ބުރާސްފަތި, 17 އޭޕްރިލް 2025

މިހަފްތާގައިވެސް ކިޔަވައިދޭނީ އޮންލައިންކޮށް

މި ހަފްތާގައިވެސް އޮންލައިންކޮށް މާލެ ސަރަހައްދުގެ ކިޔެވުން ކުރިޔަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 16 މެއި އިން ފެށިގެން 20 މެއި އަށް މާލޭ ސަރަހައްދުގެ ސުކޫލްތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް 12ށް ކިޔަވައިދޭނީ އޮންލައިންކޮށެވެ. އެހެންނަމަވެސް، މި މުއްދަތުގައިވެސް އިމްތިހާނުތައް ކުރިއަށްދާނެކަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލްތަކުގެ އިތުރުން މާލެ ސަރަޙައްދުގެ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ ކިޔެވުންވެސް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ޓިއުޝަން ސެންޓަރުތަކާއި، ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރްއާން ކުލާސްތަކަށް ކުދިން ހާޒިރުކޮށްގެން މިވަގުތަށް ކިޔަވައިދިނުން ވަނީ މަނާކޮށްފައެވެ.

މިނިސްޓްރީން މީގެ ކުރިންވެސް ވަނީ މާލޭ ސަރަހައްދުގައި ކޮވިޑް ގެ ކޭސްތައް އިތުރުވެފައިވާތީ އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް، މާލޭގެ ސްކޫލްތައް ބަންދުކޮށްފައެވެ. އަދި އެލްކޭޖީން ފެށިގެން ގްރޭޑް 12އާ ދެމެދުގެ ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް އޭރުވެސް އޮތީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް މިހާރުވަނީ ދަންމާލާފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުގެ ދަށުން މެއި ތިން ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައް މެދުކަނޑާލުމާއި މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޓްރެކުތައް ބަންދުކުރުން ހިމެނެ އެވެ.

ރޭގަނޑު 12 ން ފަތިހު 4 އަށް ވެހިކަލް ދުއްވުން އެޗްޕީއޭއިން އޭރު މަނާކުރި އެވެ. އެކަމަކު މިދިޔަ ބުދަ ދުވަހުންފެށިގެން ވަނީ ހަވީރު 4 ން ފަތިހު 4 އަށް ކާފިއު ދަންމާލައިފަ އެވެ.

ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ކޮވިޑް-19 ގެ ނަންބަރުތައް ހުރީ އެއްހާހުން މަތީގައެވެ. އެގޮތުން ދެ ދުވަހެއްގައި އެ އަދަދު 1،500 އަށް ވުރެ މައްޗަށް އެރިއެވެ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *