އެކަނި ލޯބިވެރިންނަކަށް ވެސް ނުމެ ނޫންމެއެވެ. ރަޙްމަތްތެރިންނާއި އެ ނޫން މީހުންނަށް ވެސް މި ލަފުޒު މިހާރު ބޭނުންކުރެއެވެ. އެހެންކަމުން މިހާރު މި ލަފުޒަކީ މީގެކުރިން ބޭނުންކޮށް އުޅުނު މާނައަށް ވުރެ ފުޅާ މާނައެއްގައި ބޭނުންކޮށް އުޅޭ ލަފުޒެކެވެ. އެހެންކަމުން އިނގިރޭސި ބަހުގެ ލަފުޒުތަކުގެ ވެސް އަދި ދިވެހިބަހުގެ ލަފުޒުތަކުގެ ވެސް މާނަފުޅާވާކަން މިއޮތީ ފެންނާށެވެ. އަދިހަމަ އެހެންމެ، ޑެވިޑް ބްލެއަރ އަދި ޕިޓަރ ކޮލީންސް (1999) ހާމަކުރައްވާ ފަދައިން ލަފުޒުގެ މާނަ ބަދަލުވާ ކަމާއި، ލަފުޒުތަކުގެ މާނަ ބަދަލުވެ ނުވަތަ ފުޅާވެގެންދިއުމުގައި ބައެއްބައެއް  ޙާލަތްތަކުގައި ކުރިން ލަފުޒު ބޭނުންކޮށްއުޅުނު މާނައަށް ވުރެ، ފަހުން ބޭނުންކުރަން ފަށާ މާނަތަކަށް މާ ބޮޑަށް އަހުލުވެރިވެ އެ ލަފުޒުތަކަށް މާ ބޮޑަށް މަޤްބޫލުކަން ލިބޭކަން ވެސް މި އޮތީ ހާމައަށް ފެންނާށެވެ.

(ނުނިމޭ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *