އާރޓިކަލް 15 : ޢީދުގެ ކުރިން ކުރިފަދައިން ޢީދުގެފަހުންވެސް އަޅުކަން ކުރަމާހެއްޔެވެ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ހިތްނިޔަތް ޚާލިޞްކަމާއެކު ރަމަޟާން މަހުގެ ރޯތަދަކާއި ރޭއަޅުކަމާއި ޤުރުއާން ތިލާވަތުކުރުމާއި މާތް ﷲ އަށް ޛިކުރުމާއި ދުޢާކުރުމުގައި ކުރިއަރައިދިޔަ ކާމިޔާބީތަކެއް ޙާޞިލުކުރި ރޯދަވެރިންނާއި، ކެއުމެއް ބުއިމެއް ނެތި ރޯދައިގެ މަޤްޞަދެއް ޙާޞިލު ނުވާނޭގޮތަށް ރޯދައަށް ތިބި ރޯދަވެރިންނަށް މާތްވެގެންވާ ރަމަޟާން މަސް އަލްވަދާޢު ކިޔައިފިއެވެ. އަދި ބައެއްމުސްލިމުން ރޯދަމަހަށް އަލްވަދާޢު ކީއިރު އެބައިމީހުންގެ އަޅުކަންތަކާ އިތުރަށް ބައްދަލު ނުކުރުމަށް އެޢަމަލުތައްވެސް ފުރުވާލައިފިއެވެ. އެބައިމީހުންގެ ކިބައިން ފެންނަނީ ބޮޑެތި ޖިންނި ޝައިޠާނުން ކަސްތޮޅުން ވީއްލޭއިރަށް، މިބައިމީހުންވެސް އަޅުކަމުން ވީއްލިގެންދާތަނެވެ. ހިފަހައްޓާފައިވާ ފާފައިގެ ބައުންޑަރީން ބޭރުވެގަންނަ މަންޒަރެވެ. ފާފަތަކުން ދުރުހެލިވުމާއި، ހެޔޮޢަމަލުތައް އަދާކުރުމުގެ އަމާޒަކީ ރަމަޟާން މަސް ނިމުންހެންވެސް ހީވެއެވެ. އެމީހެއްގެ މަރުވުމަށް އަންނަންއޮތް ޙަޔާތަށް ތައްޔާރުވަމުން ދިޔަ މަންޒަރު ގެއްލިގެން ދިއުމުން އެއިން ދޭހަކޮށްދެނީ އެމީހަކު އެކުރިޢަމަލުތަކުގެ މަޤްޞަދު އުޚުރަވީ ޙަޔާތާ ގުޅިގެން ނުދާކަމެވެ. އޭނާ އެކުރި ޢަމަލުތައް އެކުރީ މަރުވުމަށްފަހު އަންނަން އޮތް އޭނާގެ ޙަޔާތަށް މަންފާ ކުރުމަށް ނޫންކަމެވެ. އޭނާ ކުޅަކަންކަން ޢަރުޝީގެ ވެރި އިލާހު ބައްލަވާވޮޑި ނުގަންނަވަނީ ކަމުގައި އޭނާ ހީކުރަނީ ހެއްޔެވެ؟ އޭނާގެ ޢަމަލުތަކާއި އޭނާގެ ހިތުގައިވާ މަޤްޞަދުތަކާއިމެދު އެއްވެސް ކަމެއް އެކަލާނގެއަށް އެނގިވޮޑިގެން ނުވާކަމުގައި ހީކުރަނީ ހެއްޔެވެ؟ ޙަޤީޤަތުގައި ކޮންމެ މުސްލިމެއްގެ އަމާޒަކަށް ހަދަފަކަށް ހަދަންވީ ދުނިޔޭގެ ދިރިއުޅުން ނިމުމަށްފަހު އަންނާން އޮތް ޙަޔާތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنْظُرْ نَفْسٌ مَا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ﴾  މާނައީ: [އޭ އީމާންވީ މީސްތަކުންނޭވެ! ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްވެސް މާދަމާއަށް (އެހެނީ އުޚުރަވީ ޙަޔާތަށް) ކުރެވިފައިވާ ޢަމަލުތައް ބަލާފައިހުށިކަމެވެ! އަދި ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުންވެސް އެކަލާނގެއީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ.]

އަޅުކަމުގައި ކުރިއަރައިދިޔަ އަދި އެއަޅުކަންތަކުގައި ދެމިހުރެވުނު މީސްތަކުން، އެކުރެވުނު އަދި ސާބިތުވެވުނު އަޅުކަންތަކާއި މެދު ފަޚުރުވެރިވެ ބޮޑާނުވުން ހުއްޓެވެ. އެއީ މާތް ﷲ ގެ ފަޟްލުވަންތަވެރިކަމާއި ރަޙްމަތުން އެމީހަކަށް ޙާޞިލު ކުރެވުނު ކަމެއްކަމަށް ހިތަށް ގެނެސްގަނެ، އިތުރަށް އެކަލާނގެއަށް ނިކަމެތިކަން އަދާކުރުން ހުއްޓެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ﴾ މާނައީ: [އެއީ ﷲ އިރާދަކުރެއްވި އަޅަކަށް އެކަލާނގެ ދެއްވާ އެއިލާހުގެ މާތްކަމާއި ފަޟްލުވަންތަވެރިކަމެވެ.]

އަދި ރަމަޟާން މައްސަރުގައިވެސް ހެޔޮޢަމަލެއް ނުކުރެވިދިޔަ މީހާވެސް އަދިވެސް ތައުބާވުން އަވަސްކޮށް ތިމާގެ ނަފްސު ކުރިއަށް އޮތްތަނަށް އިޞްލާޙުކުރަން ޖެހެއެވެ. ރަމަޟާންމަހު ފާފަ ފުއްސަވައިދެއްވި ކަލާނގެއީ އެހެނިހެން މަސްތަކުގައިވެސް ތައުބާ ޤަބޫލުކުރައްވާ ފާފަ ފުއްސަވާދެއްވާނެ ކަލާނގެއެވެ. އެއީ ކިތަންމެހާ އެމީހެއްގެ ފާފަތައް ގިނަކަމުގައިވިޔަސް އެކަލާނގެ ފިޔަވައި އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވޭނެ، ޤިޔާމަތްދުވަހުގައި ނަރަކައިން މިންޖުކޮށްދެވޭނެ، ސުވަރުގޭގެ ނިޢުމަތްތައް ހޯއްދަވައިދެއްވޭނެ ހަމަ އެހެން އެއްވެސް އިލާހަކު ނުވެއެވެ. ވީމާ އެކަލާނގެ ރަޙްމަތާއި އޯގާވަންތަކަމާއި މެދު މާޔޫސްވުމެއް ނެތެވެ. އެހެނީ ކުފުރާއި ޝިރުކާއި ދުނިޔޭގައި ލެއްވިހައި ނުބައިވެގެންވާ ފާފަތަކުގައި މައްކާގެ މުޝްރިކުން އިންތިހާއަށް ގޮސްފައިވަނިކޮށް އެބައިމީހުންގެ ގާތަށް އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ފޮނުއްވައި ކަންކަން އިޞްލާޙުކޮށް ތައުބާވެ މާތްﷲ ގެ މަގަށް ރުޖޫޢަވުމަށް އެންގެވިއެވެ. އެހިނދު މައްކާގެ އަހުލުވެރިންތަކެއް ބުންޏެވެ. މުޙައްމަދުގެފާނު ވިދާޅުވާގޮތުންނަމަ ބުދަށް އަޅުކަންކުރި މީހުންނާއި ﷲ ފިޔަވައި އެހެން އިލާހުންނަށް ދުޢާކުރިމީހުންނާއި، އަދި ﷲ ޙަރާމްކުރެއްވި ނަފްސެއް ޤަތުލުކުރި މީހަކަށް ފާފަ ނުފުއްސެވޭނެއެވެ. ދެން އަހަރެމެން ހިޖުރަކޮށް އިސްލާމްވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެމެން ކަށަވަރުންވެސް އިލާހުންތަކަށް އަޅުކަން ކޮށްފީމުއެވެ. އަދި ﷲ ޙަރާމްކުރެއްވި ނަފްސު ޤަތުލުކުރީމުއެވެ. އަދި އަހަރެމެންނީ ޝިރުކުގެ އަހުލުވެރީންނެވެ. ދެން މާތް ﷲ ވަޙީކުރެއްވިއެވެ: ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! އެބައެއްގެ އަމިއްލަ ނަފްސުތަކަށް ފާފައިން އިސްރާފުކުރި (އެބަހީ: ފާފަތައް އިންތިހާ ދަރަޖައަށް ކުރި) ތިމަންއިލާހުގެ އަޅުންނޭވެ! ﷲ ގެ ރަޙްމަތުން ތިޔަބައިމީހުން މާޔޫސް ނުވާހުށިކަމެވެ. ހަމަކަށަވަރުން ﷲ އީ އެންމެހައި ފާފަތަކެއް ފުއްސަވާދެއްވާ އިލާހެވެ. ހަކަށަވަރުން އެކަލާނގެއީ އެއީ ފާފަފުއްސަވާދެއްވާ އޯގާވަންތަ ކަލާނގެއެވެ.] އަދި މިޢަޤީދާ އެމީހެއްގެ ހިތުގައި ނެތް މީހަކީ ކާފަރުންގެ ވިސްނުން ގެންގުޅޭ މީހެކެވެ. އެކަލާނގެ ފާފަ ފުއްސެވުމާ މެދު ޝައްކުކޮށް، އެމީހަކަށް ކުރެވޭ ފާފަތަކާމެދު މާޔޫސްވެ، ދުނިޔެ ހާލު ނިމިގެން ދަންދެން ތައުބާނުވެ ތިބުމީ ކާފިރުންގެ ނުބައިވެގެން ސިފަތަކުގެ ތެރެއިން ސިފައެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّهُ لا يَيْئَسُ مِنْ رَوْحِ اللَّهِ إِلاَّ الْقَوْمُ الكَافِرُونَ﴾ މާނައީ: [ހަމަކަށަވަރުން ﷲ ގެ ރަޙްމަތުން ކާފިރުވީމީހުން ނޫނީ މާޔޫސް ނުވާނެތެވެ.] ވީމާ ރަމަޟާން މަހުގައި އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލުކުރެއްވި ކަލާނގެ މިމަހުގައިވެސް އަދި ދެން އަންނަ މަހުގައިވެސް އަދި މުޅިއަހަރުގައިވެސް ތައުބާ ޤަބޫލުކުރައްވާ ފާފަ ފުއްސަވާނެތެވެ.

ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެބޮޑު މަޤްޞަދަކީ މީސްތަކުން ތަޤްވާވެރިކުރުމެވެ. ވީމާ ތަޤްވާވެރި ނުވެ ރަމަޟާން މަސް ނިމުނުމީހުންނަށް އެރޯދަތަކުގެ މަޤްޞަދު ޙާޞިލު ނުވިއެވެ. ވީމާ ކޮންމެ ގޮތަކަށް ރޯދަހިފިގެން ރަމަޟާން މަސް އެމީހަކަށް ނިމުނުކަމުގައިވިޔަސް، މިހާރުން މިހާރަށް ތަޤްވާވެރިކަމުގެ ސިފަ ނަފްސުގައި ހަރުލައްވަންވީއެވެ. އެއީ ރޯދަ އެކަންޏެއް ނޫނެވެ. އެންމެހައި އަޅުކަމެއްވެސް އެކަލާނގެ ޤަބޫލުކުރައްވަނީ ތަޤްވާވެރިކަމާއެކު ހެޔޮޢަމަލުތައް ކުރުމުންނެވެ. ތިމާއަށް ރޯދަ ހިފުމުގައި ނުހަނު ގިނަ ހެޔޮޢަމަލު ކުރެވުނު ކަމަށް ވިސްނިފައިވާ މީހާވެސް، މަދުން އެކަންކުރެވުނު ކަމަށް ވިސްނިފައިވާ މީހާވެސް އެމީހެއްގެ ނަފްސު ހިސާބުކޮށް އަމިއްލަ ނަފްސާ ސުވާލުކުރުން ހުއްޓެވެ. ތިމާއަކީ ޙަޤީޤަތުގައިވެސް ތަޤްވާގެ ސިފަ ނަފްސުގައި ހަރުލާފައިވާ މީހަކީމު ހެއްޔެވެ؟ މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّمَا يَتَقَبَّلُ اللَّهُ مِنْ الْمُتَّقِين﴾ މާނައީ: [ހަމަކަށަވަރުންވެސް ﷲ ޤަބޫލުކުރައްވަނީ ތަޤްވާވެރީންގެ ކިބައިންނެވެ.] ވުމާއެކު އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ނަފްސުން އަދާކުރި އަދި އަދާކުރަމުންދާ ޢަމަލުތަކާއި މެދު ޢަޖައިބުވެގެން ނޫޅުން ހުއްޓެވެ. އަދި އެމީހެއްގެ ވާޖިބު އަދާވެއްޖެ ކަމާއި އެމީހަކަށް ﷲ ގެ ޙައްޤުތައް ވެސް އަދާވެއްޖެ ކަމަށްވެސް ނުވިސްނާ ހުށިކަމެވެ. އެހެނަސް ތިމާމެންނީ އުނިކަން ލިބިފައިވާ ބައެއްކަމާއި އަޅުކަން އަދާކުރަންޖެހޭ ވަރަށްވުރެ މަދުން ކުރެވޭ ކަމަށް އަބަދާއަބަދުމެ ވިސްނާ އެކަލާނގެ ހަޟްރަތުގައި ބިނދިގެންފައިވާ މީހެއްގެ ގޮތުގައި ވާށެވެ! އެއީ މުއުމިނުންގެ ސިފައެވެ. އަބަދުވެސް ކުރެވޭ ހެޔޮޢަމަލުތަކާއި މެދުވެސް ފަޚުރުވެރިނުވެ ބޮޑާނުވެ، އެކަލާނގެއަށް ބިރުގަނެފައިވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَالَّذِينَ يُؤْتُونَ مَا آتَوا وَقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَى رَبِّهِمْ رَاجِعُونَ* أُوْلَئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ﴾ މާނައީ: [އަދި އެބައިމީހުން ހޭދަކުރި އެއްޗެއް ދެމުންދިޔައިރު އެބައިމީހުންގެ ވެރިއިލާހުގެ ހަޟްރަތަށް ރުޖޫޢަވާއިރު (އެބައިމީހުންގެ ޢަމަލުތައް ﷲ ގެ ޢަޛާބުން މިންޖުކޮށް ނުދެވިދާނެކަމަށް) އެބައިމީހުންގެ ހިތްތައްވަނީ ބިރުވެތިކަމެއްގައެވެ. އެބައިމީހުންނީ ހެޔޮޢަމަލު ކުރުމުގައި އަވަސްވެގެންވީ އަދި އެޢަމަލުތަކުގައި ކުރިއަރައިދިޔަ މީސްތަކުންނެވެ.] އެހިނދު ޢާއިޝާ رضي الله عنها ސުވާލުކުރެއްވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. އެބުނެވެނީ ޒިނޭކޮށް ރާބުއިމީހުންނަށް އެމީހުންގެ ފާފަތަކަށް ޢަޛާބު ދެވޭނެކަމަށް ބިރުގަތް މީހުންގެ ވާހަކަތޯއެވެ؟ ދެން އެނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ   ޙަދީޘްކުރެއްވިއެވެ: ((لَا، يَا بِنتَ الصِّدِّيقِ، إِنَّهُمْ قَوْمٌ أَطَاعُوا اللهَ عَزَّ وَجَلَّ وَأَحْسَنَ، وَيَخْفَوْنَ أَنْ تُرَدَّ عَلَيْهِمْ أَعْمَالَهُمْ وَأَلاَّ تُقْبَلَ مِنْهُمْ)) މާނައީ: [އޭ އައްޞިއްދީޤުގެ އަންހެން ދަރިކަނބަލުންނެވެ! ނޫނެކެވެ. ހަމަކަށަވަރުންވެސް އެއީ ﷲ ޢައްޒަ ވަޖައްލަ އަށް ކިޔަމަންވެ ހެޔޮކޮށް ކަންކުރި މީހުންނެވެ. އަދި އެބައިމީހުން ބިރުވެތިވެފައިވަނީ އެމީހުންގެ ޢަމަލުތައް ރައްދުކުރެވި އެމީހުންގެ ކިބައިން އެކަންކަން ޤަބޫލު ނުވެވިދާނެ ކަމަށެވެ.] މިއީ ރަސޫލާ އާއި އަޞްޙާބުންނާއި މިއުންމަތުގެ ޞާލިޙު އަޅުތަކުންގެ ޢަމަލުތައް ހުރިގޮތެވެ. އެއެންމެ ބޭކަލުންގެ ޢަމަލުތަކުގެ ތެރެއިން ކޮންމެ ޢަމަލެއްގައިވެސް މާތް ﷲ އަށް ތަޤްވާވެރިވުން ހުރިވަރެވެ. އެބޭކަލުން ފަރުޟު ނަމާދު ނިމުމާއެކު، އެބައިމީހުން އެކަލާނގެއަށް އަދާކުރަންޖެހޭ އެފަރުޟު ވެސް އަދާކުރުމުގައި އެކަލާނގެ ޙައްޤުތައް އެންމެ ފުރިހަމައަށް އަދާނުކުރެވުނުކަމުގެ އިޙްސާސް ހިތަށްވެރިވެ، އެބައިމީހުންގެ އުނިކަން ހިތަށް ގެނެސްގަނެ، އެކަލާނގެއަށް ބިރުވެތިވެ ހަމަ ސަލާމް ދިނުމާއެކު ((أَسْتَغْفِرُ اللهَ، أَسْتَغْفِرُ اللهَ،  أَسْتَغْفِرُ اللهَ)) މާނައީ: "ﷲ ގެ ކިބައިން ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ! ﷲ ގެ ކިބައިން ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ! ﷲ ގެ ކިބައިން ފާފަފުއްސެވުމަށް އެދި ދަންނަވަމެވެ!" މިފަދައިން ބުނެ ދުޢާކުރާން ފަށައެވެ. ރަމަޟާންމަސް ނިމުމާއެކު އަމިއްލަ ނަފްސުގެ މޮޅުކަން އަމިއްލަ ހިތަށްގެނެސް ކުރެވުނު ހެޔޮޢަމަލުތަކާއި މެދު ބޮޑާވެ އެކަންކަން ދުލުން ބަޔާންކުރުމުގެ ބަދަލުގައި، ރަމަޟާންމަހުގެ އަޅުކަން ފުރިހަމައަށް އަދާކުރުމުގެ ހެޔޮތައުފީޤު އާއި ޘަވާބު ލިބެނިވި އަޅުކަން އަދާކުރުމަށް ފަސޭހަކަން މިންވަރުކޮށްދެއްވި ކަމަށްޓަކައި މާތް ﷲ އަށް ޘަނާގެބަސްތައް ދުލުން ކިޔާ ތަކްބީރު ކިޔާންފަށައެވެ. ﴿وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُوا اللهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ﴾ [އަދި ތިޔަބައިމީހުން (އެރަމަޟާންމަހުގެ ރޯދައިގެ) ޢަދަދު ފުރިހަމަކޮށް، ﷲ ތިޔަބައިމީހުންނަށް އެކަމުގެ މަގު ދެއްކެވި ކަމަށްޓަކައި އެކަމުގެ މައްޗަށް އެކަލާނގެއަށް ތިޔަބައިމީހުން ތަކްބީރު ކިޔުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ.] އަދި އެއާއެކު އެބައިމީހުން އެހިފި ރޯދަތަކާއި ރޭއަޅުކަންތައް މާތް ﷲ ޤަބޫލުކުރައްވާތޯ ގިނަގިނައިން ދުޢާކުރައްވައެވެ: ((تَقَبَّلَ اللهُ مِنَّا وَمِنْكُمْ)) މާނައީ: [އަހަރެމެންގެ ފަރާތުން އަދި ތިޔަބައިމީހުންގެ ފަރާތުން ﷲ (އަހަރެމެން ކުރި ހެޔޮޢަމަލުތައް) ޤަބޫލުކުރައްވާށިއެވެ!] އަދި ރަމަޟާން މަހުގެ ރޯދަ ހިފުމުގައި އުނިކަން އައިސްފައިވާ ބައިތައް ފުރިހަމަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމުގެ ގޮތުން، އެކަލާނގެ މުސްލިމުންނަށް ފިޠުރު ޒަކާތް ޝަރުޢުކުރެއްވިއެވެ. އަދި އޭގެ އިތުރުންވެސް ރޯދަވެރިއެއްގެ ސިފަ ލިބިގަނެ ކުރިއަށް ދިއުމަށް، ނުހަނު ގިނަގުނަވެގެންވާ ޘަވާބާއި ދަރުމަ އެމީހަކަށް ލިބޭނޭ ގޮތުގެ މަތިން އިތުރު ރޯދަތައްވެސް ޝަރުޢުކުރެއްވިއެވެ. ހިޖްރީ ކަލަންޑަރުގައި ތިންސަތޭކަ ފަންސާސް ހަތަރެއް ނުވަތަ ފަސް ދުވަސް އޮންނައިރު އެއީ އެންމެކައިރި ދިހައަކަށް ބަލާނަމަ ގާތްގަނޑަކަށް ތިންސަކޭތަ ފަސްދޮޅަސް ދުވަހެވެ. އެހުރިހައި ދުވަހެއްގައި ރޯދަ ހިފުމާއި އެއްވަރު ޘަވާބު ދެއްވުމަށް ﷲ މިންވަރު ކޮށްދެއްވިއެވެ. އެގޮތުން ކޮންމެ ހެޔޮޢަމަލަކަށް ދިހަ ޘަވާބު ލިބޭނޭގޮތުގެ މަތިން، ރަމަޟާންމަހުގެ ތިރީސް ނުވަތަ ނަވާވީސް ދުވަހަކީ ގާތްގަޑަކަށް ތިންސަތޭކަ ދުވަހުގެ ރޯދައިގެ ޘަވާބެވެ. އަދި އެއަށްފަހު ސުންނަތް ރޯދަ ހިފުން ޝަރުޢުކުރައްވާ ޙަދީޘް ކުރެއްވިއެވެ: ((مَنْ صَامَ رَمَضَانَ وَأَتْبَعَهُ سِتًّا مِنْ شَوَّال كَانَ كَصِيَامِ الدَّهْرِ)) މާނައީ: [ރަމަޟާން މަހުގެ ރޯދަ ހިފައި އަދި އޭގެ ފަހުގައި ޝައްވާލުމަހުން ހަދުވަސް ރޯދަހިފައިފި މީހާ އަހަރުދުވަހުގައި ރޯދަ ހިފި ފަދައެވެ.] (ރިވާކުރެއްވީ މުސްލިމް އެވެ) މިޙަދީޘުން ދޭހަވަނީ ޝައްވާލުމަހުގެ ހަރޯދައިގެ މާތްކަމާއި މަތިވެރިކަމާއި އެރޯދަތައް ފުރިހަމަ ކުރުމުގެ މުހިންމުކަމެވެ. އަދި ޝައްވާލު މަހުގެ ރޯދަހިފުން އޮތީ ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރި މީހާއަށް ކަމެވެ. އެގޮތުން ރަމަޟާންމަހުގެ ބައެއް ރޯދަތައް ދޫވެފައިވާ މީހަކީ ރަމަޟާން މަހުގެ ރޯދަ ފުރިހަމަވެފައިވާ މީހެއްކަމުގައި ނުބެލެވޭނެއެވެ. ވީމާ އެމީހަކަށް އޮތީ ފުރަތަމަ ރަމަޟާންމަހުގެ ރޯދަތައް ޤަޟާކޮށް ފުރިހަމަކުރުމެވެ. އަދި އެއަށްފަހު ޝައްވާލުމަހުގެ ރޯދަ ހިފުމަށްވެސް އަވަސްވެގަތުމެވެ. އަދި އެއަށްފަހުގައި ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެކިސިފަސިފައިގައި އަޅުކަން ކުރުމުގައި ދެމިހުރުމެވެ. ސުންނަތް ރޯދަތައް ހިފުމުގައިވެސް ދެމިހުރުމެވެ. ތިމާއީ ރޯދަވެރިންގެ ތެރޭގައި ލިޔެވިގެންދާނޭ މީހަކު ކަމުގައި ވޭތޯއެވެ.

އެންމެބޭފުޅުންނަށް ފިޠުރު ޢީދުގެ ތަހުނިޔާ އަރިސްކުރަމެވެ. އަދި އަހަރެމެންނާ ތިޔައެންމެ ބޭފުޅުން ނިމިދިޔަ ރޯދަމަހުގައި ކުރިހައި ހެޔޮޢަމަލެއް މާތް ﷲ ޤަބޫލުކޮށްދެއްވުން އެދި އެކަލާނގެއަށް ދުޢާ ދަންނަވަމެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

5 Responses

  1. ހުރިހާ ބޭފުޅުންނަށްވެސް ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސް ކުރަމެވެ.

  2. ރަމަޟާން މަހަށްފަހުވެސް ހެެޔޮ ޢަމަލު ކުރުމުގައި އަޅަމެން ލަހައްޓަވާށި. އާމީން

  3. ހުރިހާ ބޭފުޅުންނަށްވެސް ޢީދު މުބާރަކް.

  4. "ކުރަމާ އެވެ." އޮންނާނީ "ކުރަމާހެވެ." ކުރަމާހޭ….

  5. ކުރަމާހެއްޔެވެ.؟ކުރަމާހެވެ.؟…….ކުރަމާއެވެ.ބަހުގެ ހަމައިން ނުބައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *